ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނަނީ ފުންނާބު އުސްކުރި ފައިވާނާއި ބޫޓަކީ، އެ ގައުމުގެ އަސްކަރީ ރަސްމީ ޔުނީފޯމްގެ ބައެއް ކަމަށް، ނަމަވެސް، ގިނަ ބަޔަކު ދެކެނީ އެއީ އަންހެނުންނާ މެދު ތަފާތު ކުރުމެއް ކަމަށް
ޔޫކްރެއިންގެ އަންހެން ސިފައިން ހައިހީލްގައި
04 ޖުލައި 2021 - 13:23
ޔޫކްރޭންގެ އަންހެން ސިފައިން އަސްކަރީ ބޫޓުގެ ބަދަލުގައި، އަންހެނުންނަށް ހާއްސަ، ފުންނާބު އުސް ބޫޓުގައި ބޭންޖެހުމުގައި ބައިވެރިކުރަން އެ ގައުމުގެ އަސްކަރިއްޔާ އިން ނިންމުމާ ގުޅިގެން، އެކަމާ ދެކޮޅަށް އެ ގައުމުގައި އަޑުއުފުލަން ފަށައިފި އެވެ.
ޔޫކްރޭންގެ އަސްކަރިއްޔާ މިދުވަސްކޮޅު ވަރަށް ގިނަ ހަރަކާތްތަކަކާ އެކު ތައްޔާރުވަމުން އަންނަނީ، ސޮވިއެޓް ޔޫނިއަން ރޫޅުމާ ވިދިގެން، ޔޫކްރޭނަށް މިނިވަންކަން ލިބުނުތާ 30 އަހަރު ފުރުން ފާހަކުރުމަށެވެ. ޔޫކްރޭންގެ މިނިވަންކަމަށް 30 އަހަރު ފުރޭނީ، އޮގަސްޓް 24 ވަނަ ދުވަހު އެވެ. އެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެންމެ ހާއްސަ އެއް ކަމަކީ، އަސްކަރިއްޔާގެ ހުރިހާ ޔުނިޓްތައް ބައިވެރިވާ ބޭންޖެހުމެވެ.
ޔޫކްރޭންގެ އަސްކރިއްޔާ އިން ބުނި ގޮތުގައި ފުންނާބު އުސްކުރި ފައިވާނާއި ބޫޓަކީ، އެ ގައުމުގެ އަސްކަރީ ރަސްމީ ޔުނީފޯމްގެ ބައެކެވެ. ނަމަވެސް، ގިނަ ބަޔަކު ދެކެނީ އެއީ އަންހެނުންނާ މެދު ތަފާތު ކުރުމެއް ކަމަށާއި، އަންހެނުންނަށް ފުރައްސާރަ ކުރުމެއް ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީގެ މެމްބަރެއް ކަމަށްވާ އިރީނާ ގެރަޝެންކޯ ވިދާޅުވި ގޮތުގައި އެއީ ދެ ޖިންސު ހަމަހަމަ ކުރުމުގެ އަމަލެއް ނޫނެވެ. އެއީ ޖިންސީ ތަފާތު ކުރުމުގެ އަމަލެއް ކަމަށާއި، ފުންނާބު އުސް ފައިވާނުގައި ބޭންޖެހުމުގެ ކަންތަކަކީ އަންހެނުންނަށް މަލާމާތް ކުރުމުގެ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަސްކަރިއްޔާގެ މި ނިންމުމަށް އެ ގައުމުގެ ގާނޫނީ ވަކީލުންގެ ބޮޑު ގުރޫޕަކުން ވެސް މިހާރު ވަނީ، ދިފާއީ ވަޒީރު އެންޑްރީ ޓަރާން މައާފަށް އެދިވަޑައިގެން، އެ ނިންމުން އަނބުރާ ގެންދެވުމަށް ގޮވާލައިފަ އެވެ.
"އަސްކަރީ ބޭންޖެހުމަކީ، އެއިން އަސްކަރިއްޔާގެ ހައިބަތާއި ޝަރަފުވެރިކަން ދައްކައިދޭ ކަމަކަށް ވާންޖެހޭނެ. އެކަމަކު މިހާރު ކުރަން އެއުޅޭ ކަމަކީ، މިނިވަން ދުވަހުގެ ރަސްމިއްޔާތު ބަލަން ސިޑި ބަރީގައި ތިބޭ، ސީނިއާ އޮފިސަރުންގެ ޖަޒުބާތުތަކާ ގުޅެލުމަށް ކުރާ ކަމެއް،" އަސްކަރިއްޔާ އިން މުސްކުޅިކޮށްފައިވާ އޮފިސަރެއް ކަމަށްވާ މާރިއާ ބެރެލިންސްކާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy