09 ސެޕްޓެމްބަރ 2021 - 06:53
މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ޑޮކިއުމަންޓަރީއެއް އަންމަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ ނިންމައިފި އެވެ.
އަންނަ މަހުގެ 8 ގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ ޑޮކިއުމަންޓަރީގެ ނަމަކީ "ޖަސްޓިން ބީބާ: އަވަ ވޯލްޑް" އެވެ. މީގެ ޑައިރެކްޓަރަކީ މީގެ ކުރިން ޔޫޓިއުބް އޮރިޖިނަލްސް އަށް ބީބާގެ ޑޮކިއުމަންޓަރީ "ޖަސްޓިން ބީބާ: ސީޒަންސް" އާއި އޭގެ ފޮލޯއަޕް "ނެކްސްޓް ޗެޕްޓަ" ގެނެސްދިން މައިކަލް ޑީ ރަޓްނާ އެވެ.
އާ ޑޮކިއުމަންޓްރީގައި ބީބާގެ މިއުޒިކީ ކެރިއަރުގެ ވާހަކަތަކާއި އޭނާ އާއި އަންހެނުން ހެއިލީ ބޯލްޑްވިންގެ ވާހަކަތައް ވެސް ހިމަނާފައި ވާނެ އެވެ.
އެމެޒޯން ސްޓޫޑިއޯސްގެ ހެޑް ޖެނިފާ ސާލްކީ ވިދާޅުވި ގޮތުގައި ބީބާގެ އާ ޑޮކިއުމަންޓަރީގައި، ކާމިޔާބު މިއުޒިޝަނާ ބެހޭ ވަރަށް ގިނަ ކަންކަން "ރޯކޮށް" ފެންނާނެ އެވެ. އެހެންވެ މިއީ ކުރިން ބީބާއާ ބެހޭ ގޮތުން ނޭނގޭ ވަރަށް ގިނަ ކަންކަން އެނގިގެން ދާނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.
ޑައިރެކްޓަރު މައިކަލް ބުނީ "ޖަސްޓިން ބީބާ: އަވަ ވޯލްޑް" އަކީ އޭނާގެ ހުރިހާ ފޭނުން ކޮންމެހެން ވެސް ބަލާލަން ޖެހޭނެ އެއްޗެއް ކަމަށާއި އޮކްޓޯބަރު 8 އަށް އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދައުވަތުދޭ ކަމަށެވެ.
ކެނެޑާ އަށް ނިސްބަތްވާ ބީބީ އަކީ ވަރަށް ކުޑައިރު މިއުޒިކުން މަޝްހޫރުކަން ހޯދި ފަންނާނެކެވެ. އުމުރުން މިހާރު 27 އަހަރުގެ ފަންނާނު މިހާތަނަށް ހަ އަލްބަމް ނެރެފައިވާ އިރު އެންމެ ފަހުގެ އަލްބަކީ މި އަހަރުގެ މާޗްގައި ނެރުނު "ޖަސްޓިސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy