08 އެޕްރީލް 2021 - 17:04
ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ގާތް ރައްޓެހިންތަކަކާ އެކު ކުރާ ދަތުރުގައި އޭނާ ޗުއްޓީ ހޭދަކުރާ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް، ބުނީ އިންޑިއާގެ ތަރިންގެ ޗުއްޓީ މަންޒިލަކަށް ރާއްޖެ ވެފައިވާ އިރު އެ ލިސްޓިގައި އެންމެ ފަހުން އޭނާ ވެސް ހިމެނިއްޖެ ކަމަށެވެ. އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.
ޖާންވީ އަކީ އޭނާގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީ އާއި ބައްޕަ ބޯނީ ކަޕޫރާއި ކޮއްކޮ ޚުޝީ ކަޕޫރާ އެކު ތަންކޮޅެއް ވެސް ކުރިން ރާއްޖެ އަށް ޒިޔާރަތްކުރި ބަތަލާއެކެވެ. އެއީ ޖާންވީގެ ފުރާވަރު ދުވަސްވަރު އެވެ.
އޭނާ މި ފަހަރު ރާއްޖެ އައިސްފައި ވަނީ ޚުޝީ އެކްޓިން ކިޔަވަމުން އަންނަ އެމެރިކާގެ ނިއު ޔޯކަށް ވެސް މިދިޔަ މަހުގެ ފަހުކޮޅު ދަތުރެއް ކުރުމަށް ފަހު އެވެ. އެމެރިކާ އަށް ޖާންވީ ދިޔައީ ކުޅެމުން ދިޔަ ފިލްމު "ގުޑްލަކް ޖެރީ" ގެ ޝޫޓިން ނިންމައިލުމަށް ފަހު އެވެ.
ދެހާސް އަށާރަ ވަަނ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ނުކުތް 24 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 11 ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" އެވެ.
އެކްޓަރު އަރުޖުން ކަޕޫރްގެ އެއްބަފާ ކޮއްކޮ ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ" އާއި "ތަޚުތު" އާއި މަލަޔާޅަމް ފިލްމު "ހެލެން" ގެ ހިންދީ ރިމޭކާއި "ބޮމްބޭ ގާލް" ހިމެނެ އެވެ.
މީގެ ކުރިން އިންޑިއާގެ ފިލްމީ ތަރިން ރާއްޖެ ނާންނަހާ ގިނައިން މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވެ އެވެ. އަދި ތަކުރާރުކޮށް އަންނަ ބޮލީވުޑްގެ މަޝްހޫރު ތަރިން މިހާރު ވަރަށް ގިނަ އެވެ.
އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy