ރާޖް އެންޑް ޑީކޭގެ ސީރީޒްގެ މަސައްކަތުގައި ޝާހިދު.
14 މެއި 2021 - 10:03
ސްރީ ލަންކާގެ ޓެރަރިސްޓުންގެ ބަޔަކާ އެކު ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްކޮށް ހުރެގެން 1988 ގައި ދިވެހިރާއްޖޭގެ ވެރިރަށް މާލެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ ސިފައިން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ވެބް ފިލްމު، ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް ކުޅޭނެ ކަމަށާއި އެކަމަކު އޭގެ މަސައްކަތް މި ވަގުތު އޮތީ ފަސްކޮށްފައި ކަމަށް ފިލްމުފެއާ އިން ބުނެފި އެވެ.
މި ފިލްމުގެ ވާހަކަ އިންޑިއާގެ މީޑިއާތަކުން އެންމެ ފުރަތަމަ ދެއްކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރެގަ އެވެ. އޭރު ބުނެފައި ވަނީ ބޮޑު ބަޖެޓަކުން ހަދާ އެކްޝަން ތުރިލާ އަކީ ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނެޓްފްލިކްސް އިން ހަދާ ފިލްމެއް ކަމަށެވެ. އަދި އޭގައި ޝާހިދު ކުޅޭނީ "އޮޕަރޭޝަން ކެކްޓަސް" ގެ އިސްކޮށް ހުރި އެއް ކޮމާންޑަރު ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
Here’s all you need to know about @shahidkapoor's second OTT venture. https://t.co/3tYFt2Ignm
— Filmfare (@filmfare) May 13, 2021
މީޑިއާތަކުން ބުނި ގޮތުގައި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސިޔާސީ ގޮތުން ހިނގާފައިވާ އެންމެ ނުރައްކާތެރި އަދި ބިރުވެރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމު ޑައިރެކްޓްކުރާނީ އަދިތިޔާ ނިމްބާލްކަރެވެ. އޭނާ އަކީ ޝާހިދު ކުޅުނު ފިލްމުތައް ކަމަށްވާ 2014 ގެ "ހައިދަރު" އާއި 2018 ގެ "ރަންގޫން" އާއި 2009 ގެ "ކަނީމޭ" ގައި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މީޑިއާތަކުގައި ނުދެކޭތާ ގިނަ ދުވަސްތަކެއް ފަހުން ފިލްމުފެއާ އިން ބުނި ގޮތުގައި "އޮޕަރޭޝަން ކެކްޓަސް" އަށް ހަދާ ފިލްމު މަޑުޖައްސާލާފައި އޮތީ ޝާހިދު ކުޅެމުން އަންނަ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒްގެ މަސައްކަތާ ހެދި އެވެ. ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ އެ ސީރީޒްގެ މަސައްކަތް މި ވަގުތު އޮތީ އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން މަޑުޖައްސާލައިފަ އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި އެ ސީރީޒްގެ މަސައްކަތް އެއްކޮށް ނިންމާލާފައި ޝާހިދު "އޮޕަރޭޝަން ކެކްޓަސް" ގެ މަސައްކަތްތަކަށް ތައްޔާރުވާން ފަށާނެ އެވެ. އޭނާގެ އާ ފިލްމު "ޖާޒީ" މި އަހަރުގެ ނޮވެމްބަރު މަހުގެ 5 އަށް ތާވަލުކޮށްފައިވާ އިރު، ރަސްމީކޮށް ސޮއިކޮށްފައި އޮތް އިތުރު ފިލްމެއް ނެތެވެ.
އެކަމަކު ޝާހިދު ކުޅޭނެ ކަމަށް ރުހުން ދީފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ "ޔޯދާ" އާއި ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "ކަރްނާ" ހިމެނެ އެވެ.
ލުތުފީ އިސްކޮށްގެން ހުރެގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓައިލަން ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓަމިލް އީލާން (ޕްލޮޓް) ގެ 80 އެއްހާ ޓެރަރިސްޓުން ހަތިޔާރާ މާލެ އަރައި ހިންގި ބަޢާވަތުގައި 19 މީހަކު ޝަހީދުވި އެވެ. އޭގެ ތެރެއިން އަށް މީހުންނަކީ ދިވެހި ސިފައިންގެ އޮފިސަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
14 May 2021
އިންޑިއާ ހަންފަތުރަން ކުރާ ކަމެއް. ނުފައިބާ ގަދަފައި ވިއްދާފަ މިތާ ތިބީ.
ސާލިމް.
14 May 2021
އަޅުގަނޑަކީ އެންމެ 13 އަހަރުގެ ކުއްޖެއް ނަމަވެސް ވަސަންތީގެ ރޯލް އަދާކުރުމަށް އަބަދުވެސް ޝައުޤުވެރިވޭ. ފުރުސަތެއް ނުލިބެނީ! ޝާހިދް ޕްލީސް ނޯޓިސްމީ
ގެދާނޯމޮސް
14 May 2021
ރާއްޖެވެސް އެމީހުންނަށް ހިފިދާނެ ކަމާއި ، ދިވެހިންނަށް އިންޑިޔާގެ އާރމީގެ ބިރުވެރި ކަންއިޙްސާސް ކޮށްލަދޭން ކުރާކަމެކެވެ.
އަހުމަދުއަލޯ
14 May 2021
އިންޑިޔާގެ ޕްރޮޕެގަންޑާ ފިލްމެއް. އިންޑިޔާ މީހުން އައިއިރު ވާނެ ހައެއްޗެއްވެފަ އޮތީ....
އެޑާމް
14 May 2021
ތީގެން ވެސް އިނގެނީ ނޮވެންބަރ 3 ގެ އަޑީ ގަ އިންޑިޔާ ގެ އަތެއް ވާކަން