އަރިއާނާ ގްރާންޑޭގެ "އިޓާނަލް ސަންޝައިން ޓުއާ" ނިންމުމަށް ފަހު އަދި އޭނާގެ އާ އަލްބަމް "ޕެޓަލް" ރިލީޒްކުރުމަށް ފަހު މިއުޒިކީ ދާއިރާއިން ދިގު މުއްދަތެއްގެ ބްރޭކެއް ނަގަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަރިއާނާ މިއުޒިކީ ދާއިރާއިން ބްރޭކެއް ނަގާނީ އިނގިރޭސިވިލާތުގެ ލަންޑަނުގެ އޯޓޫ އެރީނާގައި އަންނަ މަހު އެކެއްގައި ބާއްވާ އޭނާގެ ފަހު ކޮންސެޓަށް ފަހުގަ އެވެ. އެއަށް ފަހު އާންމުންގެ ކުރިމައްޗަށް ނުކުތުމާއި މިއުޒިކީ މަސައްކަތްތައް ވަގުތީގޮތުން އޭނާ ހުއްޓާލާނެ އެވެ.

އަރިއާނާގެ ޓީމުން ބުނީ އެ ކޮންސެޓަށް ފަހު އޭނާ "އާންމުންގެ ލޯތަކަށް" ގެއްލޭނެ ކަމަށެވެ. 

ދާއިރާއިން ބްރޭކެއް ނަގާއިރު ލަންޑަނުގެ ވެސްޓް އެންޑްގައި ކުޅުމަށް ހަމަޖެހިފައި އޮތް "ސަންޑޭ އިން ދަ ޕާކް ވިތު ޖޯޖް" މިއުޒިކަލް އިން ވެސް އަރިއާނާ ވަނީ ވަކިވެފަ އެވެ.

އޭނާގެ އާ އަލްބަމް "ޕެޓަލް" މިދިޔަ މަހު 31 ގައި ނެރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ސިއްހަތާއި ސިފައަށް ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވެފައި ވިޔަސް، އަރިއާނާ ބުނީ މިއީ މާ ކުރިންސުރެ ރާވާފައިވާ ބްރޭކެއް ކަމަށެވެ.

އެމެރިކާގެ ޗިކާގޯގައި ބޭއްވި ކޮންސެޓެއްގައި އަރިއާނާ ވަނީ މި ނިންމުމާ ބެހޭ ގޮތުން ފޭނުންނާ ވާހަކަދައްކައިފަ އެވެ.

އަރިއާނާ ބުނި ގޮތުގައި، މިއީ ސޯޝަލް މީޑިއާގައި ދެކެވޭ ނެގެޓިވް ވާހަކަތަކާ ހެދި ނިންމި ކުއްލި ނިންމުމެއް ނޫން ކަމަށެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއް ނެތި މަސައްކަތްކުރުމަށް ފަހު، ކޮންމެ އިންސާނަކަށް ވެސް އަމިއްލަ ނަފުސަށް ވަގުތުދީ ބްރޭކެއް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ.