މަޖިލިހަށް ފާރިސް ހާޒިރުނުކޮށްދިނުން، ބޮޑު މައްސަލައެއް

ކުށުގެ ތުހުމަތުގައި ބަންދުގައި ތިބި މެމްބަރުންތަކެއް މަޖިލީހަށް ހާޒިރު ނުކުރި މައްސަލަ މިހާރު މިވަނީ ފެންމަތިވެފަ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ބަންދުގައި ހުންނެވުމުންނެވެ. އިދިކޮޅު ކޯލިޝަނުން މިވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.


ބަންދުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވައްޑެ އާއި ސައުދު އަދި އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފްގެ އަަޑުއެހުންތައް ވަނީ ފަށައިފަ އެވެ. ކޮމިޝަންގެ އެ ނިންމުމަށް އަމަލްކުރުން ފަސް ކުރުމުގެ އަމުރެއް މިހާތަނަށް ނެތުމުން އެ ތިން ބޭފުޅުންނާ މެދު މިވަގުތު އެއްޗެއް ބުނެވޭކަށް ނެތެވެ.

ދިއްގަރު ދާއިރާގެ ފާރިސްގެ މައްސަލަ އަނެއް ތިން ބޭފުޅުންނާ ތަފާތެވެ. އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމާ މެދު އެއްވެސް ސުވާލެއް އުފެދި ނުވަތަ އެފަދަ އެއްވެސް ނިންމުމެއް އެއްވެސް އިދާރާއަކުން ނިންމާފައެއް ނެތެވެ. އެހެންވެ އޭނާއަކީ މަޖިލިސް މެމްބަރެކެވެ. ދެން އޮތީ އޭނާ މަޖިލީހަށް ހާޒިރު ނުކުރާ މައްސަލަ އެވެ.

ބަންދުގައި ތިއްބަވާ މެމްބަރުން މަޖިލީހަށް ހާޒިރު ކުރުމާ ބެހޭ ގޮތުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ވަނީ "މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އޭނާއަށް ލިބިގެންވެ އެވެ." މިހެންނެވެ.

މާފުށީ ޖަލުގައި ފާރިސް ބަލަހައްޓަމުން ގެންދާ ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދެނީ މަޖިލިސް މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގައި، ކުށުގެ ތުހުމަތުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އޮތް މާއްދާ ސުޕްރީމް ކޯޓުން 2013 ގައި ބާތިލް ކޮށްފައިވާތީ ކަމަށެވެ. އެހެންވެ، ކަރެކްޝަންސް އިން ގަބޫލުކުރަނީ މަޖިލީހުގެ ގަވާއިދުގައި އެގޮތަށް އޮތަސް މެމްބަރުން ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށެވެ.

ކަރެކްޝަންސުން ހަވާލާ ދީފައިވަނީ އިމްތިޔާޒްގެ ގާނޫނުގެ 16 މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި އޮތް އޮތުމަށެވެ. އެ މާއްދާގައި ބުނެފައި އޮތީ "މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި ނުވަތަ ޖިނާއީ ކުށެއްގައި 12 މަސް ދުވަހަށް ވުރެ ކުރު ހުކުމެއް ތަންފީޒު ކުރުމުގެ މަރުހަލާގައި މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްފައިވާ ނަމަ، ހައްޔަރު ކޮށްފައިވާ ފަރާތަކުން އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭން ވާނެ އެވެ." މިހެންނެވެ.

ކޯޓުގެ އަޑުއެހުމަކަށް ފަހު ފާރިސް ޖަލަށް ގެންދަނީ: ކަރެކްޝަންސުން ބުނަނީ ކޯޓުގެ ހުކުމް އޮތް ގޮތުން ފާރިސް މަޖިލީހަށް ހާޒިރުކޮށްދޭން ނުޖެހޭނެ ކަމަށް --ފޮޓޯ/މިހާރު

އިމްތިޔާޒްގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައެއްގައި 16 ވަނަ މާއްދާ ބާތިލް ކުރުމުގައި ސުޕްރީމް ކޯޓުން މައިގަނޑު ދެ ކަމެއް ފާހަގަކުރި އެވެ. އެއް ކަމަކީ ކުށުގެ ވެށިން ހައްޔަރުކުރާ މެމްބަރުންނަށް އިމްތިޔާޒް ލިބިގެން ނުވާނެ ކަމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުށް ސާބިތުވެފައި ތިބޭ މެމްބަރުންނަށް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަކީ މެމްބަރުންގެ އިމްތިޔާޒުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމެވެ.

ކުށުގެ ވެށިން އަތުލައިގަނެވޭ މެމްބަރުން ވެސް ހިމެނޭ ގޮތަށް މަޖިލީހަށް ހާޒިރުވެވޭ ގޮތަށް އޮތުމަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރުމުގެ މަގްސަދު ގެއްލިގެން ދާނެ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"ޖިނާއީ މައްސަލައެއްގެ ތަހުގީގުގެ މަރުހަލާގައި މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރެވިފައިވަނީ ޖަރީމާގެ ވެށިން ކުށް ކުރަނިކޮށް ކަމުގައިވާ ނަމަ އެއީ އެ މެމްބަރަކަށް ޕާލިމެންޓަރީ އިމިއުނިޓީއެއް ނުވަތަ އިމްތިޔާޒެއް ހައްގުވާ ހާލަތެއް ނޫން ކަން އެނގެން އޮންނައިރު، އެފަދަ ހާލަތްތައް ވެސް ޝާމިލްވާ ގޮތަކަށް މުތުލަގު ގޮތަކަށް ޖިނާއީ މައްސަލައެއްގެ ތަހުގީގު މަރުހަލާގައި ހައްޔަރުކުރެވޭ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭން ވާނެ ކަމަށް އޮންނަ އޮތުމުގެ ދުސްތޫރީ އަސާސެއް ނެތް ކަމަށް" އޭރު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ ގާނޫނުގެ 16 ވަނަ މާއްދާ ބާތިލް ކުރުމުގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ އަނެއް ކަމަކީ އެ މާއްދާ އޮތީ ސުޕްރީމް ކޯޓުން އޭގެ ކުރިން ނިންމާފައިވާ ނިންމުމަކާ ޚިލާފަށް ކަމަށް ވުމެވެ. އެއީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމް އައުމުން، އެ ހުކުމް ދެމި އޮތްހާ ހިނދަކު އޭނާ އަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެކެވެ.

މަޖިލީހުގެ ގަވާއިދުގައި ވެސް ކުށުގެ ތުހުމަތުކުރެވޭ މެމްބަރުންގެ ތެރެއިން ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އޮންނަ އޮތުމާއި އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާ ބާތިލް ކުރުމުގައި ސުޕްރީމް ކޯޓުން ފާހަގަކުރި ކަންކަމަށް ބަލާއިރު ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރުކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުން ފިޔަވައި، ހައްޔަރު ކޮށްފައި ތިބޭ އެ ނޫން މެމްބަރުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ހާޒިރުކޮށްދޭން ވާނެ ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ،" ގާނޫނީ ވަކީލް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ކުރިން ލީގަލް ރިފޯމް މިނިސްޓަރު ކަން ވެސް ކުރެއްވި ނަޝީދު ލިޔުއްވާފައިވާ ގޮތުން އެ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ކުށް ސާބިތުވެފައި ތިބޭ މެމްބަރުންނާއި ކުށުގެ ވެށިން ހައްޔަރު ކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ނުދިނުމެވެ. ސަބަބަކީ ކުށް ސާބިތުވެފައި ތިބޭ މެމްބަރުންގެ އިތުރުން ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނަކީ ދޮގު އިލްޒާމުތަކެއް އަޅުވައިގެން ބަންދު ކުރެވޭ މެމްބަރުން ކަމަށް ބެލުމުގެ ފުރުސަތު ކުޑަވާނެތީ އެވެ. އެހެންވެ ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރުކުރެވޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ނުދިނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސުޕްރީމް ކޯޓުގެ ހުކުމް އައިސްފައިވާ ގޮތުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ އަށް އަމަލުކުރުމަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަކަށް ނުދެކެމެވެ. އަދި ހަމަ އެހެންމެ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަމެއް ކުރުމަކީ ބައެއް ނުވަތަ މީހެއްގެ އިހްތިޔާރަށް ދޫކޮށްލެވިދާނެ ކަމަކަށް ވެސް ނުދެކެމެވެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މަޖިލީހުގެ ގަވާއިދު ހަދާފައި ވަނީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހ. އެއް ވަނަ ނަމްބަރުގެ ދަށުން ބާރު ލިބިގެންނެވެ. އެހެންވެ، ގަވާއިދެކޭ ކިޔަސް އެއީ ގާނޫނެއްގެ ދަރަޖަ ލިބިފައިވާ އެއްޗެއް ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އަދި އިމްތިޔާޒްގެ ގާނޫނު އައުމުގެ ކުރިން އަދި އޭގެ ފަހުން ވެސް މިއަދާ ހަމައަށް އެ ގަވާއިދަށް އަންނަނީ އަމަލްކުރަމުންނެވެ.

"ތަންފީޒީ އިދާރާތަކުން ބައްލަވަން ޖެހޭނީ އެއީ ގާނޫނެއް ކަމަށް. އެ ގާނޫނުގައި މި ބުނަނީ ބަންދުގައި ހުރި މެމްބަރެއް ނަމަވެސް ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވުމުގެ ހައްގު ލިބިގެންވެއޭ. އެއީ ހައްގެއް ވީމަ އެ ބޭފުޅެއްގެ ބަންދާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ ޒިންމާއެއް އެއީ އެ ބޭފުޅަކު ހާޒިރުކޮށް ދިނުން،" ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.

މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ނުދެނީ ސުޕްރީމް ކޯޓުގެ ހުކުމުގައި އިމްތިޔާޒް ގާނޫނުގެ 16 ވަނަ މާއްދާ ބާތިލް ކޮށްފައިވާތީ ކަމަށް ކަރެކްޝަންސުން ބުންޏަސް އެ ހުކުމުގެ ފަހުން ވެސް ކުށުގެ ތުހުމަތުގައި ތިބި ބައެއް މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދީފައި އެބަ ހުއްޓެވެ.

ފުލުހުންނަށް ހުރަސް އެޅުމުގެ ތުހުމަތުގައި މާޗް، 2015 ގައި ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކުރި ކުރުމަކީ އޭގެ މިސާލެކެވެ. އެހެންވީއިރު، މިހާރު އެ އުސޫލުން ފާރިސް މަޖިލީހަށް ހާޒިރު ނުކުރެވެންވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ. އެހެނީ، ފާރިސް ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ ފަދައިން ކުށުގެ ވެށިންނެއް ނޫނެވެ.

މެމްބަރުންނަށް ޚާއްސަ އިމްތިޔާޒްތަކެއް ލިބި ދީފައި އޮންނަނީ ވަކި ޚާއްސަ މަގްސަދުތަކަކަށްޓަކަ އެވެ. އެއީ އެ މެމްބަރަކު ތަމްސީލުކުރާ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، އެ މެމްބަރެއްގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅުނަ ނުދިނުމަށްޓަކަ އެވެ. އެހެން ނޫނީ އެކަން ވެގެންދާނީ މެމްބަރުންގެ ޒިންމާ އަދާކުރަން ހުރަސް އަޅަން ހުޅުވާލެވޭ ދޮރަކަށެވެ.