މަޖިލީހުގެ ރައީސް އާއި ބައެއް މެންބަރުން ވެސް ވަނީ ގާނޫނަށް ގެންނަން ހުށަހެޅި ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މިނިސްޓަރުގެ އިތުބާރު ނެތިގެން ވަކިކުރެވޭ ގޮތަށް ހަދައިފި ނަމަ ސިވިލް ސާވިސް ސިޔާސީ ވާނެ ކަމަށް.
24 މާޗް 2021 - 11:18
މިނިސްޓްރީތަކުގައި ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފުންގެ ގޮތުގައި ތިއްބަވާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މަގާމުން ވަކިކުރާ ސަބަބެއްގެ ގޮތުގައި މިނިސްޓަރަށް އިތުބާރު ނެތުން ގާނޫނުގައި ހިމަނަން ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ބިލުގައި، އެ ގާނޫނުގެ 57 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް އަކުރެއް އިތުރުކުރަން ހުށަހަޅުއްވާފައި ވެ އެވެ. އެއީ ޕާމަނެންޓް ސެކްރެޓަރީ ވަކިކުރާ ސަބަބެއްގެ ގޮތުގައި "މިނިސްޓަރަށް އިތުބާރު ނެތުން" ހިމެނުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގައި މިނިސްޓަރުގެ އިތުބާރު ނެތިގެން ޕާމަނެންޓް ސެކްރެޓަރީ ވަކިކުރެވޭ ގޮތަށް އޮވެއްޖެ ނަމަ ސިވިލް ސާވިސް ވަރަށް ބޮޑަށް ސިޔާސީ ވާނެ ކަަމަށެވެ. އެގޮތަށް ކަންތައް ވެއްޖެ ނަމަ އެ މިނިސްޓްރީއަކާއި އެ މިނިސްޓްރީގެ ދަށުން ހުންނަ އެހެން ތަންތަނަށް ވެސް އެކަމުގެ ނޭދެވޭ އަަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ފަސް އަހަރުން ފަސް އަހަރުން ވެރިކަން ބަދަލުވަމުން ދާއިރު، ޕާމަނެންޓް ސެކްރެޓަރީ އަކީ އެ ޓްރާންސިޝަންގައި ވެސް އަދި އެ ގައުމެއްގައި ގައުމީ ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހޭ ބޭފުޅަކަށް ވާއިރު، އަޅުގަނޑު ދެކޭ ގޮތުގައި ޕާމަނެންޓް ސެކްރެޓަރީންނަކީ އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އާއި ވާޖިބު އަދާކުރުމުގައި އެއްވެސް ބިރެއް ޖެހިލުމެއް ކަންބޮޑުވުމެއް ނެތި [ތިބޭ ބަޔަކަށް]،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެ ބަދަލު ގެނެސްފި ނަމަ ޕާމަނެންޓް ސެކްރެޓަރީ ވެގެންދާނީ [މިނިސްޓަރުގެ] ޕާސަނަލް ސެކްރެޓަރީއަށެވެ. އޭރުން ޕާމަނަންޓް ސެކްރެޓަރީން ވާނީ އޭރަކު ހުންނަވާ ރައީސެއްގެ ޕަޕެޓަކަށް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު ވިދާޅުވީ ޕާމަނެންޓް ސެކްރެޓަރީން ނެތޭ ގޮތަށް ހުށަހެޅުއްވީ ކޮންވިސްނުމެއްގައި ބާވައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް.
އޭނާ ވާހަކަ ނިންމަވައިލެއްވުމުން ރިއާސަތުން ނަޝީދު ވިދާޅުވީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ނެތިގެންދާ ގޮތަށް އެ ބިލުގައި އެ އޮތީ ކޮން އިސްލާހެއްބާއޭ އެ މަނިފާނުގެ ހިތްޕުޅަށް ވެސް އަރާވަޑައިގަންނަވާ ކަަމަށެވެ.
"އަޅުގަނޑު ހިތަށް ވެސް އެބަ ވަދޭ ސިވިލްގެ ގާނޫނަށް އިސްލާހު ގެނައުމުގައި ޕާމަނެންޓް ސެކްރެޓަރީއެއް ނެތޭ ގޮތަށް މި އިސްލާހު ގެނައުމަށް މިއީ ކޮން ވިސްނުމެއް ބާއޭ،" ނަޝީދު ވިދާޅުވި އެވެ.
ބިލަށް ފާޑުވިދާޅުވަމުން މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އިތުރު ބާރުތައް ޖަމާވާނެ ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި އެ ގާނޫނަށް ގެންނަން ގިނަ ބަދަލުތަކެއް ހުށަހަޅުއްވާފައި ހުރި އިރު ގިނަ ބަދަލުތަކަށް ގިނަ މެމްބަރުން ތާއީދުކުރެއްވި އެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުތަކުގެ ތެރެއިން ދެ މަގާމު އަންހެނުންނަށް ހާއްސަ ކުރުން ހިމެނެއެވެ.
ޕާމަނެންޓް ސެކްރެޓަރީން މަގާމުން ވަކިކުރާ ސަބަބެއްގެ ގޮތުގައި މިނިސްޓަރުގެ އިތުބާރު ނެތުން ހިމަނަން ރޮޒޭނާގެ ބިލުގައި އޮތް އިރު އެމަގާމަށް މީހަކު އައްޔަން ކުރުމުގައި މިނިސްޓަރުގެ ބަހެއް އޮންނަ ގޮތަށް، 2016 ވަނަ އަހަރު ސިވިލް ސާވިސް ގާނޫނު އޮތީ ބަދަލުކޮށްފަ އެވެ.
މަޖިލީހުގެ ތަޅުމަށް ބިލު ހުށަހަޅުއްވަމުން ރޮޒައިނާ އިއްޔެ ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އެ އިސްލާހުތައް ހުށަހެޅުއްވުމުގެ މަައިގަނޑު އެއްސަބަބަކީ ކޮމިޝަންތަކަށް މެމްބަރުން އައްޔަަން ކުރުމުގައި އަމަލުކުރާ އުސޫލު އެއްގޮތް ކުރުން ކަމަށެވެ. އަދި ދެ ވަނަ ކަމަކީ އަންހެނުން ބާރުވެރިކުރުވުމަށް ދެ ޖާގަ އަންހެނުންނަށް ހާއްސަކުރުމެވެ.
"މިބިލުގައި ހުރި ވަރަށް ގިނަ އިސްލާހުތަކަކީ އަޅުގަނޑު ފާހަގަކޮށްލަން ސިވިލް ސާވިސް ކޮމިޝަނުން، މިގާނޫނަށް ގެންނަން އެދިވަޑަައިގެންފައިވާ އިސްލާހުތަކެއް ކަަމަށް،" ރޮޒައިނާ ވިދާޅުވި އެވެ.
އިއްޔެގެ ޖަލްސާގައި އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ހުރި ދަތިތަކާ ބެހޭ ގޮތުން ކޮމިޝަނާ މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް ޝީނު
24 March 2021
އެމްޑީޕީ ވެރިކަމެއްވެއްޖެއްޔާ ސިވިލް ސާރވިސްއާ ރާއްޖޭގެ ކޮންމެވެސް އެއަރޕޯޓަކާ އަޅައިނުގަނެ ދިޔުމެއް ހަމަ ނެތްދޯ؟ ހިތަށްއަރާ މިމީހުންނަށް ރޭގަނޑު ލޮލުފިޔަޖެހެން އޮއްނަނީ މިދެތަނާ ކޮންމެވެސް ގޮތަކުން ކުޅެގެއްނޭ. ސަހަރޯހީވޭ
ކާސިންޖީ
24 March 2021
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުތަކުގެ ތެރެއިން ދެ މަގާމު އަންހެނުންނަށް ހާއްސަ ކުރުން މިއީ ވެސް އެންމެ އެދޭވޭ ގޮތެއްނޫން. މިފަދަ މަތީ މަޤާމްތަކަށް މީހުން ހޮވެން ވާނީ އެމީހެއްގެ ފެންވަރުން ހަމަ މެރިޓްބޭސް. އަންހެނަކަސް ފިރިހެނަކަސް ހަމަ ކިޔަވަނީ ޔުނިވާސިޓީތަކުން
މޫސާފުޅު
24 March 2021
އާދަމް ހަނދުމަފުޅު ނެތުނީތޯ 2106 ވަނައަހަރު ޕީއެސް އައްޔަން ކުރުމުގައި މިނިސްޓަރުގެ ބަހެއް އޮންނަ ގޮތަށް، ތިޔަބޭފުޅުން ގާނޫނު ބަދަލުކުރިކަން؟ އަދި އޭރު މިނިސްޓަރު ބޭނުން ބަޔަކު ވަޒީފާއިން ވަކިކުރަމުންވެސް ދިޔަކަން؟ ބޯ ހަލާކުވާ ކަހަލަ ވާހަކަދައްކަދައްކާ މިތިބެނީ މަޖްލިސް މެމްބަރުންތައް. ދެފަހަރު އެކައްޗެއް ނުކިޔާ.. ކީއްކުރާނީ.. އަހަރެމެން ވޯޓްލައިގެން ހޮވާފައި ތިބިމީހުން ވިއްޔަ ހައްތަހާވެސް.. މިނޫންވަރެއް ހިއެއްނުވޭ ރާއްޖެއަކު ވާނެހެންނެއް..
އިސްމާލި
24 March 2021
ރީތި ގޮތަކަށް ބުނާނަމަ މިނިސްޓަރު "ހިތްޕުޅާ ނުވުން" މިއީ ސިވިލް ސަރވިސްގެ މުވައްޒަފުން އާއި ސިޔާސީ ކުނިބުންޏާއި ދެމެދު ލެވިފައިވާ ފާރު ވައްޓާލުމަށް ދެވޭ ބާރެއް. މިހާރު އޮންނަ ގޮތުން ޕީއެސް އެއް ހޮވޭނީވެސް މިނިސްޓަރު "ހިތްޕުޅާ ވެގެން". ދެން ފެންނާނީ ކޮންމެ ފަސް އަހަރަކުން އިންތިހާބާއި އެއްކޮށް ޕީއެސްތައް ބަދަލުވާތަން. މުޅި ސިވިލް ސަރވިސް ކޮންމެ ފަސް އަހަރަކުން އަނެއްކޮޅަށް އެނބުރި ވާނުވާ ގައި.
ބޮޑުމީހާ
24 March 2021
މި ގެނައި އެޖެންޑާ 19 ގެ ދަށުން ވަޒީފާގެ ގާނޫނުގެ ދަށުން ލިބުނު އެތައް ހައްޤުތަކެއް މަހުރޫމުކުރަމުން މިމީހުން މިދަނީ. ވިޔަފާރިތަކުގެ މާލީ ހާލަތު ދަށޭ ކިޔައި ވަޒީފާއިން ވަކިކުރެވޭނެ އިސްލާހެއް ފާސްކޮށްފި، 30 ދުވަހުގެ ސަލާމުން 15 ދުވަސް މެޑިކަލް ގެންނަގޮތަށް ހަދައިފި، ތައުލީމާއި ތަޖްރިބާއެއް ބެލުމެއް ނެތި ސިވިލްސާރވިސް މުވައްޒަފުން ނެގޭ ގޮތަށް މިހާރު ހުށަހަޅައިފި، ދެން ރަށްވެހިފަތިހަށް ވޯޓުދިނީމާ ހުންނާނީ ހަމަޖެހިފަ!
ސާބަހޭ
24 March 2021
މިހާރު ސިވިލްސާވިސް ނޮޅައި ނުލެވިގެން ދޯ
އަހުމަދުޢާން
24 March 2021
ކަލޭމެންނަކަށް ނޭނގޭނެ ގޮތް ކިޔާދޭކަށް. މީހުންތައް ކަނޑާބުރިކުރިއިރުކޮބާ
މީދޫތަކުރު.
24 March 2021
ތިސިވިލް ސާރވިސް ގާނޫނަށް ވަރަށް ބޮޑެތި އިސްލާހް ގެއްނަންޖެހޭ . ތިގާނޫނު ވުޖޫދަށް އައިފަހުން ސިވިލްސާރވިސްއަށް އައި ކުރިއެރުމެއްނެތް. އެއްމެފުރަތަމަ އަށް މިނިސްޓަރީތަކަށް ހަމަޖެއްސި ޕީއެސް މަގާމަށް ލީމީހުން އެބަތިބި އެއްވެސް ކަމެއް ނުކޮށް މިނިސްޓަރުން ހައްދައިގެން މަގާމް ދިފާކޮއްގެންތިބި. ކަންކަން ނުކުރެވޭ މީހުން މަގާމްއިން ވަކިކޮށް އިސްލާހްތަކެއް އައްނަޖެހޭކަންކަށަވަރު.
ޕީއެސް
24 March 2021
ބޭފުޅާ ފަހަރެއްގައި ހަނދުމަނެތުނީކަމަށް ވެދާނެ. އެކަމަކު ޕާމަނަންޓް ސެކެޓްރީ ހޮވުމުގައި މިނިސްޓަރުގެ ރުހުން ހޯދާގޮތަށް ހަމަޖެއްސީ ކުރީގެ ސަރުކާރުން. އޭގެ ކުރީގައި ޕާމަނަންޓް ސެކެޓްރީންނަކީ މިނިސްޓްރީ ތަކުގައި ތިއްބެވި އެންމެ ތަޖުރިބާކާރު ގަދަރުވެރި ވެރިން. މިއަދު އެމީހުންވަނީ ސިޔާސީ ކުރެވިފައި. އޭގެ މިސާލެއް މިހާރު ޓްރާންސްޕޯޓަށް ގަދަބާރުން ހަމަޖައްސަން އުޅުނު ޕީއެސް އަކީ. ކަމެއް ކުރަންޏާ މިނިސްޓަރުގެ ރުހުން ހޯދަންނުޖެހޭގޮތް ހަދާ.
އެދުރުބެ
24 March 2021
އެމްޑީޕީ ވެރިކަމަށް އިސްވާ ކޮންމެ ދައުރަކު ސިވިލްސަރވިސް ގާނޫނަށް ބަދަލު ގެންނަވާހަކަ އަޑުއިވުމަކީ ވަރަށް އާންމު ވާހަކައަކަށް ވެއްޖެ. ސިޔާސީ ނުފޫޒުން އެއްކިބާވެ ރައްޔިތުންނަށް ހިދުމަތްދޭނެ ކޮންމެވެސް އެއް މުއައްސާއެއް އޮންނަން އެބަޖެހޭ. ހުރިހާ މުއައްސާއެއް ސިޔާސީ ވެދިޔާމަ ހިދުމަތް ދިނުމުގައި ތަފާތު ކުރުން ގިނަވެ މަސްލަހަތު ނުހިފެހެއްޓޭނެ.