ރާއްޖޭގައި އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމާ މެދު ގޮތްތަކެއް ކަނޑައަޅަން ސޯޝަލް ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.  

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ކުޑަކުދިން އަމިއްލައަށް ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހަދަން، ރައީސް އޮފީހުގައި އޮންނަ ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ. 

ނަމަވެސް، އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.

"އަދި ސޯޝަލް ކައުންސިލްގައި ވަރަށް ގިނަ މަޝްވަރާތަކެއްކޮށް، ވަރަށް ބައިވަރު ހިޔާލުތަކަކާ އެކު ކެބިނެޓާ ހަމައަށް ގޮސްގެން އެކަމާ މެދު ގޮތެއް ނިންމާނީ،" އިހުސާން ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ވަކި ޕްލެޓްފޯމްތަކެއް ބޭނުން ނުކުރެވޭ ގޮތް ހަދަން ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޖޫން މަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ކުދިން ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ.

ސައިބާ ބުލީ އާއި ގްރޫމިންގެ ތެރެއަށް ވެސް ވަންނަމުންދާތީ އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"މިއީ މުޅި ދުނިޔޭގައި އެކަން ގޮސްފައި އޮތް ހިސާބު. ސައިބާ ބުލީންއަކީ ވަރަށް ނުރައްކާތެރި ކަމެއް. ޒުވާން ކުދިން، ތުއްތު ކުދިން މިކަމުގެ ތެރެއަށް ގޮސްފައި މުޅި ދުނިޔޭގައި ވެސް އޮތް މައްސަަލައެއް. ހަމަ އެގޮތަށް އޮންލައިން ގްރޫމިންއަކީ ވެސް އޭގެ ސަބަބުން އަންނަ ވަރަށް ނުރައްކާތެރި ކަމެއް،" ބައެއް ޕްލެޓްފޯމުތަކަކީ ކުދިންނަށް ވަރަށް ނުރައްކާތެރި ކޮންޓެންޓަށް އެކްސްޕޯސްވެފައިވާ ތަނެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވެފައި އަދި އެހާ ކުޑަ މުޖުތަމައެއް އޮތް ތަނަކަށް ވާއިރު، އެ ކުދިން ސަލާމަތްކުރުމަކީ ސަރުކާރާއި އިދާރާތަކުގެ ޒިންމާއެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. 

އެހެންވެ، ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ކުދިންނަށް މަނާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ފިޔަވަޅުތައް އެޅުމުގައި ރާއްޖެއިން މިސާލެއްގެ ގޮތުގައި ބަލާނީ އޮސްޓްރޭލިއާ އެވެ. 

މިދިޔަ އަހަރު އޮސްޓްރޭލިއާގައި ވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ޓިކްޓޮކާއި އިންސްޓަގްރާމާއި ފޭސްބުކް އަދި އެކްސް އާއި ރެޑިޓާއި ޔޫޓިއުބް މަނާކޮށްފަ އެވެ. އެކަން ތަންފީޒުކުރުމުގެ ގޮތުން އެކައުންޓް ހުޅުވާއިރު، އުމުރު ކަށަވަރުކުރުމަށް ސެލްފީއަކާއި އައިޑެންޓިޓީ ކާޑު އަދި ބޭންކް އެކައުންޓް ލިންކު ކުރުން ފަދަ ކަންކަން ކުރަން ޖެހޭނެ އެވެ.