މ. މުލިން ފުރައިގެން މާލެއަށް ދަތުރުކުރި ސީއެމްބިއުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް ޖެހި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކު އެކިވަރަށް ހާނީއްކަވެއްޖެ އެވެ.

އެމްއެންޑީއެފުން ރޭ ބުނީ މާލެ އަތޮޅު އިތާފުށި ރިސޯޓް ކައިރީގައި ހިނގި އެ އެކްސިޑެންޓްގެ މައުލޫމާތު ސިފައިންނަށް ލިބުނީ މެންދަމުން އަލިވެ، 1:00 ގައި ކަމަށެވެ. އެ ހާދިސާގައި ހާނީއްކަވީ ސީއެމްބިއުލާންސްގައި ތިބި ދެ މީހަކަށާއި އެކްސިޑެންޓްވި އަނެއް ލޯންޗްގެ ކެޕްޓަނަށެވެ. އެކްސިޑެންޓް ހިނގި އިރު ސީއެމްބިއުލާންސްގައި ތިބީ އަށް މީހުންނެވެ.

އެމްއެންޑީއެފުން ބުނީ އެ އެކްސިޑެންޓްގައި ހާނީއްކަވީ މީހުން މާލެއަށް ގެނައުމަށް ޓަކައި ކޯސްޓްގާޑްގެ މާލެ އޭރިއާ ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެކްސިޑެންޓްގައި ހާނީއްކަވީ މީހުންގެ ތެރެއިން މީހެއްގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. އެ އެކްސިޑެންޓާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.