ބާރުތައް ދީގެން، ފައްކާ ކުރަން އުޅެނިކޮށް ލޯކަލް ކައުންސިލްގެ މުޅި ނިޒާމު ގާތްގަނޑަކަށްހެން ޕީޕީއެމްގެ ބެލުމުގެ ދަށަށް މި ދިޔައީ
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ ރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
11 އެޕްރީލް 2021 - 11:22
ސިޔާސީ ދާއިރާގެ ވަރަށް އިސް ތަޖުރިބާކާރަކު މި ނަތީޖާ ސިފަކުރެއްވީ އަބަދު އޭ ރިޕޯޓެއް ހިފައިގެން އަންނަ ދަރިފުޅު މިފަހަރު ސީ ރިޕޯޓެއް ހިފައިގެން އައިސް ގެއަށް ވަނުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ ޖުމުލަ ނަތީޖާ ދެން ކޮންމެ ގޮތަކަށް އަޔަސް "އެމްޑީޕީ މިއޮތީ ބޮޑުތަނުން ބަލިވެފަ" އެވެ.
"ރައްޔިތުން ނުކުމެ އެމްޑީޕީގެ މޫނުމަތީގައި ޖަހައިފި،" ޓުވިޓާގައި މީހަކު ހިޔާލު ފާޅުކުރި އެވެ.
ކައުންސިލްތަކަކީ ތިމަންނާމެންގެ ހާއްޔެކޭ، ޕީޕީއެމަކަށް އެ ހާއްޔަށް ބިހެއް ނޭޅޭނެއޭ އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެ، ގަދަކަން ދައްކަވަނިކޮށް، ޕީޕީއެމް ނުކުމެ އިއްޔެ އެ ހާއްޔަށް މިހާރު ބިސް އަޅައިފި އެވެ. ބާރުތައް ދީގެން، ފައްކާ ކުރަން އުޅެނިކޮށް ލޯކަލް ކައުންސިލްގެ މުޅި ނިޒާމު ގާތްގަނޑަކަށްހެން ޕީޕީއެމްގެ ބެލުމުގެ ދަށަށް މި ދިޔައީ އެވެ. ބޮޑެތި ތަންތަނުގައި، ހާއްސަކޮށް މާލޭގައި ލޯކަލް ކައުންސިލްގެ ނިޒާމު ދެން ހިންގާނީ ޕީޕީއެމުންނެވެ. ރަށްރަށުގެ ވަކިވަކި ބާރުތަކުގެ ތެރެއަށް މިހާރު އޮތް ގާނޫނުގެ ދަށުން ސަރުކާރަށް ވަންނަން ދަތިވާނެ އެވެ.
ލޯކަލް ކައުންސިލް ކެމްޕޭން ނިންމާލި ސައިކަލު ބުރުގައި ރައީސް ނަޝީދާއި އަނަސް ޕީޕީއެމްގެ ސަޕޯޓަރުން ކައިރިން ދުއްވާފައި ވަޑައިގަންނަވަނީ --. ފޮޓޯ:ނިޝާން އަލީ/މިހާރު
ހަގީގަތުގައި، ދައުރުގެ މެދުތެރެއިން ބޭއްވި އިންތިހާބުގައި އެމްޑީޕީ އަށް މި ލިބުނީ ވަރަށް ލަދުވެތި ނަތީޖާ އެކެވެ. އިންތިހާބުގެ ނަތީޖާ މިހާތަނަށް ދެއްކި ގޮތުން، މިހާތަނަށް އެއްވެސް އިންތިހާބެއްގައި އެމްޑީޕީ އަށް މީހުން ނުބަވާ ވަރަށް މީހުން ބަވަމުން އެބަދެ އެވެ. ކެމްޕެއިން ބޯމަތިވެފައި އޮއްވައި ސަރުކާރުން ބޮޑެތި މަޝްރޫއުތައް އިއުލާންކޮށް، ނުކުރާކަށް ސޮއެއް ނެތެވެ. ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގެނީސް ވެސް ސޮއި އަޅައިލި އެވެ.
މިހާރު އެންމެންގެ ސުވާލަކީ ވެސް، ހުރިހާ ބާރުތަކެއް އޮވެ މެ މިހާ ލަދުވެތި ނަތީޖާއެއް ލިބުނީ ކީއްވެ ހެއްޔޭ އެވެ؟
މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން، އެންމެ ބޮޑު ހިތްދަތިކަމެއް އެމްޑީޕީ އަށް ލިބޭނީ މާލޭގެ ނަތީޖާތަކުންނެވެ. އަމިއްލަ މިލްކެއްގެ ގޮތުގައި ސިފަވަމުން އައި، އަދި ކެމްޕެއިނެއް ނުކުރިޔަސް ޔަގީން ގޮނޑިތަކެއް ކަމަށް ބަލައިގެން ތިބި މާލެ އިން މިހާތަނަށް 12 ގޮނޑި ޕީޕީއެމަށް ލިބުމަކީ، ބައެއް މީހުން ސިފަ ކުރާ ގޮތުގައި ހުވަފެނަކުން ވެސް ނުފެންނާނެ ކަމެކެވެ. އިންތިހާބުތަކުގައި އައްޑޫން ވެސް ކޮންޓްރޯލް ދަމަހައްޓަމުން އައި އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ގދ. ތިނަދޫ ކައުންސިލަށް ވެސް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން ވަނީ ހޮވައިފަ އެވެ. މީގެ ކުރިން ފުލް މެޖޯރިޓީ ދަމަހައްޓަމުން އައި ހއ. އިހަވަންދޫގެ ހަތް ގޮނޑި ވެސް ނެގީ ޕީޕީއެމެވެ. މީގެ ކުރިން، އިންތިހާބުތަކުގެ ޗެކް ލިސްޓް ހަދާއިރު، އެ ތަންތަނަކީ އެމްޑީޕީން އަބަދު ވެސް، ކެމްޕެއިނަކާ ނުލައި ކަށަވަރު ކުރަމުން އައި ދާއިރާތަކެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ނުކުތީ ވައުދުތަކަކާ އެކު އެވެ. މާ ކުރިން ކެމްްޕެއިން ފެށި އެވެ. އަދި ގާނޫނަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ވަރަށް ރަނގަޅު ޓީމެއް ވެސް ނެރުނެވެ. ރައީސާއި އެމްޑީޕީގެ ބާރުގަދަ ރައީސްްގެ އިތުރުން މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް ނުކުންނަވައި ރަށްރަށުގައި ކެމްޕޭން ކުރެއްވި އެވެ. ފްލެޓްތަކުގެ ގުރުލުން އޮތް އިރު، ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރުއޫތަކެއް ފެށި އެވެ. ދައުލަތުގެ މީޑިއާތަކުގައި ކެމްޕޭން ކުރި އެވެ.
އޭގެ ބަދަލުގައި ޕީޕީއެމް އޮތީ ނިދައިފަ އެވެ. އެ ޕާޓީގެ ކެންޑިޑޭޓުންނަށް ޕީޕީއެމްގެ ލީޑަޝިޕްގެ މާ ބޮޑު އެހީތެރިކަމެއް ލިބުނު ކަމަަކަށް ނުބެލެވެ އެވެ. ލޯކަލް ކައުންްސިލްގެ އިންތިހާބުގައި ބައެއް ދާއިރާތަކުން [މާލެ ވެސް ހިމެނޭ ގޮތުން] އެ ޕާޓީން ވާދައެއް ވެސް ނުކުރެ އެވެ. އަދި ލީޑަޝިޕް އެއްކޮށް ނުކުމެ ކެމްޕެއިން ވެސް ކުރެއްވީ އެންމެ ދުވަހަކު ގާތްގަނޑަކަށް ގަޑިއެއްހާ އިރު އެވެ. ޕީޕީއެމްގެ އޮތީ އެންމެ މަސައްކަތެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ޖަލުން ނެރުމެވެ. މުޅި ލީޑަޝިޕް ބިޒީވެފައި އޮތީ އެކަމުގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ ރޭ ފާހަގަ ކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އެހެންވެ މި ނުކުތް ނަތީޖާ އަކީ ޕީޕީއެމް ބުރަ މަސައްކަތްތަކެއް ކޮށްގެން ހޯދި ނަތީޖާއެއް ނޫން ކަން ކަށަވަރެވެ. އަދި މި ނަތީޖާއާ އެމްޑީޕީ ކުރިމަތިލާން ޖެހުނީ ކެމްޕެއިން ފެއިލްވެގެނޭ ބުނެވޭކަށް ވެސް ނެތެވެ. މި ނަތީޖާގެ ހަގީގަތަކީ، އެމްޑީޕީއާ ދޭތެރޭ އެ ޕާޓީގެ މެމްބަރުން ވެސް އަދި ރައްޔިތުންގެ ތެރޭގައި ވެސް ހިތްހަމަނުޖެހުންތަކެއް ހުރި ކަމެވެ. އެއްގޮތަކީ، ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ރައީސް މުހަންމަދު ނަޝީދުގެ އަމަލު ހުރި ގޮތުން ފޫހިވުމެވެ. އަނެއް ގޮތަކީ ރައްޔިތުން ބޭނުންވި ގޮތަށް ސަރުކާރު ނުހިންގުމެވެ. އަނެއް ގޮތަކީ އެމްޑީޕީގެ އެތެރޭގައި ހުރި ހިތްހަމަނުޖެހުމާއި ލީޑަޝިޕްގައި އޮތް ހިޔާލުތަފާތުވުމެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން މިހާތަނަށް ފާޅުކުރައްވާފައިވާ ހިޔާލުތަކަށް ބަލާއިރު މި ލަދުވެތި ނަތީޖާ ގޮސް ގުޅެނީ ނަޝީދާ އެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވަނީ "އެމްޑީޕީ ތަރިކަ މުދަލެއްގެ ގޮތުގައި" އެ މަނިކުފާނު ބޭނުން ކުރައްވާ ކަމަށެވެ. އަދި މި ނަތީޖާގެ ޒިންމާ ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ސަރުކާރަށް ވެސް ކަމެއް ނުވެގެން އުޅެނީ އެމަނިކުފާނުގެ އުނދަގުލާ ހެދި. ރައްޔިތުން އަނގައިން ނުބުނެ ތިއްބަސް ވަގުތު ޖެހުނީމަ ބަސް ބުނާނެ. އެ އޮތީ ބުނެފައި،" ޓުވިޓާގައި އެމްޑީޕީގެ ސަޕޯޓަރަކު ލިޔެފައި ވެ އެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްޑީޕީގެ ފަހުރުވެރި މާލެ އެ ޕާޓީ އަށް ފުރަތަމަ ފަހަރަށް ގެއްލުނީ އެވެ. މިއީ އެމްޑީޕީންް ވަރަށް ފުންކޮށް ވިސްނަން ޖެހޭ މައްސަލައެކެވެ. މާލޭގެ މޭޔަރުކަން އެއްކިބައިގައި ބާއްވާފައި، ވެރިކަމުގައި ތިއްބާ ކައުންސިލްގެ ބާރު އެހެން ޕާޓީއަކަށް ދިއުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުމެވެ. މިއީ ސަރުކާރުން ވެސް އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންް ވެސް ވަރަށް ފުން ވިސްނުމަކަށް ދާން ޖެހިފައި އޮތް ހަގީގަތެކެވެ.
އެމްޑީޕީން ފައްކާ ކުރަމުން އައި ލާމަރުކަޒީ ނިޒާމު ރާއްޖޭގެ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ވެސް ހިންގުމަށް ޕީޕީއެމްގެ އެހީ ދެން ބޭނުންވާނެ އެވެ. ބައެއް ސަރަހައްދުތަކުގައި އެ ނިޒާމު ދެން ކުރިއަށް ދާނީ ވެސް ޕީޕީއެމް ބޭނުންވާ ނަމަ އެވެ. މިއީ އެކަން ވެދާނެ ގޮތް ކަމަކަށް އިއްޔެ އެކަކު ވެސް ހިޔެއް ނުކުރާނެ އެވެ. އެކަމަކު މިއަދު އެކަން އޮތީ އެގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކި މޫނާ
12 April 2021
އިބޫ ސޯލިހް މިހާރުން ފެށިގެން އަންނައުނު ޕެކްކުރަން ފައްޓަވާ. ރިޔާސީ އިންތިހާބު ތި ނަޝީދު ގެ ޕާޓީ އަތުންވެސް އިރާދަފުޅާ އެކު އަތުލާނަން.
ޑރފަލަޑޭ
12 April 2021
ކޮންހާ ފޮންޔެއްވާކަށްތަ؟ 51،000 މީހުންގެ ތެރެއިން އެންމެ 9،300 ވޯޓްލިބިގެން މާފުއްޕަނީ. % އަށްބަލާއިރު ލަދުވެތިވާންވާނެ. ގިނަ މޑޕ މީހުން ވޯޓްލާކަށްނުދޭ ބޭކާރު ކަމަކަށްވާތީ އަދި ޕާޓީ ލީޑަރުންނަށް ފިލާވަޅެއްދޭން. ކޮންމެހެން ބަޔަކު ނިކިމެ މުއިއްޒު ތިއްތިވެގެން އޭނ ހޯވީކީނުން. ރަނގަޅު އިންތިޙާބަކާ ޖެހުނީމް ކުޅިދައްކާލާނަމޭ
ކަކަ
15 April 2021
ހަޖަމް ބްރޯ.. ހަޖަމް ބްރޯ..
ފުންނަޒަރުން
12 April 2021
އެމް ޑީ ޕީ ގެ އަނަސް ޕޮލިހުން ފަޟީހަތް ކުރަން ސޯސަލް މީޑިޢާ ބޭނުން ކުރިތަ؟
ސަބަބު
11 April 2021
މުއިއްޒަށް ވޯޓްލީ ހަމަ އެމްޑީޕީއަށް އެއްޗެއް ދައްކާލަން. އަލީ ވަހީދު މައްސަލަ އެއީ މާފު ނުކުރެވޭނެ އެންމެ ބޮޑު މައްސަލަ. އަނިޔާ ލިބުނު ހުރިހާ އަންހެނުންގެ ހައްގުގައާ އިންޑިއާގެ އަޅުވެތިކަމަށް ގައުމު ގެންދާތީއާ ހެކި އުފައްދައިގެން އޮޅުވާލައިގެން ދޮގުވެރިންގެ އެހީގަ ރައީސް ޔާމީންގެ މައްސަލަ ހިންގާތީއާ ފަހުން ފަހުން އެމްޑީޕީން ފާޅުކުރާ ބޮޑާ ކިބުރުވެރިކަމާހެދިއާ ލިބުނު ކާމިޔާބީގަ ހިތްތިރިނުކުރީތީ އެމްޑީޕީއާ އިދިކޮޅަށް ލީ ވޯޓެއް އެއީ.
ވާހަކަ
11 April 2021
ކި ހިނެތް ބަލިވި ވާހަކަ؟؟ މާލެއިން އެކަނި؟؟ މުޅި ރާއްޖޭގެ ނަތީޖާ ބައްލަވާ.. ކޮން ޕާޓީއަކުންތޯ ގިނަ ގޮނޑި ނެގީ؟؟ އެންމެ ގިނަ މޭޔަރު ކަން ވެސް އެމް.ޑީ.ޕީ އަތޮޅު ރައީސްކަން ވެސް އެމް.ޑީ.ޕީ ރަށު ރައީސްގެ ގޮނޑިތަށް ވެސް އެންމެ ގިނައިން އެމްޑީޕީ.. މަދު އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަޖާ ރަށު އަދި ސިޓީ ކައުންސިލްގެ ގޮނޑިތަށް ވެސް އެމްޑީޕީއަށް. ކަލޭމެންނަށް އަބަދުވެސް ފެންނަނީ މާލެ އެކަނި.. މާލޭ މީހުން އެކަނިތަ ރިޔާސީ އިންތިހާބުގަ ވޯޓުލަނީ؟؟
ކޮޔާ
11 April 2021
އެންމެ ބޭނުންވާ އެއްޗެހި ނުލިބުނީމަ އެއަށް ކިޔަނީ ބަލިވުން. އެމްޑީޕީއަށް ކަރުނަހިލޭ ކަހަލަ ކަމެއްވެގެން އެ ދިއައީ. ދެން އެކަން މާބޮޑަށް ދިފާއުކުރަން ނުއުޅޭ.
ބިސް
12 April 2021
މީގަ މުހިއްމީކީ މަލެ މީހުން ނެއް ނޫން އަދި ކޮން ސިޔާސީ ޕާރޓީއެއްތޯ އޭނަ ނިސްބަތްވަނީ. ކުރަން ޖެނުން ކަންތައް އެއޮތީ ކޮށްފަ. ޑރ މުއިޒް މާލޭގެ މެޔާރ އަށް މަރުހަބާ!
ދާރާސިންގް
11 April 2021
އެހެން ދޯ ވާނީ ހާލި ހެދި ޖޯޑު ތޮޅެން ފެށީމަ
އެމްޑީޕީ މެމްބަރެއް
11 April 2021
މެމްބަރުން ކުންފުނިތަކަށް ވަދެ ޖެހި ސަކަރާތް އަދި ފައިޔާޒް ކުންފުނިތަކުގެ ބޯރޑަށް ޕަޕެޓްން ލައިގެން ޖެހި ސަކާރާތް ކިހާތަނަކުން ދިޔަބާ؟؟
ދެރަ
11 April 2021
އަހަރެންވޯޓްލީ ޕީޕީ ދެކެ ލޯބިވާތީއެއްނޫން. ޢެކަމަކު އެމްޑީޕީގެ ލދނ ސިޔާސަތަށް އަދި އަޅުވެތިކަމަށް ނޫނެކޭ ބުނަންވެގެން.
ސަރީފު
11 April 2021
މީ ނަސީދު ބޭނުން ނުވިޔަސް އިންޑިއާގެ ތަރައްގީ އަށް ބުނި ނޫން ބަސް.
ސަރީފާ
11 April 2021
ޗައިނާގެ ތަރައްގީ ކަމުދޭ ދޯ؟ އެމީހުން އުގުއިރް މުސްލިމުންނަށް ކަން ކުރާ ގޮތެއް ނުފެނޭ ދޯ
ނަސިރުދީ
11 April 2021
މީގައި މާ ބޮޑު ކަމެއް ނުހިނގާ އެމްޑީޕީ ވެރިކަމަށް އައީ ދޮގާ މަކަރުގެ ފޮނި ހުވަފެންތަކެއް ދައްކައިގެން ވީހައިވެސް ކަމަކީ އެކަންކަން ފަޅާއަރާ ރައްޔިތުންނަށް ބޭޒާރުވީ އަދި ވެރިކަމެއް ކުރުމުގެ ގާބިލުކަމެއް ވެސް އެއްވެސް ހިންގުތެރި ކަމެއް ހުރި ބައެއް ނޫންކަން ރައްޔިތުނަށް ކަށަވަރުވީ ބީކީ މިއޮތް 2އަހަރު ތެރޭ އަތޮޅުތެރޭ ރައްޔިތުން ހޭލައި 2023 ގައި އެމްޑީޕީ ފެއިލްވާތަން ފެންނާނެ އިރާދަކުރެއްވިއްޔާ