މިނިސްޓްރީން ގަބޫލުކުރަނީ ޖޫރިމަނާކުރިކަން ހާމަކުރުމަކީ ވެސް ކުރިން ދިން އިންޒާރެއް ކަމަށް.
ގާފިލާ ހައްޖު އެންޑް އުމްރާ ގުރޫޕާއެކު އުމްރާއަށް ދިޔަ ގްރޫޕެއް.-- ފޮޓޯ: ގާފިލާ ގްރޫޕް
21 ޖެނުއަރީ 2025 - 08:03
ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާތާ އެތައް އަހަރެއް ވީއިރު ވެސް މިއީ އުސޫލުތަކާ ހިލާފުވުމުގެ މައްސަލައެއްގައި މިހާ ގިނަ ގުރޫޕުތަކެއް ސަރުކާރުން ޖޫރިމަނާކުރި ފުރަތަމަ ފަަހަރެވެ. ސަރުކާރުން ކަނޑައެޅި އުސޫލާ ހިލާފު ވުމުގެ މައްސަލައެއްގައި 19 ކުންފުންޏެއް 5،000ރ. އިން ޖޫރިނަމާ ކުރުން އެއްބަޔަކު ބަލައިގަތީ އުފަލާ އެކު އެވެ. އެކަމަކު، ގިނަ ބަޔަކަށް މައްސަލައަކަށްވީ އެ ކުންފުނިތަކުގެ ނަންތައް ސިއްރު ކުރުމެވެ. ބައެއް އުމްރާ ގުރޫޕްތަކުން ކޮންމެ އަހަރަކު ވެސް "ލަނޑު" ދޭ ކަމުގެ ޝަކުވާ ގިނައިރު، ސަމާލުވާނެ ގޮތެއް ކިރިޔާ ވެސް ހޯދޭނެ އެއް މަގަކީ އެ ކުންފުނިތަކުގެ ނަން ހާމަކުރުން ކަމަށް ވާތީ އެވެ.
ގިނަ ކުންފުނިތަކެއް ޖޫރިމަނާކުރިއިރު، އުމްރާ އަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދިފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާ އަށް ފުރަން ކަމަށް ހަދައި އެމްއެމްއޭ އިން ޑޮލަރު ނަގައި އުމްރާ އަށް ނުދާ ކުންފުންޏެއްގެ މައްސަލަ ވެސް ފެންމަތިވި އެވެ. އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓާނެ ކަމަށް ސަރުކާރުން ބުންޏަސް އެހާ ބޮޑު ޖަރީމާއެއް ހިންގި މީހުންގެ ނަން ވެސް ސިއްރު ކުރީ އެވެ.
އެކަން އެހެން ވެގެން ވާނެ ކަމަށް ގިނަ މީހުންނަށް ގަބޫލު ނުކުރެވެނީ ބޮޑެތި ފައިދާތައް ނެގުމުގެ ބޭނުމުގައި އުފައްދާފައިވާ އުމްރާ ގުރޫޕްތަކުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކާ ހެދި އެވެ. އުމްރާވެރިންގެ އަތުން ގުރޫޕްތަކުން އެތައް ހާހަކުން އެއްފަހަރާ ފައިސާ ނެގިޔަސް ސައޫދީ އަރަބިއްޔާގައި ބައެއް ގުރޫޕްތަކުގެ މީހުން ތާށިވެ، ސަރުކާރުން އޭގެ ތެރެއަށް ވަންނަންޖެހެނީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާތީ އެވެ. އުމްރާވެރިން ގޮތް ހުސްވެ، ސައޫދީގެ އެއް ހޮޓަލުން އަނެއް ހޮޓަލަށް ދުވެ، އުމްރާގެ މާތް އަޅުކަމަށް ފަހު ބޮޑު ހާސްކަމެއްގެ ތެރެއަށް ވައްޓާލަނީ އެވެ. ފަހަކަށް އައިސް މި މައްސަލަ ދިމާނުވާ އަހަރެއް ނެތެވެ.
އެހެންވެ، މިހާ ބޮޑު ޖަރީމާތަކެއް ހިންގާ ބައެއްގެ ނަންތައް ހާމަކުރަން ޖެހޭނެ އެވެ. އެ މީހުން ކުރީ ކިތަންމެ ކުޑަ ކުށެއް ކަމަށް ވިޔަސް ފިޔަވަޅެއް އަޅައިފި ނަމަ އެޅި ފިޔަވަޅުތަކާ އެކު، ކުންފުނިތަކުގެ ނަންތައް ސީދާ އިސްލާމިކް މިނިސްޓްރީން ހާމަކުރުމަކީ އިތުބާރު ބޮޑުވާނެ ކަމެކެވެ. އެޅި ފިޔަވަޅުތައް މި ފަހަރު އެހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރި ކުރުމަކީ ހެޔޮ ފާލެކެވެ. ކަމުގެ ބޮޑުކަން އެންމެންނަށް އިހުސާސްވެ އެވެ.
އުމްރާ އަށް މީހުން ގެންދާ ބައެއް ގުރޫޕްތަކުން ހިންގާ ޖަރީމާތައް މި ފަހަރު ފެންމަތިވީ އަލްހިޖްރަ ނަމަކަށް ކިޔާ ކުންފުންޏަކުން ގެންދިޔަ މީހުންނަށް އަނބުރާ ރާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި ތާށިވި މައްސަލައިންނެވެ. އެ މައްސަލާގައި ކުންފުނި އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ވަނީ ބާތިލުކޮށްފަ އެވެ.
މި ފަހަރު މިއީ ފުރަތަމަ ފަހަރުވީމާ ނަން އާންމު ނުކުރަނީ. ޖޫރިމަނާ ނުދައްކައިފިއްޔާ ނަން އާންމު ކުރާނެ. ޖެހިގެން މި އުޅެނީ ބޮޑު މައްސަލައެއް ނޫން. ހަމައެކަނި ލިސްޓެއް ނުފޮނުވި މައްސަލަ މިއީ،"--- އިސްލާމިކް މިނިސްޓްރީ
ހިޖުރަ ގުރޫޕުގެ ނަން ވެސް މީޑިއާ އަށް ތިލަވީ، އެ ގުރޫޕުގެ މީހުން ސައޫދީގައި ތާށިވެ، އެއީ ސިއްރު ނުކުރެވޭނެ ކަމަކަށް ވުމާ ހިސާބުންނެވެ. އެ ގުރޫޕުގެ މީހުން އުމްރާ އަށް ފުރުމުގެ ކުރިން ވެސް "ކޮންމެވެސް ކަންތައްގަނޑެއް" ހިނގިކަން ކަމާ ބެހޭ ފަރާތްތަކަށް އެނގިފައި އޮތަސް އެ ކުންފުނީގެ ނަން އޭރު ހާމައެއް ނުކުރި އެވެ.
އުމްރާ އަށް މީހުން ގެންދިއުމަށް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންސް ދައްކައިގެން އުމްރާ އަށް ފުރަން ކަމަށް ހަދައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އިން ޑޮލަރު ނަގަމުން ދިއުމަކީ ސީދާ މަކަރާއި އޮޅުވައިލުމެވެ. އެމްއެމްއޭ އިން ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްތައް ހުށަހެޅުން ކަމަށް ވާއިރު، އެކަން އޮޅުވާލައިފި ނަމަ މިއީ އެކަން ކުރި ބައެއްގެ ނަން އާންމުންނާ ހަމައަށް ގެނެސްދޭން ޖެހޭ ވަރުގެ ކުންފުންޏެކެވެ.
އެ ކުންފުނިން އެކަން ކުރާތާ ވީ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އެކަމަކު މިހާ ބޮޑު ތުހުމަތެއް މި ކުންފުނީގެ މައްޗަށް ކުރެވުނަސް ސާބިތުނުވާތީ ކަމަށް ބުނެ އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރި އެެވެ. ނަމަވެސް ސާބިތު ނުކުރެވުނަސް 30،000ރ؛ އިން ޖޫރިމަނާކޮށް ހުއްދަ ހިފަހައްޓަން ނިންމެ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގެ ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ މުއައްޒަފުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި އެހީތެރިވެދެނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ކުރިން ވިދާޅުވީ އުސޫލާ ހިލާފުވި 19 ކުންފުނީގެ ލިސްޓު އާންމުކުރާނީ އެ ކުންފުނިތަކުން ޖޫރިމަނާ ނުދައްކައިފި ނަމަ ކަމަށެވެ
"މިއީ ނަމެއްގައި ބަޔަކު ޖޫރިމަނާ ކުރުން ކަހަލަ ކަމެއް. ކޮންމެ އަހަރަކު ބޮޑެތި އަދަދުތަކުން މީހުން އަތުން ފައިސާ ނަގައިގެން އުމްރާ އަށް ގެންގޮސް ހަދަނީ ހަދާނެ ގޮތެއް،" ޖޫރިމަނާގެ އަދަދާ މެދު ނުރުހުންވެ، މީހަކު ބުނެފައި ވެ އެެވެ.
އެ ޚަބަރު "މިހާރު" ގައި ޝާއިއުކުރުމުން ކޮމެންޓްކުރި ގިނަ ބަޔަކު ވެސް ވަނީ އުސޫލާ ހިލާފުވި ނަމަ އެއީ ކޮން ބައެއްކަން އާންމުންނަށް އެނގެން ޖެހޭ ކަމަށް ބުނެ މިނިސްޓްރީގެ ނިންމުމާ މެދު ނުރުހުން ފާޅުކޮށްފަ އެވެ.
"ޖޫރިމަނާ ދެއްކިޔަސް ނުދެއްކިޔަސް ނަން ހާމަކުރަން ވާނެ. އެހެން ނޫނީ ރައްޔިތުންނަށް ސަމާލުވާން އެނގޭނީ ކިހިނެއް؟" އެކަކު ބުންޏެވެ.
ނަން ހާމަނުކުރުމަކީ އެ ގްރޫޕްތަކަށް އެހެން މީހުންގެ އަތުން ފައިސާ ނަގަން ލިބޭ ފުރުސަތެއް ކަމަށް މީހުން ދެކެ އެވެ. ކުރިއަށް ރޯދަމަސް އޮތްއިރު ގިނަ ބަޔަކު އުމްރާގެ އަޅުކަމަށް ދާނެތީ، އެ މީހުންނަށް ވެސް އެކަމުން ރައްކާތެރިވާން އެނގޭނީ އެއީ ކޮން ބައެެއްކަން އެނގިގެންނެވެ.
"އެ ގްރޫޕްތަކަށް އިތުރަށް މީހުން އަތުން ފައިސާ ނަގަން ދުވަސް ދީގެން ނުވާނެ. މިހާރު ވެސް ހާމަކުރަންވީ ނަންތައް. ކުރިއަށް އޮތީ ރަމަޟާން އުމްރާ. މިއީ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތު،" އިތުރު މީހަކު ބުންޏެވެ.
"އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި މިފަދަ ކަންކަމުގައި މައުލޫމާތު ސިއްރުކުރުމަކީ މުސްތަގުބަލުގައި ވެސް އިތުރު ރައްޔިތުން މިފަދަ ކުންފުނިތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އިތުރު ވެގެންދާނެ ކަމެއް،"
އެހެން މީހަކު ބުނީ، ދަރިންނަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު ވެސް ބައެއް ކޯޓުތަކުން ހާމަކުރަން މިހާރު ފަށާފައިވާއިރެއްގައި އުމްރާގެ މަތިވެރި އަޅުކަމަށް އެތައް ބަޔަކު ގެންދަން ފައިސާ ނަގައިގެން ލަނޑު ދޭ މީހުންގެ ނަންތައް ވެސް ހާމަކަންބޮޑުކޮށް ލިސްޓެއްގެ ސިފައިގައި ނެރެން ޖެހޭނެ ކަމަށެވެ.
"ކޮން އަހަރެއް މި ގުރޫޕުތަކުން މި ކަމެއް ކުރާތާ. އެކަމަކު، އަދިވެސް މި ބަލަނީ އެ މީހުންގެ ނަންތައް ވީހާ ވެސް ބޮޑަކަށް ސިއްރު ކުރަން. ކޮބާ އަހަރެމެންގެ ހައްގު؟" މި ފަހަރު އުމްރާ އަށް ދިޔަ މީހަކު ބުންޏެވެ.
ރާއްޖެ އިން ހައްޖަށާއި އުމްރާ އަށް މީހުން ގެންދިއުމުގައި އާންމުން ރުޅި އަންނަ ވަރަށް މާޒީގައި ވަނީ ކަންތައްތައް ހިންގައިފަ އެވެ. އެ މީހުން ހައްޖަށް ނުވަތަ އުމްރާ އަށް ދާން އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެއްކުރާ ފައިސާތަކަށް ހިޔާނާތްތެރިވެ، ހާލުގައި ޖައްސާ މީހުން ސިއްރުވެ، މި ގައުމުގައި އަދަބެއް ނުލިބި "އުދުހެން" ތިބޭ މަންޒަރު ބަލަން ފަސޭހައެއް ނުވާނެ އެވެ. ދޭ އަދަބު ބޮޑުވާން ވެސް ބޭނުންވާނެ އެވެ.
"ފަސްހާސް ރުފިޔާ މާކުޑަ. ދެން އުފެދޭ ސުވާލަކީ ކީއްވެތޯއޭ އެ ކުންފުނިތައް ހާމަނުކުރަނީ ރައްޔިތުންނާ ގުޅުން ހުރި މި ބާވަތުގެ މައްސަލަތައް ރައްޔިތުންނައް އެނގެންޖެހޭ. ޝަހީމް އަށް ދަންނަވާލަން އެ ކުންފުނިތައް އަވަސް ގޮތަކަށް ރައްޔިތުންނައް ހާމަކޮށްދީ،" އުސޫލާ ހިލާފި ކުންފުނިތައް ޖޫރިމަނާކުރި ޚަބަރަށް މީހަކު ކުރި ކޮމެންޓެއްގައި ވެ އެވެ.
ދަރުމަ ހައްޖު އެންޑް އުމްރާ ގުރޫޕުން ދިޔަ ބަޔަކު މަދީނާގައި.-- ފޮޓޯ: ދަރުމަ ގުރޫޕް
އުމްރާ އުސޫލާ ހިލާފުވި ކުންފުނިތަކުގެ ލިސްޓު އާންމު ނުކުރެވޭ ނަމަ އެއްވެސް މައްސަލައެއް ނެތް ކުންފުނިތަކުގެ ލިސްޓެއް އާންމުކުރަން ޖޭހެ އެވެ. މިހާރު އެއްވެސް ބައެއްގެ މައުލޫމާތު އާންމު ނުކުރުމުން އުސޫލުގެ ތެރެއިން ކުރާ ކުންފުނިތަކުގެ ބޮލުގައި ވެސް ބަދުނާމު އެޅޭ ކަަމަށް ބުނެ މީހުން ވަނީ މި މައްސަލާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
އެ ޝަކުވާތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިހާރު ފެންމަތިވެފައި ވަނީ ދެ މައްސަލައެއް ކަމަށެެވެ.
މިނިސްޓްރީން ބުނާ 19 ކުންފުނި ޖޫރިމަނާކުރީ އުމްރާ އަށް މީހުން ގޮވައިގެން ދިއުމުގެ ފަސް ދުވަސް ކުރިން، ފުރާ މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަމްބަރާއި ޕާސްޕޯޓު ނަމްބަރު އެނގޭ ލިސްޓެއް އަދި އެ މީހުންގެ ޓިކެޓާއި މައްކާ އާއި މަދީނާގެ ހުރުމާއި ކެއުން ހަމަޖައްސާފައިވާ ކަމުގެ ލިޔުން ހުށަހަޅަން ޖެހުނަސް އެކަން ކޮށްފައި ނުވާތީ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު މިނާގައި.--ފޮޓޯ: ހައްޖު ކޯޕަރޭޝަން
އެ ކުންފުނިތަކުން އެ މައުލޫމާތު ފުރަން ފޮނުވާފައެއް ނުވެ އެވެ. ނުވަތަ އިސްލާމިކް މިނިސްޓްރީއާ ހިއްސާއެއް ނުކުރެ އެވެ.
"ނަންތަކެއް މެއިލް ނުކުރީމާ މި ފަހަރު 5،000ރ. އިން ޖޫރިމަނާކޮށްފައި އެ ނިންމާލީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުންގެ ނަންތަކުގެ ލިސްޓު ފޮނުވަން އަންގާފައި އޮންނަނީ ކޮންމެ އަހަރަކު ވެސް އުމްރާ އަށް ގެންދާ މީހުންގެ އަދަދުތައް ބެލުމަށް ކަމަށެވެ. ނަމަވެސް އެ މީހުންގެ ފަރާތުން މައްސަލައެއް ދިމާވި މިއީ ފުރަތަމަ ފަހަރު ކަމަށް ވެފައި ދިމާވީ ކުޑަ މައްސަލައެއް ކަމުން ޖޫރިމަނާއަކުން ފުއްދާލީ އެވެ.
"މި ފަހަރު މިއީ ފުރަތަމަ ފަހަރުވީމާ ނަން އާންމު ނުކުރަނީ. ޖޫރިމަނާ ނުދައްކައިފިއްޔާ ނަން އާންމު ކުރާނެ. ޖެހިގެން މި އުޅެނީ ބޮޑު މައްސަލައެއް ނޫން. ހަމައެކަނި ލިސްޓެއް ނުފޮނުވި މައްސަލަ މިއީ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އުމްރާ އަށް ގެންދިއުމަށް ފަހު، އެ މީހުންނަށް އަނބުރާ ނާދެވުން ފަދަ ބޮޑެތި މައްސަލަތައް ދިމާވާ ކުންފުނިތަކުގެ ނަންތައް މީގެ ކުރިން ވެސް ހާމަކޮށްފައިވާ ކަމަށެވެ.
އެކަމަކު މި ފަހަރު ކުޑަ މައްސަލައެއް ދިމާވިޔަސް ޖޫރިމަނާކޮށްފައި މިވަނީ އުމްރާއަށް މީހުން ގެންދާއިރު އުސޫލާ ކިތަންމެ ކުޑަ މިންވަރަކަށް ހިލާފުވިޔަސް އެކަން ބަލަައި ހަރުކަށިވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ފަހަރު ވެސް ގާތްގަނޑަކަށް އެއް މައްސަލައެއް މި ދިމާވަނީ. އެހެންވީމާ ދެން ސްޓްރިކްޓް ވާނެ [އުސޫލާ ހިލާފުވާ ނަމަ]."
މި ފަހަރު އިސްލާމިކް މިނިސްޓްރީގެ ވިސްނުމުގައި މި ފަހަރު ދިނީ އިންޒާރެކެވެ. ކިތަންމެ ކުޑަ ކަމަކަށް ވެސް ދެން ދޫނެދޭނެ ކަމަށް ބުނެ އެވެ.
އެކަމަކު، މި މައްސަލާގައި ބަހުސް ކުރާ ގިނަ މީހުންގެ ވިސްނުމަށް ބަލާއިރު، ކިތަންމެ ކުޑަ ކަމަކަށް ވިޔަސް އެކަން ނުކުރި ކުންފުނީގެ ނަން އާންމު ކުރުމުން ފައިސާ ދައްކާއިރު، އެކަން އުމްރާވެރިން ހަނދާން ކޮށްދޭނެ އެވެ. އަދި ފުރަތަމަ ފަހަރު ވެސް ނާން ހާމަކޮށްފި ނަމަ ދެން ރިޕީޓު ވުމުގެ ފުރުސަތު ހަނިވާނެ އެވެ.
ހައްޖް ކޯޕަރޭޝަންގެ ހަވާލުގައި މީގެ ކުރިން ހައްޖަށް ދިޔަ ބަޔަކު: އެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ދާ ޖާގަ ތައް މިހާރު ވަނީ ފުލްވެފަ --- ފައިލް ފޮޓޯ: ހައްޖް ކޯޕަރޭޝަން
މިދިޔަ ދެ އަހަރު ވެސް އުމްރާ އަށް މީހުން ގެންގޮސް ހާލުގައި ޖެއްސި މައްސަލަތައް އުޅުނެވެ. މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏެއް ހަދައިގެން މިދިޔަ ރޯދަމަހު މީހުން އުމްރާ އަށް ގެންދިޔަ އެ އެޖެންސީގެ ވެރިޔާ އަލީ ފާރިޝް ވަނީ އޭގެ ކުރީ އަހަރު އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ނަމުގައި ގްރޫޕެއް ހަދައިގެން މީހުން އުމްރާއަށް ގެންގޮސްފަ އެވެ. އެ ފަހަރު އުމްރާ އަށް ދިޔަ 138 މީހުންގެ ޓިކެޓަށް ވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުންސްވި އެވެ. އެ މައްސަލާގައި އެ ގުރޫޕްގެ ހުއްދަ މިނިސްޓްރީން ބާތިލްކުރިޔަސް މަޝްއަރު ޓުއާސްގެ ނަމުގައި އެޖެންސީއެއް އުފެއްދީ އެވެ.
އޭނާ މިދިޔަ އަހަރު މީހުން އުމްރާ އަށް ގެންދިޔައީ "މަޝްއަރު ޓުއާސް"ގެ ނަމުގަ އެވެ. ނަމަވެސް އެއީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫނެވެ.
އެ މައްސަލަ ބަލައި ދައުވާކުރަން ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
ހިޖުރަ ގްރޫޕުގެ މައްސަލަ މިހާރު ފުލުހުނަށް ހުށަހަޅާފައިވާއިރު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ދެ މީހަކު ތިބެ އެވެ. އެއީ ޅ. ނައިފަރުގެ ދެމީހުން ކަމަށްވާ ފިރާގު މުހައްމަދަފުޅާއި މުސްތަފާ މުހައްމަދުފުޅެވެ.
- ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން، އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާސް އަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.
- އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުން.
- ހިޖުރަ ކުންފުނި އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަނުދިނުން.
- ހިޖުރަ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދުން.
- ހިޖުރަ ކުންފުނީގެ ފަރާތުން އުސޫލާ ހިލާފުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުން.
އުމްރާ އުސޫލުގައިވާ ގޮތުން އުމްރާވެރިޔަކަށް ކުންފުނީގެ އިހުމާލުން އުމްރާގެ އަޅުކަން އަދާނުކުރެވިއްޖެ ނަމަ ނުވަތަ އުމްރާވެރިންގެ އަތުން ނަގާ ފައިސާއަށް ހިޔާނާތްތެރި ވެއްޖެ ނަމަ، ޖޫރިމަނާ ކުރެވެނީ 30،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުންނެވެ.
ކޮންމެ އަހަރަކު ވެސް އުމްރާ ކުންފުންޏެއްގެ އިހުމާލުގެ މައްސަލައެއް ފެންމަތިވާއިރު މިއީ ދޫކޮށްލެވޭ ވަރު ކަމެއް ނޫނެވެ. އުމްރާ ކުންފުނިތަކުން މިހާ ބޮޑަށް މަކަރު ހަދައި އޮޅުވާލާއިރު އެއީ ކޮން ބައެއްކަން ރައްޔިތުންނަށް އެނގެންޖެހެ އެވެ. އެފަދަ ކުންފުންޏެއްގެ މަޅީގައި ނުޖެހި ސަލާމަތްވެވޭނީ އެއީ ކޮން ބައެއްކަން އެނގި ހޭލުންތެރިވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޖަމު
22 January 2025
އިސްލާމިކް މިނިސްޓްރީއަކީ ވެސް މިހާރު ކުންފުންޏެއް ދެން ހުރީ މައި ކުންފުނީގެ ކުދި ގޮފިތައް. ދެން ނަން ހާމަކުރާނީ ކިހިނެއްތޯ
1206
21 January 2025
އެހެންވީމާ ޖެހުނު އަސްލު މައްސަލަ އޮތް ތަނުގައި ބާއްވައިފައި، ކަމަކަށް ނުވާ ކަހަލަ އިޖުރާއަތެއް ފުރިހަމަނުވުމާއި މަތި އަޅުވައި ބޮޑު ޚިޔާނަތަކާއި މަކަރުވެރިކަމެއްގައި މަތިޖަހަން ކޮށްފައި އޮތް ހުތުރު ޢަމަލެއް މިއީ. ނޫހުން ޚަބަރު ގެނެސްދިން އިރުވެސް، ޚަބަރު ވެސް ލިޔެފައި މި އޮތީ އަމާ ބުނޫ ފަރަށް ދަހަރޭ. ބޮލި ހިލާކަށް ނުބުނެޔޭ ބުނާ ގޮތަށް.
އެންމެން ހެޕީ
21 January 2025
ގުޅިގއން އަބުރާ ގޭސް
ދޮށިއުކާ އުސޫލު
21 January 2025
މިވެސް ޓްރާންސްޕޯޓުން ގަރާޖް ރަޖިސްޓަރީ ކޮށްދޭކަހަލަ ކަމެއް. މިކަމުގައި ތިބޭނީ އިސްލާމިކް މިނިސްޓްރީގެ މީހުންނާ އެމީހުނާ ގުޅިފައިވާ މީހުން. ކުންފުނިތަކުގެ ނަން ހާމަކޮށްފިނަމަ އެކަން ރައްޔިތުންނަށް އެނގޭނެތީ އެކަން ސިއްރު ނުކޮށް ވާންނެތަތީ ހާމަ ނުކުރަނީ. އިންޒާރެއްގެ ގޮތުގައެއްނޫން. މިނިސްޓްރީން ދައްކާ ތިހުރިހާ ވާހަކަ ރައްޔިތުން ގަބޫލު ނުކުރާނެކަން މިނިސްޓަރަށްވެސް ހަމަ ރަނގަޅަށް އެނގޭނެ. އެކަމަކުވެސް ކޮންމެސް އެއްޗެއްކިޔާ ބޯދަމާގަންނަން ޖެހޭނެތާ؟
ކޮރަޕްޝަން؟
21 January 2025
މިފަދަ އިންވެސްޓިގޭޓިވް ޖަރނަލިޒްމް ރިޕޯރޓްތަކުގައި މިނިސްޓްރީ ނުވަތަ ސަރުކާރުގެ އޮފިޝަލުންގެ ކޮންފްލިކްޓް އޮފް އިންޓްރެސްޓްއެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަަކީވެސް ވަަރަށް މުހިންމު ކަމެއް. މީހުން ދައްކާ ވާހަކައާއި މިތާގައި ކޮށްފައި ހުރި ކޮމެންޓްތަކުންވެސް މިކަމުގެ މުހިންމުކަން ދޭހަވޭ!
ތެފައާސާ.
21 January 2025
ޖޫރިމަނާ ކުރަން ހުންނަ މީހާގެ މަސްލަހަތާއި، ޖޫރިމަނާ ކުރެވޭ ފަރާތްތަކުގެ މަސްލަހަތު ފުށޫއަރަންވީމާ މިކަހަލަ ކަންކަން ދިމާވާނެ.
އަހުސަންގެ
21 January 2025
ވިޔަފާރި
ހުސްވަގުވިޔަފާރި
21 January 2025
އުމްރާއަށް މީހުންނުގެންދާ ގުރޫޕަކުން ވަގުލިޔުން ހުށައަޅައިގެން ޑޮލަރުގަނެ ވިއްކަނީ. އަނެއްކޮޅުން ގެންދާ ގުރޫޕުތަކުން ނުދާމީހުންގެ ނަމުގައި ޓިކެޓްނަގާ ލަގެޖު ޗެކިންކޮށް ބޯޓަށްއަރުވާފަހުން މީހަނާދޭކިޔާފަ މައްކާއަށް ލަގެޖު އުފުލަނީ ވިޔަފާރިމުދާ ހިފައިގެންތޯ ބަލަންޖެހޭ.
އަންދަލޫސިޔާ
21 January 2025
80 މީހުން އަތުން ޖުމުލަ 3،200،000 (ތިނެއް ޕޮއިންޓް ދޭއް މިލިޔަން ރުފިޔާ) ނަގާފައި އެމީހުން އަނބުރާ ރާއްޖެ ގެންނަން ދައުލަތުން 800،000 (އަށް ލައްކަ ރުފިޔާ) ޚަރަދުކޮށްފައި، ޖަރީމާ ހިންގި މީހުން 5،000 ރުފިޔާއިން ޖޫރިމަނާކުރީ. މިއީ ސީދާ ގުޅިގެން ހިންގާ ޖަރީމާކަން ސާފު. ރައްޔިތުންގެ ފައިސާއިން މިހެން ބޭނުމެއް ނުކުރެވޭނެ. ޖަރީމާ ހިންގި ކުންފުނީގެ ވެރިން ހައްޔަރުކުރޭ!
ޑރ ވާންޗޯ
21 January 2025
ކުރީސަރުކާރު ކުރީސަރުކާރު ހުއްޓާލާފަ މިއޮތީ މިސަރުކާރު މިސަރުކާރު ކިޔަންޖެހިފަ. ކޮރަޕްޓްކުންފުނިތަށް ހާމަނުކުރެވޭނީ ސަރުކާރުގެބޮޑުންގެ ބައިވެރިވުން އޮތީމަ.