ރިޕޯޓް

ފެނަކަ: ކޮރަޕްޝަނުން ހުލިކުރިއިރު މުއައްސަސާތަކުން ތިބީ ބަލަހައްޓައިގެން!

"ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ސިޔާސަތު ދެމެހެއްޓުމުގެ އިގުރާރުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފެނަކައަކީ ކޮރަޕްޝަންގެ ހާއްޔެކެވެ؛ ދައުލަތުގެ ފައިސާ އިން ބައިއަޅާ ހުސްކޮށްލަނީ އެވެ. މިއީ، ނޭނގި އޮތް ކަމެއް ނޫނެވެ. އެތައް ބިލިއަނަކަށް އަރާ ހިޔާނާތުގެ ތަހުގީގު ފައިލްތައް އޭސީީސީގައި މަތިމައްޗަށް ޖަހާފައި އެބަހުއްޓެވެ. އޮޑިޓަ ޖެނަރަލްގެ ރިޕޯޓްތަކުގައި ކުންފުނީގެ ޚިޔާނާތް ހިންގާ ގޮތް ފެންނަން އެބައޮތެވެ. ކުންފުނީގެ މުވައްޒަފުން ބޮޑެތި ޕެޓިޝަންތައް ހަދައިގެން ހެއްކާ އެކު ގޮސް ހިޔާނާތަށް ފިޔަވަޅު އަޅައިދޭން ތަކުރާރުކޮށް މުއައްސަސާތަކުގައި އެދިއްޖެ އެވެ.

އެކަމަކު ހިޔާނާތް ފުޅާކުރަން ހިތްވަރު ލިބުން ފިޔަވައި މިހާތަނަށް ވީ ކަމެއް ނެތެވެ. މުއައްސަސާތަކުން މައްސަލަ ބަލަން އުޅެ އެވެ. އެކަމަކު ހާހުން ގުނާލެވޭ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މަދު ކަމެއްގައި ފިޔަވައި ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައެއް ނުވެ އެވެ.

ފެނަކައިގެ ޚިޔާނާތުގެ ލިއުންތައް ހިފައިގެން މިދިޔަ ސަރުކާރުގައި އޭސީސީން ރައީސް އޮފީހަށް ވެސް ދިޔަ އެވެ. ނިޒާމުގެ ތެރެއިން އެ ކަންކަން ވިޔަ ނުދޭން ފިޔަވަޅު އަޅާނެ ކަމަށް ބުނެ މައްސަލަތައް "ފޮރުވީ" އެވެ. ކޮންމެ ޕްރޮކިއުމަންޓެއްގައި ކޮރަޕްޝަން ހިންގާފައި އޮތް ގޮތާއި މަންފާވި މީހުންގެ ޗާޓުތައް ކުރަހައިގެން އޭސީސީއަށް ދިޔަ މުވައްޒަފުން މާޔޫސްވުން ފިޔަވައި އިތުރު ކަމެއް ނުވި އެވެ.

ކުންފުނީގެ ހާލަތު މިހެން އޮވެ، މި ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން މައްސަލަތައް ބަލަން ފެށިއިރު، ކުންފުނި އޮތީ ހިޔާނާތުން ދޮވެލާފައި ކަމަށް ބުނެވޭނެހާ ތަފްސީލްތައް ކޮމިޓީގައި ހާމަވެއްޖެ އެވެ. ސިޔާސީ ވަޒީފާތަކުން ކުންފުނި ފުރާލައި، މަޝްރޫއުތައް ނުނިންމައި ބަޖެޓް ހުސްކޮށްލީ އެވެ. ފެނަކައަށް ގެއްލުން ވިޔަސް އެތައް ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މަސައްކަތްތައް ހަވާލުކުރި އެވެ.

އޭސީސީ އާއި އޮޑިޓް އޮފީހުގެ އިސް ބޭފުޅުން، ވަރަށް ފާޅުގައި މަޖިލީހުގެ ކޮމިޓީތަކުގައި މި ވާހަކަ މިހަފުތާގައި ދައްކައިފި އެވެ.

މިދިޔަ ފަސް އަހަރަށް އެކަނި ބެލިޔަސް އެ ކުންފުންޏަށް އޮތީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފަ އެވެ. އެ ވާހަކަތައް މިހާރު ދެއްކެވިޔަސް، ގާނޫނުން ބާރު ދީގެން އުފައްދާފައިވާ އެ މުއައްސަސާތަކުގެ ވެރިން ތިއްބެވީ ހިމޭނުންނެވެ. ފެނަކައިގެ ވެރިން ހިންގާފައިވާ ޖަރީމާތަކުގެ ވާހަކަ ކޮމިޓީތަކުގައި މި ހަފުތާގައި ދެއްކި ވަރަށް ވެސް މީގެ ކުރިން ހާމައެއް ނުކުރެ އެވެ.

މި ކުންފުނި އުފެއްދީއްސުރެ ހިޔާނާތް ހިންގަމުންދާ ކަމުގެ އަޑު ނުކެނޑެ އެވެ.

އަތޮޅުތަކު ތެރޭގައި ޔުޓިލިޓީ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު ފެނަކަ އުފެއްދި ފަހުން މިއަދާ ހަމައަށް އެ ކުންފުނި ތެރޭގައި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް މިލިއަނުން ހަރަދު ކުރާ ވާހަކަތަކާއި ވެރިންނާއި ތިމާގެ މީހުންނަށް ޕްރޮޖެކްޓުތައް ދޭ މައްސަލަތަކާއި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާ އަޑު އަބަދުވެސް އިވެ އެވެ.

އެތައް ފަހަރު އެ މައްސަލަތައް ކުންފުނި ތެރެއިން ބަޔަކު ނުކުމެ ފަޅާ އަރުވާލާފައިވާ އިރު މުއައްސަސާތަކުން ނެރޭ ރިޕޯޓުތަކުން ވެސް އެތައް ކަމެއް ހާމަވެ އެވެ.

އެކަމަކު ކޮންމެ ފަހަރަކު ފެނަކަ ކުންފުނީގެ ހިޔާނާތުގެ ވާހަކަ މި ދައްކަނީ ކުންފުނި ދަވާލާ ފަހުންނެވެ. ކޮންމެ ވެރިކަމެއް ނިމި، އާ ވެރިކަމެއް ފެށޭ އިރު އެވެ. ހިނގަމުންދާ ވެރިކަމެއްގައި ނަމަ ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ފާޅުގައި ދައްކަން ކެރޭ މުއައްސަސާއެއް އަދި ނުފެނެ އެވެ. އެ އިރެއްގެ އޮތް މެނޭޖްމަންޓަކާ މެދު ސަރުކާރުގެ ވިސްނުން ބަދަލުވުން ނުވަތަ އެ ސަރުކާރެއް ބަދަލުވުމުން އެފަދަ ކަންކަން ތަހުގީގު ކުރުމުގެ މެންޑޭޓް އޮންނަ މުއައްސަސާތަކުގެ އަޑު ވަރަށް ގަދަވެ އެވެ.

މި ދުވަސްވަރު ވެސް މި ހިނގަނީ އެ ކަމެވެ. މިދިޔަ ފަސް އަހަރު ހިމޭނުން ތިބި މުއައްސަސާތައް ސިޔާސީ އޮއިވަރު ބަދަލުވުމާ އެކު، ވަރަށް ވާހަކަ ގިނަ އެވެ.

ދައުލަތަށް ލިބެން އޮތް އެތައް މިލިއަނެއް ބަހާ ހުސްކޮށްލި ގޮތުގެ އެތައް ވާހަކައެއް ދައުލަތަށް މާލީ ގޮތުން ފައިދާ ހޯދުމަށް އުފެއްދިޔަސް ފެނަކަ ކޯޕަރޭޝަން އަބަދުވެސް އޮންނަނީ ސިޔާސީ މީހުން ހަޑި ހާވަން އުފައްދާފައި އޮތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށެވެ.

ކަންވެ ނިމޭ ފަހުން އަބަދުވެސް ހިޔާނާތުގެ ބޮޑު މަންޒަރެއް އޭސީސީ އާއި އޮޑިޓް އޮފީހުން ދައްކާލާނެ އެވެ. ހިޔާނާތް ހިނގާކަން އެނގޭ ކަން ފިޔަވައި ކުރެވުނު ކަމެއް މުއައްސަސާތަކަށް ހާމައެއް ނުކުރެވެ އެވެ.

2013-2018: ގާތް މީހުންނަށް މިލިއަނުން ފައިސާ ބެހުމާއި ސިޔާސީ ނުފޫޒު!

ފެނަކަ ތެރޭގައި ބޮޑެތި ހިޔާނާތްތައް ހިންގާ ކަމަށް އަޑުފެތުރެމުން ދާތާ އެތައް ދުވަހެއް ވެ، އެންމެ ފުރަތަމަ ބޮޑު މައްސަލައެއް ފަޅާއެރީ އެ ކުންފުނީގެ މެނޭޖްމަންޓު ބަދަލުވީ ފަހުން 2014 އާއި 2015 ގެ އޮޑިޓް ރިޕޯޓު ނެރުމުންނެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން ޑޮލަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ތެޔޮ ގަތުމުގައި ހިންގި ކޮރަޕްޝަންގެ އިތުރުން މަޝްރޫއުތައް ހަވާލުކުރުމުގައި އެ ކުންފުނިން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދީ، ބޮޑެތި އަދަދުތަކުން މީހުންނަށް ފައިސާ ވަނީ ބަހާލައިފަ އެވެ.

2015-2014 ގެ ބޮޑު ހިޔާނާތްތައް ހިނގި އިރު އެމްޑީއަކަށް ހުންނެވި ނިމާލް--ފައިލް ފޮޓޯ: މިހާރު

ޖަނަރޭޓަރު ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަކާއި ހުއްދަ ނެތް ފަރާތްތަކަކުން ޑޮލަރު ގަނެ އެ މީހުންނަށް "ކޮމިޝަން" ގެ ގޮތުގައި ފަސް މިލިއަން ރުފިޔާ އޮތީ ދޫކޮށްފަ އެވެ. ޕޭމަންޓް ވައުޗާ ނެތި 12.6 މިލިއަން ރުފިޔާގެ 23 ޓްރާންސެކްޝަން ހަދާފައިވާ އިރު އިންވޮއިސް ނެތި 34 މިލިއަން ރުފިޔާގެ 14 ޓްރާންސެކްޝަނެއް އެ ކުންފުނިން ހެދިކަން ފަޅާ އެރި އެވެ.

އޭގެ އިތުރުން މަސައްކަތްތައް ހަވާލުކުރުމުގެ ކުރިން ކޮންްޓްރެކްޓުގެ އުސޫލްތަކާ ހިލާފަށް އެޑްވާންސް ފައިސާ ދޫކުރުމާއި އަމިއްލަ ފަރާތަކުން ބޮޑު އަގުގައި ޑީސަލް ގަތުމަށް 21 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރުން ހިމެނެ އެވެ.

ހިޔާނާތުގެ ބައެއް އަދަދުތައް:

- އެންމެ ކުންފުންޏަކުން ކޯޓޭޝަން ހޯދައިގެން 38 ޖަނަރޭޓަރު ގަތުން.

- ބޮޑު އަގުގައި އަމިއްލަ ފަރާތަކުން ޑީސަލް ގަތުމަށް އިތުރަށް 21.8 މިލިއަން ރުފިޔާ ހަރަދުކުރުން.

- އެކެއްގެ ކުންފުނިތަކަކުން ކޯޓޭޝަން ހޯދައިގެން 4.3 މިލިއަން ރުފިޔާގެ ޑީސަލް ގަތުން.

- އަމިއްލަ ފަރާތްތަކުން ޑޮލަރު ގަތުމަށް 95 މިލިއަން ހަރަދު ކުރުން.

- ޑޮލަރު ވިއްކާ ފަރާތަށް 5 މިލިއަންގެ ކޮމިޝަނެއް ދިނުން.

އޭރު ފެނަކައިގެ ބައެއް މުވައްޒަފުން ބުނެފައިވާ ގޮތުގައި އެ ބޭފުޅުން އެ ކުންފުނި ހިންގެވީ އަމިއްލަ ކުންފުންޏެއް ހިންގަވާ އުސޫލުން އެއްވެސް މަޝްވަރާއެއް ވެސް ނެތި މާލިއްޔަތު ގާނޫނަކަށް ގަވައިދަކަށް ނުބަލަ އެވެ.

ކުއްލިއަކަށް މަޝްރޫއުތައް ހިންގާ އިރު ފައިސާ ހޯދާ ގޮތެއް އަދި ހަރަދު ކުރާ ގޮތެއް ވެސް އެކަކަށް ވެސް ނޭނގެ އެވެ.

ކުންފުނި ދަވާލައި ގާތް މީހުންނަށް ނާޖާއިޒް މަންފާތައް ހޯދަމުން ގެންދިޔައީ އެންމެންގެ ލޯ ކުރިމަތީގައި ކަމަށް އޭރު އެ ކުންފުނީގައި އުޅުނު މީހުން ބުންޏެވެ.

ނަމެއްގައި ފިޔަވަޅު އެޅުން: ތުހުމަތުތައް ވީ އިތުރު!

އޮޑިޓް ރިޕޯޓުން އެ މައްސަލަތައް ހާމަކުރި އިރު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ނިމާލް މަގާމުން އެކަހެރިކޮށް، އެހެން މިނިސްޓްރީއަކަށް ބަދަލުކުރި އެވެ. އޭގެ ބަދަލުގައި އެ ކުންފުންޏަށް ދެން އައްޔަން ކުރެއްވީ އަހުމަދު ޝަރީފެވެ.

އޭނާ އެ މަގާމަށް އައުމަށް ފަހު އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގެ ވާހަކަ ދެއްކެވި އެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަން ޖާގަ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ނިމާލްގެ ފަހުން ފެނަކަ ކުންފުންޏާ ހަވާލުވި އަހްމަދު ޝަރީފް.

އެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ފުލުހުން ބޮޑު ތަހުގީގެއް ފެށި ނަމަވެސް މާބޮޑެތި ފިޔަވަޅުތަކެއް އެޅި ތަނެއް ނުފެނެ އެވެ. އޭގެ ތެރޭގައި އިސްކޮށް އުޅުނު ބައެއް މީހުން މިހާރު ވެސް އެކި މަގާމުތަކުގައި އެބަތިއްބެވެ. މަންފާ ވީ މީހުންނެއް ނުހޯދުނެވެ. ދައުލަތަށް ގެއްލުނު އެތައް މިލިއަން ޑޮލަރު ވެސް ރިކަވާއެއް ނުވި އެވެ. މުއައްސަސާތައް ހޭލައިގެން ކޮރަޕްޝަންގެ ވާހަކަ ދެއްކި އިރު އޮތީ ވާނެ އެއްޗެއް ވެފަ އެވެ.

ފަހުން އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ޝަރީފް ފެނަކަ ހިންގި ދުވަސްވަރު ވެސް ކޮރަޕްޝަނަށް ތުހުމަތުވާ އެތައް މައްސަލަތަކެއް އާންމުން ފެންމަތި ކުރި އެވެ. އޭގެ އިތުރުން އެންމެ ބޮޑަށް ދެއްކެވުނީ ސިޔާސީ ބޭނުންތަކަށް އެ ކުންފުނި ބޭނުން ކުރާ މައްސަލަ އެވެ. ފެނަކައިގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވި ނަމަވެސް އިންތިހާބާ ދިމާކޮށް، މުވައްޒަފުން ވެއްދުމާއި ވަކިވަކި ފަރާތްތަކަށް ޕްރޮޖެކްޓުތައް ދޭ މައްސަލަ އެވެ.

އެފަދަ މައްސަލައެއް އޭސީސީ އަށް ވެސް އޭރު ހުށަހެޅި އެވެ. ނަމަވެސް އޭރު އޮތް އޭސީސީ އަށް އެ މައްސަލަތަކެއް ނުފެނެ އެވެ. އެފަދަ މައްސަލައެއް ތަހުގީގެއް ވެސް ނުކުރެ އެވެ. މަޖިލީހާއި މީޑިއާތަކުގައި ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ވާހަކަތަކެއް ނުދައްކަ އެވެ. އޭރު އެ ކޮމިޝަންގެ ބައެއް މެންބަރުން ވެސް ތިބީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތެއްގެ އަޑީގައި ކަން އެނގުނީ މާ ފަހުންނެވެ.

ވަކިވަކިން މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފުސީލް އެނގޭ ގޮތަށް އޭސީސީ އަށް 192 ސޮފްހާގެ ރިޕޯޓެއް އޭރު ހުށަހެޅި އެވެ.

2018-2023: ކުންފުނި ދަވާލުމާއި މުއައްސަސާތަކަށް ދޮރު ބަންދުކުރުން!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ ވެސް ފެނަކަ ތެރޭގައި އޭގެ ކުރިން ހިންގި ބައެއް ކޮރަޕްޝަންގެ ވާހަކަތައް ދައްކަވަމުންނެވެ. ވެރިކަމަށް ވަޑައިގަތް ގޮތަށް، ޒީރޯ ޓޮލަރަންސްގެ ނަމުގައި ފެނަކަ ކުންފުނީގެ މުވައްޒަފުން މަގުމައްޗަށް ނެރެ އެންމެން ލައްވާ ހިޔާނާތް ނުހިންގަން އިގުރާރެއްގައި ސޮއިކުރުވި އެވެ.

އެ ކުންފުނިން ހިންގާ 153 ރަށަކުން އެއް ފަހަރާ 2،800 އަށް ވުރެ ގިނަ މުވައްޒަފުން އެއް ވަގުތެއްގައި އެ އިގުރާރުގައި ސޮއިކޮށްފައިވެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ފެނަކައިގެ މުވައްޒަފުން ސޮއިކުރި ރަސްމިއްޔާތު

އެކަމަކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކުންފުނިން ބޮޑެތި ހިޔާނާތްތައް ހިންގާ ކަމުގެ އަޑުތައް އަރަން ފެށި އެވެ. މި ޖަރީމާތައް ހުއްޓުވައިދޭން އެދި ތެދުވީ ނަޒާހާތްތެރިކަމުގެ އިގުރާރުގައި ސޮއިކޮށްގެން ތިބި މުވައްޒަފުންނެވެ.

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އިސްވެ ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފުންތަކެއް އޭސީސީ އަށް ހުށަހެޅި 28 މައްސަލައިގެ ތެރެއިން 22 މައްސަލަ ތަހުގީގު ކުރަން ފެށި އެވެ.

ވަކިވަކިން މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފުސީލް އެނގޭ ގޮތަށް އޭސީސީ އަށް 192 ސޮފްހާގެ ރިޕޯޓެއް އޭރު ހުށަހެޅި އެވެ.

ފެނަކަ ސައީދަށް މުވައްޒަފުން ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި ބައެއް ކަންކަން

- ވަކި ފަރާތަކަށް ނާޖާއިޒު ފައިދާވާ ގޮތަށް ކުންފުނީގެ ބަޖެޓުން 742،000ރ. ހޭދަކޮށްގެން ވޯޓަ ޕްރޫފް ޕެޑް ލޮކްތަކެއް ގަތުން.

- އާންމުކޮށް އިއުލާންނުކޮށް ސައީދު ނިސްބަތްވާ ގދ. ވާދޫ މީހެއްގެ ކުންފުނިން ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަތް ކަމުގެ ތުހުމަތު.

- ފެނުގެ ސާމްޕަލް ނަގާ 200 ފުޅި ޕްރޮކިއުމަންޓް އުސޫލާ ހިލާފާށް ބޮޑު އަގުގައި ގަތުން.

- ވާދޫ އިންޖީނުގޭގެ އޮފީސް އިމާރާތާއި ފިއުލް ސްޓޯރޭޓް ޓޭންކް ބަނުމުގެ މަސައްކަތް ސައީދާ އާއިލީ ގުޅުން އޮންނަ ބަޔަކާ ހަވާލުކުރި ކަމުގެ ތުހުމަތު.

- ވާދޫ ޕަވަ ހައުސް އިމާރާތްކުރުން ތިން މިލިއަނަށް އެމްޑީގެ ގާތް ތިމާގެ ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ.

- އިއުލާންނުކޮށް އިންޑިއާގެ މޯހަން މުތާ ކުންފުނިން 600،000ރ. ގެ މުދާ ގަތް މައްސަލަ.

- އެޗްއާރް ޕޮލިސީތަކާ ހިލާފަށް ބައެއް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިން މައްސަލަ.

އެ މައްސަލަތަކާ ގުޅޭ ބޮޑު ތަހުގީގެއް ފެށުމަށް ފަހު އޭސީސީން ވަނީ މާޗު 4، 2021 ގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ހަމައަށް ބޮޑު ރިޕޯޓެއް ގެންގޮސްފަ އެވެ.

އެކަންކަން ހުއްޓުވައި ދިނުމަށް އޭސީސީގެ ފަރާތުން އެދިވަޑައިގަތެވެ. އަދި އޭރު ވެސް ފެނަކައާ ގުޅޭ އިތުރު ތަހުގީގަތަކެއް ވެސް ކުރަމުންދާ ކަމަށް އޭސީސީން ބުންޏެވެ. އެއީ، އޭސީސީގެ ކުރީގެ މެމްބަރުން ތަހުގީގު ކުރަން ފެށި މައްސަލަތަކެކެވެ.

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ވަގުތަށް ވިދާޅުވީ އެ މައްސަލަތައް ވީހާ ވެސް އަވަހަށް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ މައްސަލައިގެ ވާނުވާ އޭސީސީން ބެލުމުން ރައީސް އޮފީހުން ދިނީ އެ މައްސަލާގައި މީޑިއާތަކަށް ވެސް ދިން ޖަވާބެވެ.

އެއީ އެ "ކޮރަޕްޝަންތަކާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އަދި ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާ" ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭގެ ފަހުން އޭސީސީން ބޭނުންވާ ލިޔެކިޔުންތައް ފެނަކައިން ހިއްސާކުރުން ވެސް ހުއްޓާލި އެވެ. ތަހުގީގީ އިދާރާއަކުން ނުވަތަ އޮޑިޓަށް ވެސް އެ ކުންފުނި ތެރެއަށް ވަދެވެން އޮތް ހުރިހާ ދޮރެއް ބަންދުކުރި އެވެ. މިކަން މިހެންވާ ކަން ރައީސް އޮފީހަށް ވެސް އެނގެ އެވެ. ސިޔާސީ ގޮތުން ސަރުކާރަށް ލިބެމުން ދިޔަ މަންފާއަށްޓަކައި ކުންފުނީގެ އެތެރެ ހޭވުމުގެ ފުރުސަތު ގަސްތުގައި ނުދިނީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މީގެ ދެ ދުވަސް ކުރިން ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނަރަލް ހުސެއިން ނިޔާޒީ ވެސް ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ފެނަކަ ކުންފުނީގެ އެއްވެސް މާލީ ބަޔާނަކަށް އެކްސެސްއެއް ނުވެވެ އެވެ. އަދި އެއްވެސް މައްސަލައެއް ތަހުގީގު ކުރާކަށް ފުރުސަތެއް ނުލިބެ އެވެ.

އެހެން ނަމަވެސް އިދާރާތަކުން އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮތީ ގާނޫނުން އެ މުއައްސަސާތަކަށް ދީފަ އެވެ. މައުލޫމާތު ދިނުމަށް ދެކޮޅު ހަދާ ނަމަ ދައުވާ ވެސް ކުރަން ހުށަހެޅި ދާނެ އެވެ. އަދި އެކަމަށް ހުރަސް އަޅާ ނަމަ ނުކުމެ މީޑިއާގައި އެ ވާހަކަ ފަޅާއަރުވާ ލެވިދާނެ އެވެ. އެކަމަކު 2021 ގެ ފަހުން ލިޔެކިޔުން ހިއްސާ ނުކުރާ ވާހަކަ މުއައްސަސާތަކުން މި ދައްކަން ފެށީ 2024 ވަނަ އަހަރު އެވެ. އޭގެ ކުރިން ތިބީ ހަމަ ލޯމަރާލައިގެން ބާރެއް ނެތް ކަމަށް ހެދިގެންނެވެ.

އެގޮތަށް މުއައްސަސާތައް އަތް އުރާލައި ލޯމަރާލުމުން ފެނަކައަށް ލިބިގެން ދިޔައީ ވަރަށް ނުރައްކާތެރި މިނިވަންކަމެކެވެ. އޭގެ ފަހުން އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް ލިބުނު ވަރަށް ވުރެ ބޮޑު ގެއްލުމެއް އެ ކުންފުންޏާ ހެދި ލިބިއްޖެ އެވެ.

ފެނަކަ 4 ބިލިއަނުން ދަރުވާލި ގޮތް!

އެއްވެސް ތަހުގީގީ އިދާރާއަކަށް ވަންނަން ފުރުސަތު ނުދީ ބަންދުކޮށްލައިގެން ތިބެ ފެނަކަ ތެރޭގައި ހިންގި ކަންކަން މިހާރު ވަނީ ފެންމަތިވާން ފަށައިފަ އެވެ.

ފެނަކަ ކުންފުނީގެ މިހާރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ފަސް އަހަރު ކުރިން 2019 ގައި ފެނަކަ ކުންފުނީގެ ދަރަނި 768 މިލިއަން ރުފިޔާގައި ހިފަހައްޓާފައިވާ ކަން ލިޔެކިޔުންތަކުން އެނގެ އެވެ. އަދި އެންމެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިން 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް 3.2 ބިލިއަން ރުފިޔާ ދަރާފައި އޮތް ކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަކަގެ މިހާރުގެ އެމްޑީ މުއާޒް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެހާ ބޮޑު އަދަދަކުން ކުންފުނި ދަރާފައިވާ ގޮތުގެ ބައެއް ތަފްސީލްތައް މިދިޔަ ދެތިން ދުވަހު އޭސީސީ އާއި އޮޑިޓާ ޖެނަރަލް އޮފީހުން މަޖިލީހުގައި ދެއްކެވި ވާހަކަތަކުން ސާފުވެ އެވެ.

އޭސީސީން ވެސް ބުނި ގޮތުގައި ފެނަކަ ކުންފުނީގެ މިދިޔަ މެނޭޖްމަންޓާ ގުޅޭ ގޮތުން މީގެ ކުރިން ދުވަހަކު ވެސް ނާންނަ ވަރަށް އާދަޔާ ހިލާފަށް ގިނައިން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅެ އެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ހިޔާނާތް ހިންގާފައިވާ މައްސަލަތައް ހިމެނޭ ކަމަށާއި ކުންފުނީގެ އެމްޑީ އާއި އިސްވެރިންތައް ގުޅިގެން ދައުލަތަށް ފައިދާ ވާން އޮތް ތަނުގައި ވަކި ބަޔަކަށް ނާޖާއިޒް މަންފާތަކެއް ހޯދައިދީފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޕްރޮކިއުމަންޓާ ގުޅޭ ވަރަށް ގިނަ މައްސަލަތަކާއި މަޝްރޫއުތައް ހިންގާފައިވާ ގޮތާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭ ވަރަށް ގިނަ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭގެ އެއް މިސާލަކީ ކުރީ ސަރުކާރުން ފަށާފައިވާ، ރަށްރަށުގައި އާ އިންޖީނުގެ އެޅުމާއި "ގަނޑުވަރެއް" ހެން ބޮޑެތި ފެނަކަ އޮފީސްތައް އިމާރާތް ކުރުމުގެ މަސައްކަތްކުރުމެވެ. އެފަދަ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ މީގެ ކުރިން އަބަދުވެސް އައުޓްސޯސް ކޮށްގެން އެ މަސައްކަތް ކުރި ނަމަވެސް ފެނަކަގެ ކުރީގެ މެނޭޖްމަންޓުން އަމަލު ކޮށްފައި ވަނީ އެހެން ގޮތެކެވެ. އެއީ ކުންފުނިން އަމިއްލައަށް އެ މަސައްކަތް ކުރުމަށް ނިންމައި ގިނަ އަދަދެއްގެ މުވައްޒަފުން ކޮންޓްރެކްޓުކުރުމެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ހިންގި މެނޭޖިން ޑިރެކްޓަރު ސައީދު.

ކޮންމެ އިންތިހާބަކާ ދިމާކޮށް އިތުރު މަޝްރޫއުތައް ފަށައި ކޮންޓްރެކްޓަށް މުވައްޒަފުންތައް ނެގުން ދިޔައީ އިތުރުވަމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2،000 އެއްހާ މުވައްޒަފުން ތިބި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 8،000 އަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.

އަމިއްލައަށް އެވަރުގެ މަސައްކަތް ކުރަން ކޮންމެ މަޝްރޫއަކަށް އެތައް ސަތޭކަ މުވައްޒަފުން ކޮންޓްރެކްޓު އުސޫލުން ނަގާފައި ހުރި ކަމަށް އޭސީސީން ވެސް ބުންޏެވެ. އޭގެ ސަބަބުން 30 މިލިއަނެއްހާ ރުފިޔާއަށް ކުރެވެން ހުންނަ މަސައްކަތްތަކަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.

އޭސީސީން ބުނި ގޮތުގައި އެގޮތަށް ހިންގާ މަޝްރޫއުތަކުގެ ބޮޑު ބަޔަކީ މުވައްޒަފުންނަށް ކުރާ ހަރަދެވެ. އެފަދަ ތަފާތު 60 މަޝްރޫއެއް އެކި ސަރަހައްދުތަކުގައި ހިންގުމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީގެ ބޮޑު ބަޔަކީ ފެނަކަ މުވައްޒަފުންނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގައި އުޅުނު މީހުންނަށް ވެސް އޮތީ ފެނަކަ ކުންފުނިން ވަޒީފާ ދީފަ އެވެ. އެކަމަކު ކުރާނެ މަސައްކަތެއް ނޯވެ އެވެ.

އެހެން ނަމަވެސް ވަޒީފާ ދިނުން ފިޔަވައި އިތުރު ކަމެއް ނުވެ އެވެ. މަސައްކަތަށް ކުރިއެރުމެއް ނާދެ އެވެ. ސިޔާސީ ގޮތުން މަންފާއެއް ހޯދުމާއި ވަކި ބަޔަކަށް ނާޖާއިޒް އެތައް ފައިދާއެއް ހޯދައި ދިނުން ނޫން އެހެން ކަމެއް އެ ކުންފުނި ތެރޭގައި ނުހިނގަ އެވެ.

އޭސީސީން ފާހަގަ ކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި މުވައްޒަފުންގެ ކެއުމުގެ ހަރަދަށް އެ މީހުންގެ އަތަށް އިތުރަށް ފައިސާ ދިނުމާއި ރަށްރަށުގެ ރެސްޓޯރަންޓުތަކަށް އިތުރަށް ފައިސާ ދިނުން ހިމެނެ އެވެ. އޭގެ އިތުރުން ކުންފުނީގެ ހާލަތު އެހާ ދެރަ އިރު ވެސް އިންތިހާބުތަކާ ދިމާކޮށް އެކި ކަންކަމަށް މިލިއަނުން ސީއެސްއާރްގެ ގޮތުގައި އެ ކުންފުނިން ހަރަދު ކޮށްފައިވެ އެވެ.

އޭގެ އިތުރުން އޭޓީއެމްތައް އެޅުމަށް ވެސް އެތައް މިލިއަނުން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މުއައްސަސާތައް ހޭލައި އަޑުގަދަވީ ކުންފުނި ހަފުސްވީ ފަހުން!

މި ދުވަސްވަރު އެ ކޮރަޕްޝަންގެ އަޑު އިންތިހާއަށް ގަދަވެ ބޮޑެތި ތަހުގީގުތައް ހިންގާ ވާހަކަ މަޖިލީހުގައި އަންނަނީ ދައްކަމުންނެވެ. އޭސީސީ އާއި އޮޑިޓާ ޖެނަރަލް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ގޮސް ފެނަކަ ތެރޭގައި ހުރި ބޮޑެތި މައްސަލަތައް ކިޔައިދެމުން ދިޔަ ނަމަވެސް ހަގީގަތުގައި އެ ފަރާތްތަކުގެ އިހުމާލު ވެސް ކުޑައެއް ނޫނެވެ.

ފެނަކައިން ލިޔުންތައް ހާމަ ނުކުރާ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ބުނި ނަމަވެސް އޮޑިޓް އޮފީހަށް އޮތީ އެއްބާރުލުން ނުދޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ގާނޫނު ތެރެއިން ލިބިދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭސީސީގެ މެންބަރުން ވާހަކަ ދައްކަވަނީ--ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭސީސީން ވެސް މިއަދު އެ ވާހަކަ ފުޅާކޮށް ދެއްކި ނަމަވެސް ކުރީ ސަރުކާރު އޮތް އިރު ފެނަކަ ތެރޭގައި ހިންގި އެއްވެސް ކަމަކާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. ފެނަކަ ކުންފުނި މެދުވެރިކޮށް ބޮޑު އިންތިހާބެއް "ގަނެލަން" އުޅުނު އިރު ވެސް އަދި އެ ކުންފުނި ތެރޭގައި ކޮރަޕްޝަންތައް އިންތިހާއަށް ހިންގަމުން ދިޔަ ކަމަށް ބުނެ "އާދަޔާ ހިލާފާށް" މައްސަލަތައް ހުށަހެޅުމުން ދިޔަ އިރު ވެސް ކަމެއް ނުކުރެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވެސް މިހާރުގެ އޭސީސީ މެންބަރުން ވިދާޅުވީ ކުރީ ދައުރެއްގައި ރައީސްގެ ސަމާލުކަމަށް ގެނައި ވާހަކަ އެވެ. ފެނަކަ ދަވާލަމުން ދިޔައިރު އެ ކުންފުނިން މިނިވަން މުއައްސަސާތަކަށް ވެސް އެއްވެސް ލިޔުމެއް ހިއްސާ ނުކުރާ ކަމަށް، އެ އޮފީސް ތެރެއަށް ވެސް ނުވަދެވޭ ކަން މި ހުރިހާ ދުވަހަކު ނުބުނެ ތިބީ އެވެ.

އަނެއް ކަމަކީ ގާނޫނުގައި އެ މުއައްސަސާއަށް ދީފައި އޮތް ބާރުގެ ބޭނުން ނުކުރުމެވެ. އޭސީސީއަށް މައްސަލަތައް ތަހުގީގު ކުރުމާއި ކޯޓު އަމުރު ހޯދައިގެން ބަލައިފާސްކުރުމާއި ދައުވާކުރުމުގެ ބާރު ގާނޫނުން އޮތީ ދީފަ އެވެ. މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޭސީސީއަށް މައްސަލަ ބެލޭނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ހުއްދައާ އެކުގައި ކަމަށް ގާނޫނުގައި ނެތެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށް ބުނާ އެމްއެމްޕީއާރްސީގެ މައްސަލާގައި ވެސް ވީ އެހެންނެވެ. އޭސީސީ އާއި އޮޑިޓާ ޖެނަރަލް އޮފީސް ހޭލައިގެން މައްސަލަތައް ބަލަން ފެށިއިރު ބިލިއަނުން ފައިސާތައް ހުރީ ގެއްލިފަ އެވެ. އެ ރިކަވާ ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި އޭރު ތަންތަނުގެ ވެރިންނަށް އުޅުނު މީހުން ތިބީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

މިއަދާ ހަމައަށް ވެސް އޭގެން ސަލާމަތް ނުވެވި އުޅެނިކޮށް ހަމަ އެވަރުގެ ހިޔާނާތެއް ފެނަކަ މެދުވެރިކޮށް ހިންގައިފި އެވެ. ހިޔާނާތް ހިންގާ ގޮތް ކިޔައިދިނުން ފިޔަވައި އިތުރު ކަމެއް ވެދާނެތޯ އެމްއެމްޕީއާރުސީގެ މައްސަލަ މުއައްސަސާތަކުގެ ތެރޭގައި ދިގުދަންމާފައި އޮތް ގޮތުން ސުވާލު އުފެދެ އެވެ.

މި ވާހަކަ ފެނަކައާ ހިސާބުން ނުހުއްޓެ އެވެ. ދައުލަތަށް ފައިދާ ހޯދަން ހިންގާ އެތައް ކުންފުންޏަކީ ދައުލަތުން "އައިވީ" ގުޅައިގެން ކިރިޔަ ކިރިޔާ އޮންނަ ކުންފުނިތަކެވެ. މިހާރު ވެސް އެ ކުންފުނިތަކުގައި އަޑިއަޑިން އެތައް ކަމެއް ކުރާ ކަމުގެ އަޑުތައް ގަދަ އެވެ.

ފެނަކަ ހަފުސްކޮށްލި ގޮތް ބަލަހައްޓައިގެން، ދެ އަތް އުރާލައިގެން ތިބި ގޮތަށް ތިބޭނީ ހެއްޔެވެ؟

51 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 5%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަގަނޑޭ

17 July 2024

މުޅި ގައުމުގަ ވަގު ވަސް ދުވަނީ ސާބަހޭ އަފިރިންގެ ގައުމަށް

The name is already taken The name is available. Register?

ލޮއްލަ

17 July 2024

ޔާމީނު ސަރުކާރުން 4 ބިލިއަން. އިބޫ ސަރުކާރުންވެސް 4 ބިލިއަން މުއިއްޒު ސަރުކާރު ވާގޮތެއް ބަލަން މިހުރީ. 4 އިނގޭ ލިމިޓަކީ.. ހަހަހަ. ދައުލަތް ދަވާލި މީހުންނާމެދު ކަންބޮޑުވަން. ކަށްވަޅުގައި އޮންނާން ޖެހޭނީ އެކަނި. އެމީހަކަށް އެނގޭނީ އެމީހެއްގެ ހާލު.

The name is already taken The name is available. Register?

ޖުހާ

17 July 2024

ތިޔަ ކޮރަޕްޝަން ނެތް ހަމަ އެންމެ ސަރުކާރު މުއައްސަސާ ނެތް. ވެރިން ބަލަނީ އަގު ހުންނަ މުދާ ކޮންމެ ވެރިއެއްގެ ޖީބަށް އެއްލައްކަ ޑޮލަރު ލެވޭވަރަށް އަގު އަރުވާ ހަމަ އަގު ކަމަށް ދައްކާފައި އަވަހަށް ބޯޑުން އެޕްރޫވްކޮށްގެން ޑީލް ނިއްމޭތޯ. މިކަން އެނގޭ މުއައްޒަފު ހަނު ހުންނަންޖެހެނީ އެއްކަލަ ވަޒީފާގެ ބިރަށް. ޤާނޫނާއި ޤަވާއިދު ކަޅު އަކުރުން ލިޔެފައި ހުއްޓަސް މި ޖަރީމާ ގޭންގް އަށް މިއަކުން ވާކަމެއް ނޯވޭ. ޤާނޫނާއި ޤަވާއިދަށް ފައިންއަރާފައި މިދާ ގޭންގް ހަމަ ބިމަށް ތިރިކޮށް ހަލާލު ފައިސާ ހަލާލު އާއިލާ އަށް ކާންދޭ ރައްޔިތުންތަކަކަށް ހުރިހާ ރައްޔިތުން (ވެރިން ފަށައިގެން އެންމެ އާދައިގެ މީހާ) އާއި ހަމައަށް އެއްހަމައަކުން ޤާނޫނު ހިންގާނެ ވެރިއެއް މިޤައުމަށް ބޭނުންވަނީ

The name is already taken The name is available. Register?

ލަދުގަނޭ

17 July 2024

އަގެއް ނެތް، ކޮރަޕްޝަނުން ފުރިފައިވާ މިފަދަ ކުންފުންޏެއްގައި މަ ގައިމުވެސް ވަޒީފާ އަދާކުރަން އަމިއްލަ ނަފުސަށްވެސް ލަދުގަންނާނެ. އެކަމަކުވެސް ރަށްރަށު މީހުންތައް އެމްޕީނަށް ސަޖިދަޖަހައިގެން މި ފެނަކައަކަށް ނުދެވިގެން އުޅޭއިރު ހީވަނީ އެހެން ކަމެއްހެން. އަސްލުގައި ވަޒީފާތަކަށް އެދާ މީހުންނަކީވެސް ފެނަކައިގެ ކޮރަޕްޝަނުގެ ހިއްސާދާރުން.

The name is already taken The name is available. Register?

އަފްރާސިޔާބު

17 July 2024

ވަކި ރައީސެއްނޫން. ކޮންމެ ރައީސަކުވެސް ސަރުކާރުގެ ކުންފުނިތައް ބަލަނީ އެއީ އެމީހުންގެ ޢާއިލީ މުދާ ގަނޑެއް ކަމަށް. އެސްއޯއީ ތަކަށްދާ އެކައުންޓެންޓުންވެސް ބަލަނީ ކޮންގޮތަކަށް އަމަލު ކުރީމާތޯ އެންމެ އަވަހަށް ތިމާ މުއްސަނދިވާނީ. އެހެން އެވަނީ ސިޔާސަތު ހުންނަނީ އަވަހަށް ކައިފާ ފިލީމާ ނިމުނީ އެކަން ނިމޭ ގޮތަށް. މުދަލެއްވެސް މީހާގެ ގައިގާ އަތްލެވޭކަށްވެސް ނޯވޭ. ކެވުނު ކަރަކަށް ކައިފާ ނައްޓާލީމާ ނިމުނީ. ފިނޭންސުން ރައްޔިތުން ގުބޯ ހައްދާފައި ޓެކްސްކާލަނީ.

The name is already taken The name is available. Register?

ބާބްސް

17 July 2024

މިގައުމަށް މިހާރު ބޭނުންވަނީ "އިހްލާސްތެރި" ޑިކްޓޭޓަރެއް. އޭރުން ގޯސްކޮށް އުޅޭކުދިން ވާނުވާނޭނގި ނިޒާމުން ގެއްލޭނީ. އެންޑް އޮފް ސްޓޯރީ.

The name is already taken The name is available. Register?

އޭނަ

17 July 2024

ދައުލަތުގެ މުދަލާ ފައިސާ އަށް ޚިޔާނާތްތެރިވާގޮތަށް ކަންކަން ރާވައި ތަރުތީބުކުރެވިގެން ހިންގަނީ ގަސްތުގަ. ފެނަކަ ސައީދު ގައިގަ އައިނުލެވުނީ، އޭނާގެ ދިފާޢުގަ މާގިނަ މަޖިލިސް މެންބަރުންތަކެއް ތިބީމަކަމަށް ބުނަނީ. އެހެންވީމަ ރައީސް އަށް އެއްވެސް ކަމެއްކުރަން ނުކެރޭނެއޭ. މިއަދުގެ ހާލަތަކީވެސް ހަމަ މީ. އޭސީއަށްވެސް އަދި އެހެން ބަޔަކަށްވެސް އެއްވެސް ކަމެއް ނުކުރެވޭނެ. މައްސަލައެއް ބަލަން އުޅޭއިރަށް އިތިބާރުނެތް ކަމުގެ ވޯޓެއް ނަގައި ބޭރުކޮށްލާނެ.

The name is already taken The name is available. Register?

ސިއްދީގުހ

17 July 2024

ގިނަ ކުންފުނިތައް ހަލާކުވަނީ ބޯޑް މެމްބަރުންނަށް އެމީހުންގެ ޒިންމާ އޮޅި ކުންފުނިން ވިޔަފާރި ޑީލްތައް ހޯދަން އުޅޭ ހިސާބުން

The name is already taken The name is available. Register?

މޯލޑިވްސް ރަންސް އޮން ކޮރަޕްޝްން

17 July 2024

އަވަހަށް ލަސްނުކޮށް މިހާރު ހުރި މީހާ އުޅޭނޫޅޭގޮތް ބަލަން ފަށާ

The name is already taken The name is available. Register?

ނަތިން އެލްސް މެޓަރސް

17 July 2024

ތެދެއް ތި ބުނީ...

The name is already taken The name is available. Register?

އައްސަދުު

17 July 2024

މިވާހަކަތަށް މިހާރު ބަންގިއެއް ގޮވާހެން ގޮވާގޮވާ މީހުންނަށް މާބޮޑު ކަމަކަށް ނުވޭ. ހެސްކިޔާފަ ކައިގެން ދިޔައީމަ އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް. ނޫނި ނާޅަނީ.. ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ނޫނީ ރައްޔިތުންގެ ވިސްނުން ބަދަލު ކޮށްގެން ނޫނީ މިކަންކަން ބަދަލުވާކަށް ނެތް

The name is already taken The name is available. Register?

މަސްރޭސް

20 July 2024

އެހެންތާ ވާނީ، ކޮންމެ މީހަކުވެސް އިންތިޚާބުގެ ކެމްޕެއިންގައި މި ވައުދުވަނީ އެއްވެސް ރައްޔިތަކަށް ލިބިފައިވާ އެއްޗެއް އަބުރާ ނުނަގާނެކަމަށް، އެ ހެޔޮ ދައުލަތުން ވަގަށް ނަގާފައިވާ އެއްޗަކަށް ވިޔަސް، ވެރިކަމަށް އަންނަ މީހުން މި ބަލަނީ ކުއްވެރިންނާއި ނާޖާއިޒު ގޮތުގައި މަންފާ ލިބިފައިވާ މީހުން ރުއްސަން، އެއީ މި ގައުމުގެ ވޯޓުލެވޭ އާބާދީގައި ގިނައީ ނުވަތަ ގިނަ ވޯޓު ކޮންޓްރޯލް ކުރަނީ މި ދެންނެވި މީހުންނަށް ވާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454