ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން މި އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިންޒާރެއް ދެއްވައިފި އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ މާލޭގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ ސޯބެ ހޮވަން މަސައްކަތް ކުރައްވަނީ ވެރިކަން ބަދަލުކުރަން ކަމަށެވެ.
އައްޑޫގެ މޭޔަރުކަން ވެސް ދިގު މުއްދަތަކަށް ކުރައްވާފައިވާ ސޯބެ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާތަކުގައި އަދާކުރެއްވި ދައުރުގެ ހަނދާން ނަޝީދު އާކުރެއްވި އެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ވެރިކަން ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާއިރު އެ އަޣުލަބިއްޔަތުގެ ތެރޭގައި ސޯބެ ހިމެނެން ޖެހޭ ކަމަށެެވެ.
"މި އަހަރު ނިމުމުގެ ކުރީގައި މި ވެރިކަން ބަދަލުކުރާން ވެއްޖޭ. ހާސްވެނުލައްވާ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު، ތަނަވަސް އަޣުލަބިއްޔަތު، އިތުބާރު ނެތް ކަމަށް [ވޯޓު] ނެގޭ މިންވަރަށް. ތިންބައިކުޅަ ދެބައި އަޅުގަނޑުމެންގެ އަތަށް ގެންނާނަން އިރާދަކުރެއްވިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު ތިންބައިކުޅަ ދެބައި މެމްބަރުންގެ އަދަދަކީ 62 އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު ސުޕަމެޖޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ ކަމަށް ވާއިރު އެ ޕާޓީގެ މެމްބަރުންގެ އަދަދު 73 އަށް އަރަ އެވެ. އެއީ މިހާރު ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ނުހިމަނަ އެވެ.
ވެރިކަން ބަދަލު ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ ތައްޔާރަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ގިނަ މެންބަރުން ޕާަޓީ ބަދަލުކުރައްވާނެ ކަމަށް ވެސް ނަޝީދު ރޭ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުކުރުމުގެ ކަންތަކާ އުޅުއްވަނީ ސަމާސާކޮށެެއް ނޫނެވެ.
އަތޮޅު ކައުންސިލް އުވާލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅު އޮފީސްތައް ހިންގާ ގޮތަށް ހަމަޖެއްސިކަން ފާހަގަކުރައްވައި ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެއީ މީގެ 30 އަހަރު ކުރީގެ ނިޒާމެއް ކަމަށާއި ރައްޔިތުން ތިބީ އެ ގޮތް ގަބޫލުކުރަން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މި ފަހުން ސަރުކާރަށް ފާޑުވިދާޅުވުން އިތުރު ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުަހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް އެ މަނިކުފާނާ އެކުގައި މަސައްކަތްޕުޅު ކުރައްވަން އެއްބަސްވެވަޑައިގެންނެވުމުންނެވެ.