ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗު، އަޔަލެންޑްގެ ކީޕަރު ގެވިން ބަޒޫނޫ ބޮއިކޮޓްކޮށްފި އެވެ.
ޔޫއެފާ ނޭޝަން ލީގުގައި މިރޭ އަޔަލެންޑުން އިޒްރޭލާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗު ބޮއިކޮޓްކުރަން އަޔަލެންޑްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ގޮވާލި އެވެ.
އިޒްރޭލާ ދެކޮޅަށް ކުޅެން ބޭނުން ނުވާތީ ކީޕަރު ބަޒޫނޫ ވަނީ ސްކޮޑުން ވަކިވެފަ އެވެ.
އަޔަލަންޑް ފުޓްބޯޅަ އެސޯސިއޭޝަން ރައީސް ޑޭވިޑް ކޫރެލް ވިދާޅުވީ، އެ މެޗު ކުޅެން ހިތްހަމަނުޖެހޭކަން (ނުވަތަ ފަސޭހަނޫންކަން) ހެޑް ކޯޗު ހެއިމިރް ހާލްގްރިމްސަން އަށް ބަޒޫނޫ އަންގާފައިވާ ކަމަށެވެ.
ބަޒޫނޫ ބުނިގޮތުގައި މެޗުގެ ސްކޮޑުން ވަކިވީ ކުށެއް ނެތް އާންމުރައްޔިތުން މެރުމަކީ ގޯހެއް ކަމަށް ގަބޫލުކުރާތީ އެވެ.
"އަހަރެންގެ މި ނިންމުމަކީ އިޒްރޭލުގެ ރައްޔިތުންނާ ނުވަތަ ޔަހޫދީންނާ ދެކޮޅު ނިންމުމެއް ނޫން. ނަމަވެސް އެ ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ނިންމި ނިންމުމެއް،" ބޯލްޓަން ވޮންޑާސްގެ ކީޕަރު ބުންޏެވެ.
އަޔަލެންޑްގެ ކޯޗު ހާލްގްރިމްސަން ބުނީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުތަކުގެ ސަބަބުން އިޒްރޭލް ކުޅެން އަޔަލެންޑްގެ އެއްވެސް ކުޅުންތެރިއަކު އަދި ހުދު އޭނާ ވެސް ހިތްހަމަނުޖެހޭ ކަމަށެވެ.
ޔޫކްރޭނަށް ހަމަލާދިނުމުން ރަޝިއާ ސަސްޕެންޑްކުރި ގޮތަށް އިޒްރޭލް ސަސްޕެންޑް ނުކޮށް، ވަކި ގޮތަކަށް އަމަލުކުރާތީ ޔޫއެފާއަށް ވެސް އޭނާ ވަނީ ފާޑުކިޔާފަ އެވެ.