އިދިކޮޅު އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވާދަކުރައްވަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެސްްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވަން އެ މަނިކުފާނަށް ތާއީދުކުރާ މީހުން މަދު ނޫންކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މި ފަހަރުގެ ޕްރައިމަރީގައި ތާއީދު ކުރައްވާނީ ކުރިން ވެސް އިއުލާން ކުރައްވާފައިވާ ގޮތަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކަމަށެެވެ.

ނަޝީދު އެގޮތަށް ޖަވާބު ދެއްވުމުން އެސްއެސްޓީވީގެ ޕްރެޒެންޓަރު ސުވާލުކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިމަތިލެއްވިޔަސް، ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރައްވާނަންތޯ އެވެ. 

"... ދެން ރައީސް ސޯލިހު ވެސް ކުރިމަތިލައްވަންވީ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. ކުރިމަތިލައްވާންވީ ކޮންމެހެން ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ،" އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް އެ މަނިކުފާނު ހުންނަވާވީ ކުރިއްސުރެ ވިދާޅުވަމުން ގެންދެވި ގޮތަށް ފައްޔާޒަށް ތާއީދު ކުރައްވައިގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކެމްޕެއިނެއްގައި. ފޮޓޯ: އެމްޑީޕީ
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކެމްޕެއިނެއްގައި. ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ކަަމަށް ނަޝީދު ވަޑައިގަނަންވަަން "ބޮޑު ބަދަލު" ގެ ނަމުގައި ހުށަހެޅުއްވި މެނިފެސްޓޯގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް ފައްޔާޒަށް ހޯއްދަވައިދެއްވަން ތާެއީދުކުރައްވައި، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވެއްޖެ ނަމަ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނެ އެވެ.

ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން އެ ދެބޭފުޅުން ހުށަހަޅުއްވާ ބަދަލަކީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ސިފަތައް އެކުލެވޭ މަސްހުނި ނިޒާމެކެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިޔަސް، ޕްރައިމަރީ ބާއްވާ ހިސާބަށް ދާއިރު އެ މަނިކުފާނު ވެސް ވާދަކުރައްވާނެ ކަމަށް ވާހަކަ ދެއްކެވޭއިރު، އެ ފުރުސަތު އެބަ އޮތްތޯ ސުވާލުކުރުމުން ނަޝީދު ރޭ ވިދާޅުވީ "މި ފަހަރު މިހިރީ ފައްޔާޒަށް ތާއީދު ކޮށްގެން" ކަމަށެވެ.

"އަޅުގަނޑު މި ފަހަރު މި ހުރީ އަޅުގަނޑު މި ދަންނަވަނީ ފައްޔާޒަށް ތާއީދު ކޮށްގެންނޭ. ދެން އެ ވާހަކަ ދިގުކޮށް ވެސް ދެއްކިދާނެ، ކުރުކޮށް ވެސް ދެއްކިދާނެ، އެކަމަކު އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު މިހިރީ ފައްޔާޒަށް ތާއީދު ކޮށްގެނޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ނަމަ ދެން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދެއްވާނީ ކިހިނެއްތޯ ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ޗެއާޕާސަންގެ މާބޮޑު ދައުރެއް ނޯންނަ ކަމަށެވެ. އެ މަނިކުފާނު ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި، އެ ޕާޓީގެ މެންބަރުންނަށް އެކަން ރަނގަޅަށް އޮޅުން ފިލުއްވައި ދެއްވައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ފައްޔާޒްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ އެ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އަރިސް ބޭފުޅުންނާ މަޝްވަރާ ކުރައްވަމުންނެވެ. އެކަމަކު މިހާތަނަށް ފާޅުގައި ކެމްޕެއިން ކުރައްވަނީ ފައްޔާޒާއި ޝާހިދެވެ.