އަނެއްކާވެސް ވެހިކަލް ލިމިޓް ކުރުމުގެ ވާހަކަ

ކޮންމެ މީހަކު ވެސް ބުނަނީ މިހެންނެވެ؛ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް އައިސް، ތޮއްޖެހުން ކުޑަވާނީ އެތެރެކުރާ އުޅަނދުގެ އަދަދު މަދުކޮށްގެންނެވެ. މިއީ ކަމާ ގުޅޭ އިދާރާތަކާއި އެންމެ އާއްމު މީހާ ވެސް ދައްކާ ވާހަކައެެވެ. އެކަމަކު އެއަށް އަމަލު ނުކުރެވި އުޅެނިކޮށް މިހާރު މި ވަނީ މައްސަލަ ބޮއްސުންލާފަ އެވެ. ހަތަރު ކިލޯ މީޓަރު ހަމަނުވާ މާލެ އުޅަނދުތަކުން ތޮއްޖެހިފައިވާއިރު، އެންމެ ބާރުލާފައި ދައްކަނީ އެ އުޅަނދުތައް ޕާކު ކުރާނެ ގޮތްތަކުގެ ވާހަކަ އެވެ.


ދާއިމީ ހައްލެއް ގެންނާނެ ގޮތާ މެދު ބަޔަކު އެބަ ވިސްނާ ހެއްޔެވެ؟

ދުވާލަކު 44 ސައިކަލު ރަޖިސްޓްރީ ކުރޭ

ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކު ވެސް މަދުވެގެން 10،000 އެއްގަމު އުޅަނދު އަލަށް ރާއްޖޭގައި ރަޖިސްޓްރީކުރެ އެވެ. މީގެ ތިން އަހަރު ކުރިން، 2016 ގައި 89،237 އުޅަނދު ރަޖިސްޓްރީ ކުރި އިރު، ޖެހިގެން އައި އަހަރު އެ އަދަދު ވަނީ 99،411 އަށް އަރައިފަ އެވެ. މިހާރުގެ އަދަދުތައް އަދި އާއްމުކޮށްފައި ނުވި ނަމަވެސް، އެ މިންވަރު 115،000 އަށް ވުރެ މަދުނުވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެ އުޅަނދުތަކުގެ ތެރެއިން 90 ޕަސެންޓަކީ ސައިކަލެވެ. އަދި ރާއްޖެ އެތެރެކުރާ އުޅަނދުތަކުގެ ތެރެއިން 60 ޕަސެންޓް އުޅަނދު ދުއްވަނީ މާލޭގަ އެވެ.

ސައިކަލުތަކެއް ދުއްވާފައިދަނީ: ދުވާލަކު 44 ސައިކަލު ރަޖިސްޓްރީ ކުރޭ

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ދުވާލަކު 44 ސައިކަލު ރަޖިސްޓްރީ ކުރެ އެވެ. މީގެ ތެރެއިން ވެސް 60 ޕަސެންޓަކީ މާލޭގައި ދުއްވަން ރަޖިސްޓްރީ ކުރާ އުޅަނދުތަކެވެ. މިއީ އާދަޔާހިލާފު ގިނަ އަދަދެއް ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައިކަލު ފަދަ އުޅަނދުތައް މި ފަހަކުން އެހާ ގިނަ ވެފައިވަނީ އެ ހޯދަން އޮންނަ ފަސޭހަތަކާ ގުޅިގެންނެވެ. ތަފާތު ކުލަކުލައިގެ އެކި ފެންވަރުގެ އުޅަނދުތައް ގަންނާކަށް ހުރަހެއް ނެތެވެ. ކްރެޑިޓް ސްކީމެއްގެ ދަށުން ހަމަ ކޮންމެ މީހަކު ވެސް ސައިކަލެއް ގަންނަންވީ އެވެ.

ކޮންމެ މީހެއްގެ ވެސް ޝަކުވާ އަންނަނީ އެ އުޅަނދު ހިފައިގެން މަގުމައްޗަށް ނުކުންނަ ހިސާބުންނެވެ. ތޮއްޖެހުން ބޮޑުވުމާއި ޕާކް ކުރާނެ ޖާގަ ނެތިގެންނެވެ.

އެތެރެ ކުރާ އުޅަނދު ކޮންޓްރޯލް ކުރެވޭނެ؟

މާލޭގެ މަގެއްގެ ހާލަތު: މާލޭގެ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައެޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ވެހިކަލްތަކުން މާލެ ތޮއްޖެހުން ކުޑަކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން މި ފަހަކުން ވަނީ މަޝްވަރާކޮށްފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި މާލެ ސިޓީ ކައުންސިލް ފަދަ އިދާރާތަކުގެ އިސް އޮފިޝަލުން ބޭއްވި އެ މަޝްވަރާތަކުގައި އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ "އެހެން ގޮތަކަށް" ވިސްނައިގެން ނަމަވެސް ހައްލެއް ހޯދުމެވެ.

މިކަމަށް ގެނެވޭނެ އެންމެ ފުރިހަމަ ހައްލެއްގެ ގޮތުގައި އާދިލް ވެސް ދެކެވަޑައިގަންނަވަނީ ރާއްޖެ އެތެރެކުރާ ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމެވެ. އެކަމަކު އެ ބަދަލު ގެނައުމުގެ ކުރިން، ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރަނގަޅު ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ގިނަ ބަޔަކަށް ދަތުރު ކުރެވޭނެ ގޮތަށް ބަހުގެ ހިދުމަތް ތައާރަފްކޮށް، އެއީ އިތުބާރުކުރެވޭ އަދި މީހުންނަށް ބަރޯސާ ވެވޭނެ ފަދަ ހިދުމަތަކަށް ވެސް ހަދަން ޖެހެ އެވެ.

މާލޭގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ބަސް ދުއްވަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުދި ބަސްތައް ގެނެސް، އެ ހިދުމަތް ފުޅާކުރަން ވަނީ ނިންމާފަ އެވެ.

މާލޭގެ މަގެއް: ވެހިކަލްތަކުން މާލޭގެ މަގުތައް އޮންނަނީ ތޮއްޖެހިފައި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް އެ ފެންވަރަށް ދިޔުމުން ދެ އަހަރަށް ނަމަވެސް ވެހިކަލް ލިމިޓް ކުރެވިދާނެ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި ނައްތާލާ ކޮންމެ ވެހިކަލަކަށް އިތުރު ވެހިކަލެއް އެތެރެކުރެވޭ ގޮތަށް ވެސް ގަވައިދަށް ބަދަލު ގެނެވިދާނެ އެވެ.

ރާއްޖެ އެތެރެކުރާ ވެހިކަލް ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވަނީ ދެއްވައިފަ އެވެ.

ޝަމާއު ވިދާޅުވީ މާލެ ތޮއްޖެހުން ހައްލުކުރަން ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށް ދާ ކަމަށާއި އޭގެ ތެރޭގައި ވެހިކަލް ލިމިޓް ކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ވެސް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވި ގޮތުގައި ވެހިކަލްގެ އަދަދު މަދުކުރުމަށް، ގަވައިދުތައް ވެސް ހަރުކަށި ކުރަން ޖެހެ އެވެ. އެގޮތުން ވެހިކަލް ރަޖިސްޓްރީކޮށްދޭ އުމުރުގެ ގޮތުގައި 18 އަހަރުން މަތި ކަނޑައެޅުމާއި މީހަކަށް ތިން ހަތަރު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ބަދަލުގައި އެއް އުޅަނދަށް ބަދަލު ކުރުން ހިމެނެ އެވެ. އަދި ލައިސަންސް ނެގުމުން ނޫނީ ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ ގޮތަށް ވެސް ހެދިދާނެ އެވެ.

ރޯދަ ކުރުކޮށްލުމުގެ ގޮތުން ގިނަބަޔަކު ދުއްވާލަން ނިކުމެއުޅޭ ރިންގް ރޯޑު ފުރިފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މި ހުންނަނީ ވަރަށް ގިނަ މީހުންނާ ގުޅިފައި ހުންނަ ވަރަށް ސެންސިޓިވް ނިންމުންތައް. ވެހިކަލް ލިމިޓްކޮށްފިއްޔާ ގިނަ ބަޔަކަށް ފަސޭހަ ވާނެ. އެކަމަކު އެކަމާ ޝަކުވާ ކުރާނެ ބައެއް އުޅޭނެ. އެހެންވެ، ވަރަށް ހިތްވަރު ހުރެ، ކެތްތެރިވެގެން ނޫނީ މި ފަދަ ނިންމުންތަކެއް ނުނިންމޭނެ،" އާދިލް ވިދާޅުވި އެވެ.

"ހުސް ވާހަކަތަކެއް، އަމަލެއް ނުކުރެވޭ"

ވެހިކަލްތަކުން މާލެ ތޮއްޖެހިފައިވާ ތަން އެންމެ ބޮޑަށް ފެންނަ އެއް ދުވަސްވަރަކީ ރޯދަ މަހެވެ. މި އަހަރުގެ ރޯދަ މަސް އައުމާ އެކު ވެސް، ކަމާ ގުޅޭ އިދާރާތަކުން ވަނީ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތައް ގެނެސް، ވެހިކަލް ޕާކުކުރާނެ އިތުރު ޒޯނުތަކެއް ކަނޑައަޅައިފަ އެވެ.

އެކި ސަރަހައްދުތަކުން، އެކި ތަންކޮޅުކޮޅު ހޯދައިގެން، ވޭތުވެ ދިޔަ ހަފުތާތެރޭގައި އެފަދަ ތިން ޖާގައެއް މާލޭ ސިޓީ ކައުންސިލުން ދެއްކި އެވެ. އެކަމަކު އާއްމުންގެ ޝަކުވާތަކެއް ނުހުއްޓުނެވެ.

"ޕާކު ކުރާނެ ޖާގަ ކިތަންމެ ވަރަކަށް ވެސް ހޯދިދާނެ. އެކަމަކު ވެހިކަލް މަދެއް ނުވޭ. ވެހިކަލް މަދުވެގެން ނޫނީ އެދެވޭ ހައްލެއް އަންނާނެތަ؟" ޓްވިޓާގައި މީހަކު ސުވާލު ކުރި އެވެ.

ބްރިޖުން ދަތުރު ކުރާ ބަޔަކު ޓްރެފިކަށް މަޑުކޮށްލައިގެން---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެހެން މީހަކު ބުނިގޮތުގައި އެފަދަ ޕާކިން ޒޯންތަކަކީ ވަގުތީ ހައްލެކެވެ. އެ ޖާގަތައް އިސާހިތަކު އުޅަނދުތަކުން ފުރާލުމުން އަނެއްކާވެސް ޖެހޭނީ ހަމަ ސުމަކުން ފަށާށެވެ. އެއީ ހަމަ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރި އެވެ.

ގިނަ މީހުންގެ ޝަކުވާއަކަށް ވީ މިހާ ދުވަސްވީ އިރު ވެސް، މާލެ ތޮއްޖެހުން ހުއްޓުވުމަށް އެއްވެސް ސަރުކާރަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމެވެ. ވެހިކަލް ލިމިޓް ކުރާ ވާހަކަ އަބަދުވެސް ދައްކާ ކަމަށާއި އެކަމަކު ދުވަހަކު ވެސް އެއަށް އަމަލު ކުރެވޭތަން ނުފެންނަ ކަމަށް އެ މީހުން ބުނެ އެވެ.

"މިހާ ދުވަސް ވީ އިރު މިއުޅެނީ ޓެކްސީން ނަގާ އަގު ކަނޑަނޭޅިގެން. ދެން ވެހިކަލް ލިމިޓް ކުރެވޭނެތަ؟ މިއީ އަދި އެއަށް ވުރެ ސެންސިޓިވް މައްސަލައެއް،" އަލީ ހަމީދުގެ ނަމުގައި ޓްވީޓް ކުރި މީހަކު ޝަކުވާ ކުރި އެވެ.

ތޮއްޖެހޭ ވަރަކަށް، އުޅަނދުތަކުން އާންމު ދިރިއުޅުމަށް އުނދަގޫވާ ވަރަކަށް އެ ޝަކުވާތަކުގެ އަޑު ގަދަވާނެ އެވެ.