ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އައްޑަނައަކަށް ބޭނުންކުރަން ފެށި ސިފައިންގެ "ފާރު" އެންމެ ފަހުން ހަމަ އަސްލު ފާރަކަށް ބަދަލުވީ އެވެ. ސިފައިންގެ ފައުޖެއް ލައްވައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ހިމާޔަތްކޮށްގެން ޖަލްސާ ބާއްވާ މަންޒަރު ގަބޫލުކުރަން ދަތިވި ބަޔަކު ތިބި ނަމަ މިހާރު އަދި އެ އަށް ވުރެ ބޮޑަށް ހައިރާންވުން އެކަށީގެންވެ އެވެ. ގައިމު ވެސް ސޯޝަލް މީޑިއާ އިން ފެންނަނީ ބައެއް މީހުން ބަސް ހުއްޓި، ކޮސްވެފައި ތިބި ތަނެވެ.
އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާއި ހުރަސްއެޅުންތަކުން ސަލާމަތްވާން މަޖިލީހުގެ ރިޔާސަތުގެ މޭޒާއި އިދާރީ މޭޒު އުސްކޮށް، ކުރިމަތީގައި ލަކުޑިން ހަދާފައިވާ ބޮޑު ފާރާ ބެހޭ ގޮތުން ގިނަ ބަޔަކު އަންނަނީ ޚިޔާލުފާޅުކުރަމުންނެވެ.
"ބޮޑުވަރު!" ފޭސްބުކްގައި މީހަކު ކޮމެންޓްކުރި އެވެ.
ފޭސްބުކްގައި އެހެން މީހަކު އެ ފާރު ސިފަކުރީ "ދުނިޔޭގައި މިހާތަނަށް ހާވާ އެންމެ ބޮޑު ހަޑި"ގެ ގޮތުގަ އެވެ.
ބައެއް މީހުންގެ ފާޑުކިޔުން ބިނާކުރީ ހަޖޫ ޖެހުމުގެ މައްޗަށެވެ. އެގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެކްސިކޯ އާއި އެމެރިކާއާ ދެމެދު ރާނުއްވަން އުޅުއްވާ ފާރަށް ނިސްބަތްކޮށް، "ޓްރަމްޕް ވޯލް"ގެ ނަމުން މި ފާރަށް ބައެއް މީހުން ވަނީ ނަން ދީފަ އެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި މިއީ "ވޯލް އޮފް މޯލްޑިވްސް" އެވެ.
"މި އޮތީ ވޯލް އޮފް މޯލްޑިވްސް ރާނާފައި. ޗައިނާގެ ބޮޑު ފާރަށް ވުރެ ވެސް ފުރިހަމަ. މެކްސިކޯ އާއި އެމެރިކާ ވަކިކުރާ ފާރަށް ވުރެ ވެސް ބިޔަ،" ފޭސްބުކްގައި ހަމްޒާ ޚަލީލް ލިޔުނެވެ.
އެއަށް ވުރެ ވެސް ބޮޑަށް ހިތްހަމަނުޖެހި، ރުޅި އައިސް ނުވަތަ ދެރަވެފައި ތިބި މީހުންނަށް މި ފާރު ސިފަވަނީ އިޒްރޭލުން ފަލަސްތީނު މީހުންނާ މެދު ހިންގާ ފަދަ ލާއިންސާނީ އަމަލެއްގެ ގޮތުގަ އެވެ.
"އިޒްރޭލް މީހުން ފަލަސްތީނުގެ ބިމުގައި ވެސް ތިޔަ ގޮތަށް ބޮޑު ފާރު ރޭނި،" ފޭސްބުކްގައި މީހަކު ޚިޔާލު ފާޅުކުރި އެވެ.
މި ފާރާ މެދު "ލަދުން ބޯހަލާކު" ވެފައި ހުރެގެން ޓްވީޓްކުރި އެކަކު ބުނީ "އެހެން އެންމެން ވަޅެއް ކޮނެލާފައި އެއަށް އަޅާފައި ޖަލްސާ ބޭއްވުން މި އަށް ވުރެ ސަޅި" ވާނެ ކަމަށެވެ. އެހެން މީހަކު ދެކޭ ގޮތުގައި މިއީ ރައްޔިތުންގެ ފައިސާ އިން ކުރި ވަރަށް ބޭކާރު ޚަރަދެކެވެ.
އެކަމަކު، މިއީ ކުރުން ހައްގު ކަމެއް ކަމަށް ދެކޭ މީހުން ވެސް އެބަ ތިއްބެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި މެމްބަރުން ހަމަނުޖެހުން ހިންގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަމުން ގެންދާ އިރު މިފަދަ ފިޔަވަޅެއް އެޅުމަކީ މައްސަލައެއް ނޫނެވެ.
"މެމްބަރުން އުޅެނީ ވަލު ޖަނަވާރުން އުޅޭ ގޮތަށް ވީމަ މިހެން ވާނީ،" ފޭސްބުކްގައި ކޮމެންޓްކުރި މީހަކު ލިޔެފައިވެ އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ބޭރުވެފައިވާ ކަމަށް ގަބޫލުކުރައްވާ އިދިކޮޅު މެމްބަރުންގެ އިހުތިޖާޖު ހުއްޓުވަން ގެނައި ބޮޑު ބަދަލާ ގުޅިގެން ބައެއް މީހުން ސަރުކާރަށް ތައުރީފް ވެސް ކުރެ އެވެ. އިތުބާރާއި ޔަގީންކަމާ އެކު އެކަކު ބުނީ މި ސަރުކާރުން "އެކަމެއް ކުރެވެން އޮތް ގޮތަކަށް އެކަމެއް ކުރާނެ" ކަމަށެވެ.
އެހެން ބައެއް މީހުން ބަލަމުން ގެންދަނީ ރިޔާސަތާއި މެމްބަރުންނާ ދެމެދަށް މި އައި ވަރުގަދަ ހުރަސް ގިރާކުރެވޭނެ މޮޅު ގޮތެއް މެމްބަރުންނަށް ކިޔައިދެވޭތޯ އެވެ. ފަހަރުގައި ވީޑިއޯ ގޭމަކުން ވެސް ޚިޔާލެއް ހޯދިދާނެ އެވެ.
"ކްލޭޝް އޮފް ކްލޭންސް ކުޅޭ މެމްބަރުންނަށް އެނގޭނީ މި ވޯލް ދުއްވާލާނެ ގޮތް،" ފޭސްބުކްގައި ކޮމެންޓްކުރި މީހަކު ބުންޏެވެ.