ރިޕޯޓް / ފ. އަތޮޅު

މިހިރީ ފ. ގައި، ވިއްކާލަން އުޅޭހެން ހީ ވެސް ނުވޭ!

ފ. ހިމިތީ: ސައޫދީ ސަރުކާރަށް ވިއްކާލަން އުޅެނީ މި ރަށާއި މި ރަށާ ގުޅިފައިވާ ފަޅު ކަމަށް ބައެއް ފަރާތްތަކުން ބުނޭ. ފޮޓޯ ގޫގްލް އާތު

16 މާޗް 2017 - 06:12

136 comments

އެއް އަތޮޅެއްގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ބެއްޔަސް، އެއީ ތާރީޚީ ކަމެކެވެ. އެއީ މުޅި ރާއްޖެ އަށް، ވަކިން ޚާއްސަކޮށް އެ އަތޮޅެއްގެ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. ވަޒީފާގެ ފުރުސަތުތައް އިތުރުވެ އާމްދަނީ ލިބޭނެ މަގުތައް ތަނަވަސް ވާނެ ކަމެކެވެ.

އެހެންކަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ފ. އަތޮޅު މަޝްރޫއަކީ "މީހަކު މޭކަރަން ޖެހޭވަރުގެ ކަމެއް ނޫން" ކަމަށެވެ.

އަޅުގަނޑު މިހިރީ ރާއްޖޭގައި އެ އަތޮޅެއްގެ ވާހަކަ މިހާރު ކެނޑިނޭޅި ދެކެވެމުން އަންނަ ފ. އަތޮޅުގަ އެވެ. މި އަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގެ ނިސްބަތުން އެހާ ބޮޑު އަތޮޅެއް ނޫނެވެ. މުޅި އަތޮޅުގައި ވެސް އޮތީ އެންމެ 23 ރަށެވެ. އެތެރެވަރީގައި ކުޑަކުޑަ ދެތިން ފަޅުރަށެއް ނޫނީ ނެތަސް ގިރިތަކާއި ހާހަލާއި ފަޅުތައް އެބަ ހުއްޓެވެ. މީހުން ދިރިއުޅެނީ އެންމެ ފަސް ރަށުގަ އެވެ. ރިސޯޓެއްގެ ގޮތުގައި ހިންގަނީ އެންމެ ރަށެކެވެ. މުޅި އަތޮޅުގެ އާބާދީގައި ފަސް ހާސް ހަމައެއް ނުވެ އެވެ.

ފ. އަތޮޅުގައި އޮތް މަދު ފަޅުރަށްތަކުގެ ތެރެއިން ރަށެއް. ފ. އަތޮޅަށް ތަރައްގީ ގެނުވާ ކޮންމެ ކަމަކަށް ތަރުހީބު ދޭނެ ކަމަށް މި އަތޮޅުގެ މީހުން ބުނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"މި އަތޮޅުގެ ރަށްތައް ކިތަންމެ މަދަސް، މުޅި ރާއްޖޭގެ ވެސް އެންމެ ރީތި އެއް ރަށް އޮތީ މި އަތޮޅުގައި. އެއީ ހިމިތި. އެވަރުގެ ހިތްގައިމު ރީތި ފަޅެއް މަދުވާނެ ރާއްޖޭގައި. މި އަތޮޅަށް އަންނަ ކޮންމެ މީހަކު ހިތް ކިޔާނެ އެ ރަށަށް،" ނިލަންދޫ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އަބްދުއްރަޝީދު ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކަށް ފ. އަތޮޅުން ބައެއް މިލްކު ކޮށްދޭން އުޅޭ ވާހަކަ ތުންތުންމަތިން ދެކެވެމުން ދާއިރު، ގިނަ ބަޔަކު ބުނަނީ އެއީ އެ އަތޮޅު ހިމިތީ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު މިހާރު ގުޅިފައި އޮތީ ފ. އަތޮޅާ އެވެ.

ސިޔާސީ ގޮތުން ކިރައިލުމުން އެ މަޝްރޫއުގެ ނަތީޖާ ކޮންމެ ގޮތަކަށް ފެނުނު ކަމުގައި ވިޔަސް، މި އަތޮޅުގެ ތެރެއިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށް، ނިލަންދޫގެ ވެސް ވަރަށް މަދު މީހެއްގެ ދުލުން ނޫނީ އެކަމާ ދެކޮޅަށް ވައްބަހުން ވިޔަސް ބަހެއް ބުނެލާ އަޑެއް ނީވެ އެވެ.

ފ. އަތޮޅު ކައުންސިލްގެ ކުރީގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޖަލީލް ވިދާޅުވި ގޮތުގައި އެ އަތޮޅުގެ ރައްޔިތުންނަކީ އެއް އިރެއްގައި ވެސް އަތޮޅުގެ ތަރައްގީ އަށް ހުރަސްއެޅި ބައެއް ނޫނެވެ. އެހެންކަމުން ފ. އަތޮޅު މަޝްރޫއުގެ މައްސަލައިގައި ވެސް އެ އަތޮޅުގެ ވަރަށް މަދު މީހަކު ނޫނީ ތިބީ ހިތްހަމަޖެހި އެކަން ބަލައިގަނެގެންނެވެ.

"ރާއްޖޭގައި ކަންތައް ހިނގާ ގޮތަށް ބަލާއިރު، ކޮންމެ ބަޔަކު އިދިކޮޅުގައި ތިއްބަސް ސަރުކާރުން ކުރާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ނުވޭ ރަނގަޅެއް. އޭގައި އެމްޑީޕީއެއް ޕީޕީއެމެއް ވަކި ތަފާތެއް ނެތް. އެ އުސޫލުން މި މަޝްރޫއު ވެސް އެމީހުން އެ ގޯސް ކުރަނީ. އެކަމަކު ސަރުކާރަކުން ކުރާ ހުރިހާ ކަމެއް ގޯސްވާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފ. ނިލަންދޫ ބަނދަރު ސަރަހައްދުގައި އެ ރަށު މީހަކު ގެންގުޅޭ ގާޑިއަލަކުން ބީރައްޓެހި ބަޔަކު ވިޔަފާރި ކުރަނީ. ފ. އަތޮޅަށް ތަރައްގީ ގެނުވާ ކޮންމެ ކަމަކަށް ތަރުހީބު ދޭނެ ކަމަށް މި އަތޮޅުގެ މީހުން ބުނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"އަޅުގަނޑަށް ފ. އަތޮޅުގެ މަޝްރޫއާ މެދު ކަންބޮޑުވުމެއް ނެތީ، ކޮންމެ ގޮތެއްގައި ވިޔަސް މި އަތޮޅަށް މި އަންނަނީ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ބައެއް. އަޅުގަނޑުގެ ނަޒަރުގައި (ސައޫދީ ރަސްގެފާނަކީ) ދުނިޔޭގެ މުސްލިމުންގެ ވެރިމީހާ އެއީ. އެހެންވީމާ އަޅުގަނޑުމެންނަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، އަޅުގަނޑުމެންގެ ރައްޔިތުންނަށް ނިކަމެތިވާނެ އެއްވެސް ކަމެއް އެމީހުން ނުކުރާނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއް، މުސްލިމުން ކަމަށް ވީމާ، އަޅުގަނޑުގެ ހިތުގައި އޮވޭ."

ޖަލީލު ވިދާޅުވީ ފ. އަތޮޅު މަޝްރޫއުގެ ވާހަކަ ދެއްކުމުގެ މާ ކުރިން ވެސް ރާއްޖޭގެ ކިތަންމެ ރަށެއް މީހުންގެ އަމިއްލަ މިލްކުގެ ގޮތުގައި ނަގައިގެން ރިސޯޓްތައް ހިންގަމުން އަންނަ ކަމަށެވެ.

"ވިއްކައިގެން ނޫން ކަމަށް ވިޔަސް، 99 އަހަރަށް ކުއްޔަށް ދީފައި މި ހުންނަނީ ރަށްތައް. ބަލަމާ ހިނގާ 99 އަހަރު ވުމަށް ފަހުގައި ވެސް، އާންމު ގޮތެއްގައި އެ ތަނެއްގައި ތިބި ބަޔަކު އެމީހުންގެ މިލްކެއްގެ ގޮތުގައި އެރަށެއް ގެންގުޅޭނީ. މިސާލަކަށް، އއ. ކުރަމަތި ކޮން ޒަމާނެއްތޯ ކޮލިގޭ މީހުންނަށް އޮންނަތާ؟ ކާކުތޯ އެކަމާ ކަންބޮޑުވަނީ؟ އެކަހަލަ ކަންތަކަށް ބަލާއިރުގައި އަޅުގަނޑުގެ ކަންބޮޑުވުމެއް ނެތް ފ. އަތޮޅުން ބައެއް ސައޫދީ ބަޔަކަށް ދިނުމަކުން،" ޖަލީލް ވިދާޅުވި އެވެ.

މަގޫދޫ ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު މިގްދާދު އާދަމް ވެސް ވިދާޅުވީ އެ ރަށުގައި ވެސް އެ މަޝްރޫއަށް ދެކޮޅު ހަދާ މީހަކު ވަރަށް މަދު ކަމަށާއި "އެންމެން ވެސް އެކަމާ އުފާ ކުރާނެ" ކަމަށެވެ. އަދި ބައެއްގެ ހިތުގައި ސުވާލުތަކެއް އުފެދެނީ ވެސް ސިޔާސީ ބޭނުމެއްގައި ބަޔަކު ދައްކާ ދޮގު ވާހަކަތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. ނިލަންދޫ ދެމަފިރިއަކު އެ ރަށު ފަޅުތެރޭގައި ބޮއްކުރައެއްގައި ތިބެގެން މުށިމަސް ބާނަނީ. ފ. އަތޮޅަށް ތަރައްގީ ގެނުވާ ކޮންމެ ކަމަކަށް ތަރުހީބު ދޭނެ ކަމަށް މި އަތޮޅުގެ މީހުން ބުނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"މީގައި ވާ ގޮތަކީ އިދިކޮޅު ފަރާތްތަކުން އަޑު ފަތުރާފައި މި ހުންނަނީ ވަރަށް ގޯސްކޮށް. މި އަތޮޅު ވިއްކާލަނިއްޔޭ، މި އަތޮޅުގެ ރަށްރަށުން މީހުން ބާލަނިއްޔޭ، އެހެން އަތޮޅެއްގެ ބަޔަކަށް ވެސް މި އަތޮޅަށް ދެން ނުވަދެވޭނެ ވާހަކައާ މި ކަހަލަ ވާހަކަތައް ފެތުރީމާ، މި ކޮޅުގައި ތިބޭ މީހުންނަކަށް ނޭނގޭނެ ދެއްތޯ މިވަނީ ކިހިނެއް ކަމެއް. އެ ކަހަލަ ބައިވަރު ވާހަކަތަކެއް މީހުންގެ ހިތްތަކަށް ވައްދައިގެން އެކަމާ ސުވާލު އުފެދިގެން އުޅެނީ ވެސް،" މިގްދާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފ. އަތޮޅަށް އަންނަން އުޅޭ ބިޔަ މަޝްރޫއާ މެދު އެ ރަށުގެ ރައްޔިތުން ވެސް ތިބީ ވަރަށް ބޮޑު އުފަލެއްގަ އެވެ.

"މި ކަހަލަ މަޝްރޫއެއް ހިންގަން އަންނަ ކަމަށް ވެއްޖެއްޔާ ހަމަ އެ ކަމަށް މި އަތޮޅުން މަރުހަބާ ނުކިޔާނެ މީހަކު ނުހުންނާނެ. ސަރުކާރުން އެ އޮތީ މިހާރު އެކަން އޮތް ގޮތް ހާމަ ކޮށްފަ. އެއްވެސް ރަށަކުން މީހުން ނުބާލާނެޔޭ، އެއްވެސް ތަނެއް ވިއްކައެއް ނުލާނެޔޭ މިހާރު ބުނެފިތާ. އެހެންވީމާ އިދިކޮޅު އަޑު މި އޮތީ ވަރަށް މަޑުވެފައި މި ރަށުގައި ވެސް."

މި އަތޮޅުގައި ތިބި އިދިކޮޅު ފިކުރުގެ ބައެއް މީހުންގެ ފަރާތުން ވެސް އެނގުނީ ސިޔާސީ ގޮތުން ކޮންމެ ގޮތަކަށް ވާހަކަތައް ހުރި ކަމުގައި ވިޔަސް، ފ. އަތޮޅުގެ މަޝްރޫއަށް އެ މީހުން މުޅިން ދެކޮޅު ނުހަދާ ކަމެވެ. ނަމަވެސް އެ މީހުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ފ. އަތޮޅުގައި ހިންގާ ހަމައެކަަނި ރިސޯޓް ކަމަށްވާ ފިލިތެޔޮ ރިސޯޓްގެ ބޭރުގައި ޑައިވިން ދޯންޏެއް މަޑު ކޮށްލައިގެން. ފ. އަތޮޅަށް ތަރައްގީ ގެނުވާ ކޮންމެ ކަމަކަށް ތަރުހީބު ދޭނެ ކަމަށް މި އަތޮޅުގެ މީހުން ބުނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"ބޭރު ބަޔަކަށް ދިގު މުއްދަތަކަށް ދިން ކަމުގައި ވިޔަސް، މިތަނަށް ރަނގަޅު އިންވެސްޓެއް ކޮށްގެން އަންނަ ކަމަށް ވަންޏާ އަޅުގަނޑުމެން ހަމަ މަރުހަބާ ކިޔާނަން، އަޅުގަނޑުމެން ކޮންމެ ކުލައެއްގައި ތިއްބަސް. ރައްޔިތުންނަށް ފާގަތިކަމާ އިތުރު ކުރިއެރުން ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެން ދެކޮޅެއް ނުހަދާނަން،" އަތޮޅު ކައުންސިލްގެ ނިލަންދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ނިލަންދޫ އެދުރުގޭ، އަބްދުލްގާދިރު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ނުކުރާ ވަރުގެ ކަމެއް ސަރުކާރުން ކުރަން އުޅޭ އިރު، އަދި އެއީ ތަރައްގީގެ ކިތަންމެ ބިޔަ މަޝްރޫއެއް ކަމުގައި ވިޔަސް، އެ އަތޮޅުގެ ރައްޔިތުންނާ ހިއްސާކޮށް މަޝްވަރާ ކުރަންވާނެ އެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު މައްސަލައަކީ އެކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ނުލިބުން. މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރެއް ވެސް އެބަ ހުރެފައި، އަތޮޅު ކައުންސިލަރުންތަކެއް ތިބެފައި، އެކަހަލަ ބޮޑު ކަމެއް ހިނގާއިރު އޭގެ އެއްވެސް ބޭފުޅެއްގެ ފަރާތުން އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ މައުލޫމާތެއް ނުލިބުން އެއީ ވަރަށް ބޮޑު މައްސަލައެއް. އަތޮޅުގެ ރައްޔިތުންނާ އެއްވެސް ވަރަކަށް ހިއްސާ ކުރެއްވުމެއް ނެތި އެ ވަރުގެ ބޮޑު ކަމެއް ކުރިއަށް ގެންދިއުމަކީ ދެ ވަނަ މައްސަލަ،" އަބްދުލްގާދިރު ވިދާޅުވި އެވެ.

ފ. މަގޫދޫ ބަނދަރުމަތީގައި ހަދާފައިވާ ހޮޅުއަށްޓެއް. ފ. އަތޮޅަށް ތަރައްގީ ގެނުވާ ކޮންމެ ކަމަކަށް ތަރުހީބު ދޭނެ ކަމަށް މި އަތޮޅުގެ މީހުން ބުނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

ބިލަތްދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެ އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް އެ ރަށުގައި އެ މަޝްރޫއަށް އޮތް ތާއީދު ވަރަށް ބޮޑެވެ. އަދި ބަޔަކު ދެކޮޅު ހަދާ ނަމަ ދެކޮޅު ހަދަނީ އެ މަޝްރޫއު ގޯސްވެގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސްލުގައި މި ރަށުގައި ވެސް އަދި މި އަތޮޅުގައި ވެސް އެ ކަމަށް ތާއީދު އެބަ އޮތް ވަރަށް ބޮޑަށް. އެކަމަށް އިދިކޮޅަށް ނުކުންނާނީ 10 ވަރަކަށް މީހުން. އެ މީހުންގެ އަޑު ގަދަވާނެ. އޭގެ ތެރޭގައި އުޅޭނީ ތަންކޮޅެއް ކެރޭ ޒާތުގެ ޒުވާނުންކޮޅެއް. އެހެންވީމާ އިދިކޮޅު އަޑު ގަދަވާނެ. އެ ކަން ގޯސްވެގެން އެކަމާ ދެކޮޅު ހެދުމަށް ވުރެ ބޮޑަށް، މި އޮންނަނީ ސަރުކާރުން ކުރަން އުޅޭ ކަމަކަށްވާތީ އެ ކަމާ ދެކޮޅު ހެދުން. އެކަން ގޯސްވެގެން ދެކޮޅު ހަދަނީކީ ނޫން. އެއްވެސް ބަޔަކު އިދިކޮޅުގައި ތިބޭ އިރު ބޭނުމެއް ނުވާނެ ތަރައްގީގެ މަޝްރޫއުތަކެއް ހިންގައި ކާމިޔާބު ކުރާކަށް،" ޝިޔާމް ވިދާޅުވި އެވެ.

ފ. އަތޮޅުން ބައެއް ސައޫދީ ޝާހީ އާއިލާގެ ބަޔަކަށް މިލްކު ކޮށްދިން ކަމުގައި ވިޔަސް، އެއަތޮޅުގެ ރައްޔިތުންނަށް މާ ބޮޑު ހާސްކަމެއް ނެތެވެ. އޭގެ ބަދަލުގައި އެ މީހުން ދެކެނީ ކުލަ ހުވަފެންތަކެކެވެ. އެމީހުންނަށް ކުރިމަތިން ފެންނަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ އެކު ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ އަދި އިގްތިސާދީ ތަރައްގީގެ ދުވަސްތަކެކެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ހުރިހާ ދާއިރާއަކުން ވެސް އަތޮޅަށް ކުރިއެރުން ލިބޭނެ ކަމަށް. ތައުލީމީ ގޮތުންނާއި ސިއްހީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް، އަދި ޚާއްސަކޮށް އުމްރާނީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް. އިގްތިސާދީ ގޮތުން މި އަތޮޅަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް، އަދި މުޅި ގައުމަށް ވެސް ލިބޭނެ ކަމަށް ގަބޫލު ކުރަނީ. އެއީ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ވަރުގެ އިންވެސްޓެއް މިތާނގައި ކޮށްގެން މަސައްކަތް ކުރާކަމަށް ވިއްޔާ،" ނިލަންދޫ މުހައްމަދު ޖަލީލް ވިދާޅުވި އެވެ.

އެއީ އަޅުގަނޑުމެން ބަލަން ޖެހޭނީ ބޮޑު އިންވެސްޓްމަންޓެއް އަތުވެއްޖެއްޔާ އޭގެ ފައިދާތަކެއް އަޅުގަނޑުމެންނަށް ވެސް ކުރާނެ ކަމަށް. މި އަތޮޅަށް އެވަރުގެ އިންވެސްޓްމަންޓެއް އަތުވެއްޖެއްޔާ މި އަތޮޅުގެ މީހުން ވެސް ވަޒީފާތަކަށް ދާން ބޭނުންވާނެ. މުވައްޒަފުން ހޯދަން ބޭނުންވިޔަސް، އިންވެސްޓް ކުރާ ފަރާތްތަކުން ވެސް އަތޮޅުން ބޭރަށް ދިއުމުގެ ކުރިން އަންނާނީ އަތޮޅުގެ ރަށްރަށުގެ މީހުން ހޯދަން ކަމަށް މި ބަލަނީ. އެހެން ވެއްޖެއްޔާ އެއީ މި ރަށްރަށުގެ މީހުންނަށް ލިބޭ ކިހާ ބޮޑު ފައިދާއެއްތޯ،" މަގޫދޫ ކައުންސިލްގެ މިގްދާދު ވިދާޅުވި އެވެ.

ފ. އަތޮޅުގައި ހިންގާ ހަމައެކަަނި ރިސޯޓް ކަމަށްވާ ފިލިތެޔޮ ރިސޯޓްގެ ބޭރުގައި ލޯންޗެއް މަޑު ކޮށްލައިގެން. ފ. އަތޮޅަށް ތަރައްގީ ގެނުވާ ކޮންމެ ކަމަކަށް ތަރުހީބު ދޭނެ ކަމަށް މި އަތޮޅުގެ މީހުން ބުނޭ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު

"މި ރަށުގެ މެޖޯރިޓީ އެކަމަކާ ދެކޮޅެއް ނުހަދާ. އެންމެން ވެސް ބޭނުންވާނެ ތަރައްގީ. އަނެއްކާ މި މަޝްރޫއު މި އަންނަނީ ދުނިޔޭގައި އޮތް 100 ޕަސެންޓް އިސްލާމީ އެއް ގައުމުގެ ފަރާތުން. އެހެންވީމާ ވެސް ގިނަ ބަޔަކު ތާއީދު ކުރޭ މި މަޝްރޫއަށް. އެ މަޝްރޫއު މި އަތޮޅުގައި ހިންގަން ނިންމީމާ ވެސް ގިނަ ބަޔަކު މިހާރު ސަރުކާރު ކޮޅަށް އެނބުރިއްޖެ،" ބިލެތްދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ޝިޔާމް ވިދާޅުވި އެވެ.

ފ. އަތޮޅުގެ ބައެއް މިލްކު ކޮށްދޭން އުޅެނީ ސައޫދީ އަރަބިއްޔާގެ ބަޔަކަށް ކަމަށްވުމީ، މިއަތޮޅުގެ މީހުން ހިތްހަމަޖެހޭ މައިގަނޑު އެއް ސަބަބެވެ. އަދި މި އަތޮޅުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފ. އަތޮޅުގައި ސައޫދީ ޝާހީ އާއިލާ އިން ހިންގާ ބިޔަ މަޝްރޫއާ އެކު، ފ. އަތޮޅަކީ ރާއްޖޭގެ ކުރިމަގުގެ ވެރިރަށް ކަމުގައި ވެސް ވެދާނެ އެވެ.

"ހިމިއްޗަކީ ކުރިން މީހުން އުޅުނު އަދި ވަރަށް އިލްމުވެރިން ގިނަ ރަށެއް. އެ ރަށުގެ ކުރީގެ އިލްމުވެރިން ވަރަށް ޔަގީން ކަމާ އެކު ބުނެފައި އޮންނަ ވާހަކައެއް އޮންނާނެ. އެ ރަށުގެ ފަޅުތެރޭގައި އެންމެ ފުރަތަމަ އުފެދުނީ ކުޑަކުޑަ ފިނޮޅެއް، އެ ފިނޮޅު ހުރާގަނޑަކަށް ބަދަލުވެ ފަހުން ގަސް ފަޅައި ރަށަކަށް ވީ. އެ ރަށަށް މި ކިޔަނީ ތޮފެސްދޫ. އޭރު އެ ރަށުގެ އިލްމުވެރިން ބުނެ އުޅުނު ކަމަށްވަނީ ތޮފެސްދޫ ހިމިއްޗާ ގުޅި ފަޅުތެރެ ބެދުމުގެ ކުރިން ހިމިތީން މީހުން ފައިބައި ރަށް ފަޅުވާނެ ކަމަށް. އެކަން ވީވެސް ހަމަ އެ ގޮތަށް. މިހާރު އެއީ ފަޅުރަށެއް،" ރާއްޖޭގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނިލަންދޫ، ފައުނު، މުހައްމަދު ފަރީދު ވިދާޅުވި އެވެ.

"އެ މީހުން ރަށުން ފޭބުމުގެ ކުރިން ވެސް އެރަށުގެ އިލްމުވެރިން ބުނެ އުޅުނު ކަމަށްވޭ މާ ގިނަ ޒަމާންތަކެއް ނުވަނީސް އެ ރަށް އަލުން އާބާދުވެ މީހުން ދިރިއުޅެން ފަށާނެ ކަމަށް. އަދި ގިޔާމަތް ވާނީ އޭގެ ފަހުން ކަމަށް އެ ރަށުގެ އިލްމުވެރިން ބުނެ އުޅުނު ކަމަށް ވަނީ. އެ ރަށުން އެންމެ ފަހުން ފޭބީ ހުސައިން މަނިކު ކިޔާ މީހެއްގެ އާއިލާއެއްގެ 21 މީހުން. އެ މީހުން އައީ ނިލަންދު އަށް. ހިމިތީ މީހުންނަކީ ނެވި ނިޔަމި ކަމަށާއި ހިސާބު އިލްމަށް ވެސް ވަރަށް މޮޅު ބައެއް،" ފަރީދު ވިދާޅުވި އެވެ.

ސައޫދީ ޝާހީ އާއިލާގެ ބޭފުޅަކަށް ހިމިތީ މިލްކު ކޮށްދިނުމަކީ ފަހަރެއްގައި އެ ރަށް އަލުން އާބާދު ވުމުގެ ފެށުން ކަމުގައި ވެސް ވެދާނެ އެވެ. އެ އުންމީދު ވެސް އޮތުމާ އެކު ފ. އަތޮޅު މަޝްރޫއާ މެދު އެމީހުންގެ ހިތްތަކުގައި ކިލަނބު ކަމެއް ނެތެވެ.

136 ކޮމެންޓް, 266 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 5%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަނިކު

12 July 2017

މަޝްރޫއަށް ތާއީދު. އެކަމަކު ކީެއްވެތޯ ދެފުންފެންނަ ގޮތަން ނޫނޫ ތާއީދެއްނޫން. ކީއްވެތޯ ދެފުށް ފެންނަގޮތަށް ކުރިޔަށް ގެންދަން ބޭނުން ނުވަނީ؟

The name is already taken The name is available. Register?

ހިމިތީ އަލިކޮއެ

17 March 2017

ތަންދޮރު ނޭގޭ ބަޔަކަށް އިތުރައް އޮޅުވާލާ މަކަރާހީލަތް ހެދީމާ ތިބޭނީ އޯކޭ ވެފަ އެހެންނުވާވަރުގެ އަދަދެއް ނޫންވިއްޔާ އެކިޔަނީ....ކިތަންމެ ގިނަދުވަހަކަށް ދިނަސް ހިބަކޮށްދީގެންނުވާނެ ސަބަބުވެސް ވަރަށް ގިނަ......

The name is already taken The name is available. Register?

އަބްދުﷲ ވަހީިދު

16 March 2017

ރާއްޖެގެ އެހެން އަތޮޅު ތައް ވެސް ތަރައްގީ ކުރަން ސައޫދީ އަށް ދޭންވީ އެވެ.ޔާމީނަކީ ގައުމު ދެކެ ލޯބިވާ ތަރައްގީި ދެނެވަޑައި ގަންނަވާ ކުޅަދާނަ ރައީިސެއް...ސާބަހޭ ރައީސް ޔާމީން.

The name is already taken The name is available. Register?

މސސ

16 March 2017

ސުނާމީގެ ހާލުޖެހުނުއިރު ރަސްގެފާނު އައިބާ އެހީވާން. މުސްލިމުން އެތައް ބައެއް ބަޑަށް ޖެހިމަރުވަމުން އެދަނީ. މިރަސްގެފާނު އެކުރާ އިސްރާފު ބަލާ. އަަތޮޅު ގަތުމަށްފަހު ސަލާން ޖަހަން ޖެހޭނީ. ނިކަންވިސްނާބަލަ ޖަލީލުމެންނަށް ނުވިސްނޭވަރު.

The name is already taken The name is available. Register?

މަންސޫރު

16 March 2017

ސައުދީގައި ވެސް ފަގީރުން އުޅޭ. އަދި މީހުންގެ މުސާރަތައްވެސް ކުޑަކޮއްފައި ނިކުމެ އެ އުޅެނީ.

The name is already taken The name is available. Register?

ކޮސްް

16 March 2017

ސަހަރޯ ވާ . ދުނިޔެ އާ ހެދި މަރު ދަންކެހޭ ބަޔަކު އުޅޭ އަތޮޅެއްދޯ ތީ

The name is already taken The name is available. Register?

އަގަ ގަދަ މިތުރު

16 March 2017

ޕޯޗްގީޒުން ރާްއޮޖެ ހިފިއިރު ދިވެހިން ބުނީ އައްޔަކަސް އަދިރިޔަކަސް ތިމަންނަމެނައް ވަރިހަމަޔޭ. މިހާރު ފާފު އަތޮޅު ރައްޔިތުންވެސް ތި ބުނަނީ ޔުނިވަރސަލް އެކޭ ސައުދި އަރަބިއްޔާ އެކޭ މަމެންނައް ހަމަ އެތްވަރޭ. މި ކިޔޭ އެއްޗެއް އިގޭބާ؟

The name is already taken The name is available. Register?

Ali

16 March 2017

ދިވެހިން ގަމާރުކަންމަތީ އަބަދަށް.....!

The name is already taken The name is available. Register?

Maldives

16 March 2017

100 % އިސްލާމުން ވީމައި ރާއްޖޭގެ ދެބައިކުޅައެއްބައިވެސް ގެންދަންވީތޯއެވެ.؟ 100% އިސްލާމުން ވީމައި ކީއްތޯވާނީ މި ކުޑަ މުސްލިމް ގައުމުގެ ބައެއް މިލްކު ކުރަން ނޫޅުނިއްޔާ.

The name is already taken The name is available. Register?

ތިލަފުންމަތި

16 March 2017

ހަމަ ރަނގަޅައްވެސް ވިކިފަ ތިތިބީ.... ޔަމަނައްވެސް އެ ސައުދީން ދެއްތޯ އެހީ އެދެނީ...

The name is already taken The name is available. Register?

ނިލަންދޫ

16 March 2017

އަޖައިބުން އަންތަރީށް ވެއްޖެ. ކީއްވެގެންތަ ސައޫދީ ޕްރޮޖެކްޓް އައިމަ ފ. އަތޮޅަށް ދިވެހި ހުރިހާ އެންމެންގެ ނިންމުން އަންނަންވީ. އެއްވެސް ކަމެއް ނުލިބި އޮތްއިރު ކީއްވެތަ މިއީ ތިމަންނަމެންގެ އަތޮޅު ކިޔައިގެން ވާހަކަ ނުދެއްކީ. ހަޖަމު ނުވަނީ. ކޮންމެހެން ތިމަންނަ މެންގެ އަތޮޅޭ ކިޔައިގެން މިހާރުދެން އުޅޭނެކަމެއް ނެތް. މި ކޮމެންޓް ޖަހާނެކަމަށް އުންމީދު ކުރަން.

The name is already taken The name is available. Register?

ޖުމޭރިއާ

16 March 2017

ސައުދީ ކިތަންމެ ޕްރޮޖެކްޓެއް ނޫނީ އިންވެސްޓްމެންޓެއް އަޔަސް ހެޔޮ އަހަރުމެންނަށް. މިހާރުވެސް އަރަބި އިންވެސްޓަރުންގެ ރިޒޯޓްތައްވެސް ރާއްޖޭގަ އެބަހުރި. މީހަކު އެއްވެސް މައްސަލައެއް ނުޖައްސާ. މައްސަލައަކީ ދިވެހިންގެ ބިން މިލްކުކޮށް ދާއިމަށް ބޭރިބަޔަކަށް ވިއްކާލަން އުޅޭތީ. މިދެކަމުގެ ހުރި ފަރަގު ނުވިސްނެނީ ވަކިކޮޅަކަށް ގޮސް ހުސްވެފަ ފައިސާގެ ދަހިވެތިކަމުގަ ބޫތުކައިފަ ހުރީމަ. ނޫނީ އަމިއްލަ ސިކުނޑިން ވިސްނަން ނޭނގޭތީ. މިދެކަމުން ކޮންމެވެސް އެއްކަމެއް.

The name is already taken The name is available. Register?

ފާފުން ފާފު

16 March 2017

ކުރަމަތިރިސޯޓުގައި ފެންވަރުގެ ހޮސްޕިޓާ ތަކާއި ލަގްޒަރީ ހޮޓެލްތަކާއި ތަރައްގީގެ އުސްބިލްޑިނގްތަކާއި އެނޫންވެސް ފ ވައްތަރު ތަންތަން ހުރިކަމެއް ފާހަގަ ނުވި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454