ސަރުކާރަށް ގިނަ ތުހުމަތުތަކެއްކޮށް، އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖެއް ކުރަން އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ. 

އެ ތުހުމަތުތަކުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދިޔަ ގިނަ މަޝްރޫއުތަކެއް ހުއްޓާލާފައިވުމާއި ސިޔާސީ ކަންކަމާ ގުޅުވައި މީހުން ވަޒީފާއިން ވަކިކުރުމާއި ސިޔާސީ ދައުވާތައް އުފުލާ ކަމަށް ބުނުން ހިމެނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމަށް އެ ޕާޓީގެ ސެކްރެޓޭރިއަޓުން ހުށަހެޅި ގަރާރުގައި  އޮތީ މައިގަނޑު ތިން ތުުހުމަތެކެވެ. ފުރަތަމަ ކަމަކީ  ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ކުރާ ތުހުމަތެކެވެ. 

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: އެމްޑީޕީ

ގަރާރުގައިވާ ގޮތުން އެމްޑީޕީގެ ވެރިކަން 2023 ވަނަ އަހަރު ނިމުނު އިރު ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތަކާ ގުޅޭ މަސައްކަތްތަކާއި ތަރައްގީގެ އެހެން މަޝްރޫއުތައް ފަށައިގެން "ބާރަށް ކުރިއަށް ދިޔަ" އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު، އެ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށާއި އޭރު ބައެއް މަޝްރޫއުތައް ހުރީ 90 ޕަސެންޓާ ހަމައަށް މަަސައްކަތް ނިމިފައި ކަމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެ ގަރާރުަގައި ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި އެ މަޖިލީހުގެ މެމްބަރު ހުސައިން ހަސަން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި އެ މަޖިލީހުގެ މެމްބަރު ހުސައިން ހަސަން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

އެ ތުހުމަތާ އެކު، ގަރާރުަގައި ބުނީ ސަރުކާރުން ހުއްޓުވާފައިވާ މަޝްރޫއުތަކާ ކައުންސިލްތަކުން ހަވާލުވެ، އެ ކައުންސިލްތަކާ އެކު އެމްޑީޕީން މަސައްކަތް ކޮށްގެން މަޝްރޫއުތައް ނިންމަން އިގުރާރުވާ ކަމަށެވެ.

ގަރާރުގައި ސަރުކާރަށް ކޮށްފައިވާ ދެވަނަ ތުހުމަތަކީ ސިޔާސީ ކަންކަމާ ގުޅުަވައި އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުން ގެންދާ ކަަމަށެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ސަސްޕެންޑް ކުރުމާއި މަސައްކަތްކުރާ ރަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައްް އަޅާ ކަމަށާއި އެ ކަންތައްތައް ކުރަނީ ދައުލަތުގެ ކުންފުނިތަކުގެ އުސޫލާއި ގަވައިދާ ހިލާފަށް ކަމަށް ވެސް ގަރާރުގައި އެމްޑީޕީން ތުހުަމަތުކުރި އެވެ.

އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ގަރާރުގައި ހުށަހަޅާފައި އޮތީ އެ ތުހުމަތާ ގުޅުވައިގެންނެވެ.

ގަރާރުގައި ކޮށްފައިވާ ތިން ވަނަ ތުހުމަތަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ހިފާ މީހުންނަށް ސަރުކާރުން ސިޔާސީ ދައުވާތައް ކުރާ ކަަމަަށް ކޮށްފައިވާ ތުހުމަތެކެވެ. އެ ތުހުމަތާ ގުޅުވައި، ކުރަން ނިންމި ކަމަކީ އެފަދަ ދައުވާތައް ރައްދުވާ މީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމެވެ.