ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ތަހުގީގީ އިދާރާތަކަށް މިހާރު އޮތްގޮތަކީ އަދީބާއި ޒިޔަތުގެ ހުރިހާ ހެކިތަކެއް އެއް ފަރާތް ކުރުމަށްފަހު އެހެން ހެކިތައް ހޯދުން
އަދީބު: ދައުލަތާ އެކު އެއްބަސްވުމެއް ހެދި -- ފައިލް ފޮޓޯ: މިހާރު
08 ޑިސެމްބަރ 2021 - 08:00
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަމުން އަންނަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނަށް ދައުލަތުން ދީފައި ހުރި ބޮޑެތި ލުއިތަކުގެ ސަބަބުންނެވެ. ބޮޑު ޚިޔާނާތުގައި އިސްކޮށް ހަރަކާތްތެރިވި ބަޔަކަށް އެފަދަ ބޮޑެތި ލުއިތަކެއް ދިން ސަބަބާ މެދު ވެސް އެތައް ސުވާލެއް އަމާޒުވި އެވެ.
އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާނެ ހެކި ހުއްޓާ ދައުލަތުން އޭނާއާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް ކުރީ އެންމެ ހަތް ދައުވާ އެކެވެ. އަދި އެއްބަސްވުމުގެ ދަށުން އަދަބު ލުއިކުރުމުން އަދީބަށް އައީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. މިފަދަ އެއްބަސްވުމެއްގެ ދަށުން ޒިޔަތުގެ މައްޗަށް އައީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެސްއޯއެފްގެ ވެރިންނަށް ދައުވާ ނުކުރަން ނިންމި ނިންމުން ވެސް އެގޮތުގައި އަދިވެސް ދެމިއެބައޮތެވެ.
ދައުލަތަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވޭ ބަޔަކަށް މިފަދަ ބޮޑެތި ލުއިތަކެއް ދިނީ އެކަށީގެންވާ ހެކި ހޯދުމުގެ ގޮތުން ކަމަށް ބުނެ އެވެ. އަދި ގެއްލުނު ފައިސާ ހޯދުމާއި އެކަމުގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި ހޯދުމަށްޓަކައި އެ ނޫން ގޮތެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު ފާޑުކިޔުންތަކަށް ބެލުމެއް ނެތި، މިހާ ބޮޑެތި ލުއިތަކެއް ދީގެން ދައުލަތުން ހެދި އެއްބަސްވުންތަކުން މި މައްސަލާގައި އެދެވޭ ނަތީޖާއެއް ނެރެވޭތޯ މިއީ އުފެދޭ ސުވާލެކެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު: ދައުލަތާ އެކު އެއްބަސްވުން ހެދި --ފޮޓޯ/ މިހާރު
ސަބަބުތައް ބައިވަރެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާގެ ތެރެއިން ދައުލަތަށް ހޯދުނީ މަދު އަދަދެކެވެ. އެ މައްސަލަތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު މަދު ބަޔަކަށެވެ. އަދި ދައުވާކޮށްގެން ދަށު ކޯޓެއްގައި މިހާތަނަށް ކާމިޔާބުވި ހަމައެކަނި މައްސަލަ ކަމަށްވާ ޔާމީންގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ދައުލަތަށް ނާކާމިޔާބުވީ އެވެ. އެންމެ ކުޑަމިނުން، އެ މައްސަލާގައި ހިމެނޭ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަން ވެސް ސާބިތުވާ ހެއްކެއް ނުލިބުނެވެ.
ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމުގައި އެންމެ ބޮޑަށް ފާހަގަކުރި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައި އޮތްއޮތުމެވެ. އެ ކުންފުންޏަކީ ޚިޔާނާތުގެ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ދައުލަތުން އަމިއްލައަށް ބުނުމަށްފަހު އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ހަމައެހެންމެ، ދައުލަތުން ބޮޑެތި ލުއިތަކެއް ދީގެން ހެކިވެރިންގެ ގޮތުގައި ބޭނުންކުރި އަދީބާއި ޒިޔަތުގެ ހެކިބަސް ވެސް ސުޕްރީމް ކޯޓުގައި އެންމެ ފަހުން ވެގެން ދިޔައީ އެއަށް އެއްވެސް ބުރަދަނެއް ދެވެން ނެތް އެއްޗަކަށެވެ. ސަބަބަކަށް ވީ، އެ ދެ ބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ މައްސަލާގައި ތުހުމަތު ކުރެވޭ ބަޔަކަށް ވާތީ އާއި ޔާމީން އަވަހާރަކޮށްލަން ބޮން ގޮއްވި ކަމުގެ ތުހުމަތުތަކެއް އޮތުމުމާއި އެ ބޭފުޅުން ވަޒީފާއިން ވަކި ކުރުމާއި އެ ބޭފުޅުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދުމުގެ އިތުރަށް އެ ބޭފުޅުންގެ ބަހަށް ބާރުދޭނެ އިތުރު ހެއްކެއް ނެތުމެވެ.
ޔާމީންގެ މައްސަލައާ ހަމައިން މިކަން ނިމުނީއެއް ވެސް ނޫނެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ދަށު ކޯޓުތަކުގައި ދައުވާ ކޮށްފައި ހުރި އެހެން މައްސަލަތައް ކާމިޔާބުވުން ވެސް އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ގިނައިން އުފުލާފައި ހުރީ މަނީ ލޯންޑްރިންގެ ދައުވާ ކަމަށް ވެފައި އަދި އެކަން ސާބިތުކުރަން ހުށަހަޅާފައި ހުރީ އަދީބާއި ޒިޔަތުގެ ހެކިބަހުގެ އިތުރުން އެސްއޯއެފްގެ މުއާމަލާތްތައް ކަމަށްވާތީ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެކު، އެ މީހުންގެ ހެކިބަސްތަކަކީ ކުރިން މިދެންނެވި ކަންކަން ސާބިތުކުރަން އެކަށީގެންވާ ހެކި ނޫންކަން ސާފެވެ. އެންމެ މަތީ ކޯޓުގެ ނިންމުން އެގޮތަށް އޮތުމުން ދަށު ކޯޓުން އެ ނިންމުމަށް ރިއާޔަތް ކުރަން ޖެހޭނެ އެވެ. އެހެންވުމުން ޔާމީންގެ މައްސަލައެކޭ އެއްފަދައިން ދެން ހުރި މައްސަލަތައް ވެސް ނާކާމިޔާބުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެ ނަމަ، ބޮޑެތި ލުއިތައް ދީގެން ދައުލަތުން ހާސިލް ކުރަން އުޅުނު ނަތީޖާ މި މައްސަލަތަކުގައި ހާސިލް ނުވީ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް --- ފޮޓޯ/ މިހާރު
ދައުވާ އުފުލާފައި ހުރި މައްސަލަތައް އެކަންޏެއް ވެސް ނޫނެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ވެސް އެކި މީސްމީހުންގެ މައްޗަށް މިހާރު ވެސް ތަހުގީގުުތައް ހިންގަމުން ދަނީ އަދީބާއި ޒިޔަތު ހެކިންގެ ގޮތުގަައި ބޭނުން ކޮށްގެން، އެ ބޭފުޅުންގެ ފަރާތުން ލިބޭ މައުލޫމާތަށް ބިިނާކޮށްގެންނެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ތަހުގީގީ އިދާރާތަކަށް މިހާރު އޮތްގޮތަކީ އެ ހުރިހާ ހެކިތަކެއް އެއް ފަރާތް ކުރުމަށްފަހު އެހެން ހެކިތައް ހޯދުމެވެ.
ކުރުކޮށް ދަންނަވާ ނަމަ، ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބަޔަކަށް ދައުލަތުން ބޮޑެތި އިނާޔަތްތަކާއި ލުއިތަކެއް ދީގެން ކުރި މަސައްކަތުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ނުފެނުނެވެ. ބޮޑު ޚިޔާނާތަށް ފަސް އަހަރު ވީއިރު ވެސް، ގެއްލުނު ފައިސާ ނުހޯދުމުގެ އިތުރުން އެކަމުގައި ބައިވެރިވެގެން ކުށްވެރިވި މީހަކު ވެސް ނެތެވެ. އެހެން ނަމަވެސް، އަދިވެސް ދައުލަތުން މިކަމުގައި އެ ނޫން ގޮތަކަށް ކުރިއަށް ދިއުމުގެ ވިސްނުމެއް ގެންގުޅޭ ތަނެއް އަދިިވެސް ނުފެނެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެކޭ ގޮތުގައި ޔާމީންގެ މައްސަލާގައި ހުކުމް އެގޮތަށް އަޔަސް، އެމްއެމްޕީއާރުސީގެ މައްސަލާގައި ހެދި އިއުތިރާފްގެ އެއްބަސްވުންތަކުން ނަތީޖާއެއް ނުނެރެވި، ނާކާމިޔާބުވީ ކަމަކަށް އަދި ނުބެލެވޭނެ އެވެ. އަދި ޔާމީންގެ މައްސަލާގައި އެގޮތަށް ނިންމީ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ހުރި ކަންކަމަށް ބަލައިގެން ކަމަށާއި އެކަމަކު އެއްބަސްވުންތަކުގެ ސަބަބުން ތަހުގީގީ އިދާރާތަކާއި ދައުލަތަށް ހޯދިފައި ހުރި ކުރިއެރުންތައް އެ ހުކުމަށް އެކަނި ބަލައިގެން ނޭނގޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ބެހޭ ގޮތުން އޭސީސީގެ ރައީސް ޝިއުނާ، ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު، ޕޮލިސް ކޮމިޝަނަރު ހަމީދު އަދި އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ބޮޑު ހިޔާނާތް އަދިވެސް އޮތީ ނަތީޖާ ނުނެރެވި ފައިލް ފޮޓޯ: މިހާރު
"ދައުވާ ކުރުމާއި އަދިި އެއްބަސްވުންތަކުގެ ކާމިޔާބީ ވަޒަން ކުރާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ތަހުގީގީ އިދާރާތަކުން. އަޅުގަނޑުމެންނާއި ތަހުގީގީ އިދާރާތަކުން ދެކެނީ މިކަމުން ނަތީޖާ ނެރެވޭނެ ކަމަށް. އެ މަގަށް މަސައްކަތްތައް އިތުރަށް ބާރަށް ކުރިއަށް ގެންދާނީ." ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ފާހަގަކުރީ އެ މައްސަލައާ ގުޅިގެން ހުށަހެޅި ހެކިތަކަށް ބިނާކޮށް، ހަމައެކަނި އެ މައްސަލާގެ ކަންކަމެވެ. އެހެންވެ، އިއުތިރާފްގެ އެއްބަސްވުންތަކުން ނުނެރެވުނީ ކަމަށް އެ ހުކުމުގެ މައްޗަށް އެކަނި ބިނާކޮށް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެންމެ އިސްކޮށް ބައިވެރިވި މީހުންނަށް ބޮޑެތި ލުއިތަކެއް ދީގެން ދައުލަތުން ހެދި އެއްބަސްވުންތަކުގެ އެއްވެސް އެދެވޭ ނަތީޖާއެއް މިހާތަނަކަށް ނުފެނުނެވެ. އެ އެއްބަސްވުންތަކުގެ ސަބަބުން ވަކި ބަޔަކަށް ޚާއްސަ އިނާޔަތްތަކެއް ލިބުން ނޫން ކަމެއް ނުވި އެވެ. ބޮޑު ޚިޔާނާތަށް އިންސާފު ނުލިބި އަދި ގެއްލުނު ފައިސާތަކަށް ވީނުވީ ނޭނގި އަދިވެސް އޮތްގޮތަށް އޮތީ އެވެ. ދެން އޮތީ ހުރި މައްސަލަތަކަށް ވާނެ ގޮތެއް ބެލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޭވިޑް
12 December 2021
އާދެ ލުއިތަކާ އެއްބަސްވުންތަކުން ބަޔަކު ބޭނުންވާ ނަތީޖާ ނެރެވިއްޖެ. މިކަމުގަ އެއްބަސްވި މީހުން މިހާރު މޮޔަހީވާނެ. ދިމާވެގެންމިއުޅޭ އެންމެބޮޑު މައްސަލައަކީ މިކަންތައްގަނޑު ފެށުނީއްސުރެ މިއަދާހަމައައް ކަންތައްތައް ރޭވިގޮތާ އެއްގޮތައް ކަންތައްތައް ނުގޮސް ބަޔަކު ހީނުކުރާ އުންމީދުނުކުރާ ކަންތައްތަކެއް މިކަމުގަ ދިމާވެގެން އެކަންތައްތަކުން ސަލާމަތްނުވެގެން މިއުޅެނީ.
ނައިން
08 December 2021
އަދީބުގެ ނަޒަރުން ބަލާނަމަ ދެރަވާންޖެހޭ އެ އެއްބަސްވުމުގަ ސޮއިކުރެވުނީތީ. އަދަބު ލުއިކުރެވުނަސް ގޭގަ ހުރެލަން ލިބުނަސް އުމުރު ދުވަހަށް އެ އެއްބަސްވި ކަންތަކުގެ ހަޑިނަން އޮންނާނެ. އަދި އެ އެއްބަސްވުމުން ހާސިލްކުރަން އުޅުނު އެންމެ ބޮޑު ކަންތައްވެސް ހާސިލެއްނުވި. ޚިޔާނާތަށް އެއްބަސްނުވެ ޔާމިނު ލީ ގޮތަށް ޖަލުގަ އޮތްނަމަ އަދިވެސް ބަޔަކު ހީކުރާނެ އޭނަ ބޮލުގަ ޔާމީނު އެކަން އެޅުވީ ކަމަށް.
ރަދީފުއޮފިޝަލް
08 December 2021
ގަޓެއް ނުހުރޭ. ހައްޔަރު ކޮއްފަ ބާރައް އެއްޗެކޭ ބުނި އިރައް ބިރުން ހުރިހާ އެއްޗެއްގެ ސޮއި ކޮއްލާފި. ޔާނު ވެރިކަމައް އައްނައިރުވެސް މިސޮރުމެން ޖަލުގަ ތިބޭނެ
ވިސްނާލުމަށް އެދެމޭ
08 December 2021
މިހާރުގަ ދާދިފަހުން އަހަރެންނަފެނުނު ސުރުޙީއެއްގައޮތީ ބޮޑެތި މާފިޔާޑްރަގް ގޭންގްތަކުންކުށުން ސަލާމަތްވާން އެކަކު ހުރިހާކަމެއްގެ ޒިންމާނަގާފަ ބާކީއެއްމެން ސަލާމަތްވާ ވާހަކަ..މމޕރސގެ މައްސަލައިގަ ސަރުކާރުގެ ޕްލޭންވެސް އަހަރެންނަ ފެންނަނީ ހަމަ މިއުސޫލު ވަކިބައެއްގެބޮލުގަ ތުހުމަތުއަޅުވާ ސަރުކާރުބޮޑުން އެއްފަރާތަށްޖެހިފިލަނީ ބޮޑެތި އަދަދުތަކުން ފައިސާގެންދިޔަ ކަމަށްބުނާ މޑޕބޮޑުން ނިޒާމުންގެއްލިއްޖެ.ކަޅުދަބަހުގަ ދިޔާއެއްޗެއްސާ ގަޑުފައިސާގެންދިޔަ މީހުން
ގުލްދަސްތާ
08 December 2021
ލުއިތަކާ އެއްބަސްވުތަކުގެ ފޮނިމީރުކަން ސަރުކާރުގެ ވެރިންނާ މަޖިލިސް މެންބަރުން އެދަނީ ލިބެމުން އެމިޙުން ޖެހުނު ދިޔަގަންޑެއް ފެންގަޑެއް ލައްގަންޑެއްނެތް ނަތީޖަ އެދަނީ ޕީޖީ ސަމީމު ދައްކަކަމުން ހުރިހާވެސް ކަމެއް ނިމޭނެ ދެއިރު ދެދަޅައައް ކާބޭހެއް ގޮތައް ޔާމިނައް ކޮންމެފަހަރަކު ތާކުން ތާކު ނުޖިހޭދަައުވާތަކައް ކޯޓައް ދެމީމަ
ބިއްޖެހި
08 December 2021
ވިސްނާލަބަ މި ސަރުކާރުން ބޮޑު ހިޔާނާތުގެ އެކަކު ވެސް ޖަލައް ނުލާ ޔާނު ނޫނީ. އަދީބާޒިޔަތު ވެސް ސަލާމަތްވީސް ޔާނު ދައުރުގަ އެދެމީހުން ޖަލައް ނުލި ނަމަ. މިސަރުކާރުން އެދެމީހުން ވެސް ގެއައް ބަދަލުކުރީ.
ފޫޖި
08 December 2021
މިކަމުގައި އެންމެ ނުބައި އެންމެ ބޮޑު ބައެއް ކުޅުނީ އެސްއޯއެފް ދެން ޒިޔަތާއި އަދީބު. މިކަންކުރީ ފަހަރުގައި ޔާމީނު ވިދާޅުވެގެންކަމަށްވެދާނެ. އެކަމަކު މީހަކު ވިދާޅުވިއަސް އިޚްލާޞްތެރި އަމާނާތްތެރިން ރައްޔިތުންގެ ހައްގަށް ބޮޑުތަނުން އަރައިނުގަންނާނެ. އަދި ފަހުން ޔާމީނުގެ ބާރުވެސް އަދީބުގެ މައްޗަށް ނުހިނގި އަދީބު ބޮސްއަށްވީ. ވީމާ މި ފައިސާތަށް ހޯދަން އިހްލާސްތެރިނިޔަތެއްއޮތްނަމަ ފުރަތަމަވެސް އަދީބާއި ޒިޔަތު އަދި އެސްއޯއެފްގެ ތަހުގީގު މުހިންމު
ާއުނިމާ
08 December 2021
ސަރުކާރުން އެ އުޅެނީ ކޮންމެވެސް ގޮތަކުން ހަމައެކަނި ޔާމީނު ޖަލަށް ލާނެގޮތެއް ނޭގިގެން! ސަރުކާރުގެ އަމަލުތަކުން އެކަން ވަރަށް ސާފު! މިސަރުކާރުގެ ނިޔަތް ވަރަށް ހުތުރު މިކަމުގަިއި
އިޙްސާސް
08 December 2021
6 އެއްކަ މީހުން ބައިވެރިވެގެން ހިންގި ވައްކަމެއްގަ އެއްމެ މީހެއް ބެދޭގޮތަށް ހުކުމެއްކުުރަން ދެންތިބި މީހުނަށް ލުއިދިނުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއްތޯ؟
ހުނި ގުރާބު
11 December 2021
ދެން ހަމައެކަނި އެއްމެ މީހަކު ސަލާމަތް ކުރަން އުޅޭނެ ކަމެއްނެއްދޯ....
ނާ ގަރާޖު
08 December 2021
ވަގުކަލޭގެ އެކައުންޓަށް ފައިސާ ޖަމާކުރިއިރު ޗެކުގައި އެއީ ހިޔާނާތުގެ ފައިސާއޭ ނުވަތަ ރިޝްވަތުގެ ފައިސާއޭ ލިޔެފަ ސޮއިކޮށްފަ ނެތިގެން މައްސަލަ ސާބިތުނުވާ ހިސާބަށް ކަންތައްދިޔައިމަ ދެން އެހިސާބުން މިއަތޮޅު މީހުން ތިމައްސަލައާއިމެދު އުންމީދުކަނޑާލައިފި.
ބާގަރާޖު
08 December 2021
އެންމެ ބޮޑެތި ކުއްވެރިންނާއެކު އެއްބަސްވުން ހެދޭ ހިސާބުން އުއްމީދު ކަނޑާލަންވީ. މިހާރަކު ނޫން އުއްމީދު ކަނޑާލަންވީ.
ނޫސްކިޔާމީހެއް
08 December 2021
އަދީބުއަށް ލުއިދީގެން ކުރުވިހުރިހާކަމެއްއެވީ ބޭކާރު.. ޕީޖީއަށް ކުރެވެނީބޭކާރުމަސައްކަތް. ކާމިޔާބުކުރެވެނީ ހަމައެކަނި ވަރަށްވެސް ސިމްޕަލް ކޭސްތައް.. ގަންނާކުރައްވާލަދުން ބޯހަލާކުވޭ .