ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް ޑައިރެކްޓުކޮށް، އޭނާ ލީޑް ރޯލު ކުޅެފައިވާ ތާރީހީ ފިލްމު "ރާޖާ ޝިވާޖީ" އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އިންޑިއާގެ އިހުގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ މިހާރު މުޅި ބޮލީވުޑްގައި ވެސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އެވެ. މި ފިލްމު އުފެއްދީ މަރާޓީ ބަހުންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމު ރިލީޒްކުރިތާ އެންމެ ހަ ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި 50 ކްރޯޑް ރުޕީސްއާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބިފައިވެ އެވެ.

މިއީ މަރާޓީ ފިލްމެއްގެ ތާރީިހުގައި ވެސް ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. މި ފިލްމު ވަނީ މަރާޓީ ސިނަމާގެ ކުރީގެ ރެކޯޑްތައް މުގުރާލައިފަ އެވެ.

މި ފިލްމުގައި ހާއްސަ ފެނިލުމަކުން ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާން ފެނުމަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ކަމެކެވެ. މީގެ އިތުރުން ސަންޖޭ ދަތާއި އަބީޝެކް ބައްޗަން އަދި ވިދްޔާ ބާލަން ކަހަލަ ތަރިން ވެސް މި ފިލްމުގައި މުހިންމު ރޯލުތައް ކުޅެފައިވެ އެވެ.

ރިތޭޝް ބުނި ގޮތުގައި، މި ފިލްމުގައި ގިނަ އަދަދެއްގެ ތަރިން މަސައްކަތް ކޮށްފައި ވަނީ ޝިވާޖީ މަހާރާޖަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުން އެއްވެސް އަގަކާ ވެސް ނުލަ އެވެ.

މި ފިލްމު ހިންދީ އަދި މަރާޓީ ބަހުން ރިލީޒްކޮށްފައިވާއިރު، މިއީ އާއިލާތަކާއި ކުޑަކުދިންނަށް އިންޑިއާގެ ތާރީހު އޮޅުންފިލުވައިދޭން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ރިތޭޝް ބުންޏެވެ.

ނޫސްތަކުން ބުނީ އާންމުންގެ ތަރުހީބު މިހާރު ހުރި ގޮތަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމު އިތުރު ރެކޯޑްތައް ހަދާނެ ކަމަށް ބެލެވޭ ކަމަށެވެ.