ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ފުލުހުން ކުރާ އަށް ބޭފުޅުންގެ ތެރެއިން (ކ-ވ) އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު، ކުރީގެ ރައީސް މައުމޫން އަދި ފަނޑިޔާރު އަލީ ހަމީދު.
11 ފެބުރުއަރީ 2018 - 21:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. ކަމަށެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތުހުމަތު ކުރާއިރު، އަލީ ހަމީދުގެ އާއިލާ އަށް މައުމޫން އެކި ގޮތްގޮތުން އެހީތެރިވެ ދެއްވަމުން ގެންދަވާކަން ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމެވެ.
"މީގެ އިތުރުން އަލްއުސްތާޒް އަލީ ހަމީދު ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ޑޮޮކިއުމެންޓް އެވިޑެންސް، ޔަގީން ކުރެވޭ ވަރަށް ލިބިފައިވޭ. މީގެ އިތުރުން އަލްއުސްތާޒް އަލީ ހަމީދުގެ އާއިލާ އަށް، ދިވެހިރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބޮޑު އަދި ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާކަން ޔަގީން ކުރެވޭ،" ޝިފާން ވިދާޅުވި އެވެ.
"އަދި މި ކަންތައްތަކުގެ ތެރޭގައި ތަފާތު އެކި ކަންކަން ހިނގާފައިވާ ކަން ވެސް އަޅުގަނޑުމެން ޔަގީންކޮށް އަރުވަން. އެކަންކަން ފުލުހުން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުން."
ޝިފާން ވިދާޅުވި ގޮތުގައި މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ އިން ނެރެގެން ގެންދިޔަ ފޮއްޓަކުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ވަނީ ލިބިފަ އެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން، މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތް ކުރައްވާފައިވާކަން އެ ފޮށިން ލިބުނު ޑޮކިއުމެންޓް އެވިޑެންސްތަކުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
1- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
2- އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
3- ފަނޑިޔާރު އަލީ ހަމީދު
4- ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު
5- އިބްރާހިމް ސިޔާދު ގާސިމް
6- ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
7- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
8- ފާތިމަތު ނާސިރާ (ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން)
* މީގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާ ވެސް މި މައްސަލާގައި ސުވާލު ކުރުމަށް އަންނަނީ ހޯދަމުން ކަމަށް ފުލުހުން ބުނޭ.
ޝިފާން ވިދާޅުވީ އެ ފޮށި ފެނިފައި ވަނީ، މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާގެ ގެއިން ކަމަށެވެ. ނަޖުމާ ވަނީ މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ވެރިކަން ބަދަލުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތު ކުރެވޭ މި މައްސަލާގައި ހިމެނޭ ބައެއް މީހުން ރާއްޖެ އިން ބޭރުން އަގު ބޮޑެތި މުދަލާއި ފްލެޓާއި އެޕާޓްމެންޓް ގަނެފައިވާކަން ޔަގީން ކުރެވޭނެ ޑޮކިއުމެންޓް އެވިޑެންސް ވެސް ލިބިފައިވާ ކަމަށެވެ.
ވެރިކަން ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ ހަތަރު ބޭފުޅެކެވެ. އެއީ މައުމޫނާއި އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދެވެ.
Press Statement: PMC/2018/08 pic.twitter.com/yNRW87vmiE
— Maldives Police (@PoliceMv) February 11, 2018
މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނެރުނު ނޫސްބަޔާން
އެކަމަކު ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލާގައި މިހާރު ވަނީ އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ފާރިސް މައުމޫންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމާއި އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ. އެ ހަތަރު ބޭފުޅުންގެ އިތުރުން މިހާރު ހޯދަން އިއުލާން ކޮށްފައިވާ، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.
ޝިފާން ވިދާޅުވީ ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ މި މައްސަލާގައި މިހާތަނަށް 30 މީހަކާ ސުވާލުކޮށް 15 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ.
އަދި ހަސަންގެ ކޮޓަރީގައި އޭނާ ނިދާ އެނދުގެ ގޮދަޑި ދަށުން ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ފެނިފައިވާ ކަމަށާއި އިތުރު ހެކިތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެވެ. އެކަމަކު އެ މައްސަލައިގެ ތުހުމަތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރީގެ އަމުރު ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޑުލު
15 February 2018
ސުބުހާނަﷲ..........ކާނަލް ނާޒިމަށް ކުރިމަތިވިވައްތަރުގެ މައްސަލައެއްކަމަށް ފެންނަނީ. މިސަރުކާރު ފެށިގެން އައީ ކަޅުދަބަސް އުފުލައިގެން ރައްޔިތުންގެ ފައިސާ ހިތުހުރިގޮތަކަށް ބަހައިގެން އަދި މެންބަރުންތައް ގަނެހެދީވެސް އެގޮތަށް އަނެއްކާ އަނެއް އަތަށް އެކަޅުދަބަސް އެ އެބުރެންފެށީ. މުންބުރި ޒަމާނުގަ ފައިސާ އަންބޮޑިއަށްޖަހާ ނިދާއިރު ބާލީހުގެ އެއްކަނަށް ..... ކުނާދަށަށް ލީ ޒަމާން އަނެއްކާ މިއޮއް އިއާދަވީ....ކޮސްހައްދަަވަން ނޫޅުއްވާ ބޭފުޅުންނޭ
ތޮއްޑޫ
13 February 2018
ކާކުތަ ދަބަހަށް ލާރި އަޅާގެން ގެންގުޅޭނީ .. ހަމަ ޖެހޭ ވާހަކަ ދައްކަބަލަ !!
ނަޖްވާ
13 February 2018
ބަލަގަ ތި ތިބަ އަދުރޭމެން އަދި ނުވިތާކަށް ރައީސު މީހާގެ އެކައުންޓަށް ވަތް އެއް މިލިޔަން ޑޮލަރުގެ ހަޤީޤަތް ހާމަ ނުކުރެވިގެން އުޅެނީ ކީއްވެގެންތަ؟
ސަޖޯ
13 February 2018
އެ ޕެންޑްރައިވް ހަނދާނަށް އަންނަނީ..... ތިޔަ ދަބަހަކުން މިފަހަރު ފެނިފަ ނުފެންނާނީ ކޯއްޗެއްބާ.... ތިދަބަހުން ނަގުލަންދާއްޓެއް ނުކުމެ ކަށި ނުޖަހައިފިއްޔާ ރަގަޅު
ފާތުން
12 February 2018
ނުޖެހެއޭ ސަނާކިޔާކަށް ބާތިލާދެކޮޅަށް ﷲ ގެ މަގުގަ ކުރާ ޖިހާދެއް މިއީ. އީމާންވެގެން ކަަމަށް ބުނެ އިސްލާހޭތިގޮވަނީ މިބިމުގަ ފަސާފަ އުފައްދަނ.
ކަހަނބޭ
12 February 2018
ތަމެން މިހާރު ތިކިޔާއެއްޗެއް އަޑުއަހައި ކިޔައިި ގަބޫލުކުރާނޭ އިންސިއެއް ޖިންނިއެއް ނުވަތަ ޖަނަވާރެއް ވެސް ނޫޅޭނެ ތޯއްޗެ.
މޯޑް
12 February 2018
ކޮބާ ރައީސް އެކައުންޓަށް ޖަމާކުރި 1 މިލިޔަން ޑޮލަރ
ދފަސފަދސ
12 February 2018
ފުލުހުން ދައްކާ އެެއްވެސް ވާހަކަ އެއް ގަބޫލެއް ނުކުރަން. ނިކަން ޔާމީން މެންގެ ވެސް ހާވައިގެން ބަލަ.
ފާތުން
12 February 2018
މަމީ މުސްލިމެއް. މަށަށް އެނގޭ ގައުމުގެ ވެރިމީހާގެ ދަރަޖަ. ކޯޓަކުން ހުކުމް ކުރަންދެން މަ ގަބޫލެއް ނުކުރާނަށް ގައުމުގެ ވެރިމީހާ ވަށްކަން ކުރިކަމަކަށް. ﷲ ގެ ހަޟްރަތުގައި މަށަކަށް ޡާބިތެއް ނުކޮށްދެވޭނެ ވަލިއްޔުލް އަމުރު އެއީ ވަގެއްކަަށް. އެދުވަސްއެއީ ގައްގު ގޮތުގަ ހުކުމް ކުރެވޭނެ ދުވަސް.
ިުޔތ
12 February 2018
މަށަށް އަދި ކިރިޔާމިއެނގުނީ މި އިދިކޮޅު ކިމެންޓް ކުރާމީހުންގެ ފެންވަރު. ބަލަ މަމީ ކޯޑިނޭޓަރުކަން ކުރަންޖެހޭފެންވަރުގެ މީހެއް ނޫން
މަންސޫރު
12 February 2018
ބައަލަވާ އިދިކޮޅު ނޫން މީހާއަށް ހަމަ ނޭނގޭ ދެއްތޮ ކޯޑިނޭޓަރަކީ ފެންވަރެއް ބޭނުންވާ ކަމެއް ނޫންކަން އަދި އެކަން ލިބެނީ ތިޔަ ފާޑަށް ސަނާ ކިޔައިގެންކަން؟