ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑުގެ ފެނާންޑޭޒުގެ ކޮންޓްރެކްޓް އާކޮށްފި

މި ސީޒަނުގައި ފެނާންޑޭޒް ޔުނައިޓެޑަށް ލަނޑެއް ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

މެންޗެސްޓާ (އޭޕްރީލް 2) - ޕޯޗުގީޒް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް އާކޮށްފި އެވެ.

"އަހަރެން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ހިސާބުން ފެށިގެން ކްލަބާއި އަހަރެމެންގެ ހީވާގި ސަޕޯޓަރުންނާ ދެމެދު ހާއްސަ ގުޅުމެއް އުފެދިއްޖެ. އަހަރެން ބޮޑުވަމުން އައި އިރު މި ކުލަބު ކުޅޭތަން ބަލައި، ކޮންމެވެސް ދުވަހަކުން މިތަނުގައި ކުޅުމުގެ ފުރުސަތު ލިބޭނެ ކަމުގެ ހުވަފެން ދުށިން،" ކޮންޓްރެކްޓް އާކުރުމަށް ފަހު ޔުނައިޓެޑުން ނެރުނު ބަޔާނުގައި ފެނާންޑޭޒް ބުންޏެވެ.

"އެ ހުވަފެނަކީ މިހާރު ހަގީގަތެއް، އަދި ވަރަށް ބޮޑު ޝަރަފެއް މިއީ. ދެ އަހަރު ފަހުން ވެސް އޯލްޑް ޓްރެފޯޑްގައި ސަޕޯޓަރުން އަހަރެންގެ ލަވަ ކިޔާ އަޑު އަހާލައި، ލަނޑު ޖެހުމަކީ އަދިވެސް ވަރަށް އުފާވެރި އިހުސާސްތަކެއް ކުރެވޭ ކަމެއް. ދަނޑުމަތީގައި މި ޖޯޒީގައި ކްލަބް ތަމްސީލުކުރެވުމަކީ ހަގީގަތުގައި ވަރަށް ބޮޑު ފަހުރެއް."

ފެނާންޑޭޒް ޔުނައިޓެޑަށް ކުޅުނު ފުރަތަމަ ސީޒަނުގައި.-- ފައިލް ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ ސްޕޯޓިން އަށް ކުޅެމުން އައި މިޑްފީލްޑަރު ޔުނައިޓެޑަށް ބަދަލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގަ އެވެ. ޔުނައިޓެޑުގައި 2025 ވަނަ އަހަރާ ހަމައަށް މަޑުކުރާ ގޮތަށް ކުރީ ކޮންޓްރެކްޓުގައި އޮތް ނަމަވެސް އިއްޔެ އެއްބަސްވި އާ ކޮންޓްރެކްޓާ އެކު އޭނާ ކުލަބުގައި 2026 ވަނަ އަހަރާ ހަމައަށް މަޑުކުރާނެ އެވެ. އަދި ބޭނުން ނަމަ އިތުރު އެއް އަހަރު ކުލަބުގައި މަޑުކުރުމުގެ ފުރުސަތު ވެސް އެ އެއްބަސްވުމުގައިވެ އެވެ.

"މިތަނުގައި އަހަރެން ހާސިލް ކުރަން ބޭނުންވާ އިތުރު އެތައް ކަމެއް އެބަހުރި، އަހަންނަށް ޔަގީން ސްކޮޑުގެ އެހެން ކުޅުންތެރިންނާއި ސްޓާފުން ވެސް ތިބޭނީ އެ އަޒުމުގައިކަން. ހުރިހާ ކަމަކަށްވުރެ ބޮޑަށް އަހަރެމެން ބޭނުންވަނީ ސަޕޯޓަރުންނަށް ހައްގުވާ ވަރުގެ ކާމިޔާބީއެއް ހޯދައިދޭން،" ކްލަބުގެ ބަޔާނުގައި ފެނާންޑޭޒް އިތުރަށް ބުނެފައި ވެއެވެ.

"މިދިޔަ އަހަރުތަކުގައި އަހަރެމެން ދަނޑުމަތީގައި ހިއްސާ ކުރިން ވަރަށް ރަނގަޅު ވަގުތުތަކެއް، ނަމަވެސް އަހަރެންނާއި ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުން އަދި ކުރިޔަށް އޮތްތަނުގައި ފެންނާނެ."

ލީގު ފުރަތަމަ މެޗުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު. ފެނާންޑޭޒް ވަނީ އެ މެޗުގައި ހެޓްރިކް ހަދާފައި.-- ފޮޓޯ: އޭއެފްޕީ

ފެނާންޑޭޒް، 27، މި ސީޒަންގެ ފުރަތަމަ މެޗުގައި ހެޓްރިކް ހެދި ނަމަވެސް، ޓީމުގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް މި ސީޒަނުގައި އޭނާގެ ފޯމް ވެސް ވަނީ ކުރީ ދެ ސީޒަނަށް ވުރެ ދަށްވެފަ އެވެ. ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ އަދި ޔަގީންވެފައި ނުވާއިރު، މި ސީޒަނުގައި މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ވަނީ ގެއްލިފަ އެވެ. ވޭތުވެދިޔަ ހަތަރު އަހަރު ވެސް ޔުނައިޓެޑަށް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މި ސީޒަނަށް ފަހު ރަލްފް ރަންގްނިކް ޔުނައިޓެޑުގެ ހެޑް ކޯޗުގެ މަގާމުގައި ނެތަސް ފެނާންޑޭޒް އަކީ ޔުނައިޓެޑަށް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 117 މެޗުގައި 49 ލަނޑު ޖަހައި، 39 ލަނޑު ޖަހަން އެހީތެރި ވެދީފަ އެވެ.

ޔުނައިޓެޑުގެ ފުޓުބޯޅަ ޑިރެކްޓަރު ޖޯން މާޓޯ ބުނީ، ކުލަބަށް ފެނާންޑޭޒްގެ މުހިއްމުކަން އެއްވެސް މީހަކަށް ބުނެދޭން ނުޖެހޭ ކަމަށާއި، އޭނާގެ ގޯލާއި އެސިސްޓް ރެކޯޑަށް ބަލައިލުމުން އެކަން ވަރަށް ރަނގަޅަށް ސާފު ވާނެ ކަމަށެވެ. އަދި ޔުނައިޓެޑަށް ބަދަލުވީއްސުރެން އޭނާ އަކީ ޓީމުގައި އެންމެ ކޮންސިސްޓެންޓްކޮށް ކުޅޭ ކުޅުންތެރިޔާކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

އާއްމުކޮށް ދަނޑުމަތީގައި އެޓޭކިން މިޑްފީލްޑަރެއްގެ މަގާމަށް ކުޅުނަސް، މިދިޔަ ޖެނުއަރީ މަހު ޔުނައިޓެޑުގެ ކޯޗު ރަލްފް ރަންގްނިކް ބުނީ، ސެންޓްރަލް މިޑްފީލްޑަރެއްގެ މަގާމަށް އޭނާ ކުޅޭ ނަމަ، ދަނޑުގެ ހުރިހާ ހިސާބަކުން ވެސް ފެނާންޑޭޒްގެ ބޭނުން ކުރެވޭނެ ކަމަށެވެ.

ފެނާންޑޭޒް ވަނީ ވޯލްޑް ކަޕް ޕްލޭއޮފް ފައިނަލުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޖަހައި، ޕޯޗުގަލް އަށް މިއަހަރުގެ ވޯލްޑް ކަޕުން ވެސް ޖާގައެއް ޔަގީން ކޮށްދީފަ އެވެ.

ޔުނައިޓެޑް މިރޭ ނުކުންނާނީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454