ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކުރި ޓަވަރުތައް؛ މިތަންތަން ލިބުނު 6720 މީހުންގެ ތެރެއިން 350 އެއްހާ މީހުން ވަނީ ފްލެޓް ދޫކޮށްލައި "ވިނަރެސް" ފްލެޓަށް ބަދަލުވުމަށް އެދިފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އޯގަސްޓް 2021 - 10:45
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރުތަކަށް ދާއިމީކޮށް ކަރަންޓު ދޭން މިއަދު ފަށާފައިވާ ކަމަށާއި ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދެމުން ގެންދާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ، 6،000 އަށް ވުރެ ގިނަ ފްލެޓް ހިމެނޭ ޓަވަރުތަކަށް ކަރަންޓު ދިނުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދު އެންމެ ފުރަތަމަ ކަރަންޓު ދޭން ނިންމާފައި ވަނީ އެޗް16 އާއި އެޗް15 ޓަވަރަށެވެ.
އެޗްޑީސީން ބުނީ މި ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ މީހުންގެ ފޯނުތަކަށް ސްޓެލްކޯ އިން އެސްއެމްއެސްއެއް ފޮނުވާނެ ކަމަށާއި އެ މެސެޖު ލިބުމުން ކަރަންޓުލުމަށްޓަކައި، ސްޓެލްކޯއާ އެކު ސޮއިކޮށްފައިވާ މީހުން، ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕް ހިފައިގެން އެ ޓަވަރަކަށް ދިއުމުން ކަރަންޓު ދޭނެ ކަމަށެވެ.
މި އެސްއެމްއެސް ލިބުމަށް ފަހު، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ މީހުންނަށް ހާޒިރު ނުވެވިއްޖެ ނަމަ، އެ މީހަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިންމުމަށް ފަހު ކަމަށް އެޗްޑީސީން ބުނެ އެވެ.
"ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު، މި ކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނަން،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކަރަންޓު ދޭން ފެށުމާ އެކު، ފްލެޓަށް ބަދަލުވާ މީހުން މުދާ އުފުލުމުގައި އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ވެސް އާންމުކޮށްފަ އެވެ.
ޓަވަރުތަކުގައި ބަހައްޓާފައިވާ ލިފްޓްތަކުގެ ތެރެއިން 16 އެޕާޓްމަންޓެއްގެ ޓަވަރެއްގައިވާ ތިން ލިފްޓުން ދެ ލިފްޓް އަދި 20 އެޕާޓްމަންޓުގެ ޓަވަރުގައިވާ ހަތަރު ލިފްޓުން ތިން ލިފްޓް ތަކެތި އުފުލުމަށް ބޭނުން ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ޓަވަރުތަކުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތަކަށް ބެލުމަށް ފަހު، އެ ކުންފުނީގެ މުވައްޒަފުން މިކަމާ ގުޅޭ އިރުޝާދުތައް ދެމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި 25 ބުރީގެ 16 ޓަވަރުގައި 6،720 ފްލެޓް ހުރެ އެވެ. ފްލެޓް ލިބުނު މީހުންނާ އެކު މަދާމާ އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރަތަމަ ބުރު ނިންމުމަށް އެޗްޑީސީން ވަނީ އަމާޒު ހިފައިފަ އެވެ.
ބޮކި، ފަންކާ، އަދި ތަށިމުށި ވެސް ނުޖަހައި ހަވާލުކުރާ މި ފްލެޓްތައް ނިންމުމަށް ކުރިން ދޭން ނިންމީ ތިން މަސް ނަމަވެސް މިހާރު ނިންމާފައި ވަނީ ހަތަރު މަސް ދުވަސް ދިނުމަށެވެ. އެގޮތަށް ނިންމާފައިވުމުން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފްލެޓުން އެއްވެސް ކުއްޔެއް އަދި ފީއެއް ވެސް ނުނަގާނެ އެވެ. މި ތަންތަނުގެ މަހު ކުއްޔާއި ސާވިސް ފީއަކަށް މަހަކު 8،500ރ. ނަގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ފްލެޓް ލިބުނު ގިނަ ބަޔަކު ކުލި ކުޑަކޮށްދޭން ގޮވާލައި މުޒާހަރާ ކުރި ނަމަވެސް އެޗްޑީސީން ބުނެފައި ވަނީ ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދެއްކޭނީ މިހާރު ކަނޑައަޅާފައިވާ ވަރަށް ކުލި ނަގައިގެން ކަމަށާއި އެ އަދަދު ދަށްކޮށް ދެވެން ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެމްކޯ 456
17 August 2021
ވެމްކޯ ކުރެން އަހާބަލަ އަނެއްކާ ކުނި ޖެހެނީ ބުރިޖު ކައިރިއަށް ނެރެންތޯ
އެމެރިކާ
17 August 2021
ރައިސް ޔާމިން ދެވަނަަ ދައުރަކައް ހޮވުނު ނަމަ ރައްޖެ ވަރައް ތަރައްގީވީސް އިންޝާﷲ
އިސްލާހު
17 August 2021
5500 އަށް ކުލިހަމަޖެއްސިޔަސް އެޗްޑީސީ އަށް ގެއްލުމެއް ނުވާނެ ކަމަށް މުއިއްޒުވެސް އެވިދާޅުވަނީ ހިސާބުތަކެއް ހަދައިގެން ނެވެ. އެހެންވީމާ މިސަރުކާރުން އަމާޒުހިފާފައި މިހުރީ ނިކަމެތި ރައްޔިތުމީހާ އިނދަޖައްސާލުމަށެވެ.
ރިސްފާން
17 August 2021
މީ އެއްވެސް އުސޫލަކުން ގެންދާ ކަމެއްނޫން..ކުރިން ތަޅުދަނޑި ހަވާލުކުރި މީހުނަށް މުއްދަތު ދިގުވޭ.އަދި ގިނަ ބަޔަކަށް ފްލެޓް ތަޅުދަނޑި ހަވާލު ނުކުރޭ..ތަޅުދަނޑި އަތަށް ލިބުމާއިއެކުވެސް މަސައްކަތް ފެށި މީހުން އުޅޭ..
ޢާދޭސް
17 August 2021
އަޅެ މިހާރު ނޫހުން ބަލާދީބަ ހިޔާ ފްލެޓް ތަކުން ދޫކޮށްލި 250 ފްލެޓް ލިބޭބައެއް އަންގަނީ ކޮންއިރަކުންތޯ؟ އަދި އެފްލެޓްތައް ދޫކުރަނީ މަތިންޕޮއިންޓް ލިބިފަތިބިމީހުންގެ ތަރުތީބުންތޯ؟ -ވަރަށް އާދޭސް-