ރިޕޯޓް

"ފޭކް" ސެޓްފިކެޓްގައި ބިދޭސީ ޓީޗަރުން އުޅޭ، އެކަމަކު ދައްކަން ބޭނުން ނުވާ ވާހަކައެއް!

ރާއްޖޭގައި ކިޔަވައިދިނުމަށް އިންޑިއާއިން ގެންނަ ޓީޗަރުންގެ ތެރޭގައި ބްލެކް ލިސްޓް ކޮށްފައިވާ ކޮލެޖް/ޔުނިވާސިޓީ ތަކުން ކިޔަވައިގެން ތިބޭ މީހުން ވެސް އެމްކިޔުއޭގެ ސެޓްފިކެޓް ހޯދުމަށް ހުށަހަޅާ ކަމަށް ހަންނާން ވިދާޅުވި.

އެޑިއުކޭޝަން މިނސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު އާއި ސްކޫލެއްގެ ޓީޗަރުންތަކެއް: ބިދޭސީ ޓީޗަރުން ގެންނަ މައްސަލަ އާއި ދިވެހި ޓީޗަރުން ނުލިބޭ މައްސަލައަށް ހައްލު ލިބޭނީ ތައުލީމީ ދާއިރައި ގެންގުޅޭ އުސޫލު ބަދަލުކޮށްގެން ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ވިދާޅުވޭ.-- ފޮޓޯ: މިހާރު

ރާއްޖެ އިން ބޭރުން ގެންނަ ޓީޗަރުންގެ ފެންވަރު ދަށް ވާހަކަ މި ފަހުން ފެންމަތިވީ ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދި މީހަކު ރާއްޖޭގެ ސްކޫލެއްގައި ކިޔަވައި ދޭން އުޅޭކަން ފަޅާއެރުމުންނެވެ. ކަލާފާނު ސްކޫލްގެ ގްރޭޑް 9 ގައި އިކޮނޮމިކްސް ކިޔަވައިދެމުން އައި އެ ޓީޗަރުގެ މައްސަލަ ފެންމަތިވި ހިސާބުން އޭނާ ރާއްޖެ އަށް ނާދެވޭ ގޮތަށް ހަދައި އެޑިއުކޭޝަން މިނިސްޓްރީން އެ މީހާ ޑީޕޯޓް ކޮށްލި އެވެ.

އެކަމަކު އެ ފިޔަވަޅުގެ ސަބަބުން އެފަދަ ޓީޗަރުން ރާއްޖެ އަށް ގެނައުން ހުއްޓުނީ ހެއްޔެވެ؟ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމުނީ ހެއްޔެވެ؟ އެ ޓީޗަރު ފޮނުވައިލުމުން ބިދޭސީ ޓީޗަރުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ގެންގުޅޭ އުސޫލު ހަރުދަނާ ވީ ހެއްޔެވެ؟

ފެންވަރު ދަށް ބިދޭސީ ޓީޗަރުންނާ މެދު ޝައްކު ކުރެވޭ ވާހަކަތައް ދިވެހި ޓީޗަރުންގެ ފަރާތުން ވެސް އަޑު އިވެ އެވެ. އެ މީހުންގެ ޝަކުވާ ބޮޑެވެ. ކިޔަވައި ދިނުމުގައި ބިދޭސީ ޓީޗަރުން ގެންގުޅޭ ގޮތްތަކާއި އެ މީހުންގެ ސަބަބުން ކުދިންގެ ނަތީޖާ ދަށް ވާ ވާހަކަ އަޑު އިވޭތާ ވެސް އެތަކެއް އަހަރު ވެއްޖެ އެވެ. ނަމަވެސް މައްސަލަ ހައްލު ކުރެވޭ ގޮތެއް ނުވެ އެވެ.

އެ ޓީޗަރުންގެ ފެންވަރު ދަށްވެ، އެ މީހުން އެ ސްކޫލަކަށް ކަމުނުދިއުމުން ކޮންމެވެސް އެހެން ސްކޫލަކަށް ބަދަލު ކުރާ ވާހަކަ ވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ޔަގީން ކޮށްދޭ ކަންކަމެވެ.

ނަމަވެސް ފޭކް ސެޓްފިކެޓުގައި އަންނަ "ފޭކް ޓީޗަރުން" ގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް މާ ބޮޑު ކަމަކަށް ވާ ހެނެއް ހިއެއް ނުވެ އެވެ.

ސަބަބަކީ ފެށުނީއްސުރެ އެ މިނިސްޓްރީން އެ ކަމާ އިންކާރު ކުރާތީ އެވެ. "ފޭކް ޓީޗަރުން" ރާއްޖޭގައި އުޅޭ ކަމަށް އެ މިނިސްޓްރީން އެއްބަސް ނުވާތީ އެވެ. ސުވާލު ކުރިޔަސް ދިފާއު ކުރުން ނޫން ކަމެއް ނުކުރެ އެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތަކީ އެއީ އެވެ. އެ މައްސަލަ ހައްލު ވެފައިވާ ކަމަށާއި ޓީޗަރުން ގެނައުމުގައި މިނިސްޓްރީން މިންގަނޑުތަކެއް ގެންގުޅޭ ކަމަށް ބުނެ އެވެ. ޓީޗަރުން ނަގަނީ އެ މިނިސްޓްރީގެ ހާއްސަ ޓީމަކުން އެކި ގައުމުތަކަށް ގޮސް އިންޓަވިއު ކޮށްގެންނެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ސްކޫލެއްގައި ބޭއްވި އެސެމްބްލީގައި ޓީޗަރުންތަކެއް ބައިވެރިވަނީ-- ފޮޓޯ: މިހާރު

"ސިލަބަސް ނޭނގޭ ބިދޭސީ ޓީޗަރުން އަޅުގަނޑުމެން ނުގެންނަން. ސިލަބަސް އެނގޭތޯ ބަލާފައި އިންޓަވިއު ކޮށްގެން އެ ބޭފުޅުންގެ ސީވީ ވެސް ރާއްޖެ އިން ބަލައިގަނެ، ސިލަބަސް ހަމަ އެނގޭ ޓީޗަރުން އަޅުގަނޑުމެން ގެންނަނީ،" އެޑިއުކޭޝަން މިނިސްޓްރީގައި މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

"ސިލަބަސް އެނގުމެއް ނޫން މުހިންމީ. ކިޔަވައިދޭން އެ ފެންވަރު ހުރި ތޯ، އަޅުގަނޑުމެން ޓީޗަރުން މި ނަގަނީ، ޓީޗަރުން ނެގުމަށްޓަކައި ރާއްޖޭގެ ފަރާތުން ތަޖުރިބާކާރު ޓީޗަރުންނާއި ޕްރިންސިޕަލުންގެ ޓީމަކުން ވަޑައިގެން އިންޓަވިއު ކޮށްގެން ސެޓްފިކެޓްތައް ބެލުމަށް ފަހު ހުރިހާ ކަމެއް ޔަގީން ކޮށްފައި."

އަބްދުﷲ ރަޝީދު ވިދާޅުވީ ކިޔަވައި ދިނުމަކީ ވަރަށް "ޓެކްނިކަލް" ކަމެއް ކަމަށެވެ. ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ދަށް ވާހަކަ އަކީ މީހަކު ދައްކާ ވާހަކަ އަކުން ނުވަތަ މީހަކު ބުނާ ބުނުމަކުން އެނގޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށާއި އެއީ އެ މީހާ ކިޔަވައިދޭ ގޮތާއި ކިޔަވައިދޭ ފެންވަރު ބަލައިގެން ނޫނީ ތައުލީމީ ދާއިރާގައި ހިނގާ ކަންކަމާ ދޭތެރޭ އެއްޗެއް ނުބުނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު ބުނާ ގޮތުން ބިދޭސީން ތިން ކެޓަގަރީއަކަށް ބަހަންޖެހެ އެވެ. ތައުލީމީ ދާއިރާ ހިމެނެނީ ނޮން ޕްރޮފެޝަނަލް ކެޓަގަރީގަ އެވެ.

އެއީ ސެކަންޑަރީ އެޑިއުކޭޝަނުން ފެށިގެން އެމްކިޔުއޭ އިން ކަނޑައަޅާފައިވާ ސެޓްފިކެޓް ލެވެލް ހައެެއްގައި ހިމެނޭ ގޮތަށް އެ ލެވެލާ ހަމައަށް ތައުލީމު ހާސިލުކޮށް ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހަކަށް ވުމެވެ. އެންމެ އާދައިގެ، އެއްވެސް ހުނަރެއް ނެތި ކުރެވިދާނެ މަސައްކަތްތައް ހިމެނޭ މަގާމުތަކާއި މެނުއަލްތަކުގައިވާ އިރުޝާދުތައް ކިޔަން އެނގޭ މީހުންނާއި އަދި މަސައްކަތުގެ ތަޖުރިބާ އިން މަސައްކަތުގެ ބޭސިކް ހުނަރު ދަސްވެފައިވާ މީހަކަށް ވާން ޖެހެ އެވެ.

މިނިސްޓްރީން ބުނަނީ ރާއްޖެ އަށް ގެންނަނީ އެމްކިޔުއޭ ގަބޫލުކުރާ ސެޓްފިކެޓް އޮންނަ ބިދޭސީ ޓީޗަރުން ކަމަށެވެ. އެ ޓީޗަރުންގެ ސެޓްފިކެޓްތައް މިނިސްޓްރީން ހުށަހެޅުމުން އެމްކިޔުއޭގެ ޒިންމާއަކީ އެ ސެޓްފިކެޓްތަކުގެ ސައްހަކަން ބެލުމެވެ.

އެމްކިޔުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވިދާޅުވީ ޓީޗަރުންގެ ކެޓަގަރީ އަށް ވަނުމަށް އެމްކިޔުއޭ އަށް ހުށަހަޅާ ބިދޭސީންގެ ސެޓްފިކެޓް ތަކުގެ އަދަދު މި ފަހުން އިތުރު ވެފައިވާ ކަމަށެވެ.

"ބޭރު މީހުންގެ ސަނަދު ގަބޫލު ކޮށްފައި އަޅުގަނޑުމެން މި ދެނީ ކޮލިފިކޭޝަން ރިކޮގްނައިޒޭޝަން ރިޕޯޓެއް. އެ ރިޕޯޓް ހޯދަން ބޭނުން ވެގެން ޓީޗަރުން ގެޓަގަރީ އަށް ހުށަހަޅާ ބެޗެލާސް ނުވަތަ މާސްޓާސް އޮފް އެޑިއުކޭޝަން އޮންނަ މީހުން ގިނަ. ވެދާނެ މިނިސްޓްރީން އެއީ ޝަރުތަކަށް ހުށަހަޅާފައި އޮންނާތީ ކަމަށް،" ހަންނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އުޅޭ ދިވެހި އަދި ބިދޭސީ ޓީޗަރުން ވެސް "ފޭކް" ސެޓްފިކެޓް ހޯދައިގެން އެމްކިއުއޭ އަށް ހުށަހަޅުން ދަނީ އިތުރު ވަމުންނެވެ.

ސްކޫލު ޓީޗަރުންތަކެއް ދިވެހި ޓީޗަރުންގެ ތެރޭގައި ވެސް ފެންވަރު ދަށް ޓީޗަރުން އުޅޭ ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ވެސް ގަބޫލު ކުރޭ--. ފޮޓޯ: ނިޝާން އަލީ/މިހާރު

"ރާއްޖޭގައި ތިބޭ ބައެއް ބިދޭސީ ޓީޗަރުން ވެސް ރާއްޖޭގައި ތިބެފައި އޮންލައިންކޮށް ކޮންމެވެސް ކޯހެއް ހަދާލައިގެން ސެޓްފިކެޓް އެބަ ހޯދާ. އިންޑިއާ އިން މި އަންނަ ޓީޗަރުން ސަބްޖެކްޓް ކިޔަވައިގެން އައިސް ރާއްޖޭގައި އުޅެފައި ބެޗެލާސް އިން އެޑިއުކޭޝަން ކޯހެއް ހަދާކަން ފާހަގަވޭ،" ހަންނާން ވިދާޅުވި އެވެ.

"އެގޮތަށް ހުށަހެޅި ހުށަހެޅުންތަކެއް އަޅުގަނޑުމެން ހުންނާނެ ހުއްޓުވާފައި ވެސް. ނަސީބެއް އެ ހުއްޓުވުނުކަން ވެސް. އެއީ މި ފަހުން އެ އުޅުނު ބިދޭސީ ޓީޗަރަކީ ވެސް [ފޭކް ޑިގްރީ ސެޓްފިކެޓެއްގެ މައްސަލާގައި އިންޑިއާގެ ފުލުހުން ހޯދި ޓީޗަރު] ވެދާނެ އެއީ އެ މީހާ ހަދައިދިން އެއްޗިއްސަށް ވެސް. އެ މީހާ ވެސް އުޅުނީ ވަޒީފާގައި އުޅެފައި އޮންލައިންކޮށް [ސެޓްފިކެޓެއް] ހަދާލައިގެން."

ހަންނާން ވިދާޅުވީ "ވަގު" ސެޓްފިކެޓް ހުށަހަޅާކަން ބިދޭސީންގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.

"ބައެއް ފަހަރަށް އިންޑިއާ އިން ސެޓްފިކެޓް ހުށަހަޅާފައި އެބަހުރި ބްލެކް ލިސްޓް ކޮށްފައި ހުންނަ ތަންތަނުން ކިޔަވައިގެން ތިބޭ މީހުން ވެސް،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް ޓީޗަރުން ގެނައުމަށް ޝަތުރު ކަނޑައަޅަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ ކަންކަން ހަރުދަނާ ކުރުމަށް އެމްކިޔުއޭ އިން ވެސް މަސައްކަތްތަކެއް ކުރާ ކަމަށް ހަންނާން ވިދާޅުވި އެވެ. ޓީޗަރުންނަށް ދޫކުރާ ލައިސަންސާ އެކު އެ މައްސަލަ އަށް ވެސް ހައްލު އަންނާނެ ކަމަށް ހަންނާން ގަބޫލު ކުރައްވަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރުން ނެގުމަށް ބޭރު ގައުމުތަކަށް ދާ ޓީމުގައި ހިމެނޭ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އެ މިނިސްޓްރީން ބިދޭސީ ޓީޗަރުން ނެގުމަށް ގެންގުޅޭ އުސޫލު ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެ އަށް އަންނަން ފެންވަރު ރަނގަޅު ބިދޭސީ ޓީޗަރުން ނުލިބޭނެ. ހާއްސަކޮށް އެންމެ ގިނައިން ޓީޗަރުން މި ގެންނަ އިންޑިއާއަކުން ވެސް ނުލިބޭ. އެއީ އިންޑިއާގައި ވެސް ޓީޗަރުންގެ މުސާރަ ވަރަށް ބޮޑު ވެއްޖެ. ރާއްޖެ އިން މިހާރު މި ދޭ މުސާރައާ އެކު، ނުލިބޭނެ އެންމެ ރަނގަޅު ޓީޗަރުންނެއް. ނުވެސް އަންނާނެ ރަނގަޅު ޓީޗަރަކު ރާއްޖެ އަށް،" އޭނާ ވިދާޅުވި އެވެ.

ބިދޭސީ ޓީޗަރުންނާ އިންޓަވިއު ކުރާ ޓީމުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް އަންނަ ޓީޗަރުންގެ ތެރެއިން ވެސް މައްސަލަ އުޅޭ ކަމަށް ގިނައިން ފާހަގަ ވަނީ އަތޮޅުތަކަށް ފޮނުވާ ޓީޗަރުންގެ ފަރާތުންނެވެ. އެ ޓީޗަރުންގެ މައްސަލަތައް ފާހަގަވެ، އަނބުރާ ގައުމަށް ފޮނުވާލުމުގެ ބަދަލުގައި އެހެން ސްކޫލުތަކަށް ބަދަލު ކުރާ ކަން އޭނާ ވެސް ފާހަގަ ކުރެއްވި އެވެ.

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވަނީ-- ފޮޓޯ: މިހާރު

"ހައްލަކީ ދިވެހި ޓީޗަރުން، އެކަމަކު ދިވެހިންނެއް ނުލިބޭ"

ރާއްޖެއިން ބޭރުން ގެންނަ "ފޭކް" ބިދޭސީ ޓީޗަރުންގެ މައްސަލައަށް އޮތް ހައްލެއް ކަމަށް ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ ބިދޭސީ ޓީޗަރުން ރާއްޖެ އަށް ގެނައުން ހުއްޓާލުމެވެ. ނުވަތަ ދިވެހި ޓީޗަރުން އިތުރު ކުރުމެވެ.

"މީގެ އަހަރުތަކެއް ކުރިން ލަންކާ/ ޕާކިސްތާނުން ވެސް ޓީޗަރުން ގެނައި. އެކަމަކު މިހާރު ނާންނާނެ އެ ތަންތަނުން ވެސް ޓީޗަރުންނެއް. އެއީ އެ ތަންތަނުގައި ކިޔަވައިދޭ ޓީޗަރުންގެ މުސާރަ ވަރަށް ބޮޑު ރާއްޖެ އަށް ވުރެ. އިންޑިއާގައި ވެސް މުސާރަ ބޮޑުވާނެ،" ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

"ދެން އަނެއް ކަމަކީ ރާއްޖެ ގެންނަ އިންޑިއާ ޓީޗަރުންނަކީ އެ ގައުމުގައި ވެސް އެހާ ރަނގަޅު ޓީޗަރުންނަނެއް ނޫން. އެ ގައުމުތަކުގެ ރަނގަޅު މީހުން މި އުޅެނީ އެ ގައުމުގައި ނޫނީ އެހެން ގައުމުތަކުގައި ޓީޗަރުންނަށް."

ރާއްޖެ އަށް މިހާރު ގެންނަ ބިދޭސީ ޓީޗަރުންގެ ތެރޭގައި ރަނގަޅަށް އިނގިރޭސި ބަސް ވެސް ނޭނގޭ މީހުން ތިބޭ ކަމާއި ދިވެހި ޓީޗަރުންގެ ފެންވަރު ދަށްވެގެން އެ މައްސަލަ ބަލާއިރު މީހުން ލައްވައި އެސައިންމެންޓް ހަދައިގެން ސެޓްފިކެޓް ހޯދައިގެން ތިބި ޓީޗަރުން ހިމެނޭ ކަން އެމްކިޔުއޭގެ ސީއީއޯ ހަންނާމެން ފަދަ ބައެއް ބޭފުޅުންގެ ވާހަކަތަކުން ވެސް އެނގެ އެވެ. އެކަމަކު، ގިނަ ފަހަރު ތިބެނީ އެއީ ހަގީގަތެއް ނޫން ކަމަށް ގަބޫލު ކޮށްގެންނެވެ.

އެކަން ހައްލު ވާނީ ދިވެހިން ޓީޗަރުންގެ ވަޒީފާ އަށް އިތުރު ކޮށްގެން ކަމަށް ޕްރިންސިޕަލުން ވެސް ގަބޫލު ކުރައްވަ އެވެ. ދިވެހި ޓީޗަރުންގެ ފެންވަރު ވެސް ރަނގަޅު ވެގެންނެވެ.

"ހަމަ އެކަނި ބިދޭސީން ގެނައުން ހުއްޓާލައިގެން ދިވެހިން ލައިގެން ވަކި ރަނގަޅެއް ނުވާނެ. ދިވެހި ޓީޗަރުންގެ ފެންވަރު ވެސް އެބަޖެހޭ ރަނގަޅު ކުރަން. ޓީޗިން ކޯހެއް ހެދޭއިރަށް އެއީ ވަރަށް މޮޅު މީހެއް ކަމަށް ބައެއް ބޭފުޅުން ގަބޫލު ކުރައްވާ. އެކަމަކު ކިޔަވައިދޭ ނޭނގޭ ކުދިން ވެސް ކޯހެއް ހަދާފައި ކިޔަވައިދޭން އެބަ އުޅޭ،" ޕްރިންސިޕަލެއްގެ ގޮތުގައި ކުރިން އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގަބޫލު ކުރާ ގޮތުގައި މިދިޔަ އަހަރު ބޮޑުކުރި ޓީޗަރުންގެ މުސާރައާ އެކު، ދިވެހި ޓީޗަރުން މި ދާއިރާއަށް ގިނަވެ ބިދޭސީ ޓީޗަރުން މަދު ވާނެ އެވެ. ނަމަވެސް ތައުލީމީ ދާއިރާގެ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ. އެ މީހުންގެ ވިސްނުމުގައި އެއީ ހައްްލެއް ނޫނެވެ.

ޓީޗަރުންގެ ގޮތުގައި ނުކުންނަ ދިވެހިންގެ އަދަދު މަދުވާ މައްސަލައާ ގުޅިގެން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން 8،000 ޓީޗަރުން ބައިވެރި ކޮށްގެން މިދިޔަ އަހަރު ހެދި ދިރާސާގައި ބުނީ ދިވެހި ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާ އަކީ ކުރަން ޖެހޭ މަސައްކަތާއި ހޭދަކުރާ ވަގުތާ އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ނުލިބުމެވެ.

"ދިވެހި ޓީޗަރުންގެ މުސާރަ ކުޑަ ވާހަކަ އާއި އެހެން ދާއިރާ ތަކުގެ މުސާރަ ބޮޑު ވާހަކަ އަބަދުވެސް ދައްކާ. މުސާތަރައް ބޮޑު ކޮށްދީފި. އެކަމަކު އަނެއްކާ އިއްޔެ ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކޮށްފި. އަނެއްކާ ވެސް ޓީޗަރުންގެ މުސާރަތައް މިވީ ކުޑަ. އެހެންވީމާ މިއީ ހައްލެއް ނޫން،" ތައުލީމީ ދާއިރާ އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

"ފޭކް" ބިދޭސީ ޓީޗަރުންގެ މައްސަލަ އާއި ދިވެހި ޓީޗަރުން ތައުލީމީ ދާއިރާ އަށް ލިބުން ދަތިވާ މައްސަލައަށް ވެސް ހައްލު ލިބޭނީ ތައުލީމީ ދާއިރާގައި ޓީޗަރުންގެ އުސޫލު ހަރުދަނާ ވެގެން ކަމަށް އެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

"ފޭކް" ބިދޭސީ ޓީޗަރުން ގެންނަ މައްސަލައަކީ ހިނގާ ކަމެއްކަން މިނިސްޓްރީން ދޮގު ކުރިޔަސް އެއީ ކަން ހިނގާ ގޮތް ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ. ނުވާ ކަމެއް ކަމަށް ހަދާލައިގެން ތިބޭ ނަމަ އޭގެ ގެއްލުން ވާނީ ރާއްޖޭގެ ސްކޫލްތަކުން ނުކުންނަ ކުދިންނަށެވެ. އެތައް ކުދިންނެއްގެ މުސްތަގްބަލް އެ ހިސާބުން ވަޅުލެވުނީ އެވެ. އިންޑިއާގެ ފުލުހުން ހޯދަން އިއުލާންކުރި "ފޭކް ޑިގްރީ" ޓީޗަރު ރާއްޖޭގައި ހުރި ކަން ފަޅާއެރުމަކީ ރަނގަޅު ސިގްނަލެއް ކަމަށް ބަލައި ކަންކަން އިސްލާހު ކުރުމުގެ ވާހަކަ ކުރިއަށް ވުރެ ބޮޑަށް ދައްކަން ވެއްޖެ އެވެ.

47 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 43%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައްޙާފް

23 July 2023

މީގެ މޮޅު ކަމަކީ، ދިވެއްސަކު އޮކްސްފޯޑުން މާސްޓާރސް ނެގިޔަސް، އެ ޔުނިވާސްޓީގެ އެންޓްރީ ކްރައިޓީރިއާ، ފުލް ޓައިމްތޯ ޕާޓް ޓައިމްތޯ، ހުރިހާ ސެމެސްޓާގެ ނަތީޖާގެ އަަސްލު ސާނަވީއިން ފެށިގެން ހާސިލު ކުރި ހުރިހާ ސަނަދު މިހެންގޮސް ނުވިހާދަރިއެއްގެ ފޫޅު ފިޔަވާ ހުރިހާއެއްޗެއް ދިނުމުން އެކްރެޑިޓްވަނީ، އެކަމުން އިންޑީއާ ޓީޗަރަކުނަމަ، ޕާސްޕޯޓް ކޮޕީ، ސެޓްފިކެޓާއި ޓަރާންސްކްރިޕްޓްގެ ކޮޕީ އީމެއިލްކޮށްލުމުން ވަގުތުން އެކްރެޑިޓް ކުރެވޭ.

The name is already taken The name is available. Register?

ހެކިބަސް

20 July 2023

އަނެއްކާ ވެސް ދަންނަވަން އޮތް ވާހަކަ އަކީ އިންޑިއާ މީހުންގެ ދަށުވެފައޭ ދިވެހި ސަރުކާރު އޮތީ... ވޯތާ މެދު ވިސްނަވާ

The name is already taken The name is available. Register?

2އއއއ000

18 July 2023

ބޭރު ޓީޗަރުން ގެނައުން ތިޔައި އެޑިއުކޭޝަންގެ ކަމާ ބެހޭ މުއައްޒަފުން ލާރިގަނޑެއް ހިއްލާ ލާކަމެއް. އަހަރަމެން ރަށުގައި ހުރި އިގިރޭސި ޓީޗަޗަރަށް ނޭގޭ އިގިރޭސި ޖުމުލަ ހަމަ ޖައްސާ ލިޔަން

The name is already taken The name is available. Register?

ޑޮކްޓަރު

18 July 2023

އެޑްވާންސް ސެޓުފިކެޓް ހެދި ނަރުހަކަށް 20،000 ޑިޕްލޮމާ ހެދި ޓީޗަރަކަށް 13،000 މި ހުރީ ހާމަނައިޒް ކޮށްފަޔޯ

The name is already taken The name is available. Register?

‫މުޙުއްމާ

17 July 2023

އ‫ިންޑިއާ މީހުންގެ ވާހަކަދެއްކުން މަނާވާނެ. އަދި ޓީޗަރުންގެންނަ ކޮރަޕްޓް މީޙުންގެ ވާހަކަ ދެއްކުން ވެސް މަނާވާނެ.

The name is already taken The name is available. Register?

ކަލޯގެޔާ1

17 July 2023

އިންޓަވިއު ކުރަންދާ ޓީމަށް ބޮޑުކޮށް ހުށައަޅާ ފަރާތުގެ ކޮންކަމެއްތޯ ފެންނާނީ

The name is already taken The name is available. Register?

މިލްކް ޝޭކް ޒައިދު

17 July 2023

“އަވައްޓެރި” ގައުމުން ގެންނަނީ ހުސްފޭކް. ރެކްރޫޓީން އެޖެންޓުން މެދުވެރިކޮށް ވުޒާރާގެ އިސްވެރިންނަށް ބައި އެޅޭގޮތަށް ހިންގޭ ވަގުފާރިއެކޭ ކިޔާ އަޑު މިލްކް ޝޭކް ޒައިދަށް އަދި ނީވޭކަން ނޭނގެ!

The name is already taken The name is available. Register?

ދިވެހިންވާނެތަ

17 July 2023

ހައްލަކީ ދިވެހި ޓީޗަރުން ގިނަކުރުން. މުސާރަ ބޮޑުކުރިއަސް ދިވެހި ޓީޗަރުން ނުލިބެނީ ޓީޗިންގ ޕްރޮފެޝަންގެ އަގު ވައްޓާލާފައިވާތީ. އެކަން ކުރީ ޓީޗަރުންނާއި، ސްކޫލްތަކުގެ ވެރިންގެ އާރާއި ބާރު ކަނޑުވާލައިގެން. މުސާރަ ބޮޑަސް ވާރކް ލޯޑާއި ސްޓްރެސް އެހާ ބޮޑު. ދަރިވަރުން ބޭނުންހާ އެއްޗެއް ހަދާއިރު މުދައްރިސަށް، ސްކޫލަށް ކުރެވޭނެ އެއްވެސްކަމެއް ނެތް. އުސޫލްތައް ހުރީ ހައްގުތަކުން ފުރިފަ. މުސާރަ ބޮޑުކުރިއަސް ދިވެހިން ނުވަނީ މިހެންވެ.

The name is already taken The name is available. Register?

ޢާކިފް

17 July 2023

މުޅި ތަޢުލީމް ދައިރާ މާލެ ހުލުމާލެ ވަރަށް ކަޑަ ރަށްރަށު ސްކޫލްތައް ގާއި ޕުރައިވެޓް ސުކޫލް އިންޓާނެޝަލް ސްކޫލްތައް މާ ރަނގަޅު މިފަހަރު ރެހެންދީ ސްކޫލް އެންމެ 3 ކުދިން ގުރޭޑް9 އެކޮނޮމިކްސް ފާސްވީ އަސްލު ރަނގަލު ތައުލީމު ލިބެނީ މުއްސަނދިން ނިކަން އަހަރެން ފަހާގަވެއެވެ.

The name is already taken The name is available. Register?

ވިލާ ގާރލް

17 July 2023

ވިލާ ކޮލެޖްގަ ވެސް އުޅޭ ތީގެ އެތަކެއް މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454