ޔޫއެސްޑީޓީ ގަތުމަށް ވާހަކަ ދެއްކުމަށްފަހު މަކަރާއި ހީލަތުން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު، އޭނާގެ އެކައުންޓް އޮންނާނީ ކުއްޔަށް ދީފައި ކަމަށް ކޯޓުގައި ބުނެފި އެވެ.

ސްކޭމްގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ކ. މާލޭ، އަހުމަދު އިޒުއާން އިބްރާހިމެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބުނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނާ ދައްކާ ވާހަކަތަކަކީ އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާހަކަތަކެއް ކަމާއި ހަނު ހުރުމުގެ ފުރުސަތު އޮތްކަން ހަނދާންކޮށްދީފައިވާ ކަމަށް އެ އަމުރުގައިވެ އެވެ. 

އެ ސްކޭމް ހިންގި ކަމަށް ތުހުމަތު ކުރަނީ ޓެލެގްރާމް މެދުވެރިކޮށެވެ. އެގޮތުން ޔޫއެސްޑީޓީ ގަތުމަށް އެ މީހާ ވާހަކަ ދެއްކީ ޓެލެގްރާމުން ކަމަށާއި އަދި މަކަރާހީލަތުން ހަތަރު މުއާމަލާތަކުން ލައްކައެއްހާ ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ވެސް ވިކްޓިމެއް ކަމަށެވެ. އަދި އޭނާގެ އެކައުންޓް އޮންނަނީ މަހަކު އެއް ހާސް ރުފިޔާއަށް މީހަކަށް ކުއްޔަށް ދީފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ ލިޔުންތައް ހުންނާނެ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.  

އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާތީ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެ މައްސަލަ ހުށަހެޅި ކަމުގެ އިންސިޑެންޓް ފޯމާއި މައްސަލަ ހުށަހެޅި ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކުގެ ރިޕޯޓާއި ބޭންކުން ފުލުހުންނާ ހިއްސާކުރި މައުލޫމާތުތައް ވެސް ކޯޓަށް ހުށަހެޅި އެވެ.