މުނިފޫހިފިލުވުން / އެކްޓްކުރުން

ކަރީނާގެ އަދިވެސް ބަންސާލީގެ ފިލްމެއް ލިބޭތޯ އިންތިޒާރުގައި

06 ސެޕްޓެމްބަރ 2021 - 07:10

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު ކޮންމެވެސް ދުވަހަކުން މަސައްކަތްކުރުމަކީ ބަތަލާ ކަރީނާ ކަޕޫރްގެ ހުވަފެނެކެވެ. އެކަން އަދި ހަގީގަތަކަށްވެފައި ނެތަސް ބަންސާލީގެ ތިން ފިލްމަކަށް ކަރީނާ ގެންނަން މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ 2002 ގެ "ދޭވްދާސް" އެވެ. ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު އެ ފިލްމުގެ ރޯލަކަށް ކަރީނާ އޮޑިޝަން ވެސް ހެދި އެވެ. އެކަމަކު ފަހުން ބަންސާލީ ވަނީ އެންގުމަކާ ވެސް ނުލައި، ކަރީނާ އަށް ދޭން އުޅުނު ރޯލު އެހެން ބަތަލާއަކަށް ދީފަ އެވެ.

"ދޭވްދާސް" އަކީ ދެ ބަތަލާއިން ހިމެނުނު ފިލްމެކެވެ. އެއީ އައިޝްވާރިއާ ރާއީ އާއި މަދޫރީ ޑިކްސިޓެވެ. މިކަމާ ގުޅިގެން ކަރީނާ ވަރަށް ބޮޑަށް ބަންސާލީއާ ހިތްހަމަނުޖެހިގެން ވެސް އުޅުނެވެ. އެ ވާހަކަ އެ ދުވަސްވަރު ވަރަށް ގަދައަށް މީޑިއާތަކުގައި ދެކެވުނެވެ.

ފިލްމުފެއާ ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ "ދޭވްދާސް" އަށް އޮޑިޝަން ހަދުވާފައި ފިލްމުން ފުރުސަތު ނުދިނުމުން ބަންސާލީ ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށެވެ.

"އެކަމަކު އެކަން މާ ބޮޑުކޮށްލައިގެން ފެތުރީ މީޑިއާތަކުން. ހަގީގަތުގައި އެކަމާ ހެދި އަހަރެމެން ދެ މީހުންގެ ދޭތެރޭގައި ސުލްހަނުވެވޭ ވަރުގެ މައްސަލައެއް އެއްވެސް އިރަކު ނެތް،" ކަރީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަންސާލީ ކަންތައް ކުރި ގޮތުގެ ވާހަކަ ފަހުން އޭނާއާ ދެއްކީ "ދޭވްދާސް" ގައި އައިޝްވާރިއާގެ މަންމަގެ ރޯލު ކުޅުނު ކިރަން ކޭރްގެ ދަރިފުޅު ސިކަންދަރް ކޭރްގެ އުފަން ދުވަހުގެ ޕާޓީއެއްގެ ތެރެއިންނެވެ.

"އޭރު ކިރަން ދިޔައީ ދޭވްދާސްގެ މަސައްކަތްކުރަމުން. އަހަރެން ދަމާފައި ބަންސާލީ ގާތަށް ގެންދިޔައީ ކިރަން. ދެން އަހަރެން ވަރަށް ސީދަލަށް ބުނިން އޮޑިޝަން ބޭކާރުކޮށްލީމާ ވަރަށް ހިތްހަމަނުޖެހުނު ވާހަކަ. އަދި ބަންސާލީ ގާތު ބުނިން ކޮންވެސް ދުވަހަކުން ޖެހޭނޭ ސޯލޯ ބަތަލާއަކަށް އަހަރެން ލައިގެން ހަމް ދިލް ދޭ ޗުކޭ ސަނަމް ކަހަލަ ފިލްމެއް ހަދަން،" އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުންޏެވެ.

ބަންސާލީ.

ކަރީނާ ބުނި ގޮތުގައި "ދޭވްދާސް" އިން ފުރުސަތު ނުދިނުމުން ބަންސާލީ އަކީ ގޯސް ޑައިރެކްޓަރެއް ކަމަށް ބުނެ އެއްވެސް އިރެއްގައި މީޑިއާތަކުގައި ވާހަކަ ދައްކާފައެއް ނުވާނެ އެވެ.

"އެއީ މީޑިއާތަކުން އެރުވި އަޑެއް. އަހަންނަކީ ބަންސާލީ އަށް އަބަދު ވެސް ވަރަށް އިހުތިރާމްކުރާ މީހެއް. އަހަރެން ގަބޫލުކުރަނީ ދޭވްދާސް ކުޅެން އަދި ނުލިބުނަސް ކޮންމެވެސް ދުވަހަކުން ބަންސާލީއާ އެކު މަސައްކަތްކުރެވޭނެ ކަމަށް،" އޭނާ ބުންޏެވެ.

ބަންސާލީ 2015 ގައި ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގާއި ޕްރިޔަންކާ ޗޯޕްރާއާ އެކު ގެނެސްދިން "ބަޖިރާއޯ މަސްތާނީ" އަކީ ކުރިން ކަރީނާ ހިމަނައިގެން ހަދަން އުޅުނު ފިލްމެކެވެ. އެ ފިލްމަށް ބަންސާލީގެ ފުރަތަމަ ހޮވުމަކީ ސަލްމާނާއި އައިޝްވާރިއާގެ އިތުރުން ކަރީނާ އެވެ. އެކަމަކު ބަންސާލީގެ 1999 ގެ ފިލްމު "ހަމް ދިލް ޗުކޭ ސަނަމް" ކުޅުނު ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސަަލްމާނާއި އައިޝްވާރިއާގެ ގުޅުން ވަރަށް ހިތިކޮށް ނިމިގެން ދިއުމުން އެ ދެ ތަރިންނާ އެކު ފިލްމު ހެދޭ ގޮތް ނުވެ، "ބަޖިރާއޯ މަސްތާނީ" 2000 ގެ ކުރީކޮޅު ހުއްޓައިލީ އެވެ.

"އެއީ މީޑިއާތަކުން އެރުވި އަޑެއް. އަހަންނަކީ ބަންސާލީ އަށް އަބަދު ވެސް ވަރަށް އިހުތިރާމްކުރާ މީހެއް. އަހަރެން ގަބޫލުކުރަނީ ދޭވްދާސް ކުޅެން އަދި ނުލިބުނަސް ކޮންމެވެސް ދުވަހަކުން ބަންސާލީއާ އެކު މަސައްކަތްކުރެވޭނެ ކަމަށް."

ކަރީނާ އަށް ލިބުނު ތިން ވަނަ ފިލްމަކީ ބަންސާލީގެ 2013 ގެ "ރާމް-ލީލާ" އެވެ. އެ ފިލްމަށް ކަރީނާ އެއްބަސްވުމަށް ފަހު، ކުއްލި ގޮތަކަށް ފިލްމުން ވަކިވީ އެވެ. ސީދާ ސަބަބެއް މިހާތަނަކަށް ސާފެއް ނުވެ އެވެ. "ރާމް-ލީލާ" ބަންސާލީ ގެނެސްދިނީ ރަންވީރު އާއި ދީޕިކާއާ އެކީގަ އެވެ. މި ދެ ތަރިން 2018 ގައި ކައިވެނިކުރީ އެ ފިލްމުގެ ސެޓުން ފައްކާވި ލޯތްބަށް ފަހު އެވެ. ބަންސާލީގެ އެންމެ ފަހުން ގެނެސްދިން 2018 ގެ "ޕަދުމާވަތު" އަކީ ވެސް އެ ދެ ތަރިން ކުޅުނު ފިލްމެކެވެ.

ބަންސާލީ މިހާރު އަންނަނީ އާލިއާ ބަޓް ހިމަނައިގެން "ގަންގޫބާއީ ކަތިއަވާޅީ" ގެނެސްދޭން ތައްޔާރުވަމުންނެވެ.

ކަރީނާ ބުނެފައިވާ ގޮތުގައި ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ބަންސާލީގެ ފިލްމަކަށް ކުރާ އުންމީދު ދުވަހަކު ވެސް ގެއްލުވައެއް ނުލާނެ އެވެ. އެހެންވެ އެ ދެ މީހުން އެކީގައި މަސައްކަތްކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބެލިދާނެ އެވެ. އެކަމަކު އެއީ ކޮން އިރަކު، ކޮން ފިލްމެއްގައި ކަމެއް ބުނާކަށް ނޭނގެ އެވެ.

"ގަންގޫބާއީ" އިން އަތްދޫކޮށްލުމަށް ފަހު ބަންސާލީ ހަދަން އޮތް ފިލްމަކީ "ބައިޖޫ ބަރްވާ" އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ކާސްޓަށް ބޭނުން ވަނީ ރަންވީރާއި އާލިއާގެ އިތުރުން ދީޕިކާ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454