ޓީޗަރުންގެ ދުވަސް: ސްކޫލުތައް ފަޅަށް، ޓީޗަރުންނަށް ބުރަ!

ތައުލީމީ ދާއިރާއަށް ވެސް ތަފާތު އަހަރެކެވެ. ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބޮޑު ބިރުވެރިކަމާ އެކު އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ތައުލީމީ ދާއިރާއަށެވެ. ދިގު މުއްދަތަކަށް ސްކޫލުތައް ބަންދުކުރުމާ އެކު އޮންލައިންކޮށް ކިޔަވައިދިނުމަކީ މީގެ ކުރިން ޓީޗަރުން ތަޖުރިބާކުރި ކަމެއް ނޫނެވެ؛ ދަރިވަރުންނަށް ވެސް މުޅިން އާ ކަމެކެވެ.


ކިޔަވައިދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ އިސްކަންދަރު ސްކޫލުގެ ކޮލިފައިޑް ޓީޗަރު އައިޝަތު އާތިކާ އާއި ކަލާފާން ސްކޫލުގެ ޓީޗަރު ސަނާ ހުސެއިން އަދި އަމީނިއްޔާ ސްކޫލުގެ ގްރޭޑު 1 އަށް ކިޔަވައިދެމުން އަންނަ ތޯހިރާ މުހައްމަދު ބުނިގޮތުގައި މިހާރު ތަހައްމަލުކުރަމުން މި ދަނީ ދެކެމުން މި ދިޔަ 2020 ވަނަ އަހަރުގެ ތަސައްވަރުތަކާ މުޅިން ތަފާތު ތަޖުރިބާއެކެވެ. ކުއްލިއަކަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރުމަށް ފަހު އޮންލައިންކޮށް ކިޔަވައިދޭން ފެށީ ގޮންޖެހުންތަކާ އެކުގަ އެވެ.

ނަމަވެސް ހާލަތާ މެދު ގޯސްކޮށް ވިސްނުމުގެ ބަދަލުގައި މި ޓީޗަރުން ދެކެނީ، ކޮވިޑުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ވެސް މުހިއްމު އަދި ވަރަށް ބޭނުންތެރި ކަންކަން ދަސްވެފައިވާ ކަމެވެ. މި އާ ހާލަތަށް މިހާރު ހޭނިފައި ތިއްބަސް، ޓީޗަރުންގެ ދުވަސް މިއަދު ބައްދަލުކުރަނީ ވަރަށް ތަފާތުކޮށެވެ. މީގެ ކުރިން މާމެލާމެލިންނާއި ތަފާތު އެކި ތީމްތަކަށް ސްކޫލުތައް ޒީނަތްތެރިކޮށް، ދަރިވަރުންގެ އޮންނަ ލޯބި ޓީޗަރުންނަށް ހާމަކޮށްދިނަސް، މިއަދުގެ ހާލަތު މުޅިން ތަފާތެވެ.

އާބާދީ އެންމެ ބޮޑު މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ގޭގައި ތިބެގެން ކިޔަވަމުން އަންނައިރު ސްކޫލުތައް އިއްޔެ ހުޅުވީ ގްރޭޑު 9-12 އަށެވެ. ދަރިވަރުންނާ ބައްދަލުނުވާތާ އެތައް މަސްތަކެއް ފާއިތުވެގެން ދިއުމާ އެކު، ޓީޗަރުން މިހާރު އެންމެ އުއްމީދުކުރަނީ ސްކޫލުތައް ހުޅުވާލައި އެ ކުދިންނާ ބައްދަލުވާނެ ދުވަހަކަށެވެ.

ރަށްރަށުގެ ސްކޫލްތައް ޖުލައި 1 އިން ފެށިގެން އަންނަނީ ގްރޭޑު 1-12 އަށް ކިޔަވައިދެމުންނެވެ. ނަމަވެސް ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހެދި ސްކޫލުތަކުގައި ކުލަގަދަކޮށް ޓީޗަރުންގެ ދުވަސް ފާހަގަކުރުމެއް މިފަހަރު ނޯންނާނެ އެވެ.

ކަލާފާން ސްކޫލުގެ ޓީޗަރު ސަނާ އޭނާގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި: މުޅިން އާ ތަޖުރިބާއެއް -- ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

"އެއްޗެއް ދަސްކުރަން ވިއަސް މީހުންނަކާ މީޓް ކުރެވެނީއެއް ނޫން. މިސާލަކަށް އޮޅުންފިލުވާން ވިއަސް ހަމަ އޮންލައިންކޮށް އަމިއްލައަށް ރިސާޗު ހަދައިގެން ދަސްކުރި އެއްޗެއް ވެސް ދަސްކުރެވިފައި ހުންނާނީ. ކުދިން ވެސް އެހާ އުނދަގޫވެގެންނެއް ނޫޅޭ، ނޭނގިގެންނެއް،" އާތިކާ ބުންޏެވެ.

"މިހާރުގެ ހާލަތަށް ބަލަންޏާ، އޮންލައިންކޮށް ކިޔަވައިދޭން އެކަމަށް ޔޫސްޑް ވެފައި ތިބީ ކުދިން."

މަސައްކަތް އިތުރު!

އޮންލައިންކޮށް ކިޔަވައިދިނުމާއި ސީދާ ކްލާހުގައި ހުރެގެން ދަރިވަރުންނަށް ކިޔަވައިދިނުމުގައި ވަރަށް ބޮޑު ތަފާތެއް ހުއްޓަސް މި ހާލަތާ އަޅާބަލާއިރު މާޔޫސްކަމެއް ނެތް ކަމަށް އާތިކާ ބުންޏެވެ. އެކަމަކު ޓީޗަރެއްގެ ހައިސިއްޔަތުން އޭނާ އިހުތިޔާރުކުރާނީ ސީދާ ދަރިވަރުންނާ ބައްދަލުކޮށް ކިޔަވައިދިނުމެވެ.

އޭގެ ސަބަބުތައް ބައިވަރެވެ. އާތިކާ ބުނިގޮތުގައި ކްލާސްރޫމަށް ގޮސްގެން ކިޔަވައިދިނުމަށް ވުރެ އޮންލައިންކޮށް ކިޔަވައިދިނުމުން ޓީޗަރުންގެ މަސައްކަތް ދެ ގުނަ އިތުރުވެ އެވެ. ދަރިވަރުންނަށް ހަވާލުކުރާ ކޮންމެ އެސައިންމަންޓެއް ވަކިން ހުޅުވައި ބެލުމަށް ފަހު އެއަށް ކޮމެންޓުކުރުމުން ފެށިގެން ނިދާ ވަގުތު ފިޔަވައި އެހެން ހުރިހާ ކަމެއް ވެސް ހުސްވެފައި އޮންނަނީ ސްކޫލު ކަންކަމަށް ކަމަށް އޭނާ ފާހަގަކުރެ އެވެ.

"ލޭޓް ސަބްމިޝަން ވެސް އަންނާނެ މަސައްކަތުގެ. އެ އެއްޗެހި މާކްކޮށް، އޮންލައިން ވޯކް މެޓީރިއަލް ތައްޔާރުކުރުމަކީ ވެސް ވަރަށް ބުރަ ކަމެއް. ކުދިންނަށް ފަސޭހަވާ ގޮތަށް އެއްޗެހި ފެސިލިޓޭޓުކޮށްދިނުމަކީ ވަރަށް ބުރަ ކަމެއް،" ގާތްގަނޑަކަށް 100 އެއްހާ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ އާތިކާ ބުންޏެވެ.

ކަލާފާނުގައި ގްރޭޑު ހައެއްގެ ސައިންސް ޓީޗަރު ސަނާ ވެސް ބުނީ ބޯޑުގައި ލިޔުނު ފިލާވަޅުތައް ޕްރެޒެންޓޭޝަނަށް ބަދަލުކޮށް، ކުދިންނަށް ވަކިން ދީ އުޅުނު ވޯކްޝީޓު ފަދަ އެއްޗެހި، ގޫގުލް ޑޮކިއުމަންޓަށް ބަދަލުކޮށް އެ އެއްޗެހި ތައްޔާރުކުރަން ވަރަށް ވަގުތު ދާ ކަމަށެވެ.

"ކުދިންނަށް ހަވާލުކޮށްފައި ހުންނަ ފިލާވަޅުތައް ވެސް، ވޯކުލޯޑު އަސްލު ބޮޑޭ މި ބުނާ ތަންކޮޅު މި ހިސާބުން އަންނަނީ. ކުދިންނަށް ވޯކު ހަވާލުކުރީމަ ސަބްމިޓްކޮށްފައި ހަވާލުކުރާނެ އެއް ކްލާހަކުން 30 ކުދިން. ހަމަ ތިން ކްލާހުގައި ސައިންސް ކިޔަވައިދޭކަމުގައި ވަންޏާ ތިން ކްލާހުން 90 ކުދިން ސަބްމިޓްކުރާނެ. އެ ހުރިހާ އެއްޗެއް ހުޅުވާ، އެ އެއްޗެހި ސޭވްކޮށް، އެ އެއްޗެހި މާކްކޮށް ހަދަން ވަރަށް ޓައިމް ނަގާ. އެއީ އަސްލު ވޯކުލޯޑު ބޮޑުވާ ތަނަކީ،" ސަނާ އޭނާގެ މަސައްކަތުގެ ތަފުސީލު ދެމުން ބުންޏެވެ.

އަމީނިއްޔާގެ ތޯހިރާ، އޮންލައިންކޮށް ދަރިވަރުންނާ ބައްދަލުކުރަނީ: ބުރަ ދުވަސްތަކެއް .-- ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

ތޯހިރާ ބުނިގޮތުގައި މިހާރު ދުވަހުގެ ހުރިހާ ވަގުތެއްގައި އޮންނަނީ މަސައްކަތެވެ. ދަރިވަރުންނާ ހަވާލުކުރާ ފިލާވަޅުތައް، ކޮންމެ ބެލެނިވެރިއަކަށް ވަކިން ތަފްސީލުކޮށް ކިޔައިދީ، އެ ފޮނުވާ ޖަވާބުތައް ވަކިން ބަލައި މާކްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރި އެވެ.

"ފިލާވަޅު އެކްސްޕްލެއިން ކޮށްދީފައި ފަހުން ވެސް އަންނާނެ ބެލެނިވެރިންގެ ސުވާލުތައް. އެ ކޯލުތަކަށް ވެސް ޖަވާބު ދެމުން، މިހާރު ވަކި ޓައިމެއް ނޯވޭ މަސައްކަތް ކުރާކަށް،" ކިޔަވައިދިނުމުގެ ހަތަރު ވަނަ އަހަރު ގުނަމުން އަންނަ ތޯހިރާ ބުންޏެވެ.

އާ ތަޖުރިބާއެއް، ދަސްވި ކަންކަން ގިނަ!

ކިޔަވައިދިނުމުގައި 26 އަހަރު ހޭދަކޮށްފައިވާ ސަނާ ބުނީ ކޮވިޑްގެ ބަލިމަޑުކަމާ އެކު ތައުލީމީ ދާއިރާއަށް މި އައި ބޮޑު ބަދަލުތަކަކީ، އޭނާގެ މުޅި ކެރިއަރުގައި ވެސް ތަޖުރިބާކުރަން ޖެހުނު ކަމެއް ނޫނެވެ. ސްކޫލުތައް ބަންދުކުރަން ޖެހޭ ހާލަތެއް މެދުވެރިވެ، ގޭގައި ތިބެގެން ދަރިވަރުންނަށް ކިޔަވައިދޭން ޖެހިދާނެ ކަމަކަށް ސަނާ ވެސް ހިއެއް ނުކުރެ އެވެ. ނަމަވެސް އެހެން ޓީޗަރުންނެކޭ އެއްގޮތަށް އޭނާ ވެސް ދެކެނީ، މި ފުރުސަތަކީ ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކާ ގާތް ގުޅުމެއް ބާއްވަން ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގަ އެވެ.

"ޓީޗަރުން ވެސް ޓްރެއިންވާން ފުރުސަތެއް ލިބުނު މިކަމުގެ ސަބަބުން. ހުރިހާ ޓީޗަރުން ގޫގުލް ޓްރެއިނިންވެގެން ހަމަ ގެންދެވޭ ރަނގަޅަށް. ވަރަށް ގިނަ އެއްޗެހި ދަސްވެގެން ދިޔަ ކަމެއްގެ ގޮތުގައި ބެލެވެނީ،" ސަނާ ބުންޏެވެ.

"އެކާވީސް ވަނަ ގަރުނަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދެމުން އަންނަ ޒަމާނަކަށް ވިއަސް އަސްލު އޭގެ ބޭނުމެއް ނުހިފޭ ރަނގަޅު ގޮތުގައި. އިންޓަނެޓްގެ އިޝޫސްތަކާއި، އެކަމަކު އޮންލައިންކޮށް ކްލާސްތައް ގެންދަން ފެށީމަ އަސްލު ވަރަށް ބޮޑު އެއްޗެހިތަކެއް ދަސްވި ކުދިންނަށް ވެސް، ޓީޗަރުންނަށް ވެސް. ދުރުގައި ހުރެގެން ވެސް ކިޔެވޭނެކަން އެބަ ސާބިތުވޭ."

އިސްކަންދަރު ސްކޫލުގެ ޓީޗަރު އާތިކާ، އޮންލައިންކޮށް ދަރިވަރުންނާ ކިިޔަވައިދެނީ.-- ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

އޭނާ ބުނިގޮތުގައި ދަރިވަރުންނަށް ޓެބްލެޓް ދީފައި ހުއްޓަސް ވޭތުވެދިޔަ ދެ އަހަރު ނިމުނީ އެ އެއްޗެހި ރަނގަޅަށް ބޭނުންނުކުރެވި އެވެ. އެކަމަކު މިހާރު އެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން މަޖުބޫރުވެފައިވާތީ، ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް އޮންލައިންގެ އެކި ވަސީލަތްތައް ދަސްވެފައިވާ ކަމަށް ބުންޏެވެ.

އޮންލައިންކޮށް ކިޔަވައިދީގެން ފައިދާތަކެއް ލިބުނަސް އެކަމުން ދެން ކުރާނެ އަސަރުތައް ބެލުން މުހިއްމުކަން ސަނާ ފާހަގަކުރި އެވެ. އެގޮތުން ކްލާސްރޫމުގައި ޓީޗަރުންނާ ދިމާވެ އެކި ވާހަކަތައް ކިޔައިދީ އުޅުނަސް ގޭތެރޭގައި އެކަނި އުޅޭ އުޅުމުގައި ވަރަށް މުހިއްމު ކަންތައްތަކެއް މަދުވާ ކަމަށް ބުންޏެވެ.

"ކުދިންގެ އަމިއްލަ ވާހަކަތަކާއި އެ ކުދިން އެ އުޅޭ އުޅުމާއި އިންޓަރެކްޝަން އަސްލު ވަރަށް ބޮޑަށް މިސްވޭ. ކުދިން އައިސް ޓީޗަރާ ދައްކާ ވާހަކަތައް ވެސް ހުންނާނެ،" ސަނާ ބުންޏެވެ.

އާތިކާ ވެސް ބުނިގޮތުގައި އޮންލައިންކޮށް ކިޔަވައިދޭން ޖެހުން އޭނާ ނަގަނީ ޕޮޒިޓިވް ކަމެއްގެ ގޮތުގަ އެވެ. އެކަމުގައި ހަމައެކަނި މާޔޫސްވަނީ ދަރިވަރުން ދެރަވެފައި ތިބޭތީ ކަމަށާއި އެހެންނޫނީ މި ހާލަތާ މެދު ދެކެނީ ރަނގަޅަށް ކަމަށް ބުންޏެވެ.

"ކުދިންގެ ރައްޓެހިންނާއި ޓީޗަރުންނާ މީޓްނުވާތީ ކުދިން ދެރަވެފައި، އެގޮތަށް ބޭރަށް ނުނިކުމެވިފައި ތިބޭ ތަންކޮޅު، އެއީ ވަރަށް ދެރަކަމެއް. އަނެއްކާ ކުދިން ސްކޫލަށް އައިސްފައި އެކްސްޓްރާ ކަރިކިއުލާ އެކްޓިވިޓީސްތަކުގައި ބައިވެރިވެ ނޯމަލް ސްކޫލެއް ފަންކްޝަންވާއިރު އޮންނާނެ ވަރަށް އިތުރު ހަރަކާތްތައް. އެ ބައިތައް ކުރިއަށް ނުގެންދެވޭތީ ވަރަށް ދެރަކަމެއް. އެކަމަކު މީގެ ޕޮޒިޓިވް ކަމަކީ، ކުދިން މިހާރު ވަރަށް ޓެކްނޮލޮޖީއަށް އަހުލުވެރިވެއްޖެ. މިއީ ވަރަށް މުހިއްމު ކަމެއް މި ޒަމާނުގެ ކުދިންނަށް އެނގެން ޖެހޭ ކަމެއް،" އާތިކާ ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ދަރިވަރުން އަމިއްލައަށް ރިސާޗުކޮށް ފިލާވަޅުތައް ފުރިހަމަކުރާ ވަރު އިތުރުވެ މަސައްކަތްތައް ވެސް އަންނަނީ ފުރިހަމަވަމުންނެވެ. ނަމަވެސް ދަރިވަރުން ބައިވެރިވެގެން ސީދާ ކްލާސްރޫމުގައި ތިބެގެން ކިޔަވައިދީގެން ލިބޭ ފައިދާތައް ވެސް ގިނަވުމުން އާތިކާ ވެސް އިހުތިޔާރުކުރާނީ ފިޒިކަލް ކްލާހެވެ.

އަމީނިއްޔާ ސްކޫލުގެ ޓީޗަރު ތޯހިރާ، އޮންލައިން ކޮށް ދަރިވަރުންނަށް ކިޔަވައިދެނީ.-- ފޮޓޯ: އަބްދުﷲ އައުރާފް/ މިހާރު

ކިޔަވައިދިނުމުގެ ފުރަތަމަ އަހަރުތަކުގެ ތެރޭގައި ލައްވާލި ކޮވިޑަކީ ތޯހިރާގެ ކެރިއާ ކުރިއަށްގެންދަން އޭނާއަށް މުހިއްމު ކަންތައްތަކެއް ދަސްވި ފަހަރެކެވެ. އެއީ މުސްތަގުބަލުގައި ވެސް ދަރިވަރުންނަށް ކިޔަވައިދޭން ފައިދާ ކުރާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި ހާލަތެއް މެދުވެރިވެއްޖެ ނަމަ އޮންލައިންގެ އެކި ވަސީލަތްތަކުން، ދަރިވަރުންނާ ގުޅިގެން ޝައުގުވެރިވާނެ ގޮތަކަށް ކިޔަވައިދޭން އެނގޭނެ،" ތޯހިރާ ބުންޏެވެ.

އޮންލައިންކޮށް ކިޔަވައިދޭން ފުރަތަމަ ދުވަސްކޮޅު އުނދަގޫވިއަސް މިހާރު އެކަމަށް ވަނީ ހޭނިފަ އެވެ. ތޯހިރާ ހުރީ ދަރިވަރުންނާ އަލުން ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ކްލާސްރޫމުގައި ކިޔަވައިދޭ ގޮތާއި ދަރިވަރުންގެ ބައިވެރިވުން ވަރަށް ހަނދާންވެ އެވެ.

"އަސްލު މިގޮތަށް އޮންލައިންކޮށް ކިޔަވައިދޭއިރު ކްލާސް ރޫމް ފީލްއެއް ނާދޭ. ކުދިން ރޯނެ ހަނދާންވެގެން. މޫނު ނުފެނުނަސް ދެރަވާނެ. އެހެންވެ ވީޑިއޯ ވެސް އޮންކޮށްގެން ކުދިންނާ ވީހާ ވެސް ގުޅޭ ގޮތަކަށް މި ކިޔަވައިދެނީ. މިހާރު ކުދިން މަޖާކުރޭ އޮންލައިން ކްލާސްތައް އެކަމަކު ވެސް ކުދިންނާ އަލުން ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި މި ހުންނަނީ،" ތޯހިރާ ބުންޏެވެ.

ކްލާސްރޫމުގައި ވާހަކަނުދައްކައި މަޑުން ތިބޭ ކުދިން ވެސް، އޮންލައިން ކްލާސްތަކުގައި ރަނގަޅަށް ބައިވެރިވާން ފެށުމަކީ ހެޔޮ ބަދަލެއްގެ ގޮތުގައި ތޯހިރާ ދެކެ އެވެ.

ކޮވިޑުގެ މި ހާލަތުގައި މިއަދަކީ ޓީޗަރުންގެ ދުވަހެވެ. މާލޭ ސަރަހައްދުގެ ސްކޫލްތައް ފަޅެވެ. އެކަމަކު ހުރިހާ ޓީޗަަރުން ކުރިއަށް ވުރެ ބިޒީ އެވެ. ދުނިޔެ ދެކެމުން މި އަންނަނީ މުޅިން ތަފާތު ދުވަސްތަކެކެވެ. އެކަމަކު ރަނގަޅު ތަންކޮޅަކީ މި ކަހަލަ ހާލަތަކަށް ޓެކްނޮލޮޖީ ފައްކާވެފައި ވުމެވެ. އޭގެ ވަސީލަތްތައް ބޭނުންކޮށްގެން، ބުރަކޮށް ނަމަވެސް، ޓީޗަރުން ގެންދަނީ އެ މީހުންގެ ޒިންމާ އަދާކުރަމުންނެވެ.