ރިޕޯޓް / ގެވެށި އަނިޔާ

އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު: އެހެން މީހުންގެ ހާލަކީ ކޮބާ؟

ޕީޖީ ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި، މީހެއްގެ މައްޗަށް ދައުވާކުރުމާ އެކު، އާންމުންގެ ތެރޭގައި އެ މީހަކު ލޭބަލްވެ ނިމޭ. އީސަގެ ކޭސްގައި ވެސް މިއޮތީ އެހެންވެފައި.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ އަދި ކުރީގެ އަނބިކަނބަލުން އަސްރާ: ގެވެށި އަނިޔާގެ މައްސަލަ އަނބުރާ ނެގުމަކީ ކޮންމެވެސް އެކަކަށް ލިބޭނެ ގެއްލުމެއް

ހަމަ އެންމެ މިސާލެކެވެ؛ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމަށް އޭނާގެ ކުރީގެ ފިރިކަލުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ލިބުނު ގެވެށި އަނިޔާ ރިޕޯޓުކުރެއްވުމަށް ފަހު ފުރަތަމަ ވިދާޅުވީ އެ ވަރުގެ ކަމެއް ދިމާވާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ. އެކަމަކު، އޭގެ ދުވަސްކޮޅެއް ފަހުން އަސްރާގެ ރާގު ބަދަލުވެ، އޭނާ ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް ރިޕޯޓް ކުރެއްވި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގަތެވެ.

ނަމަވެސް، ގެވެށި އަނިޔާގެ މައްސަލަތަކަކީ ކުޑަ މައްސަލައެއް ނޫނެވެ؛ އެއީ ޖިނާއީ މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތުން، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވިޔަސް އެ މައްސަލަ ދައުލަތުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އީސަގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

ހުރިހާ ކަމެއް ފުރިހަމަވެ، ނުފޫޒު ގަދަ އާއިލާއަކުން ވަޑައިގެންފައި ހުރި އަސްރާ އަށް ދިމާވި ގޮތަކީ މި އެވެ. މައްސަލައިގައި ކުރިއަށް ދާން ހުރަސް ކުރަންވީ ރޮނގު ހުރަހެއް ނުކުރެވުނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އެއީ އަސްރާ އަށް ކުރިމަތިވެފައި އޮތް މަޖުބޫރީ ހާލަތެކެވެ. އޭގެ ސަބަބުން، އޭނާގެ ދަރިފުޅުގެ ބައްޕަގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމުގެ ބިރު އެބައޮތެވެ. ޖަލު ހުކުމެއްގެ ބޯވިލާގަނޑު ބޯމައްޗށް ވެއްޓޭނެ އެވެ. އެއާ އެކު، ދަރިފުޅުގެ ކުރިމަގާ ދޭތެރޭ ސުވާލުތައް އެބައޮތެވެ.

ސުވާލަކީ، އަސްރާ ފަދަ ބޭފުޅަކަށް އެވަރުގެ މަޖުބޫރެއް ކުރިމަތިވާ އިރު، ދެން ތިބި މީހުންގެ ހާލަކީ ކޮބައިބާ އެވެ؟

ވަކި ހިސާބަކުން މައްސަލަ އަނބުރާ ނެގުމަކީ ހައްލެއް ނޫން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގައި ދައުވާނުކޮށް އަނބުރާ ފޮނުވާލުމަށް، އާއިލާ ނުވަތަ އަނިޔާ ލިބޭ މީހުން އެދުމަކީ އާއްމު ކަމެކެވެ. އެހެންވެ، އީސަގެ ޝަރީއަތް ކުރިއަށް ނުގެންދަން އެދި އަސްރާގެ ވަކީލް އަބްދުﷲ ހަސީން ސިޓީއެއް ފޮނުއްވުމުން އެއީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ކެންސަލްކުރުމަށް އެދި އެފަދަ ސިޓީއެއް އަންނާނެކަން އަދި ބަޔާން ދިނުމަށް ފަހު އެކަމާ ދެކޮޅަށް ވާހަކަދައްކާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެއީ، އޭގެ މައްސަލަތަކުގައި މީގެކުރިން ވެސް ވެފައި ހުރި ކަންކަމެވެ.

ޕީޖީ ހުސެއިން ޝަމީމް: އަސްރާގެ މައްސަލަ ނަގަން އެދުމަކީ ހައިރާން ވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

"ވަރަށް އާއްމު ކަމެއް، ވަރަށް އާއްމު ކަމެއް. ހަމައެކަނި މިއެއް [އަސްރާގެ ކޭސްއެއް] ނޫން. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ވެސް އާއިލާގެ ފަރާތުން އަންނާނެ ސިޓީ މިހާރު ދެން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނޭ ކިޔާފައި. އެކަން މިހާރު ރަނގަޅުވެއްޖެއޭ، އިތުރަކަށް އުނދަގުލެއް ނުވެއޭ،" ޝަމީމް ވިދާޅުވި އެވެ.

އެގޮތަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ މީހުންނަށް ޕީޖީ އޮފީހުގެ ފަރާތުން މުއާމަލާތްކުރަނީ ވިކްޓިމް ސަޕޯޓު ޔުނިޓުގައި މަސައްކަތްކުރައްވާ އެކަމުގެ ތަޖުރިބާކާރު ސައިކޮލޮޖިސްޓުންނެވެ.

ޝަމީމް ވިދާޅުވިގޮތުގައި ކްރިމިނަލް ޖަސްޓިސް ސިސްޓަމަކަށް އިޖުތިމާއީ ހުރިހާ މައްސަލައެއް ހައްލުކޮށެއް ނުދެވޭނެ އެވެ. އެއީ ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮންނަ ކަމެއްކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ ކްރިމިނަލް ޖަސްޓިސް ސިސްޓަމަކީ މީހުންގެ އުޅުން ރަނގަޅު ކުރާ އެއް ހަތިޔާރު ކަމަށެވެ.

ކްރިމިނަލް ޖަސްޓިސް ސިސްޓަމަކަށް އިޖުތިމާއީ ހުރިހާ މައްސަލައެއް ހައްލުކޮށެއް ނުދެވޭނެ. ކްރިމިނަލް ޖަސްޓިސް ސިސްޓަމަކީ މީހުންގެ އުޅުން ރަނގަޅު ކުރާ އެއް ހަތިޔާރު -- ޝަމީމް

މީހެއްގެ މައްޗަށް ދައުވާކުރަން ނިންމުމަކީ އޭގެ ޒާތުގައި އެ މީހާގެ ދިރިއުޅުން އެއްކޮށް ހަލާކުކޮށްލުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ އީސަގެ މިސާލެވެ. ޝަމީމް ވިދާޅުވީ އީސަގެ މައްޗަށް ދައުވާކުރުމާ އެކު އޭނާއަކީ އަންހެނުންނަށް އަނިޔާކުރާ މީހެއް ކަމަށް އާއްމުން ބަލައިގެންފައިވާ ކަމަށެވެ. ކޯޓުން ކޮންމެ ހުކުމެއް ކުރިޔަސް އެކަން ދެން ބަދަލު ނުވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެހެންވީމަ، ކޯޓުން ހުކުމެއް ކުރުމަށް ވުރެ މާ ނުރައްކާތެރި ކަމެކޭ ޕްރޮސެކިއުޝަނުން މީހެއްގެ މައްޗަށް ދައުވާކުރަން ނިންމުމަކީ. އެހެންވީމަ، އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސަމާލުކަންދޭން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ މައްސަލަ އަނބުރާ ނަގައިދޭން އެދުނަސް ޕީޖީ އޮފީހުން އެގޮތަށް ގިނަ ފަހަރަށް އަމަލުނުކުރާނެ ކަމަށެވެ.

"ނުކުރާނެ، އާއްމުކޮށް ނުކުރާނެ [މައްސަލަ ނެގުން ކަހަލަ ކަމެއް]. ދެން ވަރަށް އާދަޔާ ހިލާފު ހާލަތެއްގައި ވެއްޖިއްޔާ ކޮށްފާނެ. މިސާލަކަށް މުޅި މައްސަލައިގެ ހުރިހާ ފެކްޓްސް އަށް ބަލާއިރު މުޅިން ތަފާތު ގޮތަކަށް އެކަން ހިނގާފައި އޮތީ. މިސާލަކަށް ފަހުން އެނގުނީ ކުރިން ނޭނގޭ ކަންތައްތަކެއް،" ޝަމީމް ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ މައްސަލަ އަނބުރާ ނެގުމާ ގުޅޭގޮތުން ހޯދަންވީ އިޖުތިމާއީ ހައްލެއް ކަމަށާއި ކްރިމިނަލް ޖަސްޓިސް ސިސްޓަމުން ބޮޑެތި މައްސަލަތަކަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ރޫޓް ކޯޒްއަކީ ކްރިމިނަލް ޖަސްޓިސް ހައްލު ގެނެވޭނެ ކަމެއް ނޫނޭ. ރޫޓް ކޯޒްއަކީ އިޖުތިމާއީ މައްސަލަތަކޭ. މިސާލަކަށް އެންގާ މެނޭޖްމަންޓް. ސޯޝަލް އެހެން ކަންތައްތަކާ ހެދިއޭ މި ހިސާބަށް ދަނީ. އެ ކަންތައްތަކަށް ހައްލު ހޯދަން ހިނގާށޭ މަސައްކަތްކުރަން ޕްރިވެންޝަނަށް. އެކަމަކު ޕީޖީ އޮފީހަކީ ޕްރިވެންޝަންގެ ބައެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނަށް ނުވަ އަހަރު: ނަތީޖާ އާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިތާ ނުވަ އަހަރުވިއަސް އެ މައްސަލަ އޮތް ހާލަތާ މެދު ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ހިތްހަމަޖެހިވަޑައިނުގަންނަވަ އެވެ.

އޭނާ ވިދާޅުވީ ގާނޫނެއް އޮތަސް ގެވެށި އަނިޔާ ހުއްޓުވުމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެކަމަކު އަނީސާ ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި އިރަށްވުރެ މިހާރުގެ ހާލަތަށް ކޮންމެ ވެސް ވަރެއްގެ ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭ މީހުން މައްސަލަ އަނބުރާ ނަގަން އެދުމުން މުޖުތަމައަށް ނުބައި މެސެޖެއް ދެވޭ -- އަނީސާ

އަނިޔާ ކުރާ ފިރިހެން މީހާ ސަލާމަތްކުރަނީ، އަނީސާ ވިދާޅުވި ގޮތުގައި އެ ފިރިހެން މީހާއާ ވަކިވެއްޖެ ނަމަ އެ އަންހެން މީހާގެ ދިރިއުޅުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާތީ ނުވަތަ ދަރިން ތިބުމުން އެ ކުދިން ގޮވައިގެން އެކަނި އުޅެވޭނެ ގޮތެއް ނެތުމުންނެވެ. އެކަމަކު މި ފަހުން ހިނގައިދިޔަ ހާދިސާއާ ގުޅޭގޮތުން ވެސް އަނީސާގެ ހިތްހަމަނުޖެހުންތައް އެބަހުއްޓެވެ.

އޭނާ ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭ މީހުން މައްސަލަ އަނބުރާ ނަގަން އެދުމުން މުޖުތަމައުއަށް ނުބައި މެސެޖެއް ދެވޭ ކަމަށެވެ.

އަނީސާ: އަސްރާގެ ފަރާތުން ދެވުނީ ނުބައި މެސެޖެއް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

"މި ކަހަލަ ކަންތައް ހިނގާނައޭ. ހިނގިއަސް އެކަމާ އަޅާނުލާށޭ. އެއީ މާ ބޮޑު ކަމަކަށް ނުހަދާށޭ. އެކަން ކުރާ މީހާ ރައްކާތެރިކުރުމަށް އެ މީހާ ސަލާމަތްކުރަން ހިތްވަރުލިބޭ ގޮތަކަށް މި ވަނީ. އެހެންވީމަ، އަޅުގަނޑު ކަންބޮޑުވޭ މި ފަހަރު މި ހިނގި ހާދިސާގައި،" އަންހެނުން ބާރުވެރިކުރުމަށް "ހޮޕް ފޯ ވިމެން" ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައި މަސައްކަތްކުރައްވަމުން އަންނަ އަނީސާ ވިދާޅުވި އެވެ.

އެކަމުން ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުރިއަށް އެޅޭ ފިޔަވަޅެއް ފަހަތަށް ދާ ގޮތް ވަނީ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް އަނީސާ ވިދާޅުވި އެވެ. އެއީ ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތަށް ވެސް އެޅުނު ހުރަހެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ދިމާވެފައި އެބަހުރި ބައެއް ކޭސަސްގައި، ފިރިމީހާގެ ވާހަކަ ދެއްކުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫނޭ. އެއީ ވަރަށް ބޮޑު ކުށެކޭ. އެ ކަހަލަ ބިރު ވެސް އެބަހުރި ދައްކާފައި. އަދި ބައެއް ރައްޓެހި ދީނީ އިލްމުވެރިން ކަމަށް ގަބޫލުކުރާ މީހުން ލައްވާ ވެސް އެބަހުރި އެކަހަލަ ވާހަކަދައްކުވާފައި. އެހެންވީމަ ވާ ގޮތަކީ، އެ ގަންނަ ބިރަކާ ހެދި ވެސް އެ ޖެހިލުންވަނީ، ކުރިއަށް ނުގެންދަނީ،" އަނީސާ ވިދާޅުވި އެވެ.

ބޭނުންވަނީ ޕޮލިސީތައް ބަދަލުވުން

ގާނޫނީ ވަކީލް އަދި ފެމިލީ ލީގަލް ކްލިނިކްގެ ފައުންޑަރު ޝަފީއާ ރިޒާ ވިދާޅުވާ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމަށް ފަހު އެ މައްސަލަ ނެގުމާ ހިސާބަށް ދަނީ ތަފާތު ކަންތައްތައް ދިމާވެގެންނެވެ. އޭގެ ތެރޭގައި އަންހެން މީހާގެ މާލީ ހާލަތު ނުވަތަ ދަރިން ތިބުމުން ދިރިއުޅެވޭނެ އެހެން ގޮތެއް ނެތުމާއި އާއިލާގެ ލަދުވެތިކަމާއި ގަދަރުވެރިކަން ހިފެހެއްޓުން ހިމެނެ އެވެ. އޭގެ އާހިރު ނަތީޖާއަކީ އެ އަނިޔާ ތަކުރާރުކޮށް ތަހައްމަލުކުރަން ޖެހުމެވެ.

"ވަރަށް މަދު ބަޔަކަށްތާ ހިތްވަރުކޮށްފައި ރިޕޯޓުކޮށްފައި ވެސް ކުރިއަށް މި ދެވެނީ. މީހަކަށް ބަރޯސާނުވެ އުޅެވޭ ލެވެލް އަށް އައިސްފައި ތިބި މީހުން އެހެން މި ވަނީ. ވަރަށް ބައިވަރު އިޖުތިމާއީ އަދި މާލީ ފެކްޓާސް އުޅޭ މި ކަހަލަ މައްސަލަ އަނބުރާ ގެނައުމުގައި. އެހެން ވާނެކަން ވެސް އެއީ ވަރަށް ނެޗުރަލް ކަމެއް،" ޝަފީއާ ވިދާޅުވި އެވެ.

ޖިންސީ ގޯނާކުރުމާ ދެކޮޅަށް މީގެ ކުރިން މާލޭގައި ބޭއްވި އެއްވުމެއްގައި ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގެ ޕޮލިސީތައް ބައްޓަންކޮށްފައިވާ ގޮތުން އަންހެނުންގެ މާލީ ގާބިލްކަމަށް ނުވަތަ އިގުތިސޯދީ ގޮތުން ފުދުންތެރިކުރުވުމަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އަނިޔާވެރި ގުޅުން ކުރިއަށް ގެންދަނީ އެ ކަންތައްތަކާ ހެދި ކަމަށް ޝަފީއާ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ހައްލުނުކޮށް، ގެވެށި އަނިޔާގެ ކަމެއް ދިމާވުމުން އެކަމާ ދެކޮޅަށް އަންހެނުން ތެދުވާން ގޮވާލިއަސް، އެކަމަށް ފަހި މާހައުލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުރަށް ވިސްނާލާއިރު ބޮޑު މަންޒަރުން ދައްކަނީ އެ ނިކަމެތި ހާލު ކަމަށާއި އަންހެނުންގެ ދިރިއުޅުމުގެ ފެންވަރު ބަދަލުކުރަން ރަނގަޅު ޕޮލިސީ ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންހެނުންނަށް އެއްވެސް ސެކިއުރިޓީއެއް ނެތޭ ކައިވެނި ރޫޅިގެން ދާއިރު. އެ މީހުންނަކީ ކެއާ ގިވާސް. ރިއަލް ޓައިމް ހަރަދަށާއި ބޯހިޔާވަހި ކަމަށާއި އެ ހުރިހާ ކަމަކަށް ބަލާފައި ފިރިހެން މީހާގެ މައްޗަށް ބަރޯސާވެގެން އުޅެން މަޖުބޫރުވެފައި މި ވަނީ. އަންހެނުން ވެސް ގެދޮރުވެރި ކުރުވާ އަންހެނުންނަށް ވެސް މާލީގޮތުން ބާރުވެރިކުރުވާ ޕޮލިސީތައް ހުރި ނަމަ އަންހެނުންނަށް ފަސޭހަވާނެ އެ މީހުންގެ އަމިއްލަ މިނިވަންކަމުގައި، ނުފޫޒެއް ނެތި މައްސަލަތައް ނިންމަން،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ ގޮތުގައި މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް 119 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ މާލެއިން 48 މައްސަލަ ރަޖިސްޓްރީކޮށްފައި ވެ އެވެ. ދެ ވަނަ އަށް އެންމެ ގިނައީ އައްޑޫ އެވެ. އެއީ 11 މައްސަލަ އެވެ.

އެކަމަކު މިއީ ހަމައެކަނި އަދަދުތަކެކެވެ. މީގެ ތެރެއިން އެތައް ކޭސްއެއް އެހެން ގޮތްގޮތަށް އަނބުރާލައިފާނެ އެވެ. އެކި މަރުހަލާތަކުގައި، އަސްރާއެކޭ އެއްގޮތަށް އެކި ގޮތަށް ބަދަލު ވެގެން ވެސް ހިނގައިދާނެ އެވެ. މައްސަލަ އަކީ، އެއްކަލަ ރޮނގު ހުރަސް ކުރަން ޖެހިލުންވުމެވެ. އެކަމަކު، ގެވެށި އަނިޔާ އަކީ ރާއްޖޭގައި ފާޅުގައި އޮތް ކަމެކެވެ. އޭގެ އެއް މިސާލަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، މީގެ ހަ އަހަރު ކުރިން ދުނިޔެ ދޫކުރި ޒިޔާދާ ނައީމެވެ. އޭނާގެ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ދިޔައިރު ދުނިޔެއަކު ނެތެވެ.

ގެވެށި އަނިޔާ އަކީ ޖޯކެއް ނޫނެވެ. ޖޯކަކަށް ހަދާ ވަރުގެ ކަމެއް ވެސް ނޫނެވެ.

42 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 50%
icon angry icon angry 34%
icon wow icon wow 3%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހައްމަދ

28 June 2021

ތި ކަމުގައި އީސަ ނުވަތަ އަސްރާގެ މައްޗަށް ހުކުމެއް އަންނަން ޖެހޭނެ ކަމަށް ގަބޫލު ކުރަމެވެ. އެކަމަކީ އަސްރާ މިހާރު ބުނާ ގޮތަށް ހަގީގަތާއި ހިލާފަށް ޖަޒުބާތުގަ ޖެހިގެން އަސްރާ އީސަގެ މައްޗައް ކުރި ދޮގު ތުހުމަތެއްނަމަ އެކަމުގެ ހައްގު އަދަބު އަސްރާ އަށް ލިބެން ޖެހޭނެއެވެ. ނުވަތަ ފުރަތަމަ އަސްރާ ބުނިފަދައިން އީސަ އޭނާގެ މައްޗަށް އަނިޔާވެރި ވިނަމަ އެކަމުގެ ހައްގު އަދަބު އީސައަށް ލިބެން ޖެހޭނެއެވެ.

The name is already taken The name is available. Register?

އިބޮ

25 June 2021

ރޮޔަލް ރޭޕް ގޮތައް ރޮޔަލް އެބިޔުސް ވެސް އޮބޭނީ

The name is already taken The name is available. Register?

ވަސީމްބެ

25 June 2021

ދެން އަހަރަމެން ލައްވާ މިސަރުކާރުގެ ޢަދުލުއިންސާފްގެ ސިޔާސަތު ވަރަށް ރަނގަޅޭ ތި އާރޓިކަލް ކިޔާފަ ބުނަންވީތޯއެވެ. ނޫން ނޫން .. ދުވަހަކުވެސް އެހެން ނުބުނެވޭނެ .. މިއީ އިންސާފުން އެއްކިބާވެ އަމިއްލަ އެދުމާ ދުނިޔެވީ ނަފްރަތު ލިބިފައިވާ އެއްވެސް ހަމައެއްނެތް ސަރުކާރެއް .. އެނގިއްޖޭ ..!!

The name is already taken The name is available. Register?

ަަައަޙުމަދު

26 June 2021

ދެން ކޮބައިތޯ ތިބުނާ ރަނގަޅު ސަރުކާރަކީ...އަމިއްލަޔަށް އަމިއްލަފުޅު ގެއަށް ނަހަލާލު ވަގު ފައިސާ ވެއްދި ކަމަށް އިއުތިރާފުވެފަހުރި...ކަނޑ އެޅިގެން އެގެންހުރި ދިވެހި ތާރިޚުގަވެސް ހިނގި އެންމެ ބޮޑުޚިޔާނާތް ހިންގި އަދި މިހާރުވެސް ވައްކަންކުރިކަމުގެ ކުށް ސާބިތުވެ ޝަރީއަތުންހުކުމްކޮށް ޖަލަށް ލާފައިވާ މީހަކު ދައުލަތް ހިންގި ގޮތްތޯ ކަލޭމެންނަށް ރަނގަޅުވެގެން ތިއުޅެނީ.....ހަޖަމް ކޮށްލެވޭތޯވެސް ބަލާލާ....

The name is already taken The name is available. Register?

ބޮދުބެ

25 June 2021

މަސްހޫރުވާނެގޮތެއްނޭގިގެން އުޅޭބައެއް.

The name is already taken The name is available. Register?

ބޮޑުމީހާ

24 June 2021

ތި ކަމުގައި އީސަ ނުވަތަ އަސްރާގެ މައްޗަށް ހުކުމެއް ކޮށްފިއްޔާ މިގައުމުގެ މީހުން ހިގާނީ އެކޮޅުކޮޅުން. ރޯޔަލް މީހުން ހުރިހާ ރޮގެއްވެސް ހުރަސްކުރާނެ. ޕީޖީގެ ކަމަކީ މޮޅެތި ފިލޯސަފީ ކިޔައިދިނުން

The name is already taken The name is available. Register?

ކަމީލާ

24 June 2021

ރައީސް ނަޝީދު ގާޒީއެއް ގާނޫން އިން ބޭރުން ހައްޔަރު ކޮށް ހެދީމަވެސް އެހެރީ މިނިވަންވެފަ! އަދީބު މުޅި ދައުލަތުގެ ފައިސާ ވަގަށް ނެގީމަ އެހެރީ އަންހެނުން ނަށް ގިޓާ ކުޅެދޭން ގޭގަ! ޖާބިރު އަދި ހާމިދު ހޮޑައިދޫއިން ހެކިއާއި އެކު ހައްޔަރު ކުރީމަ މިއަދު ޖާބިރަކީ މަޖިލީސް މެންބަރެއް! ހާމިދަކީ ޕޮލިސް ބޯޑު އަދި ޔުނިވާސިޓީގެ ބޯޑު މެންބަރެއް! އިންސާފު ކިހާ ސަޅި!

The name is already taken The name is available. Register?

ބަބުޗީ

25 June 2021

ޔާމީނުގެ އެކައުންޓަށް ވަތް ޑޮލަރުބޮނޑީގެ ވާހަކަވެސް ގަނައިނަމަ ފުރިހަމަ ވީސް ...

The name is already taken The name is available. Register?

ތުނިޔަ

24 June 2021

މިހާރު ތިކަން ހިނގާ ގޮތެއް ނޭނގެ ހަމަގައިމުވެސް އަޅުގަޑު މީގެ 6 އަހަރު ކުރިން ތިފަދަ މައްސައެއް ހުށައެޅީމާ މެޑިކަލް ސެޓްފިކެޓްވެސް ހުށަހަޅާ ވެފައި ހުރި އަނިޔާ ފޮޓޯނަގާ 3 4 ގަދިއިރު ވަންދެން ޕޮލިހުގައި އިދެ ބަޔާންދީ ހެދީމަ 1 އަހަރުފަހުން ގުޅާފަ އެހީ އެކަމާ ދައުވާ ކުރަންބޭނުންހޭ. ވަރަށް އުންދަގޫ އެތަނަށް ދިޔައިމަ ޓްރީޓް ކުރަނީ ކުއްވެރިއެއް ގޮތައް ބުނާކަހަލަ މިތަނަށް އައީ ކީއްކުރަންހޭ އަމިއްލައަށް ހޯދި މީހަކު ފަރާތުން އަނިޔާ ލިބުނީމަ ވަރަށް އިހްތި

The name is already taken The name is available. Register?

އަފުންގެދިޔެ

24 June 2021

އެހެންވީމާ އަސްރާ ދޮގު ހެދީތާ. ދޮގުހެދުމުގެ ދަޢުވާ އަސްރާގެ މައްޗަށް އުފުލެން ޖެހޭނެ؟

The name is already taken The name is available. Register?

ހިޕޮކް ފެމިނިޒަމް

24 June 2021

އަސްރާ: އީސަ އަނިޔާއެއް ނުކުރޭ، ފެމިނިސްޓުން: އުނހު އީސަ އަނިޔާކުރި. ފުލުހުން: އީސަ އަނިޔާކުރިކަމަށް ހެއްކެއް ނެތް، ފެމިނިސްޓުން: އުނހު އީސަ އަނިޔާ ކުރި.

The name is already taken The name is available. Register?

ޖާސިމްބެ

24 June 2021

އަސްރާގެ އާއިލާގައި އެތައް ބައިވަރު ނުފޫޒު ގަދަ ޕަބްލިކް ފިގަރ ތަކެއް. މިއިން މީހަކު އަސްރާގެ ދިފާއުގައި ޕަބްލިކް ގައި އަނގައިން ނުބުނި ހިސާބުން މިއީ ކިހިނެތް ހިނގާފައި އޮތް ކަމެއްކަން ސާފުވެއްޖެ. ގާސިމް ބުނީ ހަމަ ހެޔޮކޮށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454