މިދިޔަ ހަފްތާގައި ސްކޭމް މައްސަލަތަކުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރި ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހަފްތާއެއްގެ ތެރޭގައި ވަނީ 38 މައްސަލައެއް ރިޕޯޓުކޮށްފަ އެވެ. އެ މައްސަލަތަކުގައި 630،573ރ. ގެއްލިގެން ރިޕޯޓު ކޮށްފައިވާއިރު އަނބުރާ ހޯދުނީ 402،658ރ. އެވެ.
އޭގެ ތެރޭގައި އީކޮމާސް މެދުވެރިކޮށް ހުށަހަޅާފައިވާ 13 ސްކޭމްގެ މައްސަލައަކާއި ހުއްދަ ނެތް ޓްރާންސެކްޝަނުގެ ނުވަ މައްސަލައަކާއި ބުކިން ކެންސަލް ނުވަތަ ރިފަންޑުގެ ނަމުގައި ހިންގި ހަ ސްކޭމަކާ ގުޅޭ މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އަދި ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމް ހިންގާފައިވާ ފަސް މައްސަލައަކާއި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ސްކޭމް ހިންގި ހަތަރު މައްސަލައެއް އަދި އިންވެސްޓްމަންޓާ ގުޅޭ ސްކޭމެއް ހިމެނެ އެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި ސްކޭމް ހިންގަން ބޭނުންކޮށްފައި ވަނީ އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި އައިބޭ އާއި ޓިކްޓޮކް އަދި ފޯނު ކޯލާއި ފިޝިން ލިންކާއި ފޭސްބުކް މާކެޓްޕްލޭސް އެވެ.
އެ މައްސަލަތަކާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ވަނީ ހޮޓާތަކާއި ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ސްކޭމަރުން ރޫމް ބުކްކޮށްފައި، "ނޭނގުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން" ކަމަށް ބުނެ ރިފަންޑް އަށް އެދޭ ކަމަށް ބުންޏެވެ. ރިފަންޑަށް އެދެނީ ފޭކް ޕޭމަންޓް ސްލިޕެއް ފޮނުވުމަށް ފަހު ކަމަށާއި އެކަމަކު ސްކޭމެއްކަން އެނގެނީ އެކައުންޓް ބަލާނުލެވި، ރިފަންޑް ދެވޭ ފަހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، ރިފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ބަލައި ކަށަވަރު ކުރުމަށާއި ފައިސާ ނުލިބޭ ނަމަ ރިފަންޑް ނުދޭން އެ ސެންޓަރުން އިލްތިމާސް ކޮށްފައިވެ އެވެ.
މިދިޔަ ހަފްތާގައި ވެސް ސްކޭމްތަކުގައި ހަ ލައްކަ ރުފިޔާ ގެއްލުނުއިރު މި މަހުގެ ފުރަތަމަ ހަފްތާގައި ވެސް ވަނީ ސްކޭމްގެ 38 މައްސަލައެއްގައި 356,163ރ. ގެއްލިގެން ރިޕޯޓުކޮށްފަ އެވެ.