ކްރިތީ.
24 ޖޫން 2021 - 07:15
ހޮލީވުޑްގެ މަޝްހޫރު ފިލްމު "ކިލް ބިލް" ގެ ހިންދީ ރިމޭކެއް ހަދަން ނިންމާފައިވާ ކަމަށް ވާހަކަ ދެކެވޭތާ ދެ އަހަރު ފަހުން އޭގެ ބަތަލާގެ ރޯލަށް ކްރިތީ ސެނަން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އެކްޓަރު ނިކިލް ދިވެދީ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމުގެ ޑައިރެކްޝަން މިހާރު ވަނީ އަނޫރާގް ކޭޝަޕާ ހަވާލުކޮށްފަ އެވެ. "ކިލް ބިލް" ގެ ހިންދީ ރިމޭކްގެ ބަތަލާގެ ރޯލުން ފެންނާނީ ކްރިތީ ކަމަށް ބުނެފައިވާ އިރު، އެ ފިލްމުގެ ވިލަންގެ ރޯލު ޝާހްރުކް ޚާނަށް ހުށަހެޅި ކަމަށް މީގެ އަހަރެއް ކުރިންގެ މީޑިއާތަކުން ބުނެފައިވެ އެވެ.
"ކިލް ބިލް" ގެ ހިންދީ ރިމޭކްގެ ވާހަކަ އަލުން މީޑިއާތަކުގައި ދެކެވެން ފެށި ނަމަވެސް މިކަމާ ބެހޭ ގޮތުން ނިކިލްގެ އިތުރުން އަނޫރާގް ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް ނޭނގެ އެވެ.
އަނޫރާގް.
"ކިލް ބިލް" ގެ ދެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްއެންޓިން ޓެރަންޓީނޯ އެވެ. އެގޮތުން "ކިލް ބިލް: ވޮލިއުމް 1" 2003 ގައި ގެނެސްދިނުމަށް ފަހު، "ވޮލިއުމް 2" ގެނެސްދިނީ 2004 ގަ އެވެ.
ދެ ފިލްމުގެ ބަތަލާ އަކީ ވެސް އުމާ ތާމަން އެވެ.
"ކިލް ބިލް: ވޮލިއުމް 3" ހަދާނެ ކަމަށް މީގެ ތިން އަހަރު ކުރިން ކަށަވަރުކޮށް ދިން ނަމަވެސް ފަހުން އޭގެ ވާހަކައެއް ނުދެކެވެ އެވެ.
ތާމަންގެ ވަރުގަދަ އެކްޝަން ކެރެކްޓާ ކުޅެން، ކްރިތީ އަށް ލިބުނު ކަމަށް ބުނާ އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ޓައިގާ ޝްރޮފާ އެކު ކުޅެން ހަމަޖެހިފައިވާ "ގަންޕަތު" އަކީ ކުރިއަރަމުން އަންނަ ޒުވާން ބަތަލާގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ ފިލްމެކެވެ.
ކްރިތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ" އާއި "ހަމް ދޯ ހަމާރޭ ދޯ" އާއި "މިމީ" އާއި "އާދިޕުރުޝް" އަދި "ބޭޅިޔާ" ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން، ކާތިކް އާރިޔަނާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލާ އަކީ ވެސް ކްރިތީ އެވެ. އެ ފިލްމަކީ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމޫލޫ" ގެ ރިމޭކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy