ރިޕޯޓް

ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ދާއިރާގެ އިސް މަގާމުތައް ވަގުތުން ބަދަލުވާ ގޮތަށް އެހެން ގައުމުތަކަކު ވެސް ނޯވޭ. އެކަމަކު އާ ބިލުން ރާއްޖޭގައި ގެންނަން އުޅޭ ބަދަލުތަކާ މެދު ބަހުސް ހޫނުވި.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ސަލާމްކުރައްވަނީ. ފޮރިން ސާވިސް ބިލުން އުފެދެނީ މިިނިސްޓަރުގެ ކުޑަ ސަރުކާރެއް ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރައްވާ.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ކޮންމެ އިންތިހާބަކަށް ފަހު އެންމެ އަވަހަަށް މަގާމުތައް ގެއްލޭ މީހުންގެ ތެރޭގައި އެކި ގައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ސަފީރުން ހިމެނެ އެވެ. އެކަމަކު ބައެއް ގައުމުތަކުގައި މިކަން އޮތީ މިހެންނެއް ނޫނެވެ. އެންމެ ކައިރިން މިސާލު ނަގާ ނަމަ އަވަށްޓެރި އިންޑިއާގައި ވެސް، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ދާއިރާގެ އިސް މަގާމުތައް ވަގުތުން ބަދަލެއް ނުވެ އެވެ. އެ މަގާމުތަކަށް ބޭފުޅުން ވަޑައިގެންނެވުމާއި ވަކިވުމަކީ ހަމަ އަސްކަރީ މަގާމުތަކެކޭ އެއްގޮތަށް، ވަކި އުސޫލަކުން، ވަކި މުއްދަތުތަކެއްގައި ހިނގާ ކަމެކެވެ. އެމެރިކާގައި ވެސް ކަން ހިނގަނީ މި މަގުންނެވެ.

އެ ގައުމުތަކުގައި ހާރިޖީ ދާއިރާ ރަނގަޅު އިންތިޒާމަކުން ހިނގަނީ ވަކި ހިދުމަތެއްގެ ގޮތުގައި ފޮރިން ސާވިސް އޮންނާތީ އެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފެށި ފޮރިން ސާވިސް ބިލުގެ ބޭނުމަކީ ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ހާރިޖީ ދާއިރާ ވެސް އެފަދަ ޕްރޮފެޝަނަލް ދާއިރާއަކަށް ހެދުމެވެ.

ބިލުގެ މަގުސަދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ފޮރިން ސާވިސް އަކީ ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމެވެ. ދެވަނަ މަގުސަދެއްގެ ގޮތުގައި އޮތީ އެ ދާއިރާގެ ހިދުމަތްތެރިިންނަކީ އިލްމީ އަދި ތަޖުރިބާކާރު ފަރާތްތަކަށް ހެދުމެވެ.

މި ދެ މަގުސަދު ވެސް ހާސިިލު ވާނީ ހާރިޖީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކޮންމެ އޮއިވަރަކާ އެކު މަގާމު ނުގެއްލޭ ބަޔަކަށްވެ، ކެރިއާ ޑިޕްލޮމޭޓުންގެ ގޮތުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބޭ ބަޔަކަށް ވެގެންނެވެ.

ސިޔާސީ ގޮތުން އަންނަ ބަދަލާ އެކުގައި ފޮރިން ސާވިސްގެ މުވައްްޒަފުންގެ މަގާމު ގެއްލުމުގެ ފުރުސަތު މި ބިލަކުން އެކަަމަކު ހަންޏެއް ނުވެ އެވެ. އެއީ މަގާމުތަކުން މީހުން ވަކިކުރަން ބިލުގައި ހިމަނާފައި ހުރި ގޮތްތަކުގެ ސަބަބުންނެވެ.

ފޮރިން ސާވިސް ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާ ފޮރިން ސެކްރެޓަރީ އައްޔަންކުރުމާއި ވަކިކުރުމަކީ ބިލުގެ 10 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން މިނިސްޓަރުގެ ލަފަޔާ އެކު ރައީސް ނިންމަވާ ނިންމެވުމެކެވެ.

ފޮރިން ސާވިސްގެ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން ވެސް ހިމެނޭ ގޮތުން އެންމެހާ ކަންތައްތައް ނިންމާނީ މި ގާނޫނުގެ ދަށުން ހަދާ ގަަވައިދަކާ އެއްގޮތަށެވެ. އެކަމަކު އެ ކަންތައްތައް ހިންގުމުގައި އެޑްވައިޒަރީ ބޯޑުގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ބިލުގެ 44 ވަަނަ މާއްދާގައި އެބަ އޮތެވެ. އެ ބޯޑަށް މެމްބަރުން އައްޔަންކުރާނީ ބިލުގެ 61 ވަނަ މާއްދާގައި ބުނާ ގޮތުން މިނިސްޓަރެވެ.

މިނިސްޓަރުގެ ބާރު ވަރަށް ގަދަ

ބަހުސްގައި ބައިވެރިވެވަޑައިގަތް އިދިކޮޅު މެމްބަރުންނާއި ބައެއް އާއްމުންގެ ވެސް ކަންބޮޑުވުމަކީ ފޮރިން ސާވިސް އުފެދޭ އިރު، މިނިސްޓަރުގެ ދައުރު ވަރަށް ބޮޑަށް ފުޅާކޮށް އޮތުމެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ފޮރިން ސާވިސް ބިލުގައިވާ ގޮތުން "މުޅިތަން ޑޮމިނޭޓް ކުރައްވާނީ" މިނިސްޓަރެވެ. އެގޮތަށް ދެއްކެވޭނެ ގިނަ ކަންތައްތަކެއް ބިލުގައި އެބަ ހުއްޓެވެ. އޭގެ އެއް ކަމަކީ ފޮރިން ސާވިސް އަށް މީހުން އައްޔަން ކުރުމުގައި މިނިސްޓަރަށް ދީފައިވާ ބާރުވެރިކަމެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މަޖިލީހުގައި ވާހަކަ ދައްކަވަނީ. ފޮރިން ސާވިސް ބިލުން އުފެދެނީ މިިނިސްޓަރުގެ ކުޑަ ސަރުކާރެއް ކަމަށް ބައެއް މެމްބަރުން ތުހުމަތުކުރައްވާ.

ބިލުގައިވާ ގޮތުން ފޮރިން ސާވިސްގެ އެންމެ އިސް މަގާމަކީ ފޮރިން ސެކްރެޓަރީ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. އޭގެ ދަށަށް ދެން ހުރި ހުރިހާ މަގާމަކަށް ބޭފުޅުން އައްޔަންކުރުން އޮތީ މިނިސްޓަރަށް ދޫކޮށްލައިފަ އެވެ.

ބިލުގެ (45) ވަނަ މާއްދާގައިވާ ގޮތުގައި ފޮރިން ސާވިސްގެ މަގާމުތަކުގެ ތެރެއިން ފޮރިން ސެކްރެޓަރީ ފިޔަވައި އެގްޒެކެޓިވް ހުރިހާ މަގާމަކަށް ވެސް މީހުން އައްޔަންކުރާނީ މި ބިލު ގާނޫނަކަށް ވުމަށް ފަހު، އެކުލަވައިލާ ގަވާއިދެއްގެ ދަށުން މިނިސްޓަރެވެ. މަގާމުގެ ކުރިންއެރުން ދެއްވާނީ ވެސް މިނިސްޓަރެވެ. އެކަމުގައި މިނިސްޓަރު ލަފާ ހޯއްދަވަން ޖެހިވަޑައިގަންނަވާނީ އެޑްވައިޒަރީ ބޯޑުންނެވެ. އެކަމަކު އެ ބޯޑަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ވެސް އޮތީ މިނިސްޓަރަށެެވެ.

އާދަމް ޝަރީފު ވިދާޅުވަނީ މިއީ މިނިސްޓަރުގެ "ކުޑަ ސަރުކާރެއް" އެކުލަވައިލުން ކަހަލަ ގޮތެއް ކަަމަށެވެ.

"މިހާރު މިއޮތް ގޮތަށް އޮންނަ އިރު، އިއްޒަތްތެރި ރައީސް، އަޅުގަނޑަށް ފެންނަނީ ފޮރިން މިނިސްޓްރީއަކީ ވަކި ސަރުކާރެއްގެ ގޮތުގައި،" ބިލުގެ އިބްތިދާއީ ބަހުސްގައި އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު "މިހާރު" އަށް ވިދާޅުވި ގޮތުގައި ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްފިއްޔާ ފޮރިން ސާވިސް ވަރަށް ބޮޑަށް ސިޔާސީ ވާނެ އެވެ. ރާއްޖޭގެ ފޮރިން ޕޮލިސީ ވަކި އަތަކަށް ބުރަވުން ވެސް މީގެ ސަބަބުން އިތުރަށް ވާނީ ބޮޑެެވެ.

"ހުރިހާ މުވައްޒަފުން ފޮރިން ސާވިސް މުވައްޒަފުންނަށް ހެދުމަކީ ފޮރިން މިނިސްޓްރީއަކީ ވަކި ސަރުކާރެއް ކަމަށް ހެދުން. ރާއްޖެއަށް ފެތޭ ގޮތަކަށް ވާނީ ސިވިލް ސާވިސް މުވައްޒަފުން ވެސް ހިމެނޭ މޮޑެލްއެއް،" އޭނާ އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއީ އެކަމުގެ އަޑީގައި ފޮރުވިފައިވާ އެހެން މަގުސަދެއް އޮވެގެން ބިލުގައި ހިމަނާފައިވާ ގޮތެކެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވީ އެކަން އެހެން އޮވެގެން ނުވާނެ ކަމަށާއި ފޮރިން ސާވިސްގައި "ޗެކް އެންޑް ބެލެންސް" އޮންނަންވާނެ ކަމަށެވެ.

"މި ސާވިސް ވަކިވާއިރުގައި ކިތަންމެ ގާބިލު، ކިތަންމެ އިތުބާރު ކުރެވޭ ބޭފުޅެއްގެ ބެލުމުގެ ދަށުގައި އޮތް ކަމަށް ވިޔަސް މިއީ މުސްތަގުބަލަށް ހެދޭ ގާނޫނެއް. ގާނޫނުގައި ޗެކްސް އެންޑް ބެލެންސް ގާއިމްކުރެވެން ވާނެ،" ޝަރީފު ވިދާޅުވި އެވެ.

އެގޮތުން ގެންނަން ޖެހޭ އެއް ބަދަލަކީ އޭނާ ވިދާޅުވި ގޮތުގައި ފޮރިން ސެކްރެޓަރީ އަކީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސް އައްޔަން ކުރައްވާ ބޭފުޅެއް ކަމަށް އޮތުމުގެ ބަދަލުގައި އެއީ މަޖިލީހުގެ ބަހެއް އޮވެގެން އައްޔަންކުރާ މަގާމަކަށް ހެދުމެވެ. އޭގެ އިތުރުން އިދާރީ ހިންގުމުގެ ވެރިއެއްގެ ގޮތުގައި އެހެން މަގާމެއް އުފައްދައި އެއީ ވެސް މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކު ހުންނަވާ މަގާމަކަށް ހަދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން ސާވިސް ހިންގުމުގައި ރައީސަށާއި މިނިސްޓަރަށް ލަފާ ދެއްވާ ބޭފުޅެއްގެ ގޮތުގައި އިންސްޕެކްޓާ ޖެނެރަލް އޮފް ފޮރިން ސާވިސްގެ މަގާމު ވެސް އުފައްދަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މި ކަންކަން ނެތިއެއް އަޅުގަނޑުމެން ހާސިލުކުރަން މި އުޅޭ މަގުސަދު ހާސިލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ފޮރިން ސާވިސް ބިލް އޭނާއަށް ސިފަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ހެޔޮވަރުކޮށް ފައްސަވާ ކޯޓެއްގެ ގޮތުގައި ކަމަށެވެ. ބިލުގެ މަގުސަދަކީ ފޮރިން ސާވިސް، ސިޔާސީ ނުފޫޒުން ސަލާމަތްކުރުން ކަމަށް ވިޔަސް ބިލު އޮތް ގޮތުން އެ މަގުސަދު ހާސިލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ބިލު އޮތީ ފޮރިން މިނިސްޓަރާއި ފޮރިން ސެކްރެޓަރީގެ ނުފޫޒު ފޮރިން ސާވިސްގެ މުވައްޒަަފުންނަށް ވަރަށް ބޮޑަށް ފޯރާ ގޮތަށް ކަމަށެވެ. ފޮރިން ސާވިސްގެ ކަންތައްތައް ބަލަހައްޓާ އެގްޒެކެޓިވް ބޯޑަށް މެމްބަރުން ލައްވާނީ ފޮރިން މިނިސްޓަރު ކަމަށް ބިލުގައި އެބަ އޮތެވެ.

އިދިކޮޅުގެ ތުހުމަތު އަމާޒުވާ މާއްދާއެއް

ބިލުގެ ހަތަރުވަނަ މާއްދާގެ (ހ) އޮތް ގޮތުން އެއީ ރާއްޖޭގެ މަސްލަހަތުގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކުގެ މަސްލަހަތު ގާނޫނެއްގެ ތެރެއަށް ވައްދަން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ. ބިލަށް ބަހުސް ކުރި ފުރަތަމަ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްްމަދު ސައީދު ކުރެއްވީ އެ ތުހުމަތެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި ބިލުގެ ހަތަރު ވަނަ މާއްދާ އެގޮތަށް ލިޔެފައި އެއޮތީ އަވަށްޓެރި ގައުމަކަށް ފަހިކޮށްދިނުމަށެވެ. ނުސީދާ ގޮތެއްގައި އޭނާ ތުހުމަތު ކުރެއްވީ އިންޑިއާއަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އަަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިގުލާލު ގެއްލޭ ފަދަ ބައެއް ކަހަލަ އެގްރިމެންޓްތަކަށް ދާތަން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ގާނޫނުއަސާސީގެ ތިން ވަނަ މާއްދާއިން ލިބޭ ޖާގަ ބޭނުންކޮށްގެން، ބޭރު ބަޔަކަށް ރާއްޖޭގެ ސަރަހައްދުތަކެއްގެ ކޮންޓްރޯލް ދޫކޮށްލަން ކަމަށެވެ. އެގޮތުން މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ ހަނިމާދު އާއި އައްޑޫގެ ކޮންޓްރޯލް ބޭރު ބަޔަކަށް ދޭން ފުރުސަތު ލިބޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި ބިިލު ވަކިގޮތަކަށް ތަޅުމުން ފާސްވެއްޖެ ނަމަ އަޅުގަނޑުމެންނަށް މާދަމާ ފެންނާނީ ހަނިމާދުއާ ހިސާބުން އެކޮޅު އެއީ ވަކި ސަރަހައްދެއްގެ ގޮތުގައި. އައްޑުއާ ހިސާބުން ވަކި ސަރަހަައްދެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ވަޒީފާގެ ރައްކާތެރިކަން ކުޑަ

ފޮރިން ސާވިސް ބިލް މިހާރު އޮތް ގޮތުން އެ ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި މިނިސްޓަރުގެ ބާރު ވަރަށް ގަދަ އެވެ. ބިލުގެ 46 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ފޮރިން ސެކްރެޓަރީ ފިޔަވައި އެހެން މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދޭނީ އެގްޒެކެޓިވް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރެވެ.

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ކަންބޮޑުވުން ފާޅުކުރެއްވީ، ބެލެވޭ ގޮތުގައި މި މާއްދާއާ މެދުގަ އެވެ. އެކަމަކު އޭނާ ސީދާ އެހެން ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ މެރިޓް ބޭސްކޮށް ކުރިއެރުން ދޭ އުސޫލެއް ނެތުމުން މިހާރު ވެސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ހިދުމަތް ފުރިހަމައަށް ނުހޯދޭ ކަމަށެވެ.

"މެރިޓް ބޭސްކޮށް ވަޒީފާގެ ބަޔާން އޮވެގެން، އެންމެންގެ ބޭނުން ދައުލަތަށާއި މި ގައުމަށް ލިބޭނެ ގޮތަކަށް މި ގާނޫނު ފުރިހަަމަކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

މަގާމުގެ ކުރިއެރުން ލިބުން ވެސް އޮންނަން ޖެހޭނީ ހޯދާ ކާމިޔާބީގެ މައްޗަށް ބިނާވާ ގޮތަކަށް ކަމަށް ކަނޑައަޅައި މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ލިބޭނެ ގޮތަަކަށް ބިލު އިސްލާހުކުރުމަކީ ވެސް ޝަަރީފު ވިދާޅުވި ގޮތުގައި ކުރަންޖެހޭ ކަމެކެވެ. މަގާމުގައި ހައްގުވާ ކުރިއެރުން ލިބޭނެ ނިޒާމެއް އެގޮތުން ގާއިމުވާން ޖެހެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ފޮރިން ސާވިސް އޮފިސަރުން މަގާމަކަށް އައްޔަން ކުރަނީ ތިން އަހަރު ދުވަހަށް ކަމަށް އޮވެފައި މި ބިލު ގާނޫނަކަށް ވާއިރު ތިއްބަވާ އޮފިސަރުންގެ މަގާމު ވެސް ތިން އަހަރު ވެފައިވާ ނަމަ މުއްދަތު ހަމަވާ ގޮތަށް އޮތުމަކީ ނުރުހޭ ގިނަ ބަަޔަކު އަނބުރާ ގެންނަން ކޮށްފައިވާ ކަމެއް ކަމަށެވެ.

"އެކި ތަންތަނަށް ޑިޕްލޯއިކޮށްފައި އެބަތިބި އެހާ ބައިތިއްބަން ބޭނުން ނުވާ ބަޔަކު. މި ބިލުން ކުރަން އެ އުޅޭ ކަމަކީ ވަކިވަކި ޑިޕްލޮމޭޓުން އަންނަން އެންގުމުގެ ބަދަލުގައި ކްރައިޓީރިއާކަަށް ފައްތާލާފައި މި އެންމެން ގެނައުން،" ޝިޔާމް ވިދާޅުވި އެވެ.

އެކަމަކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އޭނާ އަަށް ބިލު ފެންނަނީ ވެރިއަކަށް ވަޑައިގަަންނަވާ ބޭފުޅަކު ހިތަށް އަރާހާ ގޮތަކަށް ކަންތައް ނުކުރެވޭނެ ތަރުތީބެއް ރާވާލާފައިވާ ބިލެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ހާރިޖީ ސިޔާސަތު މުޅިން އެހެން މިސްރާބަކަށް ބަދަލުނުވެ އޮންނާނެ އިންތިޒާމެއް ހަމަޖައްސާ ބިލެއް ކަމަށެވެ.

"ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އަޅުގަނޑުމެންގެ ސަފީރުންތައް ކަނޑާލައި، އެކިއެކި ތަންތަނަށް ލައި، ފޮރިން ސާވިސް އޮފިސަރުން، އަޅުގަނޑުމެންގެ ދައުލަތުން ތައްޔާރުކުރި، އެތައް ހަރަދެއް ކޮށްގެން އަޅުގަނޑުމެން އެހިސާބަށް ގެންދިޔަ އެތައް ބައެއް، ފޮރިން ސާވިސް އޮފިސަރުންތަކެއް ކަނޑާލައި، ސިޔާސީ ބައެއްގެ އަތްމައްޗަށް ކޮންމެ ފަހަރަކު ސަރުކާރެއް ބަދަލުވާ ފަހަރަކު ހާރިޖީ ސިޔާސަތު މުޅިން އެހެން ދިމާލަކަށް ދިއުން ހުއްޓުވުމަށް، މި ބިލުން އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑު ބާރެއް އެބަ އަޅާ،" ޝިޔާމް ވިދާާޅުވި އެވެ.

ފޮރިން ސާވިސް ބިލު އަދި އޮތީ ކޮމިޓީ މަރުހަލާގައި ކަމަށް ވުމުން، އެ ބިލަށް ބޮޑެތި ބަދަލުތައް ގެނައުމުގެ ފުރުސަތު އޮންނާނެ އެވެ. މީގެ ކުރިން އަމަލުކުރަމުން އައިި ގޮތަށް ބަލާއިރު، ކޮމިޓީން ބިލު ދިރާސާކުރާ އިރު ފޮރިން ސާވިސް ދާއިރާގެ މާހިރުންނާއި ކަމާ ބެހޭ އެކި އެކި މުއައްސަސާތަކުގެ ލަފާ މަޖިލީހުން ހޯދާނެ އެވެ. އެހެންވީމާ ބިލު ގާނޫނަކަށް ވާއިރު އޮންނާނީ ކަންބޮޑުވުންތަކަށް އިޖާބަ ދެވި، "މިނިސްޓަރުގެ ކުޑަ ސަރުކާރެއް" ނުއުފެދޭނެ ގޮތަކަށް ކަމަށް އުއްމީދު ކުރެވިދާނެ އެވެ.

އެކަމަކު ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ގިނަ މެމްބަރުން ފޮރިން ސާވިސް ބިލަށް ވަރަށް ތައުރީފު ކުރެއްވި އެވެ. އެއާ އެކުގައި މިނިސްޓަރަށް ވެސް އިންތިހާ އަށް ތައުރީފުގެ ބަސްތައް އެ މެމްބަރުން އޮއްސައިލެއްވި އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހަށް ފޮރިން ސާވިސްގެ ބިލު ފޮނުވާފައި މިއޮތީ ރާއްޖޭގެ ހާރިޖީ ގުޅުންތައް އޭގެ އެންމެ އުހަށް ގޮސްފައިވާ ވަގުތުގައި ކަމަށެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އދ.ގެ ރިޔާސަތު މިހާރު ބަލަހައްޓަނީ ރާއްޖޭން ކަމަށް ވުމަކީ އޭގެ ހެއްކެއް ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ރައީސުލްޗިލޖުމްހޫރިއްޔާގެ ހިކުމަތު އަމަލާއި މިނިސްޓަރު ޝާހިދުގެ މިންނެތް މަަސައްކަތްޕުޅުކަން އަޅުގަނޑު އެއްވެސް ޝައްކެއް ނެތި ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

15 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެލެވެނީ

04 July 2021

ސިޔާސީ މީހުން އަބަދުވެސް ކަންކުރާނީ އެމީހުންގެ ސިޔާސީ ބާރު ވަރުގަދަކޮށް ދަމަހައްޓަން. ބަޔަކު މިހާރު ތިބި މަގާމުތައް ވެރިކަން ބަދަލުވުމުން ނުގެއްލޭނެ ގޮތް ހަދަން އުޅުން ތީގެ މަގްސަދަކަށްވެދާނެ. ވެރިކަން ބަދަލުވާއިރު އާ ވެރިކަމާއެކު ފޮރިން މިނިސްޓަރު ބަދަލުވާނެއިރު މާ ބޮޑަށްވެސް ތިޔަ ސާރވިސް ދެން ސިޔާސީވާނެ. ލިބިފަ އޮތް ބާރުތަކެއް ނާޖާއިޒްގޮތުގައި ދަމަހައްޓަން ތި އުޅެނީ. އަދި އެބަޔަކު ދެމިތިބެގެން އެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން ތިއުޅެނީ.

The name is already taken The name is available. Register?

ވަންނަވާ

03 July 2021

ދިވެހިންގެ ދޫ ބަންދުކޮއްފަ ދިވެހިންގެ ބާރު ކަޑުވާލާފަ 2 ސަރުކާރެއް ހަދަނީތަ؟

The name is already taken The name is available. Register?

މަޑަވެލި

03 July 2021

ދަމާކަޑާ ސަރުކާރު ރައްޔިތުންނަ އޮޅުވާލަފާ ވެރިކަމައް އެރީ.

The name is already taken The name is available. Register?

މަޖިލިސް

03 July 2021

އިންޑިއާ އައުޓް! އިންޑިއާ އައުޓް! އިންޑިއާ އައުޓް! އިންޑިއާ އައުޓް! އިންޑިއާ އައުޓް!

The name is already taken The name is available. Register?

އުދުހޭ

03 July 2021

އެހެންވީމާ އެމީހުން އެދަނީ މާލްދި-ޕޫރަމުގެ މައިސަރުކާރުގެ ދަށައްދޯ؟ އެހެން މުއައްޒަފުންގެ ކަންކަން ބަލަހައްޓާނީ ސްޓޭޓް ސަރުކާރުންދޯ؟

The name is already taken The name is available. Register?

ބަައިރޯ

03 July 2021

ނަހަދާނެ ކަމެއްނެތް ބާރުއޮތް އިރު ހެދިއެއްޗެއް!

The name is already taken The name is available. Register?

ޗާންސެލަރު

03 July 2021

ކޮވިޑް ގެ ދަތި ހާލަތުގައި މި ފަދަ ބޭކާރު ޚަރަދުތައް ހުއްޓާލަނީ ޖެހޭ. މިކަން އަދި 5 އަހަރަށް ދަސްކޮށްލުން ރަނގަޅީ.

The name is already taken The name is available. Register?

ސަސި

03 July 2021

ހެޔޮ ނުވާނެ މިހާރު މިހިރަ ފޮރިންމިނިސްޓަރަށް ތިކަހަލަ ބާރުދޭން. އަމިއްލަ ފައިދާއަށް މި ގައުމު އެއްކޮށް އިންޑިއާށް ދޭންވެސް މީނަ ފަހަކަށް ނުޖެހޭނެ

The name is already taken The name is available. Register?

ބިލް

03 July 2021

ޕްރޮފެޝަނަލް މައި ފުޓް! ޕްރޮފެޝަނަލް އަކީ ބިލެއްގައި ލިޔެވޭ މާއްދާ އަކުން ވާ އެއްޗެއް ނޫން! އެއީ އެތައް އަހަރެއްގެ ކިޔެވުމާ، ޓްރޭނިން އަދި ތަޖުރިބާ އިން ޙާޞިލްވާ ކަމެއް! ސަރުކާރު ބަދަލުވެއްޖެ ނަމަ ހުރިހާ ނަން ކެރިއަރ ސިޔާސީ މުވައްޒަފުން އިސްތިޢުފާ ދޭން ޖެހޭ ގޮތަށް ބިލް އޮންނަންވާނީ! ބިލް އޮތީ މެމްބަރުންގެ މަސްލަޙަތު ހިމާޔަތް ކުރަން!

The name is already taken The name is available. Register?

ބިލް

03 July 2021

ދިސް ބިލް އިޒް ޑެޑް އޮން އަރައިވަލް! މިވަގުތު ފޮރިން ސާރވިސްގައި ތިބި ކެރިއަރ ޑިޕްލޮނެޓުން ތިބީ މިނިސްޓްރީގައި ތާށިވެފައި ކެރިއަރ ގެ ކުރިއެރުމަށް ބޭނުންވާ ފޮރިން ސަރވިސް ޕޯސްޓިން ފުރުޞަތު ނުލިބިފައި! ދިވެހި އެމްބަސީތަކުގައި ތިބި %90 މުވައްޒަފުންނަކީ ދުވަހަކު ފޮރިން މިނިސްޓްރީގައި މަސައްކަތްކޮށްފައި ނުވާ ސިޔާސީ އެކްޓިވިސްޓިންނާއި މަޖިލިސް މެމްބަރުންގެ ދަރިން! ބިލް މިހާރުވެސް އޮތީ ސަރުކާރު ބަދަލުވިޔަސް މި ސިޔާސީ މީހުންތައް ދާއިމީ ކުރާ ގޮތަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454