ރިސޯޓްތަކުން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ރުފިޔާއިން ފައިސާ ދިނުން ހުއްޓުވައި، ސާވިސް ޗާޖް ނެގި ކަރަންސީއަކުން ދޭން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އަވަސްކުރަން އެދިއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ އިސްލާހުކޮށް ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭއިރު ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ހަމަޖެއްސުމަށް ހުށަހެޅި އިސްލާހު އޮތީ ކޮމިޓީ މަރުހަލާގައި އޮންނަތާ ވަނީ އެތައް ދުވަހެއް ވެފަ އެވެ. 

އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ބައެއް ރިސޯޓުތަކުން ސާވިސް ޗާޖު ދނީ ރުފިޔާއިން ކަމަށާއި އެއީ މުވައްޒަފުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. 

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނަކަށް ލިބެންޖެހޭ ސާވިސް ޗާޖުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ހުރަސްއެޅޭ ކަމަށް ސިޓީގައިވެ އެވެ. 

ސާވިސް ޗާޖާ ގުޅޭ އިސްލާހަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންގެ ހައްގާ ސީދާ ގޮތުން ގުޅިފައިވާ ކަމަކަށް ވާއިރު ކޮމިޓީ މަރުހަލާގައި ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންގޮސް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ. 

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ސާވިސް ޗާޖްގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖް ދޭންޖެހޭ ގޮތަށް ހަމަޖެއްސުމަށް އެ ބިލްގައި ހުށަހަޅާފައިވެ އެވެ.

އެ ބިލްގައިވާ ގޮތުން ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ހިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ހިދުމަތެއް ދިނުމުގެ މަސައްކަތެއް ނަމަ އެ މުވައްޒަފަށް ވެސް ސާވިސް ޗާޖް ދޭންޖެހޭނެ އެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ވޯޓާ ސްޕޯޓްސްގެ ހިދުމަތްދޭ ތަންތަނާއި ޑައިވް ސެންޓަރުތައް އަދި ސުވެނިއާ ޝޮޕްތައް ހިންގަން އެހެން ބަޔަކަށް ދިނުމަކީ އާއްމު ކަމެކެވެ. އެހެންވެ، ރިސޯޓް މުވައްޒަފުންނަށް ދޭ ސާވިސް ޗާޖް އެފަދަ ތަންތަނުގެ މުވައްޒަފުންނަށް ނުލިބެ އެވެ. އެ މީހުންނަށް މުސާރަ ދޭނީ ވެސް ރިސޯޓްތަކުން ނޫނެވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި މައުރޫފް ވިދާޅުވެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖް ނެގުމަށް ފަހު، މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ގާނޫނުގައި ނަމަވެސް އެގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅޭތީ އެވެ.

އެހެންވެ، ބިލް ހުށަހެޅީ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ހައްގު ފުރިހަމައަށް ލިބިދިނުމަށް ކަމަށް ބަޔާންކޮށްފައި ވެ އެވެ.