ދުނިޔެ / އިންޑިއާގެ ރޭޕްގެ މައްސަލަތައް

އަންހެން ކުއްޖާ ރޭޕްކޮށް މަރާލައި އަންދާލި މައްސަލަ ހޫނުވަނީ

05 އޯގަސްޓް 2021 - 12:54

ނިއު ދިއްލީ (އޮގަސްޓް 5) - އިންޑިއާގެ ޑާލިޓް ކޮމިޔުނިޓީގެ، އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައި، އާއިލާގެ ނުރުހުމުގައި އެ ކުއްޖާގެ ހަށިގަނޑު އަންދައިލި މައްސަލައިގައި، އިންޑިއާގެ އާންމުންގެ މެދުގައި ނުރުހުމާއި ދެކޮޅުވެރިކަން އިތުރުވާން ފަށައިފި އެވެ.

ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ ފަގީރު އާއިލާއެއްގެ މި އަންހެން ކުއްޖާގެ އާއިލާ އިން ބުނާ ގޮތުގައި އެ ކުއްޖާ ރޭޕްކުރީ އެ ސަރަހައްދުގައި ގަބުރު އަންދާ ތަނެއްގައި ހުންނަ ފައްޅިއެއްގެ ފާދިރީއަކާއި އެ ފާދިރީގެ އެކުވެރިންނެވެ. މި މައްސަލައާ ގުޅިގެން، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ އަދަދު ދުވަހަށް އަންނަނީ އިތުރު ވަމުންނެވެ.

މިހާރު ކުރަމުން އަންނަ މުޒާހަރާގައި، އަންހެން ކުއްޖާގެ އާއިލާގެ އިތުރުން ޑާލިޓް ކޮމިޔުނިޓީގެ މީހުންނާއި، ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން ބައިވެރިވެ، މަގުތަކުގައި އިށީނދެ ތިބެ، އެ ކުއްޖާގެ އާއިލާ އަށް އިންސާފު ހޯދައިދިނުމަށް އަންނަނީ ގޮވާލަމުންނެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އަންހެން ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ގެއިން ނުކުތީ، މީހުން އަންދާ ތަނުގައި ހުންނަ ފެން ކޫލަރަކުން ބޯފެން ބަލަ އެވެ.

"އޭރު ދަރިފުޅުގެ ބައްޕަ ވީ ތަރުކާރީ ގަންނަން ބާޒާރަށް ގޮސް. ގަޑިއެއްގެ އިރު ފާއިތުވެގެން ދިޔައިރު ވެސް، ދަރިފުޅު އެނބުރި ގެއަށް ނައުމުން އަހަރެން ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވި. އެހެންވެ އަހަރެން އަވަސް އަވަހަށް އެތަނަށް ގޮސް، އަހަރެންގެ ދަރިފުޅު ކޮބައިތޯ ފާދިރީ ގާތުގައި ސުވާލުކުރީމާ، ފާދިރީ މިބުނީ ކަލޭގެ ދަރިފުޅު އެ އޮތީ މަރުވެފައޭ،" އަންހެން ކުއްޖާގެ މަންމަ ބުންޏެވެ.

"އަހަންނަން ލިބުނީ ޝޮކެއް. އަހަރެން އެހިން ކިހިނެއްހޭ އަހަރެންގެ ދަރިފުޅު މަރުވީ. އަހަރެން ބުނިން، ދަރިފުޅުގެ ހަށިގަނޑު ހޮސްޕިޓަލަށާއި ޕޮލިހަށް ގެންދަން ބޭނުމޭ. އެކަމަކު އޭނާ އެ ކަމަށް ދެކޮޅު ހަދާފައި ބުނީ، އެކަން ނުކުރާށޭ، ތިމަންނާ ފައިސާ ދީފައި، ތި މައްސަލަ ހައްލު ކުރާނަމޭ. އަދި ތި މައްސަލައިގައި ކަމެއް ނުކުރެވޭނެޔޭ ވެސް ފާދިރީ ބުނި."

އަންހެން ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ރޭޕްކުރި ރާދޭ ޝަޔަމް ކިޔާ، އުމުރުން 55 އަހަރުގެ ފާދިރީ ބުނި ގޮތުގައި އޭނާގެ ދަރިފުޅު މަރުވީ ބަނޑިޔަލަށް ފެން ފުރަން ހުއްޓައި ކަރަންޓުގައި ޖެހިގެންނެވެ.

"އެކަމަކު އަހަންނަށް ގަބޫލުކުރެވުނީ ފާދިރީ އެ ހަދަނީ ދޮގު ކަމަށް. އަހަރެން ބެލި އިރު ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތް، ފުރާނައެއް ނެތް. ދަރިފުޅުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ކޫރު އެޅި ހަން މަށައިގެން ގޮސްފައި ހުރި. ހެދުން އޮތީ ތެމިފައި. ދެން އަހަރެން އެތަނުގައި ހުއްޓައި ފާދިރީ އާއި އޭނާގެ ބައިވެރިން، މީހުން އަންދާ ތަނުގެ ދޮރު އެތެރެއިން ތަޅުލައި، ދަރިފުޅުގެ ހަށިގަނޑުގައި ހުޅުޖަހައި ރޯކޮށްލީ އަހަރެންގެ ކުރިމަތީގައި."

މި ހާދިސާގެ ހަބަރު ލިބުމާ ގުޅިގެން އަންހެން ދަރިފުޅުގެ ބައްޕަ އާއި އެ އަވަށުގެ ގިނަ ބަޔަކު، މީހުން އަންދާ ތަނަށް ގޮސް، އެ ތަނުގައި ހުރި ފާދިރީ އާއި އޭނާގެ ތިން އެކުވެރިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރީ އެވެ. އިންޑިއާގެ ބައެއް މީޑިއާތައް ބުނާ ގޮތުގައި އެ ހަތަރު މީހުން ވެސް މިހާރު ވަނީ، އެ ކުއްޖާ ރޭޕްކުރި ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ.

މި މައްސަލައާ ގުޅިގެން އާދީއްތަ ދުވަހުން ފެށިގެން ނިއު ދިއްލީގައި ކުރަމުން އަންނަ މުޒާހަރާގެ ބައިވެރިން، ސަރުކާރަށް ގޮވާލަމުން އަންނަނީ މި ނުބައި ޖަރީމާ ހިންގި މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ.

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 37%
icon angry icon angry 58%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454