މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޝިލްޕާ.

ޝިލްޕާ ޝެޓީގެ ފިލްމު "ހަންގާމާ 2" އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ނިންމާފައިވާ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުނެފި އެވެ.

އެ ފިލްމު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލް ޕްރީމިއާއަކަށް ގެންނަން ނިންމި ވާހަކަ މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ފިލްމުގެ ޓީމުން ރަސްްމީކޮށް އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް ހަންގާމާ އިން ބުނީ ޕްރިޔަދަރުޝަން ޑައިރެކްޓްކުރި "ހަންގާމާ 2" އަންނަ މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމާފައިވާތީ އޭގެ ޓްރެއިލާ ވެސް އަންނަ މަހުގެ 1 ގައި އާންމުކުރާނެ ކަމަށެވެ.

މި ފިލްމަކީ އެކްޓިންއާ ދުރުގައި ހުންނަތާ 12 އަހަރު ފަހުން 2019 ގައި ޝިލްޕާ ސޮއިކުރި ފިލްމުތަކުގެ ތެރެއިން ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޑައިރެކްޓަރު ސަބީރް ޚާންގެ "ނިކައްމާ" އެވެ.

"ހަންގާމާ 2" އާއި "ނިކައްމާ 2" އަކީ ވެސް ކުރިން މިދިޔަ އަހަރަށް ތާވަލުކުރި ނަމަވެސް ކޮވިޑް-19އާ ހެދި ނުގެނެސްދެވުނު ފިލްމުތަކެކެވެ.

"ހަންގާމާ 2" އަކީ ޕްރިޔަދަރްޝަން 2003 ގައި ގެނެސްދިން "ހަންގާމާ" ގެ ސީކްއެލް އެވެ. އާ ފިލްމުގެ ކާސްޓްގައި ކުރީގެ ފިލްމުގައި ވެސް ހިމެނުނު ޕަރޭޝް ރާވަލްގެ އިތުރުން މީޒާން ޖެފްރީ އާއި ޕްރަނީތާ ސުބާޝް ހިމެނެ އެވެ.

"ރަކްޝާބަންދަން" ގެ ޝޫޓިން ފަށައިފި

ޑައިރެކްޓަރު އާނަންދު އެލް ރާއީއާ އެކު އަކްޝޭ ކުމާރު މަސައްކަތްކުރާ ދެވަނަ ފިލްމު "ރަކްޝާބަންދަން" ގެ ޝޫޓިން ފަށައިފި އެވެ.

އަކްޝޭ ވަނީ ހޯމަ ދުވަހު ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނީ "ރަކްޝާބަންދަން" އަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ފިލްމު އެންމެ ހާއްސަވާ ސަބަބަކީ އޭގައި ކިޔައިދެނީ އެއްބަނޑު އެއްބަފާ ބައެއްގެ ގުޅުން ކަމަށްވާތީ އެވެ.

މި ފެމިލީ ޑްރާމާގައި އަކްޝޭގެ ހަތަރު އަންހެން ކޮއްކޮއެއް އުޅޭނެ އެވެ. "ރަކްޝާބަންދަން" ގެ ބަތަލާ އަކީ އަކްޝޭއާ އެކު 2017 ގެ "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" ކުޅުނު ބޫމީ ޕިޑްނޭކަރެވެ.

"ރަކްޝާބަންދަން" ގެ ކުރިން އަކްޝޭ، އާނަންދާ އެކު މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ނަމަވެސް ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމާ "އަތުރަންގީ ރޭ" އެވެ. އޭގެ ކާސްޓްގައި ސާރާ އަލީ ޚާނާއި ދަނޫޝް ހިމެނެ އެވެ.

"އިންސައިޑް އެޖް" ގެ ތިން ވަނަ ސީޒަނެއް

ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދިން ކާމިޔާބު ވެބް ސީރީޒް "އިންސައިޑް އެޖް" ގެ ތިން ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައި އިރު، އާ ސީޒަނުގައި ވެސް ކުރީގެ ސީޒަންތަކުގެ މައިގަނޑު ތަރިންނާ އެކު އަލަށް ކާސްޓޭ ގުޅުނު ތަރިންތަކެއް ވެސް ހިމެނޭނެ އެވެ. ކްރިކެޓަށް ބިނާކޮށް ގެނެސްދޭ ސީރިޒްގެ ތިން ވަނަ ސީޒަންގެ ޑައިރެކްޓަރަކީ ކަނިޝްކް ވަރުމާ އެވެ.

"އިންސައިޑް އެޖް 3" ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އެމެޒޯން ޕްރައިމުން ބުނެފައިވާ އިރު ކާސްޓްގައި ވިވެކް އޮބެރޯއީ، ރިޗާ ޗައްޑާ، ސަޔާނީ ގުޕްތާ، އާމިރު ބަޝީރު، ތަނޫޖް ވިރްވާނީ، ސަޕްނީ ޕައްބީ، އަމިތު ސިއަލް، އަކްޝޭ އޮބެރޯއީ އަދި ސިދަންތު ގުޕްތާ ހިމެނެ އެވެ.

އާލިއާ "ޑާލިންސް" ގެ މަސައްކަތް ފަށަނީ

މީގެ ތިން މަސް ކުރިން ރަސްމީކޮށް އިއުލާންކުރި އާލިއާ ބަޓްގެ އާ ފިލްމު "ޑާލިންސް" ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ.

އިންސްޓަގްރާމް ސްޓޯރީގައި ފިލްމުގެ ސްކްރިޕްޓާ އެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށް އާލިއާ ބުނީ މިހާރު އޮތީ ހުރިހާ ކަމެއް ތައްޔާރަށް ކަމަށެވެ. "ޑާލިންސް" އަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި އިޓާނަލް ސަންޝައިން ޕްރޮޑަކްޝަނާއި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.

ކާސްޓްގައި ވިޖޭ ވަރުމާ އާއި ޝެފާލީ ޝާހް ވެސް ހިމެނޭ މި ފިލްމަކީ ސްކްރީން ރައިޓަރު ޖަސްމީތު ކޭ ރީން ލިޔެ، ޑައިރެކްޓްކުރާ އެއްޗެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454