މޯލްޑިވްސް 2.0 އާ އެކު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ވަރަށް ބޮޑަށް ޒަމާނީ ވެފައިވާ ކަމަށާއި އެ ކޮންގްރެސްގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ވެސް އިރުކޮޅެއް ތެރޭ ލިބޭ ކަމަށް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ އަންހެން މެމްބަރުންގެ އިންތިހާބުގެ ތެރެއިން ފަލާހު ވިދާޅުވީ، އެ އިންތިހާބުގައި ފެންނަނީ މި ސަރުކާރުގެ އެންމެ އިސް އެއް ޕްރޮޖެކްޓް "މޯލްޑިވްސް 2.0" އަށް ފަހު އެ ޕާޓީ ޒަމާނީވެފައި އޮތް މަންޒަރު ކަމަށެވެ. 

ސޯޝަލް ސެންޓަރުގައި އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕީއެންސީގެ ކޮންގްރެސްގައި ވޯޓުލަނީ ފޯނުގެ އެޕްލިކޭޝަނެއް މެދުވެރިކޮށް އެ މީހެއްގެ އަމިއްލަ މޮބައިލް ފޯނުންނެވެ. ވޯޓު ލާން ދީފައި ވަނީ ހަތް މިނިޓެވެ.

ފަލާހު ވިދާޅުވީ އެތައް ސަތޭކަ މީހުންލާ ވޯޓުގެ ނަތީޖާ ކުޑައިރުކޮޅެއްގެ ތެރޭގައި ލިބޭ ކަމަށާއި އެ މީހުން ވޯޓުލާ މަންޒަރު ވެސް އެ ތަނުން ފެންނަ ކަމަށެވެ. އެއީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ދަށުން ޒަމާނީ ވެފައި އޮތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ފަލާހު ސިފަ ކުރެއްވި އެވެ. 

"ފެނިގެން މިދަނީ އަޅުގަނޑުމެންގެ މި ޕާޓީ ޒަމާނީ ވެފައި އޮތް މިންވަރު. 2.0 ގެ ދަށުން އެތައް ސަތޭކަ ބޭފުޅުންނެއް ލާ ވޯޓުގެ ނަތީޖާ ކުޑައިރުކޮޅެއްގެ ތެެރޭގައި ލިބި، ވޯޓުލާ މަންޒަރު ފެނި ވޯޓުލާ ގޮތް އެނގި، ޑިމޮކްރަސީގެ ރީތި އުސޫލުގެ މަތިން އެހެންވީމާ މިއީ ވަރަށް ޒަމާނީވެފައި 2.0 ގެ ދަށުން ހުރިހާ ދިމާލެއް ގުޅާލެވިފައި،" ފަލާހު ވިދާޅުވި އެވެ.

ސޯޝަލް ސެންޓަރުގައި ޕީއެންސީން މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ނައިބް ރައީސަކު ހޮވުމަށް މީހަކު ވޯޓު ދެނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސޯޝަލް ސެންޓަރުގައި ޕީއެންސީން މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ނައިބް ރައީސަކު ހޮވުމަށް މީހަކު ވޯޓު ދެނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުން 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

މިއަދު ކުރިއަށް ގެންދަނީ ޕާޓީގެ އެކި ގުނަންތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ވޯޓް ނެގުމުގެ މަސައްކަތެވެ.

ޕީއެންސީގެ ނައިބު ރައީސް ކަމަށް މިހާރު ވަނީ ހަ ބޭފުޅަކު އިންތިހާބު ކޮށްފަ އެވެ. އެއީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާ އާއި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ވަނީ އެ އިންތިހާބުން ކަޓައިފަ އެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ވަގުތަކު ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުންނަކީ ވެސް ޕާޓީގެ ނައިބް ރައީސުންނެވެ. އެހެންވެ، އިންތިހާބުކުރި ހަ ބޭފުޅުންނާ އެކު ޖުމުލަ އަށް ނައިބު ރައީސުން ޕީއެންސީގައި ތިއްބަވާނެ އެވެ.