ދުނިޔެ / ލުބުނާން

ލެބަނަންގެ އާ ސަރުކާރާ މެދު އުންމީދު ބޮޑު

12 ސެޕްޓެމްބަރ 2021 - 12:08

އެއް އަހަރުގެ ސިޔާސީ ހަމަނުޖެހުމާއި އިގްތިސާދީ ހީނަރުކަމަށް ފަހު، މިދިޔަ ހުކުރު ދުވަހު އެކުލަވައިލި އާ ސަރުކާރާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށް، އެ ގައުމުގެ ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރެއް އެކުލަވައިލެއްވުމަށް އައްޔަންކުރެއްވި ބޮޑުވަޒީރު ނަޖީބު މީގާތީ، މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވި ކެބިނެޓްގައި 24 ވަޒީރުން ހިމެނެ އެވެ. އެއީ 12 މުސްލިމުންނާއި 12 ކްރިސްޓިއަނުންނެވެ.

ލެބަނަންގެ ގާނޫނުއަސާސީ ބުނާ ގޮތުން އެ ގައުމުގެ ރައީސްގެ މަގާމުގައި ހުންނެވޭނީ ކްރިސްޓިއަން ދީނުގެ ބޭފުޅަކަށެވެ. ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެވޭނީ ސުންނީ މުސްލިމް ބޭފުޅެކެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވޭނީ ޝީއީ މުސްލިމް ބޭފުޅަކަށެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ލެބަނަންގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ މީގާތަކީ، ލެބަނަންގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ އެވެ. އޭނާގެ މިލްކިއްޔާތުގައި 2.9 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ފޯބްސް މަޖައްލާ އިން އަންދާޒާ ކުރެ އެވެ.

ބޮޑުވަޒީރުގެ ނާއިބަކަށް އައްޔަން ކުރައްވާފައިވަނީ ސައާދާ އައްޝާމީ އެވެ. އޭނާއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ސަރަހައްދީ އޮފީހުގެ މެދުއިރުމަތީގެ ޓެކްނިކަލް އެސިސްޓެންޓުގެ މަގާމު، 2008 އިން 2013 އަށް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އައިއެމްއެފްގެ އެކި މަގާމުތަކުގައި 20 އަހަރު ހޭދަކުރައްވައި އިގްތިސާދީ އަދި މާލީ ދާއިރާ އިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން ޝާމީއަކީ ލެބަނަންގެ ކެޕިޓަލް މާކެޓްސް އޮތޯރިޓީގެ ޗައާމަންގެ މަގާމުގައި ފަސް އަހަރު ހޭދަކުރައްވައި، ލެބަނަންގެ އިގްތިސާދީ މަސްރަހަށް ވެސް ނުހަނު ފަރިތަ ބޭފުޅެކެވެ.

ހާރިޖީ ވަޒީރަކަށް އައްޔަންކުރެއްވި އަބްދުﷲ ބޫ ހަބީބަކީ، ވޯލްޑް ބޭންކުގެ އިގްތިސާދީ ދާއިރާގެ މުޝީރެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. މާލީ ވަޒީރަކަށް އައްޔަން ކުރެއްވި ޔޫސުފް ޚަލީލްއަކީ ލެބަނަންގެ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އޮޕަރޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ބައިނަލްއަގުވާމީ ތަރައްގީގެ ރޮނގުން ޕީއެޗްޑީ ހާސިލް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ.

މީގެ އިތުރުން ވެސް، މީގާތީގެ ކެބިނެޓްގައި ހިމެނުއްވި ގިނަ ބޭފުޅުންނަކީ ހިންގުމުގެ ދާއިރާގަޔާއި މާލީ އަދި އިގްތިސާދީ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އިގްތިސާދީ ގޮތުން ލެބަނަން އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ލެބަނަންގެ މީޑިއާތަކުން ވެސް ބުނެ އެވެ.

ލެބަނަންގައި އާ ސަރުކާރެއް މި އެކުލަވައިލެވުނީ، މިދިޔަ އަހަރުގެ އޮގަސްޓް 4 ވަނަ ދުވަހު، ވެރިރަށް ބައިރޫތުގެ ވިޔަފާރި ބަނދަރުގައި ހިނގި، ކެމިކަލް ގުދަން ގޮވުމުގެ ހާދިސާއާ ގުޅިގެން، އޭރުގެ ބޮޑުވަޒީރު ހަސަން ދިޔާބު މަގާމުން އިސްތިއުފާ ދެއްވިތާ އެއް އަހަރު ފަހުންނެވެ.

މީގާތީގެ އާ ސަރުކާރު އިއުލާން ކުރުމާ ގުޅިގެން، ޑޮލަރާ އަޅައި ބަލާއިރު ލެބަނަން ލީރާގެ އަގު ވަނީ ރަނގަޅު ވާން ފަށައިފަ އެވެ. މިދިޔަ މަސްތަކުގައި، ޑޮލަރުގެ އަގާ އަޅައި ބަލާއިރު ލެބަނަން ލީރާގެ އަގު ހުރީ ވަރަށް ބޮޑަށް ދަށުގަ އެވެ. ޑޮލަރަކަށް 20،000 ލީރާގައި ހުރުމަށް ފަހު، އިއްޔެ އިން ފެށިގެން ޑޮލަރަކަށް 16،000 ލީރާއަށް ވަނީ ބަދަލުވެފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454