އަބީޝެކް ބައްޗަން ކުޅުނު ފުރަތަމަ ވެބް ސިރީޒް "ބްރީތު: އިން ޓު ދަ ޝެޑޯ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
އަންނަ މަހުގެ 10 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ފަށާ މި ސީރީޒަކީ "ބްރީތު" ގެ ދެވަނަ ސީޒަނެވެ. މީގެ ކާސްޓުންގެ ތެރޭގައި އަމިތު ސާދާއި ސަޕްނާ ޕައްބީ ފަދަ ތަރިން ހިމެނެ އެވެ.
މިދިޔަ އަހަރު ފުރަތަމަ ސީޒަން ގެނެސްދިން އިރު، އޭގައި ހިމެނުނީ އަށް އެޕިސޯޑެވެ. "ބްރީތު" ގެ ޑައިރެކްޓަރަކީ މަޔަންކް ޝަރުމާ އެވެ.
އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ލޫޑޯ" އާއި "ދަ ބިލް ބުލް" އަދި "ބޮބް ނިވާސް" ހިމެނެ އެވެ.
"ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން އޮގަސްޓްގައި
ދެހާސް އަށާރައިގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައިގެ ޝޫޓިން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށާ ގޮތަށް ނިންމައިފި އެވެ.
މިލަޕް މިލަން ޒަވޭރީ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތަކށް ހާއްސަކޮށްގެން ވަނީ ފިލްމުގެ ޕޯސްޓަރު ޖެހި ފޭސް މާސްކް ވެސް އުފައިދަ އެވެ. "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން ކުރިއަށް ގެންދާ އިރު، ކާސްޓާއި ކްރޫ އަށް މާސްކް ދޭނެ އެވެ.
މި ފިލްމުގެ ބަތަލާ އަކީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ޓީ ސީރީޒްގެ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.
"ސަތިޔަމޭވް ޖަޔަތޭ 2" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 2 ގަ އެވެ.
ކަރަންޓް ބިލް ބޮޑުވެގެން ތާޕްސީގެ ޝަކުވާ
ބަތަލާ ތާޕްސީ ޕައްނޫގެ އެޕާޓްމަންޓެއްގެ މި މަހުގެ ކަރަންޓް ބިލަށް 36،000 ރުޕީސް އެރުމާ ގުޅިގެން އެ ވަރުގެ އަދަދެއް ބިލަށް އެރުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްވިޓާގައި ބިލާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރަމުން އޭނާ ވަނީ އެ ވަރުގެ އަދަދެއް ބިލަށް އަރަން ޖެހުނީ ކޯޗެއް ބޭނުންކޮށްގެންތޯ ސުވާލު އުފައްދައިފަ އެވެ. އަދި ކަރަންޓް ބިލް ބޮޑުވި އެޕާޓްމަންޓަކީ މީހަކު މި ވަގުތު ދިރިއުޅޭ ތަނެއް ވެސް ނޫން ކަމަށާއި އެތަނަށް ދަނީ މަހަކު އެއް ފަހަރު ސާފުކުރާ މީހާ ކަމަށް ވެސް ތާޕްސީ ބުންޏެވެ.
ތާޕްސީގެ މި ޓްވިޓާ އެކު ވަރަށް ގިނަ މީހުން މިގޮތަށް ކަރަންޓް ބިލް ބޮޑުވާކަން ފާހަގަކޮށް އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.
"ސިމްބާ" ބޭރުގެ ދެ ގައުމަކަށް
މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ރަންވީރު ސިންގްގެ ކާމިޔާބު ފިލްމު "ސިމްބާ" އޮސްޓްރޭލިއާ އާއި ފިޖީގައި އަންނަ މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކުރި ފިލްމުގައި ރަންވީރު ކުޅެފައި ވަނީ ފުލުހެއްގެ ރޯލެވެ. އަދި "ސިމްބާ" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ އެއް ކެރެކްޓާ އެވެ. އަނެއް ދެ ކެރެކްޓާ އަކީ އަޖޭ ދޭވްގަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ސޫރިޔަވަންޝީ" އެވެ.
ސާރާ އަލީ ޚާން ބަތަލާގެ ރޯލް ކުޅުނު "ސިމްބާ" ގައި އަކްޝޭ އާއި އަޖޭގެ ހާއްސަ ފެނިލުންތަކެއް ވެސް ހިމެނެ އެވެ.
"ސިމްބާ" އަކީ ބޮކްސް އޮފީހުގައި 400.19 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކުރި ފިލްމު ހަދާފައި ވަނީ 139 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.