ރިޕޯޓް / ޓޫރިޒަމް

ތައިލެންޑްގެ މި ތަޖުރިބާ ރާއްޖެ އަށް ވެސް މުހިންމު

މާޔާބޭގެ ގޮނޑުދޮށުގައި ޓޫރިސްޓުން ހިނގާފައި ދަނީ: ދިރުންތައް ހިމާޔަތްކުރަން ހަތަރު މަސް ދުވަހަށް އެތަން ބަންދުކުރަނީ .-- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

ތައިލެންޑްގައި ބޮޑެތި ގާތަކާ އެކު ހެދިފައި ހުންނަ ކުދިކުދި ރަށްތައް ފެނިފައި ޓޫރިސްޓުން ހައިރާންވެ އެވެ. އެތަނުގެ ކަނޑު އަޑީގެ ދިރުންތަކުން އެ މީހުންނަށް ގެނެސްދެނީ އިތުރު އުފަލެކެވެ. ތައިލެންޑަށް ދާ ގިނަ ޓޫރިސްޓުންނަށް އެގައުމުގެ ޖަޒީރާ ރަށްތަކާއި ކަނޑުތަކާއި ފަރުތައް ވަރަށް މުހިންމެވެ.

ޓޫރިސްޓުން މި ތަންތަނަށް ޒިޔާރަތް ކުރުމުން އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ތައިލެންޑަށް ވަދެ އެވެ. އެކަމަކު އިގްތިސާދު ފުޅާވަމުން ދިއުމާ އެކު ގުދުރަތީ ރީތި ތިމާވެށި ސުންނާފަތިވެ، ހަލާކުވެ ނިމިއްޖެ އެވެ. މުރަކަތަކާއި ކަނޑުގެ ދިރުންތައް ވެސް ނެތި ދަނީ އެވެ. އެންމެ ސަބަބަކާ ހުރެ އެވެ. "ހައްދެއް ނެތި" ޓޫރިސްޓުން އެ ރަށްރަށަށް ޒިޔާރަތްކޮށް، ހިންގާ އަމަލުތަކުންނެވެ.

އެކަމަކު ތައިލެންޑްގެ މަޝްހޫރު ކުންފުނި ސިން އެސްޓޭޓުން ވަނީ އެކަމުގެ ސީރިއަސްކަން އެނގި ބައެއް މަންޒިލްތައް ހިމާޔަތްކުރަން ނުކުމެފަ އެވެ. އެގޮތުން ޔޫން އައިލެންޑާއި މަޔާބޭ ފަދަ ތަންތަން ނެތިދިއުމުގެ ކުރިން، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް އެ ކުންފުނި ތައްޔާރެވެ. މިހާ ބޮޑު ކަމަކާ ކުރިމަތިލީ އަންނަން އޮތް ޖީލުތަކަށް ފައިދާ ހޯދައިދިނުމުގެ މަގުސަދުގަ އެވެ.

ޔޫންގް އައިލޭންޑަކީ ވެސް ޓޫރިސްޓުންނަށް ވަރަށް މަގުބޫލު މަންޒިލެއް.-- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

ޔޫން އައިލެންޑް: މުރަކަތަކާ އެކު ފީނާލަން ފުރުސަތެއް!

ބޮޑު ބިޔަ ގަލެކެވެ. ގަލުގެ އެކި ހިސާބުތަކުގައި ވަށައިގެން ގަސްތަކެވެ. ހަމައެކަނި އޮތީ ފައި ބީއްސާލެވޭވަރުގެ ހުދު ވެލީގެ ދޮން ވެލިގަނޑެކެވެ. ދުރުން ބަލާލައިރު، ގާގަނޑު ހީވަނީ ގަހެއްގެ ބިޔަ ގޮފިތަކެއްހެނެވެ. ޕުކެޓު ސިޓީން ފުރައިގެން ސްޕީޑް ލޯންޗެއްގައި އެއް ގަޑިއިރުގެ ދަތުރަކަށް ފަހު، އާދެވުނީ ބިޔަ މި ގާ ހުރި ޔޫން އައިލެންޑް ކައިރިއަށެވެ. މިއީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. ޔޫން އައިލެންޑަށް އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެ އެވެ. އެކަމަކު، މުރަކަ އާލާ ކުރުމަށްޓަކައި، ޓޫރިސްޓުންނަށް އެތަނަށް އައުން މަނާކޮށްފައި އޮންނަތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ އެވެ.

ޔޫން އައިލެންޑްގެ އެންމެ ހިތްގައިމުކަމަކީ އެ ރަށް ކައިރީގައި ހެދިފައި އޮތް ރީތި މުރަކަ ފަރެވެ. އަޑިއަށް ފީނާލި އިރު، ރާއްޖެ އިން ފެންނަ މުރަކަތަކާ އެއްވެސް ތަފާތެއް ނެތެވެ. އިންސާނެއްގެ ސިކުނޑިއާ ވައްތަރު ގޮތަކަށް ހުންނަ މަޑު މުށި ކުލައެއްގެ މުރަކަތައް ބައިވަރެވެ. އެ މުރަކަތަކާ ޖެހިގެން ތަފާތު އެކި ސިފަތަކުގެ މުރަކަތަކެވެ. ބައެއް މުރަކަތައް އަންނަނީ ދިރެމުންނެވެ. އަނެއް ބައި މުރަކަތައް މިހާރު ވަނީ ފައްކާވެފަ އެވެ. މަސްމަހާއި ކަނޑުގެ އެކި ދިރުންތަކަށް މިހާރު އެތަނުގައި ނުރައްކަލެއް ނެތެވެ.

މުރަކަ އާލާކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ތައިލެންޑްގެ މެރިން ސައިންޓިސްޓެއް ކަމަށް ވާ ޑރ. ތޮން ތަމްރޮންގްނަވަސަވަތު ވިދާޅުވީ ޔޫން އައިލެންޑް ކައިރިން ކަނޑު އަޑީގައި ހުރި މުރަކަތަކަށް ގެއްލުންވީ ޓޫރިސްޓުންގެ ސަބަބުން ކަމަށެވެ. އެމީހުންގެ އަމަލުތަކުގެ ސަބަބުން މުރަކަތައް ހަލާކުވެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މުރަކަ އިންދުމުގެ މަސައްކަތް ސިން އެސްޓޭޓުން ރަސްމީކޮށް ފަށަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

ޔޫން އައިލެންޑް ޓޫރިސްޓުންނަށް "ބަންދު" ބޯޑު އަޅުވިތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. އެތަން ބަންދުކުރީ މުރަކަތައް މަރުވެ، ކަނޑުގެ ދިރުންތައް އެއްކޮށްހެން ނެތި ގޮސްފައިވަނިކޮށެވެ. އެކަމަކު، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ނަތީޖާ ވަރަށް ފޮންޏެވެ. މުރަކަތައް އާލާކުރުމުގެ ސަބަބުން އެތަނަށް ދިރުން ލިބިއްޖެ އެވެ. ކުރިން ފެނުނު ހިތްގައިމުކަން މިހާރު އެތަނުން އަލުން ސިފަވާން ފަށައިފި އެވެ.

"ފަރުގައި ހުރި މުރަކަތައް މީގެ ދެ އަހަރު ކުރިން ހުރީ މަރުވެފައި. އެތަނުގައި މުރަކަ އިންދުމަށް ފަހު، ދެ އަހަރު ފަހުން މުޅި ސަރަހައްދަށް އަލުން ދިރުން ވަނީ އައިސްފައި،" ޔޫން އައިލެންޑް މިހާރު އޮތް ގޮތް ރާއްޖެ އާއި ބޭރުގެ ބައެއް މީޑިއާތަކަށް ސިފަކޮށްދެމުން ތޮން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތައިލެންޑްގައި 250 އަށް ވުރެ ގިނަ އެކި ވައްތަރުގެ މުރަކަ ހުރެ އެވެ. އެކަމަކު އެ މުރަކަތައް ހަލާކުވަމުން ދަނީ ޓޫރިސްޓުން ދަތުރު ކުރާ ބޯޓުތައް ފަރުމަތީގައި ބީއްސާލުމުންނެވެ. ބޯޓުތަކާއި ލޯންޗުތަކުން ފަރުމައްޗަށް ނަގިލި އެއްލުމުގެ ސަބަބުން ވެސް ފަރަށް ގެއްލުން ލިބެ އެވެ. އަދި ލޯންޗުފަހަރުގެ އިންޖީނުގެ ސަބަބުން ވެސް ފަރަށާއި މުރަކަތަކަށް ނޭދެވޭ އަސަރު ކުރެ އެވެ.

މާޔާބޭގެ މޫދުގައި ޓޫރިސްޓުން: ހިތްގައިމު ސަރަހައްދެއް -- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

މާޔާބޭ؛ ހަމަ އަޖައިބެއް ކަހަލަ ތަނެއް!

ތައިލެންޑަށް އަހަރަކު ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ތެރެއިން 25 މިލިއަން ޓޫރިސްޓުން ދަނީ އެ ގައުމުގެ ކުދި ޖަޒީރާ ރަށްތަކަށެވެ. މި އަހަރު އެ ގައުމަށް 40 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގައި އުޅޭ މީހުން ލަފާކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން އަންނާނެ ކަމަށް ލަފާކުރެވެނީ ވެސް ހިތްގައިމު މާޔާބޭ އަށެވެ.

މާޔާބޭ ޓޫރިސްޓުންގެ ލޮލުގައި ބޮޑަށް އަޅައިގަތީ ހޮލީވުޑްގެ މަޝްހޫރު ބަތޮލް، ލިއޮނާޑޯ ޑިކެޕްރިއޯގެ ފިލްމު "ދަ ބީޗު"ގެ މަންޒަރުތައް އެތަނުގައި ނެގުމުންނެވެ. މާޔާބޭ އަށް ދުވާލެއްގެ މައްޗަށް 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ.

ރީތި ގޮނޑުދޮށެއް އޮންނަ މަޔާބޭ އަށް އަންނަ ސަފާރީ އާއި ލޯންޗުފަހަރުން މުޅި ސަރަހައްދު އޮންނަނީ ތޮއްޖެހިފަ އެވެ. ރަށުތެރެ މާ ބޮޑު ނުވި ކަމަށް ވިޔަސް، ޓޫރިސްޓުންނަށް އެއީ ހަމަ އަޖައިބެއް ކަހަލަ ތަނެކެވެ. އެކަމަކު އަންނަ މަހު އެކަކުން ފެށިގެން ހަތަރު މަސް ދުވަހަށް އެތަން ބަންދުކުރާނެ އެވެ.

މާޔާބޭގެ މޫދުގައި މުރަކަ އާލާ ކުރުމަށް ތައްޔާރުވަނީ. އެތަން ޓޫރިސްޓުންނަށް ނުދެވޭ ގޮތަށް އަންނަ މަހު ބަންދު ކުރާނެ.-- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

އަންނަ ސެޕްޓެމްބަރު މަހު އަލުން މާޔާބޭ ޓޫރިސްޓުންނަށް ހުޅުވާލާނީ ވަރަށް ބޮޑެތި ބަދަލުތަކާ އެކުގަ އެވެ. އެންމެ ބޮޑު ބަދަލަކަށް ވާނީ މިހާރު ލޯންޗުފަހަރު ގާތް ކުރާ ސަރަހައްދުގެ ބަދަލުގައި އެހެން ސަރަހައްދަކަށް ކައިރި ކުރުމެވެ. ދުވާލަކު، އެތަނަށް ޒިޔާރަތްކުރާ މީހުންގެ އަދަދު 2000 އަށް މަދުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި މާޔާބޭ ކައިރިން މޫދުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ޑޮލަރު ނުލިބުނަސް ވަރިހަމަ، ބޭނުމީ ދިރުންތައް ހިމާޔަތްކުރަން

ތޮން ގަބޫލުކުރައްވާ ހަގީގަތެއް އަބަދުވެސް އޮވެ އެވެ: ރާއްޖެއަށް ވުރެ، ތައިލެންޑަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ގިނަވެފައި، ލިބޭ އާމްދަނީ ވެސް އިތުރެވެ. ރާއްޖެއަށް ހަތް މިލިޔަން ޓޫރިސްޓުން ޒިޔާރަތްކުރާ ނަމަ، އެ ވަންނަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. އޭގެ ސަބަބުން މުރަކަތަކަށާއި ދިރުންތަކަށް ވެސް ގެއްލުން ލިބޭނެ އެވެ.

ތޮން ވިދާޅުވި ގޮތުގައި ޖަޒީރާ ރަށްތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ގުދުރަތީ ދިރުންތައް ހިމާޔަތް ކުރުމަށެވެ. މުރަކަ ދިރުވައި އާލާކުރުމަށެވެ. ކަނޑުގެ ދިރުންތައް، ކަނޑުގައި ރަސްކަން ކުރަމުންދާއިރު، މުރަކަތައް މަރުވާ ނަމަ، އެތަންތަނަށް ޓޫރިސްޓުން އައުން ނިމުމަކަށް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެކަމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

ފީފީ އައިލޭންޑުގައި މެރިން ޑިސްކަވަރީ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މެރިން ސައިންޓިސްޓް ޑރ. ތޮން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

"އަހަންނަށް މައްސަލަ އެއް ނެތް ފައިސާ ނުލިބުނަސް). އަހަރެމެންގެ ޖީލަށް ފަރުތަކުން ގިނަ އަދަދަކަށް ފައިދާ ލިބިއްޖެ. ކުރިއަށް އޮތް ޖީލުތަކަށް މީގެ ފައިދާ ލިބެން އެބަ ޖެހޭ. ފައިސާއަކީ މުހިންމު އެއްޗެއް. އެކަމަކު އަހަރެމެންގެ ދަރީންގެ މުސްތަގުބަލު މާ މުހިންމު،" ތޮން ވިދާޅުވި އެވެ.

ތައިލެންޑްގެ ފީފީ އައިލެންޑްގައި މެރިން ޑިސްކަވަރީ ސެންޓަރެއް ހުޅުވިއިރު، މި އަހަރުގެ ފަހުކޮޅު، ރާއްޖޭގެ އެނބޫދޫ ފިނޮޅުގައި ވެސް އެފަދަ ސެންޓަރެއް ހުޅުވަން ސިން އެސްޓޭޓުން ވަނީ ތައްޔާރުވެފަ އެވެ. މެރިން ޑިސްކަވަރީ ސެންޓަރުގެ ބޭނުމަކީ ކަނޑުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދިނުމެވެ. ފީފީ އައިލެންޑްގައި ހުރި ސެންޓަރުގައި ޓޫރިސްޓުންނަށް މަގުބޫލު ތަފާތު މަންޒިލްތައް ފެންނަން ހުރެ އެވެ.

އެތަނުގައި ކުދި މިޔަރާއި އަނިޔާވެފައި ހުންނަ މިޔަރު ގެންގުޅެން ހާއްސަ ޓޭންކެއް ހަދާފައި ހުރެ އެވެ. އެ ޓޭންކުގައި ދުވަސްގަނޑެއް ވަންދެން ގެންގުޅުމަށް ފަހު މިޔަރުތައް ދޫކޮށްލަ އެވެ.

މާޔާބޭގެ ހިތްގައިމު މަންޒަރެއް -- ފޮޓޯ: މުހައްމަދު ޔާމީން /މިހާރު

ތޮން އަކީ ރާއްޖެ އަށް އާ ބޭފުޅެއް ނޫނެވެ. އޭނާ ވަނީ އަށް ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތް ކުރައްވައިފަ އެވެ. ތޮން ވިދާޅުވި ގޮތުގައި މާޔާބޭގެ ފަރުތަކާއި މުރަކަތަކަށް ގެއްލުންވި ގޮތަށް ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ޓޫރިސްޓުންގެ ސަބަބުން ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އޭގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ މުހިންމު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ހުޅުވާ މެރިން ޑިސްކަވަރީ ސެންޓަރާ ބެހޭ ގޮތުން ތޮން ވިދާޅުވީ ފީފީ އައިލެންޑްގައި މުރަކަ ހެއްދުމުގެ މަސައްކަތްތައް ކުރާ ގޮތަށް ރާއްޖޭގައި ވެސް އެކަން ކުރާނެ ކަމަށެވެ. މިކަމުގައި ދިވެހިންނާއި ޓޫރިސްޓުންގެ އެހީ ބޭނުންވާނެ ކަމަށާއި އެންމެން ގުޅިގެން ނޫނީ ނާޒުކު، ކަނޑުގެ ދިރުންތަކާއި މުރަކަތައް ހިމާޔަތް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ފަރުތަކަކީ ކުދި ޖަޒީރާ ރަށްތައް ސަލާމަތްކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކަމާ އެކު އޮތުމަށް އެހީވެދޭ ގުދުރަތީ ވަސީލަތެވެ. ފަރުތައް އެކުލެވިގެންވަނީ އެތައް ވައްތަރެއްގެ ގަލާއި މުރަކައިގެ އިތުރުން ގުނާ އަދަދު ކުރަން ނޭނގޭ މިންވަރުގެ ތަފާތު ވައްތަރުގެ މަސްތަކާ އެކު އެވެ. އެހެންކަމުން ރާއްޖޭގެ އެ ދިރުންތައް ހިމާޔަތްކުރަން ވެސް ވަރަށް ހާއްސަ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ.

10 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 9%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިސްވޭއޭ

25 May 2018

ތައިލެންޑްގެ މި ތަޖުރިބާ ރާއްޖެ އަށް ވެސް މުހިންމު ކަމަށް ނޫސްވެރިން ދެކޭ ނަމަ ކުވޭތުގައި ކަނޑު ހިއްކައިގެން އެބަ ބިނާ ކުރޭ ބޮޑު ސިޓީ އެއް އެންވަޔަރުމެންޓަލް އެއްވެސް މައްސަލަ އެއް ނާދޭ މުޅިން ވެސް އަންނަނީ ބެނެފިޓްސް އޭ ކުވޭތުން މިހާރު ކަނޑުގައި އެބިނާ ކުރާ ސީ ސިޓީގެ ސަބަބުން ކުވޭތު ބަދަލު ކޮށްލާނެ އަރަބި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އިކޮނޮމީ އަށް. މީ ދަސްކުރަން ޖެހޭ ފިލާވަޅު ތަކޭ.

The name is already taken The name is available. Register?

އަމާވޭ

26 May 2018

ކުވޭތުގެ އިކޮނޮމީ އަކީ ތެލުގެ މައްޗަށް ބިނާވެފަވާ އިކޮނޮމީއެއް. ރާއްޖެއަކީ ޓުރިޒަމުން އެކަނި ފައިސާ ލިބޭ ގައުމުއް. ރާއްޖޭގެ ފަރުތަށް ހަލާކުކުރުމަކީ ކުވޭތުގެ ތެޔޮވަޅުތަކުގައި ރޯކުރުންފަދަ ކަމެއް.

The name is already taken The name is available. Register?

ސަހިންދާ

25 May 2018

ރާއްޖެއަންނަ މަދުބަޔަކު ސުނޯކުލް ކުރަނީ

The name is already taken The name is available. Register?

ޒަވިޔަނި

26 May 2018

ރީއްޖެ އަންނަ ފަތަންނޭނގޭ ޗައިނާމީހުންވެސް ލައިފްޖެކެޓު އަޅައިގެންވެސް ސްނޯކުލްކުރަންދޭ!

The name is already taken The name is available. Register?

އަލީ!

25 May 2018

ރާއްޖޭގެ ހުރިހާ ފަޅުތަކާ ގިރިތަށް އެވަނީ ދިގުމުއްދަތަށް ހަދާނެއެއްޗެއްހަދަން ވިއްކާލާފަ. ދިވެހިންނަށް ފައިޖައްސާލާނެ ފިނޮޅުގަނޑެއްވެސް ނެތް މިހާރު،

The name is already taken The name is available. Register?

ވާލުސޮރު

25 May 2018

ދިގުމުއްދަތެއްވަންދެން މެދުނުކެނޑި ފަރުރުވެރިކަމުގެ ދާއިރާގަ އުޅެވެމުންދާތީ ތިމާވެށީގެ މުހިންމުކަމާ ރާއްޖޭގެ ރަށްތައް ގުދުރަތީ ރީތިކަމުގަ ބޭއްވުމުގެ ފައިދާ ވިސްނޭ. ތިމާވެށި ހިމާޔަތްކުރާ ބަޔަކާ ގުޅިގެން ހިލޭ ސާބަހަށް މަސައްކަތް ކޮށްލާހިތް ވަރަށްވޭ. އެއީ ގިނަބައެއްގެ ސަމާލުކަން ލިބޭނެ ވަރަށް ބޭނުންތެރި ގިނަ މަސައްކަތްތަކެއް ކޮށްދެވިދާނެކަމަށް ގަބޫލުކުރެވޭތީ.

The name is already taken The name is available. Register?

ޓިންކަބެލް

25 May 2018

ކުޑައިރު ސްކޫލްގަ ކިޔަވަދިންގޮތުންނަމަ ދުނިޔޭގަ މޫދާއި ފަރުތައް ހުންނަނީ ރާއްޖޭގަ އެކަނި. އެހެން ގައުމުތަކުގެ އަތިރިމަތި އޮޮންނަނީ ގަންގާކޯރުހެން.

The name is already taken The name is available. Register?

ތަރައް

25 May 2018

ފަރުތައް މައްޗަށް ވެލިއަޅާ ހިއްކާލީމާ އެ ތަރައްގީވީ އިނގޭތޯ!

The name is already taken The name is available. Register?

ޖައްރާފް

25 May 2018

މިހާރު ރިސޯޓް ހަދާފަ ހުންނަ ރަށްރަށުގެ ފަޅު ހިއްކައިގެން އާ ރިސޯޓް ހަދަންވެސް ހުއްދަދީފި. ދެން ތިމާވެށި ހަލާކުކުރުން މިހާރަށްވުރެވެސް ހަލުވިވާނެ.

The name is already taken The name is available. Register?

ރިސާޗާ

25 May 2018

އެހެންވެތާ އަގު ބޮޑު ޓޫރިޒަމެއް ފައްކާކުރީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454