މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު"އަށް މިއަދު ވިދާޅުވީ މައުލޫމާތުތައް ލީކްކުރީ ކަމާ ގުޅޭ މުވައްޒަފެއް ކަމަށެވެ. އަދި އެ މުވައްޒަފު މަސްއޫލިއްޔަތުން އެކަހެރިކޮށް، އަދި އެ މައްސަލަ ތަހުގީގުކުރަން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސައުދީ ވިދާޅުވީ އެ މުވައްޒަފު އެކަން ކުރިކަން ލޮގްތަކުން ފެންނަން އެބަހުރި ކަމަށެވެ. 

އެމްޓީސީސީން ރޭ ނެރުނު ބަޔާނުގައި ބުނީ ޓެކްސީ އެޕްގެ ބެކްއެންޑް ޑޭޓާ ބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކުރީ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާ އެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް އެމްޓީސީސީން ބުންޏެވެ.

ނަމަވެސް، އެއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލައެއް ދީގެން ހިނގާފައިވާ ކަމަކަށް ނުވާތީ ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ޓެކްސީގެ ހިދުމަތް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.