މިއީ ރާއްޖޭގެ ގިނަ އާއިލާތަކާ ތަފާތު އާއިލާއެކެވެ. މަންމަ އުޅެނީ އާއްމު ޚިދުމަތުގެ ޒިންމާދާރު މަގާމެއްގަ އެވެ. ގޭތެރޭގެ ކަންކަމުގަ އާއި ކުދިން ބެލުމުގައި ބައްޕަ ވެސް ހިއްސާވެ އެވެ. މާލޭ ރައްވެއްސަކަށް ވިޔަސް އަނބިމީހާ ދިރިއުޅެން ބޭނުންވީ ފިރިމީހާގެ ރަށުގަ އެވެ. ދެ ކުދިންގެ މަންމަ ކުރިއަށް ދާން ބޭނުންވީ ސިޔާސީ ދާއިރާ އިންނެވެ. މާލޭގައި އަދާކުރަމުން ގެންދިޔަ ވަޒީފާ ދޫކޮށްލާފައި ފިރިމީހާ ރަށަށް ބަދަލުވީ އަނބިމީހާ އަށް އެހީތެރިވެދޭށެވެ.

މައިދައިތަ ގާތަށް އާމިނަތު ނަޒްލާ ށ. ފުނަދު އަށް ވަޑައިގަތީ ދާއިމީކޮށް އެ ރަށުގައި ދިރިއުޅުއްވަން ޚިޔާލުކުރައްވައިގެނެއް ނޫނެވެ. އެކަމަކު މާލޭގެ ހަލަބޮލިކަމާ ދުރަށް ދެވި ރަށްފުށުގެ ދިރިއުޅުމުން ލިބުނު ހިތްހަމަޖެހުމާ އެކު އެނބުރި ވަޑައިގަންނަވަން ބޭނުން ނުވީ އެވެ. ކުދިން ބައްލަވަމުން ގޭގައި ޓިއުޝަން ދެއްވަމުން ގެންދެވި އިރު ސިޔާސީ ހަރަކާތްތަކަށް ނުކުންނަވަން ފެއްޓެވުމުގެ ނަތީޖާއަކަށްވީ ސިޔާސީ މަގާމެއް އަދާކުރެވިދާނެ ވަރުގެ ގާބިލްކަން ނަޒްލާގެ ކިބައިން މީހުންނަށް ފެނުމެވެ.

ސިޔާސީ ދާއިރާ އަށް ނަޒްލާގެ ހިތް ޖެހުނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގަ އެވެ. އެއާއެކު ޕީޕީއެމުން ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން ހިއްޕަވައި 2014ގެ ލޯކަލް އިންތިޚާބުގައި ށ. އަތޮޅު ކައުންސިލްގެ ކަނޑިތީމު ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވި އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކައުންސިލަރަކަށް ވެވަޑައިގެންނެވި ނަޒްލާއަކީ އެ ކައުންސިލްގެ ހަމައެކަނި އަންހެން މެމްބަރެވެ. އަދި ރާއްޖޭގައި މި ވަގުތު ތިބި 38 އަތޮޅު ކައުންސިލަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިން އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

ދެކަނބަލުންގެ ނަމޫނާ

ނަޒްލާ، 36، އެ ކާމިޔާބީ ހޯއްދެވީ ފިރިކަލުން ޒުރައިރަތު އާދަމްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާ އެކީގަ އެވެ. ކެމްޕެއިންގައި ރަށްރަށަށް ދަތުރުކުރައްވައި ދޮރުން ދޮރަށް ހިންގެވި އިރު އެންމެ ގާތުގައި ހުންނެވީ ވެސް ޒުރައިރަތެވެ. ސިޔާސީ ދާއިރާ ކަހަލަ އަންހެނުން މަދު ކެރިއަރެއް އިޚްތިޔާރުކުރައްވައި ކުރިއަށް ވަޑައިގަތުމުގައި ނަޒްލާ ދައްކަވާ ހިތްވަރާއި ނަމޫނާއާ އެކު، އެހީތެރި ފިރިއެއްގެ ގޮތުގައި ޒުރައިރަތު ވެސް ދައްކަވަނީ ފުރިހަމަ ނަމޫނާ އެކެވެ.

އާއްމު ދިރިއުޅުމުގައި އަންހެނުންގެ ބައިވެރިވުން ބޮޑުކުރަން ހިންގާ ހޭލުންތެރިކަމުގެ ކެމްޕެއިން، "ވާނެ" އިން ތައްޔާރުކުރި ވީޑިއޯ އަކަށް ނަޒްލާ އާއި ޒުރައިރަތު ވަނީ އެ ވާހަކަ ކިޔައިދެއްވައިފަ އެވެ.

"އަންހެނުންނަށް ސަޕޯޓް ދިނުމުގެ ގޮތުން ރަށަށް ބަދަލުވީ. ކެމްޕެއިން ދަތުރުތަކުގައި ވެސް ބައިވެރިވެގެން ހުރިހާ ރަށްރަށަކަށް ގޮސް ހެދިން،" ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ޒުރައިރަތު ވިދާޅުވެ އެވެ.

"(ނަޒްލާ) ސިޔާސީ ވީމަ އެހާ ކަމަކު ނުދާނޭ، ފުރަތަމަ ހިތަށް އެރީ. އެކަމަކު ފަހުން ވިސްނާލާފައި އަނެއްކާ އަނެއް ދުވަހު ދެ މީހުން ވާހަކަދައްކާލާފައި ނިންމީ ރަނގަޅުވާނޭ. ދެން ކޮންމެ ގޮތެއް ވިޔަސް ނަޒްލާ އެ ގޮތަށް ކުރިއަށް ދާން ބޭނުންވާ ކަމަށް ވަންޏާ ހުރަސް އަޅާކަށް ކޮންމެހެން ބޭނުމެއް ނުވޭ."

ނަޒްލާގެ އިތުރުން ޒުރައިރަތު ވެސް އާމްދަނީ ހޯއްދަވަ އެވެ. އޭނާ އުޅުއްވަނީ މަސްވެރިކަމާއި ދޯނިފަހަރު މަރާމާތުކުރުން ކަހަލަ މަސައްކަތްތަކުގަ އެވެ. އަދި އާއިލީ ޒިންމާތަކުގައި ވެސް ނަޒްލާ އަށް އެހީތެރިވެދެއްވަ އެވެ.

"އަޅުގަނޑަށް ތަންކޮޅެއް އުނދަގޫ ސްކޫލް ދޮށަށް ދާން. އަޅުގަނޑު ނޫޅޭ ވަގުތުތަކުގައި ޒުރޭ (ކުދިން) ބަލާނީ، މިސާލަކަށް (ކުދިން) ސްކޫލަށް ދާން ތައްޔާރުކުރަން ޖެހުނަސް،" އަށް އަހަރާއި 12 އަހަރުގެ ދެ ކުދިންގެ މަންމަ ނަޒްލާ އެ ވީޑިއޯގައި ވިދާޅުވެ އެވެ.

ސްކޫލަށް ދާން ޒުރައިރަތު ދަރިފުޅު ތައްޔާރުކުރަނީ
ސްކޫލަށް ދާން ޒުރައިރަތު ދަރިފުޅު ތައްޔާރުކުރަނީ

އޭނާ ގަބޫލުކުރައްވާ ގޮތުގައި އަންހެނަކު ވަޒީފާގައި ނުވަތަ އާއްމު މަގާމެއްގައި އަދާކުރަން ޖެހޭ ޒިންމާތަކާ ހެދި އާއިލީ ޒިންމާތައް ވަޅުޖެހިފައެއް ނޯންނާނެ އެވެ. އެކަމުގައި ބޭނުން ވަނީ ފިރިމީހާގެ އެއްބާރުލުމެވެ. ދެ މީހުން ހަމަހަމަ އަށް އާއިލާގެ ކަންކަމުގައި ޒިންމާ އުފުލުމެވެ.

"ބައެއް މީހުންނަށް މިހާރު ވެސް ދެކެވޭ، އަޅުގަނޑު މި ގޮތަށް ނުކުމެ އުޅުނީމަ، ގޭގެ ކަންތައްތައް ދޫކޮށްލާފައޭ އުޅޭނީ، ފިރިމީހާގެ ކަމެއް ވެސް ނުކުރެވޭނެއޭ، ދަރިންގެ ކަންތައްތަކެއް ވެސް ނުކުރެވޭނެއޭ،" ހަގީގަތަކީ އެއެއް ނޫންކަން ފާހަގަކުރެއްވުމުގެ ގޮތުން ނަޒްލާ ވިދާޅުވެ އެވެ.

ނަޒްލާ އާއި ޒުރައިރަތު ދެ ކުދިންނާ އެކު
ނަޒްލާ އާއި ޒުރައިރަތު ދެ ކުދިންނާ އެކު

ޒުރައިރަތުގެ ވިސްނުން ވެސް ނަޒްލާއާ އެއްގޮތެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުދިންގެ ބެލެނިވެރިޔަކީ ހަމައެކަނި މަންމަ ކަމަށް ބެލުމަކީ ގޯހެކެވެ. އަދި އަނބިމީހާ އަށް އެހީތެރިވުމަކީ "އަނބި ދަށުވުމެއް" ނޫންކަން އޭނާ ހިތުގެ އަޑިން ގަބޫލުކުރައްވަ އެވެ.

"(އަޅުގަނޑު ދެކެނީ) އަނބިމީހާ ބުނާ ކަންތައްތައް ކޮށްދިނުމަކީ ނުވަތަ ގޭ ތެރޭގައި ކުދިންގެ ކަންތައްތައް ފިރިމީހާ ކުރުމަކީ އަނބި ދަށުވުން ނޫން ކަމަށް. އެކަމާ ހަމަ ވަރަށް ބޮޑަށް ޒުވާބު ވެސް ކުރަން ޖެހޭ ބައެއް ފަހަރު، މިހެން ކޮފީ އަށް ގޮސް އުޅޭ އިރު،" ޒުރައިރަތު ވިދާޅުވި އެވެ.

ފިރިހެނަކާ ތަފާތެއް ނުވާނެ

ނަޒްލާ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނަކަށް ވީތީ ވަކި ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ބަލައިގެނެއް ނުވާނެ އެވެ. އޭނާ ވިދާޅުވިގޮތުގައި މުޖުތަމައު އަންހެނުން ބަލައިގަންނަނީ ކަމަކަށް ކުރިމަތިލައިގެން ނުކުމެ ގާބިލްކަން ސާބިތުކޮށްދިނީމަ އެވެ. އެކަމަކު އެ ވިސްނުމަކީ އަންހެނުންނަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ކައުންސިލްގައި ވެސް ކުރަން ޖެހޭ މަސައްކަތަކީ ރަށްރަށަށް ގޮސްގެން ކުރަން ޖެހޭ މަސައްކަތްތައް،" ވީޑިއޯގައި އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ނަޒްލާ ވިދާޅުވެ އެވެ.

"އެއްވެސް ދަތުރެއްގައި އަޅުގަނޑު ނުހުންނާނެ ފަސްޖެހިފައެއް ވެސް. ކިތަންމެ ކަނޑު ގަދަޔަސް. ފިރިހެނެކޭ، އަންހެނެކޭ އެ ގޮތަށް އަޅުގަނޑަކަށް ހިއެއް ނުވޭ، ސިޔާސީ މައިދާނުގައި ތަފާތެއް ހުންނާނެ ހެނެއް."

ކައުންސިލްގެ ބައްދަލުވުމެއްގައި ނަޒްލާ އެހެން ކައުންސިލަރުންނާ އެކު
ކައުންސިލްގެ ބައްދަލުވުމެއްގައި ނަޒްލާ އެހެން ކައުންސިލަރުންނާ އެކު

އަމިއްލަ ތަޖުރިބާގެ އަލީގައި ނަޒްލާ ފާހަގަކުރެއްވިގޮތުގައި އެކަމުގައި އޮންނާނެ ހަމައެކަނި ތަފާތަކީ އެއްބާރުލުން ލިބުމާއި ނުލިބުމެވެ.

"އަންހެނަކު ބޭނުންވެއްޖެއްޔާ ކުރެވޭނެ ކޮންމެ ކަމެއް ވެސް، ކުރިމަތިލައިފިއްޔާ،" ނަޒްލާ ވިދާޅުވި އެވެ.

"އެކަމަކު ސަޕޯޓާ އެކު ކުރުމާއި ސަޕޯޓެއް ނެތި ކުރުމާ ވަރަށް ބޮޑަށް ތަފާތު. ވަރަށް ބޮޑަށް ހިތްވަރު ލިބޭ އަންހެނަކަށް ފިރިމީހާގެ ފަރާތުން އެ ގޮތަށް ސަޕޯޓް ލިބުނީމަ."

ނަޒްލާ ބައްދަލުވުމެއްގައި
ނަޒްލާ ބައްދަލުވުމެއްގައި

ނަޒްލާ ގަބޫލުކުރައްވާ ގޮތުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިއްމުކަން ހުރިހާ ގޮތަކުން ވެސް ބޮޑެވެ. އަދި އޭނާގެ އެންމެ ބޮޑު އުއްމީދަކީ ސިޔާސީ ދާއިރާ އަށް ގިނަ އަދަދެއްގެ އަންހެނުން ނުކުމެ، ނިންމުންތަކުގައި އަންހެނުންގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުވުމެވެ.

"ނިންމުންތައް ނިންމާ އިރު އަންހެނުންގެ ހިޔާލު އޭގެ ތެރޭގައި ހިމެނިގެން ނިންމުން ވަރަށް މުހިއްމު،" ނަޒްލާ "މިހާރު" އަށް ވިދާޅުވި އެވެ.

ކައުންސިލްގެ ބައްދަލުވުމެއްގައި ނަޒްލާ ވޯޓު ދެއްވަނީ
ކައުންސިލްގެ ބައްދަލުވުމެއްގައި ނަޒްލާ ވޯޓު ދެއްވަނީ

ތިން އަހަރުގެ ދައުރު ނިމުމަކަށް އަންނަ އިރު، ކުރިއަށް އޮތް އިންތިޚާބުގައި ނަޒްލާ ވާދައެއް ނުކުރައްވާނެ އެވެ. އޭނާ ގަސްދުކުރައްވަނީ މި ވަގުތު ފިރިކަލުންނަށް ފުރުސަތު ދެއްވާށެވެ. އެކަމަކު ސިޔާސީ ދާއިރާ ދޫކޮށެއް ނުލައްވާނެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަގާމުތަކަށް ކުރިމަތިލައްވާނެ އެވެ.

ނަޒްލާ (ކ) އާއި ޒުރައިރަތު (ވ) ދެ ކުދިންނާ އެކު
ނަޒްލާ (ކ) އާއި ޒުރައިރަތު (ވ) ދެ ކުދިންނާ އެކު

"ކައުންސިލަރަކަށް އުޅޭ އިރު ދުވާލު އެކީގައި ހެން މަސައްކަތުގައި އުޅޭނީ. މިއީ ރާއްޖޭގެ އެއްވަނަ ކައުންސިލް. ހުރިހާ ކަމެއް ވެސް ވަރަށް ބަރާބަރަށް ހަރަކާތްތެރިކޮށް ކުރިއަށް ގެންދަނީ. އެހެންވީމާ ވަރަށް ވަގުތު ދޭން ޖެހޭ،" ނަޒްލާ ވިދާޅުވި އެވެ.

މިއޮތްހާ ދުވަހު ފިރިމީހާ އުޅުނީ އަމިއްލަ މަސައްކަތުގައި. މި ވަގުތު ބޭނުންވަނީ ފިރިމީހާ އަށް ވަޒީފާގައި އުޅެން ފުރުސަތު ދީފައި ކުދިންނަށް ވަގުތު ދޭން. އެކަމަކު އެއީ ސިޔާސީ ދާއިރާ އިން ދުރަށް ދާކަށް ނޫން. ފަހުން ވެސް މަގާމަކަށް ކުރިމަތިލެވޭ ގޮތަށް އޮތިއްޔާ ކުރިމަތިލާނަން."