އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސެންޓް ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ. 

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރެވެ. 

އީސީން ބުނީ އިއްޔެ ބޭއްވި ތިން އިންތިހާބުގައި ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށެވެ. 

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 253،714 އެވެ. 

މިއީ، 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ. އެ ފަހަރު ވޯޓުލީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 183,000 އެއްހާ މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67 ޕަސެންޓެވެ. 

ކުރީގެ ކައުންސިލް އިންތިހާބުތަކުގައި ވޯޓުލީ މީހުންގެ އަދަދުތައް

  • 2011: 70 ޕަސެންޓް
  • 2014: 65 ޕަސެންޓް
  • 2017: 66 ޕަސެންޓް
  • 2021: 68 ޕަސެންޓް

އެންމެފަހުން 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ވޯޓުލާފައި ވަނީ 73 ޕަސެންޓު މީހުންނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާފައި ވަނީ 87.3 ޕަސެންޓް މީހުންނެވެ. 

މި ފަހަރުގެ ކައުންސިލް އިންތިހާބުގައި މޭޔަރު ހިމެނޭހެން ހުރިހާ ސިޓީތައެއްގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ މެޖޯރިޓީ ވެސް ލިބިފައި ވަނީ އެމްޑީޕީއަށެވެ. 

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ގިނަ ބަޔަކު ވަނީ އެކަން ނުކުރަން ފެންނަ ކަމަށް ވޯޓުދީފަ އެވެ.