ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމުގައި ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން އެ މަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުމަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމާއި ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ބޭފުޅުން ކަފާލާތުގެ ދަށުން މީގެ ކުރިން ދޫކޮށްފައި އެބަހުރި ކަަމަށާއި ތަފާތު ކުރުމެއް ނެތި ޔާމީނާ ދެތެރޭގައި ވެސް ގާނޫނީ ނިޒާމުގައި އޮތް އެ އުސޫލު ހިނގަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން ދޫކޮށްލި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ކުރީގެ މެމްބަރު ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުން އިންތިޒާރުކުރަނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކު ޔާމީނަށް ހުކުމް އިއްވުމަށެވެ.
"އެތައް ބަޔަކު އިންތިޒާރުކުރަނީ ކުޑަކެކުރި އާއި ބޮޑުކެކުރީގެ އުސޫލް ދޫކޮށްލާފައި ރައީސް ޔާމީނަށް ވެސް އިންސާފުވެރި ހުކުމެއް ލިބިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލާ ނަމަ ފުރަތަމަ ގޮތަކީ ޝަރުތުތަކަކާ އެކު ދޫކޮށްލުން ކަމަށާއި ދެ ވަނަ ގޮތަކީ ފައިސާ ބަހައްޓާފައި ދޫކޮށްލުންކަން ފާހަގަކުރެއްވި އެވެ. ތިން ވަނަ ގޮތަކީ ޖާމިނުވުން ކަމަށާއި އެކަމަށް އޭނާ ތައްޔާރު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ސާބިތުކަމާ އެކީގައި މި ދަންނަވަނީ ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި ކަފާލާތު ދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ރޭ ވެސް ތުހުމަތު ކުރެއްވި ގޮތުގައި ޔާމީންގެ ޝަރީއަތަށް މި ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުންނެވެ. ޝަރީއަތުގެ އެކި މަރުހަލާތަކުން ފެންނަން އެބައޮތް ކަމަށް ވިދާޅުވެ މިސާލުތަކެއް ޖެއްސެވި އެވެ.
އެއް ކަމަކަށް ވިދާޅުވީ ފުލުސް އޮފީހަށް ގެންދިޔައީ ސުވާލެއްކޮށްލަން ކަމަށާއި ކޯޓާ ހަމައަށް ދިޔައީ ތަހުގީގުގައި ކުރި ސުވާލާ ގުޅޭ މައްސަލައެއް ނޫން ކަަމަށް ވިދާޅުވި އެވެ. ޝަރީއަތް ހިނގަމުން ދިޔައިރު ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވި ކަމަށާއި އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހްމަދު ހައިލަމާ މެދު ޖޭއެސްސީން ފިޔަވަޅު އެޅީ އެ ނުފޫޒުގެ ތެރެއިން ކަމަށް ތުހުމަތުކުރެއްވި އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރަށް ހީނުކުރާ ވަރުގެ ބޮޑު ޕްރޮމޯޝަނެއް ލިބުން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"މި ސަބަބުތަކާ ހުރެ އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ، ރައީސް ޔާމީނަށް ކޮށްފައި ވަނީ އަނިޔާވެރި ހުކުމެކޭ،" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ އަނެއް ކަންބޮޑުވުމަކީ ހެކިންގެ ގޮތުގައި ދައުލަތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ނެގުމެވެ. އެ ދެ ބޭފުޅުންނަކީ ވެސް ޔާމީންގެ "ދުޝްމަނުން" ކަމަށް ސިފަކުރެއްވި އެވެ.
އާދަމް ޝަރީފް ގޮވާލެއްވީ ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއް އިއްވުމަށެވެ.
ހައި ކޯޓުގައި މައްސަލަ ހިނގި އިރު ވެސް ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށްދޭން ވަކީލުން ހައި ކޯޓުގައި އެދިވަޑައިގަތެވެ. އޭރު ހައި ކޯޓުން އެ ގޮތަށް ނުނިންމި އެވެ. އެއީ، ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒު ކުރަމުން ގެންދާ މީހުންނަށް ކަފާލާތު ނުދެވޭނެތީ ކަަމަށް ބުނެފައިވެ އެވެ.