ގުރުއާން ކިޔެވުމުގެ ތިން މުބާރާތަކާއި ކިޔަވައިދިނުމުގެ ވޯކްޝޮޕްތަކެއް އަދި ކުޑަކުދިންގެ ހަވީރެއް ހިމެނޭ ކޭމްޕެއް އދ. މަހިބަދޫގައި ބާއްވަން މަންފާ އެކަޑަމީ އިން ތައްޔާރުވެއްޖެ އެވެ.

މަންފާ އެކަޑަމީގެ ވައިސް ޕްރެޒިޑެންޑް އަދި ގުރުއާން ކޭމްޕްގެ އިވެންޓް މެނޭޖަރު މުހައްމަދު ތައުފީގު އަލީ މިއަދު ވިދާޅުވީ މަހިބަދޫ އާއި އެހެން ރަށްރަށުގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް، މަންފާ ގުރުއާން ކޭމްޕް" ގެ ނަމުގައި ބާއްވާ ހަރަކާތްތައް ކުރިއަށް ގެންދާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ކޭމްޕްގައި ވޯކްޝޮޕްތައް ހިންގުމާއި ތަގުރީރުތައް ކުރުން އަދި މުބާރާތްތަަކަށް އިންސާފުކުރުން ފަދަ ކަންތައްތައް ކުރައްވަން ތިއްބަވާނީ އޭނާ ވިދާޅުވި ގޮތުގައި ފުުންނާބު އުސް ގާރީންނެވެ.

މަންފާ ޤުރުއާން ކޭމްޕްގައި ބައިވެރިވެވަޑައިގަންނަވާ ގާރީން. ފޮޓޯ: މަންފާ އެކަޑަމީ
މަންފާ ޤުރުއާން ކޭމްޕްގައި ބައިވެރިވެވަޑައިގަންނަވާ ގާރީން. ފޮޓޯ: މަންފާ އެކަޑަމީ

"މީގައި ގުރުއާނާ ބެހޭ ވަރަށް ގިނަ ޕްރޮގްރާމްތައް ކުރިއަށް ދާނެ. ކޭމްޕް މި ކިޔަނީ ވެސް އެހެންވެގެން. ތަފާތު ކަންތައްތަކެއް މީގައި އެކުލެވިގެންވާތީވެ. ދިވެހިރާއްޖޭގެ މަޝްހޫރު ވަރަށް ގިނަ ގާރީން މީގައި ބައިވެރިވާނެ. އެ ގާރީންގެ ކިޔެވުންތައް އަޑުއިވިގެންދާނެ. ދެން އެ ގާރީންގެ ފަރާތުން [ބާއްވާ] ވޯކްޝިޕްތައް ހިމެނިގެންދާނެ،" ތައުފީގު ވިދާޅުވި އެވެ.

މަހިބަދޫގައި އެ ކޭމްޕް ކުރިއަށް ގެންދާނީ އެރަށުގެ ރަށު ކައުންސިލާއި އދ. އަތޮޅު ތައުލީމީ މަރުކަޒާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާ އެކުގަ އެވެ. 

މަންފާ އެކަޑަމީގެ ވައިސްޕްރެޒިޑެންޓް މުހައްމަދު ތައުފީގު ފޮޓޯ: މަންފާ އެކަޑަމީ
މަންފާ އެކަޑަމީގެ ވައިސްޕްރެޒިޑެންޓް މުހައްމަދު ތައުފީގު ފޮޓޯ: މަންފާ އެކަޑަމީ

ކޭމްޕްގައި ހިމެނޭ ހަރަކާތްތައް

  1. ބަލައިގެން ގުރުއާން ކިޔެވުމުގެ ތިން މުބާރާތެއް
  2. އަތޮޅުގެ އިމާމުންނާއި ޒުވާން ޚަތީބުންނަށް ބާއްވާ، ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދޭ ވޯކްޝޮޕެއް
  3. ގުރުއާން ކިޔަވައިދިނުމުގައި ސަމާލުވާން ޖެހޭ ކަންތައްތާ ގުޅޭ ގޮތުން ޓީޗަރުންނަށް ހާއްސަ ވޯކްޝޮޕެއް 
  4. ތަޖުވީދުމަގުން ގުރުއާން ކިޔެވުމާ ގުޅޭ ގޮތުން އާއްމުންނަށް ބާއްވާ ވޯކްޝޮޕއް. 
  5. ދަރިވަރުންނާއި ޒުވާން ހަތީބުންނަށް ބާއްވާ ކްލާސްތަކެއް
  6. ކުޑަކުދިންގެ ހަވީރެއް
  7. އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް  ގެންދާ ލެކްޗަރުތަކެއް

ތައުފީގު ވިދާޅުވި ގޮތުގައި ގުރުއާން މުބާރާތްތަކުގައި އޮންލައިންކޮށް، ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ބައިވެރިވެވޭ ގޮތަށް ބާއްވާ އިރު، އެންމެ މޮޅު 30 ބައިވެރިންގެ މެދުގައި ކުރިއަށް ގެންދާ ބުރު އޮންނާނީ މަހިބަދޫގަ އެވެ.

އެ ތިން މުބާރާތުން ވެސް ވަނަވަނައަށް ދާ ބައިވެރިންނަށް ބޮޑެތި އިނާމުތައް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތައުފީގު ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ހަވީރުގައި އޮންނާނީ ކުދިން ޤުރުއާނަަށް އަހުލުވެރިކުރެވޭ ފަދަ ހަރަކާތްތަކާއި ކުޅިވަރުތަކެވެ. ކޭމްޕްގައި ބައިވެރިވާ ގާރީންނާ ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ކުޑަކުދިންގެ ހަވީރުގައި އޮންނާނެ އެވެ. 

މަންފާ އެކަޑަމީ އަކީ  ޖަމިއްޔަތުއް ސަލަފުން ވަކިވެ، އަލީ ރަމީޒް އުފެއްދެވި މަންފާ ޖަމިއްޔާއިން ހިންގާ އެކަޑަމީ އެކެވެ.