އިންސާފު ހޯދުން "ލޮކްޑައުންއެއް" ނުކުރެވޭނެ!

އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ޝަރީއަތެއް އެންމެންނަށް އިވޭ ގޮތަށް މި ފަހުން ލައިވްކުރި އެވެ. ފަނޑިޔާރުން ގޭގައި ތިއްބަވައިގެން އޯޑިއޯ ކޮންފަރެންސް ނިޒާމެއް މެދުވެރިކޮށް އަލަށް އެ ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދިޔައިރު، އެއް ފަނޑިޔާރަކު ޝަރީއަތުގައި ބައިވެރިވެވަޑައިގަތީ އޮޕަރޭޝަނަކަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.


އިންޑިއާ ސުޕްރީމް ކޯޓުން ޝަރީއަތްތައް އޮންލައިން ކުރުމުގެ އިތުރުން އެ ކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލަތައް ބަލަން ނިންމުން ފަދަ ބަދަލުތައް ވެސް ކޮވިޑް-19 އާ ގުޅިގެން އަދުލު އިންސާފުގެ ނިޒާމުން ފެންނަން ފަށައިފި އެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓު ވެސް މިހާރު ނިންމާފައި ވަނީ ޝަރީއަތްތައް އޮންލައިންކޮށް ފަށައި، ވަގުތުން ދުރަށް ދައްކާށެވެ. އެންމެ އުނދަގޫ ހާލަތްތަކުގައި ވެސް ހުއްޓާލައިިގެން ނުތިބެވޭނެ އެއް ޚިދުމަތަކީ އެތައް ބައެއްގެ ހައްގުތަކާ ގުޅުން ހުރި އަދުލު އިންސާފެވެ. "ޖަސްޓިސް، އައުޓް އޮފް އޯޑާ" ބޯޑު އަޅުވައިގެން އަބަދު ތިބެވޭކަށް ނެތެވެ.

މިހާރު އަމަލުކުރާ ގޮތް، ބަދަލު ގެންނަން ބިލެއް

ޖިނާއީ އަދުލުގެ ނިޒާމަކީ މުޖްތަމައުގެ އާންމު މަސްލަހަތުގެ އިތުރަށް މީހާގެ ފަރުދީ ހައްގުތަކާއި މިނިވަންކަމާ ވެސް ގުޅުން ހުންނަ ބައެކެވެ. އެ ނިޒާމުގެ ހިންގުން ވެސް މިފަދަ ހާލަތްތަކުގައި ކަށަވަރުވާން ޖެހެ އެވެ. އެއީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ދައުވާ އުފުލި، އަވަހަށް ޝަރީއަތްތައް ނިންމުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށް ދޭ ހައްގަކަށް ވާތީ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ވީޑިއޯ ކޮންފަރެންސްކޮށް އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދާ ހާލަތްތައް ފިޔަވައި އެ ނޫން ހާލަތްތަކުގައި މައިގަނޑު އުސޫލަކީ ފަނޑިޔާރާ އެއް ހާޒިރެއްގައި އެންމެން ތިބެގެން ޝަރީއަތް ކުރުމެވެ. އެހެންވެ، މިހާތަނަށް ޖިނާއީ މައްސަލަތަކުގައި ރާއްޖޭގައި އަމަލުކުރަނީ ފަނޑިޔާރާ އެއް ތަނެއްގައި ދައުވާ ލިބޭ މީހާ އާއި ދެ ފަރާތުގެ ވަކީލުން ތިބުމެވެ. މިދުވަސްވަރު ވީޑިއޯ ކޮންފަރެންސްކޮށް ބައެއް ޝަރީއަތްތައް ކުރިއަށް ގެންދަނީ ބަންދުގައި ތިބި މީހުންގެ ތެރެއިން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން އެއްބަސްވާ މީހުން ލައްވައި، ޚާއްސަ އިގްރާރެއްގައި ސޮއި ކުރުވުމަށް ފަހު އެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިން ކުރިއަށް ގެންގޮސްފައިވެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅި ބިލްގައި ހިމަނާފައިވަނީ ގުދުރަތީ ކާރިސާއެއް ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ރައީސް އިއުލާން ކުރައްވާ ސްޓޭޓް އޮފް އިމަޖެންސީގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުން ފަދަ ޚާއްސަ އިޖްރާއާތުތަކެއް ހިންގޭ ގޮތަށެވެ. ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގައި ޚާއްސަ އިޖްރާއާތުތަކަށް އަމަލު ކުރަން ނިންމުމުގެ ބާރު ލިބެނީ، އެ ބިލް އޮތް ގޮތުން، ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށެވެ. ނަމަވެސް ކޯޓަށް މީހުން ހާޒިރުވުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅައިފި ނަމަ، ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ގެންދަން އެ ބިލުން ލާޒިމްވެ އެވެ.

ޖިނާއީ މައްސަލަތަކުގައި ހުރަސްތައް ބޮޑު؟

ކުށުގެ ތުހުމަތުގައިވާ މީހުންނަށް ލިބިދޭ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު ގިނަ ގައުމުތަކުގައި މާނަކުރަނީ ފަނޑިޔާރާ އެއް ހާޒިރަކަށް ދައުވާ ލިބޭ މީހާ ހާޒިރުވާން ޖެހުމަށެވެ. އިސްތިސްނާ ހާލަތްތަކެއްގައި ނޫނީ އެގޮތަށް އަމަލު ކުރަން ޖެހެނީ ވީޑިއޯ ކޮންފަރެންސް ފަދަ ނިޒާމެއް މެދުވެރިކޮށް ޝަރީއަތް ކުރާ ނަމަ، ގެއްލިގެން ހިނގައިދާނެ މަސްލަހަތުތަކެއް އޮވެދާނެތީ އެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން އެ ހައްގު ކަށަވަރުކޮށްދޭތީ، މިހާތަނަށް މި ހަމަތައް ރާއްޖޭގައި ވެސް ދިޔައީ ހިފަހައްޓަމުންނެވެ.

މަދަނީ މައްސަލަތަކާ ޚިލާފަށް ޖިނާއީ ދައުވާތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ބަރޯސާވެ، މިފަދަ އިޖްރާއާތެއް ހިންގުމުން މައްސަލަތަކެއް ނުކުތުމުގެ ފުރުސަތު އޮވެ އެވެ. މިސާލަކަށް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދާއިރު، ކުށެއްގެ ދައުވާ ލިބޭ މީހާއަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލޭ ފަދަ ބުއްދި ސަލާމަތުން ހުރި މީހެއްތޯ ކަށަވަރުކުރުމަކީ ފަނޑިޔާރަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އަދި އެހެން ތަނެއްގައި ހުރެގެން އޭނާ ޝަރީއަތުގައި ކުށަށް އިއުތިރާފްވެއްޖެ ނަމަ، އެކަން އެގޮތަށް އެ ކުރަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ ނުވަތަ ނޫންތޯ ކަށަވަރުކުރަން ވެސް ގޮންޖެހުން ކުރިމަތިވެދާނެ އެވެ.

ތުހުމަތުކުރެވޭ މީހާ އާއި އޭނާގެ ވަކީލް ދެ ތަނެއްގައި ތިބެގެން ޝަރީއަތް ކުރިއަށް ގެންދާ ނަމަ، ދިފާއުވާން ވެސް ހުރަސްތަކެއް ހުރެދާނެ އެވެ. އޭރުން ހުރަސް އެޅިގެން އެ ދަނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގަކަށެވެ. އަދި ބަންދުގައި ހުންނައިރު، ވަކީލާ އޮންލައިިންކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސިޔަސް، ވަކީލާއި މުވައްކިލާ ދެމެދު ދެކެވޭ ސިއްރު ވާހަކަތައް އެހެން ބަޔަކަށް އަޑު އެހުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ކުރިމަތި އެ ވަނީ އިތުރު މައްސަލައެކެވެ. އިންޓަނެޓް ސްޕީޑުގެ މައްސަލަ އަދި އޮތް ގޮތަށް އޮތީ އެވެ.

އިންސާފު ގާއިމްކުރުމާ އެކު، އިންސާފު ގާއިމް ކުރެވޭތަން ފެނުމަކީ އަދާލަތުގެ ވަރަށް އަސާސީ މުހިންމު ހަމައެކެވެ. އިންސާފުވެރި ޝަރީއަތެއް ލިބިދިނުމުގެ ހައްގުގެ ތެރޭގައި އާންމުކޮށް ހުޅުވާލެވިފައިވާ ކޯޓެއްގައި ޝަރީއަތް ކުރުން ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އިން ލާޒިމް ކުރަނީ އެ ސަބަބަށްޓަކަ އެވެ. އެކަމަކު އޮންލައިން ޕްލެޓް ފޯމެއް މެދުވެރިކޮށް ވަކި ބައެއްގެ އިވުމާއި ފެނުމުގެ ތެރެއިން އެކަނި ޝަރީއަތް ކުރާ ނަމަ، މިދެންނެވި ހައްގަށް ހުރަސް އެޅޭ ނަމަ އެއީ އިތުރު މައްސަލައެކެވެ.

ޖިނާއީ ނޫން މައްސަލަތަކަށް އަލި މަގެއް ނެތް؟

ޖިނާއީ މައްސަލަތަކާ ޚިލާފަށް މަދަނީ އަދި އާއިލީ އަދި ނޫން ބާވަތުގެ މައްސަލަތަކުގައި ކުރިން މި ފާހަގަކުރި ފަދަ ކަންކަން ކުޑަވެދާނެ އެވެ. އެއީ ދައުވާ ލިބޭ މީހާ އާއި ދައުވާކުރާ ފަރާތުން ސީދާ ހާޒިރުވުމުގެ ބަދަލުގައި ވަކީލުން މެދުވެރިކޮށް މިހާރު ވެސް އެފަދަ ޝަރީއަތްތައް ކުރިއަށް ގެންދެ އެވެ. މިހާރު ގާނޫނުތައް ހުރި ގޮތުން އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގުގެ ތެރޭގަައި ޖިިނާއީ ނޫން ބާވަތުގެ މައްސަލަތައް ނުވެސް ހިމެނެ އެވެ.

އެކަމަކު ވޭތުވެދިޔަ ދެ މަހެއްހާ ދުވަހު ޖިނާއީ ނޫން މައްސަލަތައް ވެސް އޮތީ އެއްކޮށްހެން ހުއްޓިފަ އެވެ. ކްރިމިނަލް ކޯޓުގައި ޖިނާއީ ބައެއް މައްސަލަތައް ކުރިއަށް ގެންދިޔައިރު ވެސް، މަދަނީ އަދި އެ ނޫން ބާވަތުގެ އެއްވެސް މައްސަލައެއް އެހެން ކޯޓަކުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓުގައި އެތައް އަހަރެއް ވީ ގިނަ އަދަދެއްގެ މައްސަލަތައް ހުރިއިރު އޮންލައިންކޮށް ޝަރީއަތްތައް ފެށުމުގެ އުއްމީދެއް މިހާތަނަށް ދިނީ ސުޕްރީމް ކޯޓުން އެކަންޏެވެ.

ސުޕްރީމް ކޯޓު: އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު

ވަޒީފާގެ މައްސަލަތަކާއި ޓެކުހާ ގުޅުން ހުރި މައްސަލަތައް ބަލާ ޓްރައިބިއުނަލްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ ކިހާ ހިސާބެއްގައި ކަން އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ސަރުކާރުން ހުށަހެޅި ބިލަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ގެންނަ އިސްލާހަކަށް ވާތީ ޖިނާއީ ނޫން މައްސަލަތައް ހުއްޓިފައި އޮތް އޮތުމަށް އެ ބިލުން ލިބޭނެ ފަރުވާއެއް ނެތެވެ. ނަމަވެސް އެތައް ބައެއްގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް ކޯޓުތަކުގައި ހިފަހައްޓައިގެން އަބަދު ނުތިބެވޭނެ ކަން ގަބޫލުކުރަން ޖެހެ އެވެ.

ކަންބޮޑުވުން؟ ލުއި ފަސޭހަ؟

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ މައްސަލަތައް ފަދަ އަސާސީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކުގެ ޝަރީއަތް ހުރިހާ ހާލަތެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުން ނުކުމެދާނެ މައްސަލަތައް އެބަ ހުއްޓެވެ، އެގޮތުން ދައުވާ ލިބޭ މީހާ އާއި ވަކީލުން ދެ ތަނެއްގައި ތިބެން ޖެހުމުން ދިފާއުވާން ހުރަސް އެޅުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

"މި ހާލަތުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އިންސާފުން ޝަރީއަތް ހިންގަން. ކޮންމެ ކޮންމެ ގޮތަކަށް ޝަރީއަތް ހިންގާކަށް ނޫން،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ވީޑިއޯ ކޮންފަރެންސް ޝަރީއަތެއްގައި ހެކިވެރިން ގޭގައި ނުވަތަ އެ މީހުން ބޭނުން ތަނެއްގައި ތިބެގެން ހެކިބަސް ދޭ ހާލަތްތަކުގައި އެ މީހުންނަށް ނުފޫޒެއް ނެތްކަން ކަށަވަރުކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލް އޮތް ގޮތުން ޚާއްސަ ހާލަތެއް ކުރިމަތިވެފައި ނެތަސް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ބާރު ކޯޓުތަކަށް ދިނުމަކީ ގާނޫނު އަސާސީން ދީފައިވާ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު މާ ބޮޑަށް ހަނިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިިހާރު ކޯޓުގައި ސިއްރުން ހެކިބަސް ނަގާއިރު ވެސް ކޯޓު އޮފިސަރެއް ހުންނާނެ. އެކަމަކު ހެކިވެރިޔާ ގޭގައި ނުވަތަ އޭނާ ބޭނުން ތަނެއްގައި ބަހައްޓައިިގެން ހެކިބަސް ނަގާއިރު ނުފޫޒެއް ނެތްކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ،" ޝަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބިލުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ސްޓޭޓް އޮފް އިމަޖެންސީ ފަދަ ހާލަތްތަކުގައި، ހައްޔަރުކުރެވޭ މީހުންގެ ހައްގުތައް މާ ބޮޑަށް ހިފަހައްޓަން ފުރުސަތު ދޭ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތުން ސްޓޭޓް އޮފް އިމަޖެންސީއެއް އިއުލާން ކޮށްފައިވާ ވަގުތެއްގައި ޚާއްސަ ހާލަތެއް ދިމާ ނުވިޔަސް، ހައްޔަރުކުރެވޭ މީހުން ޖަލު ނޫން އެހެން ތަންތަނުގައި ބޭތިއްބުން ހުއްދަ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ ދަށުން ސްޓޭޓް އޮފް އިމަޖެންސީއެއް އިއުލާން ކޮށްފި ނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފެހެއްޓޭނެ. އޭރުން އެ ހުރިހާ ހައްގުތަކެއް ހިފަހައްޓާފައި އަދި ހޯމް މިނިސްޓަރު ކަނޑައަޅާ ތަނަކަށް ހައްޔަރުކުރެވޭ މީހާ ގެންދެވޭ ގޮތަށް މި އޮންނަނީ. އެތަން ނުޖެހޭ ކޮންމެހެން ޖަލަކަށް ވާކަށް ވެސް،" ޝަމީލް ވިދާޅުވި އެވެ.

ދައުވާ ކުރުމުގެ މުއްދަތުތައް އެއްކޮށް ހުއްޓުވައިލުމަކީ ވެސް، ބައެއް ވަކީލުންގެ ނަޒަރުގައި، ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ހާލަތްތަކުގައި، ވަކި އުސޫލެއްގެ ތެރެއިން ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރެވޭ ގޮތަށް ހަމަޖެއްސުން ރަނގަޅު ކަމަށް، އެ މީހުން ބުނެ އެވެ.

"އައިސްދާނެ ދައުވާ ކުރުމުގެ މުއްދަތުގައި އެކަން ނުކުރެވިދާނެ ހާލަތެއް. އެކަމަކު ދައުވާ ކުރުމުގެ މުއްދަތު އެއްވެސް ގޮތަކަށް ނުހިނގާނެއޭ ބުނީމަ ތިބެދާނެ އެއްވެސް މަސައްކަތެއް ނުކޮށް ވެސް އެ ހާލަތެއް ނިމެންދެން. ނޫނީ އެ ހާލަތު ނިމޭއިރަށް އަނެއްކާވެސް އަނެއްކާ އިތުރުކޮށްލަ ކޮށްލާ ވެސް ތިބެވިދާނެ،" ޝަމީލް ވިދާޅުވި އެވެ.

އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުން ގާނޫނީ މައްސަލަތަކެއް ނުކުމެދާނެ ސަބަބެއް ނެތެވެ. ވަކީލުންނާއި ދައުވާ ލިބޭ މީހާ ދެ ތަނެއްގައި ތިބެން ޖެހުނަސް، ޝަރީއަތުގެ މެދުތެރެއިން ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން އެ މީހުންނަށް ވަކިން ވާހަކަ ދެއްކޭނެ ފުރުސަތު ދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ގާނޫނު އޮންނަ ގޮތުން ވެސް ވީޑިއޯ ކޮންފަރެންސްކޮށް އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދެވޭއިރު، އެގޮތަށް ޝަރީއަތް ކުރިއަށް ގެންދާނީ އެ މީހެއްގެ ރުހުމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެހެން ޖަލުގެ ގޮޅިއަކަށް އޭނާ ވައްދާފައި ޝަރީއަތް ކުރާނެ ވާހަކައެއް ނޫން. އެ މީހާ އެކަމަށް އެއްބަސްވީމަ އޭނާ ރުހުން ހޯދައިގެން މިގޮތަށް އަމަލުކުރާ ގޮތަށް އެއީ. އަދި އެއީ ހުރިހާ މައްސަލަތަކެއް ވެސް ނޫން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމުން ގިނަ ބަޔަކަށް އިތުރު ހައްގުތަކެއް ކަށަވަރުވެގެން ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެގޮތުން ރަށްރަށުގެ ކޯޓުތަކުގައި ދައުވާ ލިބޭ މީހުންނަށް އެކަށީގެންވާ މިންވަރަށް ވަކީލުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ތެރޭގައި ތިބޭ މީހުންނަށް އެކަށީގެންވާ ގޮތަކަށް ވަކީލުންނެއް ނުހޯދޭ ޚަރަދާއި ދަތުރުފަތުރާއި މިކަންކަން ހުރި ގޮތުން. އެކަމަކު މިގޮތަށް ހެދީމަ ދައުވާ ލިބޭ މީހާ ހުންނާނީ ރަށު ކޯޓުގައި. ވަކީލު މާލޭގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގައި ބައިވެރިވާނީ. އޭރުން އެ ލިބެނީ ޚަރަދު ކުޑަކޮށް އަދި ރަނގަޅު ވަކީލުން ހޯދުމުގެ ފުރުސަތު،" ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުން ލަސްވުމުގެ ޝަކުވާ ބޮޑުވެފައިވާ މައްސަލަތައް އަވަސްވުމުގެ އިތުރުން ދަތުރުފަތުރާއި އެހެން ކަންކަމަށް ދައުލަތުން ކުރާ ބޮޑެތި ޚަރަދުތައް ވެސް ކުޑަކުރެވޭނެ އެވެ. ނަމަވެސް ރަނގަޅު ފެންވަރުގެ އިންޓަނެޓް ގުޅުން މުހިންމު ކަމަށް ޝަމީމް އެއްބަސްވެވަޑައިގަންނަވަ އެވެ.

ކޮވިޑް-19 އާ އެކު އާންމު ދިރިއުޅުމަށް މި އައި ބަދަލުގައި ހައްގުތައް ކަށަވަރުކޮށްދޭން އަދުލު އިންސާފުގެ ދާއިރާއަށް ވެސް ބަދަލުތަކެއް އަންނަން ޖެހެ އެވެ. އެކަމަކު އެއީ އިންސާފުވެރި ޝަރީއަތެއްގެ ހައްގަށް ހުރަސް ނޭޅޭ ފަދަ ބަދަލުތަކަށް ވާން ޖެހޭނެ އެވެ. އަދި ހުރިހާ ބާވަތެއްގެ މައްސަލަތައް ވެސް އެކަށީގެންވާ ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވެން ވެސް ޖެހޭނެ އެވެ.