މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނެގި ފެންނަ ނުފެންނަ ވޯޓު ނިމި، ގުނުމުގެ ތެރޭގައި އުފެދުނު ދެބަސްވުންތައް ހައްލުކޮށް ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ. 

މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓުފޮށި ގުނަމުންދަނިކޮށް މިރޭ އަށެއް ޖަހާކަށް ހާއިރު މައްސަލަ ހޫނުވީ ވޯޓު ކަރުދާސްތަކުގެ ތެރެއިން ސައްހަ ވޯޓާއި ބާތިލު ކަނޑައެޅި ގޮތާ މެދު މީހުންގެ މެދުގައި ހިތްހަމަނުޖެހިގެންނެވެ. 

އެ މައްސަލަ ބޮޑުވެ ފުލުހުން ވެސް އެ ސަރަހައްދަށް ދިޔަ އެވެ.

އީސީގެ ނައިބް ރައީސް ސަލާހު ރަޝީދު ވިދާޅުވީ އެ ފޮށީގެ ބާތިލު ވޯޓު ގުނުމުގައި މައްސަލައެއް ދިމާވި ކަމަށާއި އެކަމަށް އީސީން އެޓެންޑު ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް އަލުން ވޯޓު ގުނުން ކުރިއަށް ގެންދާ ކަމަށް ސަލާހު ވިދާޅުވި އެވެ. 

އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ހަވީރު 4 އާ ހަމައަށް ވޯޓުލި 185،709 މީހުންނަކީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62.9 ޕަސެންޓެވެ.

އޭގެ ފަހުން އިތުރު އެއް ގަޑިއިރު ވޯޓުލުމަށް ދީފައި ވަނީ ކިޔުގައި ގިނަ ބަޔަކު ތިބުމާއި މިއަދަކީ ވަރަށް ހޫނު ގަދަ ދުވަހަކަށްވާތީ އެވެ. ފަހައެއް ޖެހުމުން ކިޔުތައް ބަންދުކުރިއިރު ވެސް އެތައް ބަޔަކު ކިޔުގައި ޖެހިފައި ތިއްބެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާނީ 678 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުން ހޮވާނެ އެވެ. އެހެންވެ، ދެ އިންތިހާބުގައި ޖުމްލަ 1،356 މީހަކު އިންތިހާބު ކުރާނެ އެވެ.

ކައުންސިލު އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުގެ ގޮނޑި ދިފާއުކުރީ އެމްޑީޕީންނެވެ. 

މި އިންތިހާބާ އެކު ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިފަ އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، ގިނަ ބަޔަކު ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނޫނެކޭ ބުނެފަ އެވެ.