ތެލެގޫ ސިނަމާގެ މަޝްހޫރު ތަރި އަދިވީ ސޭޝް އާއި ބޮލީވުޑްގެ ތަރި މުރުނާލް ތާކޫރުގެ އާ ފިލްމު "ޑެކޮއިޓް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

އެ ފިލްމަކީ ލޯތްބާއި ބަދަލުހިފުމާއި އަދި ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ފިލްމެކެވެ.

ޓްރެއިލާ ފެށިގެން އަންނަނީ ހަރީ (އަދިވީ) އާއި ޖޫލިއެޓް (މުރުނާލް)ގެ ލޯބީގެ މަންޒަރުތަކަކުންނެވެ. ނަމަވެސް، ކުއްލިއަކަށް ދިމާވާ ހިތްދަތި ހާދިސާއަކާ ގުޅިގެން ހަރީ ޖަލަށް ދާންޖެހެ އެވެ. ޖަލުން މިނިވަންވުމަށް ފަހު އޭނާ މަސައްކަތް ކުރަނީ އޭނާއަށް ބޭވަފާތެރިވި މީހުންގެ ކިބައިން ބަދަލުހިފުމަށެވެ.

ޖޫލިއެޓްގެ ދަރިއަކު ހުންނައިރު، އޭނާއަށް ދިމާވެފައިވާ ސިއްހީ ބޮޑު މައްސަލައަކަށް ފައިސާ ހޯދުމަށް ހަރީގެ އެހީތެރިކަން ލިބެ އެވެ. މިކަމުގެ ތެރެއިން ދެމީހުން ގުޅިގެން ވައްކަން ކުރާ މަންޒަރުތަކެއް ވެސް ފެނެ އެވެ.

މި ފިލްމުގައި މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަނޫރާގް ކަޝްޔަޕް ވެސް މުހިންމު ރޯލަކުން ފެނެ އެވެ. 

މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަދިވީ ބުނީ މިއީ ވަރަށް ޖަޒުބާތީ އަދި ރުޅިވެރިކަން އެކުލެވޭ "ނިއޯ-ވެސްޓަން" ސްޓައިލްގެ ފިލްމެއް ކަމަށެވެ. މީގައި އުފަލާއި ހިތާމަ އަދި ރުޅިވެރިކަން ވެސް އެކުލެވޭނެ ކަމަށް އޭނާ ބުންޏެވެ.

ކުރިން މިދިޔަ މަހު ރިލީޒްކުރާ ގޮތަށް އޮތް ނަމަވެސް، މިހާރު މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަންނަ ހުކުރު ދުވަހު އެވެ. ފިލްމު ފަސްކުރީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ދުރަންދަރު 2"އަށް ލިބޭ ތަރުހީބު ބޮޑުވުމުންނެވެ. 

"ޑެކޮއިޓް" އަކީ އަދިވީ އާއި މުރުނާލް އެކުގައި ފެންނަ ފުރަތަމަ ފިލްމަށް ވުމާ އެކު، ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ވެސް ކުރަމުންނެވެ.