މެޑިކަލް ކޮލެޖާ މެދު ޑރ. ޝީޒާގެ އުއްމީދު ބޮޑު

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވިދާނެ ކަމަކަށް، މީގެ ދެތިން އަހަރު ދުވަހު ކުރިއަށް ބެއްޔަސް، ދަރިވަރުންގެ ހިތަކަށް ނާރާނެ އެވެ. ނަމަވެސް ތައުލީމީ ދާއިރާއަށް އަންނަ ބޮޑު ކުރިއެރުންތަކާ އެކު އެ ބިންގާ މިހާރު ވަނީ އަޅައިފަ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ފެށި އެމްބީބީއެސްގެ ފުރަތަމަ ކޯސް، ގައުމީ ޔުނިވާސިޓީގެ ހިޔާވަހިކަމުގައި ކުރިއަށް ދާއިރު 22 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެ ދެވަނަ ބެޗުގައި 36 ދަރިވަރުން ހިމެނެ އެވެ.


ޑޮކްޓަރުކަން ކިޔަވައިދެމުން އަންނަ މެޑިސިން ސްކޫލުގެ ޑީން ޑރ. ޝީޒާ އަލީ ވިދާޅުވި ގޮތުގައި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީ ކަމަށް ވާ ކެބެންސާން ޔުނިވާސިޓީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އެބަ އޮތެވެ. އެގޮތުން ފުރަތަމަ ބެޗަށް ކުރިމަތިލި ދަރިވަރުންނަށް ވުރެ، ދެ ވަނަ ބެޗަށް ކުރިމަތިލި ދަރިވަރުންގެ އަދަދު އިތުރުވުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅިން ވަކި މެޑިކަލް ކޮލެޖެއް ގާއިމްކުރެވެންދެން، ކޯހުގެ ދަރިވަރުން ކިޔަވަން ހަމަޖައްސާފައިވަނީ އަލަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯ އެވެ. ނަމަވެސް މެޝިންތަކާއި ބޭނުންވާ އެހެން ސާމާނު ބަހައްޓާ އަދި ނުނިމޭތީ، މިވަގުތު ކިޔަވަނީ ނާސިން ސްކޫލާއި ހެލްތު ފެކަލްޓީގެ ކްލާސްތަކުގަ އެވެ. ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީއާ ހަމައަށް ފުރަތަމަ ބެޗުގެ ދަރިވަރުން މެލޭޝިއާގެ ކެބަންސާން ޔުނިވާސިޓީގައި ހޭދަކުރި އެވެ.

މެޑިކަލް ކޮލެޖާ ގުޅޭ ގޮތުން، އެ ކޮލެޖުގެ ޑީން ޑރ. ޝީޒާ "މިހާރު" އަށް އިންޓަވިއުދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޯހުގެ ކޮލެޓީ ދެމެހެއްޓޭނެ

މަތީ ތައުލީމުގެ އެކި ކޯސްތައް ރާއްޖެގައި ހިންގާއިރު، އެ ޕްރޮގްރާމުތަކުގެ ފެންވަރާއި ކުރިއަށްގެންދާ ގޮތާ މެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ. ހާއްސަކޮށް ޑޮކްޓަރުން ތަމްރީނުކުރުން ފަދަ ކޯސްތަކަށް، އިތުރަށް ސަމާލުކަން ދޭން ޖެހެ އެވެ. އެކަމަށް ޝީޒާ ދެއްވާ ޔަގީންކަމަކީ މިއީ އެވެ؛

"މެލޭޝިޔާ ޔުނިވާސިޓީއަކާ ގުޅިގެން ކުރާ މަސައްކަތަކީ ކޮލެޓީ ކަށަވަރުކުރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ކެބަންސާން ޔުނިވާސިޓީން ގަބޫލުކުރާ ފެންވަރަށް ކުރިއަށްނުގެންދާ ނަމަ އެ މަސައްކަތް އެމީހުން ކުރިއަށް ނުގެންދާނެ... ކޮލެޓީއަކީ އެ ޔުނިވާސީން ވަރަށް ބަލާ ކަމެއް،" އައިޖީއެމްއެޗުގައި ލޮލުގެ ޑޮކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލްކަން ކުރައްވާފައިވާ ޑރ. ޝީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް ކިޔަވައިދޭނީ މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަހަަށް ވުމަކީ ލިބޭ އިތުރު ޔަގީންކަމެކެވެ.

މެޑިކަލް ކޮލެޖުގެ ދަރިވަރުން ކިޔަވަން ބޭނުންކުރާ ބައެއް ސާމާނު --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެކޮޅުގައި [މެލޭޝިޔާގައި] ކިޔަވައިދިނުން ތަންފީޒުކުރާ ގޮތަށް މިކޮޅުގައި ވެސް ކިޔަވައިދޭނީ. ލާނިން މެޓީރިއަލްސް އާއި އިމްތިހާނާ ގުޅޭ އެއްޗެހި ވެސް ފޮނުވާނީ މެލޭޝިޔާއިން. ހުރިހާ ޓްރެއިނެއް ވެސް ދޭނީ އެމީހުން. މޮނީޓާ ވެސް ކުރާނެ ކިޔަވައިދެނީ ކިހިނެއްތޯ، އެމީހުން ބޭނުންވާ ގޮތަށްތޯ ބަލާނެ،" ޝީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރަށް ދިއުމުގެ ބަދަލުގައި އެމްއެންޔޫއާ ގުޅިގެން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ބޭނުންކުރުމުގެ ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅުވުމާއި ސަރުކާރުގެ ހަރަދުގައި ކިޔެވުމުގެ އިތުރުން އުފަން ގައުމުގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ޑރ. ޝީޒާ ވިދާޅުވި އެވެ. އެކަންކަމުގެ އިތުރުން، ހިތްހަމަޖެހޭ ރީތި މާހައުލެއްގައި ކިޔެވުމަކީ ދަރިވަރުންނަށް އެހީއަކަށް ވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހިންގާ ކޯހުގެ ފީ އަށް އަހަރެއްގެ މައްޗަށް 123،000ރ. އަރަ އެވެ. އެއީ 8،000 ޑޮލަރެވެ. ނަމަވެސް އާ ސަރުކާރުން ހުޅުވާލައިފައިވާ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތުގެ ދަށުން، އެ ޕްރޮގްރާމްގައި ވެސް ކިޔެވޭނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން، މެޑިކަލް ކޮލެޖަށް ހާއްސަކޮށްފައިވާ ފްލޯއެއް --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަރުމަވަންތަ ހޮސްޕިޓަލުގައި، މެޑިކަލް ކޮލެޖަށް ހާއްސަކޮށްފައި ވަނީ އަށެއް އަދި 14 ވަނަ ބުރި އެވެ.

ޑެޑް ބޮޑީގެ ބަދަލުގައި ބޭނުންކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ

މަރުވެފައިވާ އިންސާނުންގެ ހަށިގަނޑުގެ ބަދަލުގައި ކޯހުގެ އަމަލީ ބައިގައި އެމްއެންޔޫގެ ދަރިވަރުން ބޭނުންކުރާނީ ވާޗުއަލް ޑިސެކްޝަން ޓޭބަލް ނަމަކަށް ކިޔާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ސިއްހީ ހިދުމަތް ދިނުމުގެ ވަސީލަތްތައް އުފެއްދުމަށް ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި، ސްވިޑްންގެ ސެކްޓްރާގެ އެ ވަސީލަތް ބޭނުންކުރާނީ އިންސާނުންގެ ހަށިގަނޑާ ގުޅޭ ފުރިހަމަ ތަފްސީލު ހޯދުމަށެވެ. ނާރުތަކާއި ސެލްތަކާއި ކަށިތަކާއި ހަށިގަނޑު އެތެރޭގެ އެންމެ ފުރިހަމަ މައުލޫމާތު އެއިން ލިބޭނެ އެވެ.

ޝީޒާ ވިދާޅުވީ މަރުވެފައިވާ އަސްލު ހަށިގަނޑު ބޭނުންކުރުމާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އަސްލު ހަށިގަނޑު ބޭނުންކޮށްގެން ކިޔަވައިިދޭއިރު ދަރިވަރުންނަށް ކުރާ އަސަރު ވާޗުއަލްކޮށް ފިލާވަޅު ނަގާ އިރު ނުކުރިޔަސް، ޓެކްނޮލޮޖީގެ އެހީގައި މާ ތަފްސީލުކޮށް ކިޔެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ވާޗުއަލް ޑިސެކްޝަން ޓޭބަލް: އޭގައި އިންސާނާގެ ހަށިގަނޑުގެ ފުރިހަމަ މައުލޫމާތު ހިމެނޭ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަސްލު ޑެޑް ބޮޑީއަށް ވުރެ ބޮޑަށް، ވާޗުއަލް ޑިސެކްޝަން ޓޭބަލް އިން ޑީޓެއިލްކޮށް ބަލައިލެވޭނެ. ޑެޑް ބޮޑީގައި ވާ ގޮތަކީ، އެއްވެސް ނާރެއް ބުރިވެއްޖިއްޔާ ދެން އޭތި ރަނގަޅަށް އިންނައިރު އިންނަ ގޮތަކަށް އަނެއްކާ ނުދާނެ، ބުރިވި އެއްޗެއް އިންނާނީ ބުރިވެފައި. ވާޗުއަލް ޑިސެކްޝަން ޓޭބަލުގައި ނުބައިކޮށް އެއްޗެއް ހަދައިގެން ބުރިވިއަސް އޭތި އަނެއްކާ ގުޅާފައި ހެދޭނެ،" ޑރ. ޝީޒާ ވިދާޅުވި އެވެ.

ވާޗުއަލް ޑިސެކްޝަން ޓޭބަލް ބޭނުންކޮށްގެން ކިޔަވައިދޭނީ ނޭޕާލްގެ ތަޖުރިބާކާރު ޑޮކްޓަރެކެވެ. އެގޮތުން ފުރަތަމަ ދެ އަހަރު އެ ބޭނުންކޮށްގެން ކިޔަވާއިރު ދަރިވަރުން ހޮސްޕިޓަލަށް ވެސް ދާނެ އެވެ ހޮސްޕިޓަލުން ލިބޭ ތަޖުރިބާއާ އެކު ވަރަށް މުހިއްމު ކަންތައްތަކެއް ދަސްވާނެ ކަމަށް ޑރ. ޝީޒާ ވިދާޅުވި އެވެ.

ވާޗުއަލް ޑިސެކްޝަން ޓޭބަލް މަސައްކަތްކުރާ ގޮތް ޝީޒާ ދައްކާލައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވާޗުއަލް ޑިސެކްޝަން ޓޭބަލްގައި ހުންނާނީ މައިގަނޑު ތިން ބައެކެވެ. އެއް ބައިގައި، ހަށިގަނޑުގެ ބައިތައް ކިޔަވައިދޭން ބޭނުންކުރާ ފޮޓޯ އާއި ވީޑިއޯ އެވެ. ދެ ވަނަ ބަޔަކީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭ މައުލޫމާތެވެ. ތިން ވަނަ ކަމަކަށް ބަލިމީހުންގެ ސީޓީ ސްކޭނާ އެއްޗެހި ވާޗުއަލް ޑިސެކްޝަން ޓޭބަލަށް އަޅައިގެން ދިރާސާކުރުމެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް ވެސް ކިޔެވޭނެ އެވެ. އެއީ ސިއްހީ ދާއިރާގެ ކޯސްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ޕޯޓަލެކެވެ.

ރާއްޖެއިން ބޭރުން ދަރިވަރުން ގެނައުން: އެންމެ ބޮޑު އަމާޒު

އެމްއެންޔޫން ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން މިހާރު ވެސް އެ ޔުނިވާސިޓީގެ ބައެއް ކޯސްތަކުގައި ބޭރު ގައުމުތަކުގެ ދަރިވަރުން އެބަ ތިއްބެވެ. ހަމަ އެގޮތަށް، އެމްބީބީއެސް ޕްރޮގްރާމަށް ވެސް ބޭރުގެ ދަރިވަރުން ގެނައުމަކީ މެޑިކަލް ކޮލެޖުގެ އަމާޒެކެވެ.

ޑރ. ޝީޒާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށާފައިވަނީ އެކަން ކުރިއަށްގެންދެވިދާނެތޯ ބެލުމަށް ތިން ހަތަރު ފަހަރެއްގެ މަތިން ބޭރުގެ ފަރާތްތަކުން އައިސް ދިރާސާތަކެއް ހެދުމަށް ފަހުގަ އެވެ. ޑޮކްޓަރުކަން ކިޔަވައިދިނުމަކީ ކުރަން ޖެހިފައިވާ ކަމެއްކަން އެ ދިރާސާތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ސްޓަޑީއެއްގައި ވެސް ބުނެފައިވަނީ ޑޮކްޓަރުކަން ކިޔަވައިދޭން ފެށުމަކީ ކުރަން ޖެހިފައިވާ ކަމެއްކަން. ބޭރުގެ މާހިރުން ބުނާ ގޮތުގައި ރާއްޖޭން ބޭރުގެ ކުދިން ވެސް ލިބޭނެ މިކޮޅަށް ކިޔަވަން. އެކަމަކާ ދޭތެރޭ ކުޑަކޮށް ވެސް ޝައްކެއް ނެތް،" ޝީޒާ ވިދާޅުވި އެވެ.

އަަލަށް ކޯސް ފަށައިގެން އުޅުނަސް، ޑރ. ޝީޒާ ވިދާޅުވި ގޮތުގައި، ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރުމަކީ ވެސް އަމާޒެކެވެ. އެކަން ހިމަނާފައި ވަނީ މެޑިކަލް ކޮލެޖުގެ ދުރު ރާސްތާގެ ޕްލޭނުގަ އެވެ.