މާލޭގައި ދެ ސައިކަލް ޖެހި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެގެން ތިން މީހަކަށް ފަރުވާދޭން ފަށައިފި އެވެ. 

ފުލުހުން މިއަދު ބުނީ ސޯސަންމަގުގައި ދުއްވާފައި ދަނިކޮށް، ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:12 ހާއިރު ކަމަށެވެ. 

އެ ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކަށާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ އަންހެނަކަށެވެ. އެއީ މުޅިން ވެސް ދިވެހިންނެވެ. 

ފުލުހުން ބުނީ އޭގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި އަނެއް ދެ މީހުންނަށް ފަރުވާދެނީ އައިޖީއެމްއެޗްގައި ކަަމަށެވެ. އެ މީހުންގެ ހާލަތު އަދި ސާފެއް ނުވެ އެވެ. 

އެކަމަކު އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި އެ އެކްސިޑެންޓުގައި އަންހެން މީހާ ވެއްޓި އޭނާގެ ބޮލުން ވަރަށް ގަދަޔަށް ލޭ ފައިބާފައި އޮތެވެ. އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެ، ވެއްޓިފައި އޮއްވާ ފެނެ އެވެ. 

ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލް ދުއްވި 21 އަހަރުގެ މީހާގެ އަތުގައި އެެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތެވެ.