ހުޅުމާލޭގައި ގައުމީ ފުޓްބޯޅަ ސްކޫލެއް ހިންގުމަށް ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯގެ ރިއަލް ހިސްޕަނިއާ އެފްސީ އާއެކު އޮކްޓޯބަރު 2021 ގައި، އެފްއޭއެމުން ސޮއިކުރި އެވެ.

އެ ޕްރޮޖެކްޓް ހިންގަން ސޮއި ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެކަމަކު އެ ޕްރޮޖެކްޓްގައި އަމަލީ އެއް ވެސް ސިފައެއް ނުޖެހެ އެވެ. ބޯޑިން ސްކޫލެއްގެ ގޮތުގައި ހިންގަން ހަމަޖެހިފައި އޮތް އެ އެކަޑަމީ އަށް ހާއްސަކޮށް އެފްއޭއެމް އާ ހަވާލު ކުރި ބިމުން ބޮޑު ބައެއް އެޕޯލޯ ހޯލްޑިންގްސް އަށް ދޭން ވަނީ ނިންމައިފަ އެވެ. އެ އެސޯސިއޭޝަނުން އެޕޯލޯ އަށް ދޭން ޖެހޭ 13 މިލިއަން ރުފިޔާ އަދާ ނުކުރެވުމުން ބަދަލެއްގެ ގޮތުގައި ދޭން ނިންމީ އެ ބިމުން ބައެކެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގުގެ ބިނާ ކުރުމަށް ކަމަށް ބުނެ އެ ޕްރޮޖެކްޓަށް ގެނައި ކޯޗުންނަށް ވެސް މުސާރަ ނުލިބި މަސައްކަތެއް ވެސް ނުކުރެވި ފުރައިގެން ދިޔައީ އެވެ. އެ ޕްރޮޖެކްޓްގައި މަސައްކަތް ކުރަން ހަތް ކޯޗުންނާއި ސައިކޮލޮޖިސްޓަކާއެކު ޖުމުލަ އަށް މީހުން ރާއްޖެ އަށް އައެވެ. އޭގެ ތެރެއިން އެއް ކޯޗަކީ ސްޕެއިންގެ އެޑްއާޑޯ ގޮންސާލޭވްސް އެވެ. އޭނާ ބުނި ގޮތުގައި ރާއްޖޭގައި އޭނާ ހޭދަ ކުރީ އުނދަގޫ ދުވަސްތަކެކެވެ.

"މުސާރަ ނުލިބި ފަސް މަސް އަހަރެމެން ހޭދަ ކުރިން. އެ ފަސް މަސް ދުވަހުގެ ތެރޭގައި ތިން ހޮޓަލަކަށް އެފްއޭއެމުން އަހަރެމެން ބަދަލު ކުރި،" އެޑްއާޑޯ "މިހާރު" އަށް ކިޔައި ދިނެވެ.

"ފުރަތަމަ ތިބީ ދިމްޔާތު ސްޓޭގައި ފަހުން ބީހައިވް ހޮޓެލްގައި. އަނެއްކާ އޭގެ ފަހުން ބީހައިވްގެ އެހެން ހޮޓަލަކަށް އަހަރެމެން ބަދަލު ކުރި."

އެޑޑްއާޑޯ ގަލޮޅު ދަނޑުގައި: އޭނާ ބުނީ ރާއްޖޭގައި ހޭދަ ކުރީ އުނދަގޫ ދުވަސްތަކެއް ކަމަށް
އެޑޑްއާޑޯ ގަލޮޅު ދަނޑުގައި: އޭނާ ބުނީ ރާއްޖޭގައި ހޭދަ ކުރީ އުނދަގޫ ދުވަސްތަކެއް ކަމަށް

އޭނާ ބުނީ ސަލްގާޑޯގެ ކްލަބާއެކު އޭނާ ހެދި އެއްބަސްވުން ޖޫން 15 ގައި ހަމަވީއިރު ވެސް ސަލްގަޑޯގެ ފަރާތުން ވެސް ޚަބަރެއް ނުވެ އެވެ. އެ އެއްބަސްވުން ހަމަވުމުން ރާއްޖެ ދޫކޮށް އޭނާ ދިޔައީ އެވެ.

"ރާއްޖޭގެ ޕްރޮޖެކްޓް އަހަރެމެންނަށް ފެނުނީ އުންމީދީ ޕްރޮޖެކްޓެއްގެ ގޮތުގައި. އަހަރެމެން ތިބީ ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން އެހީތެރިވާން، އުމުރުން 21 އަހަރުން ފެށިގެން ދަށުގެ ޖޫނިއާ ގައުމީ ޓީމުތަކަށް އަހަރެމެން ތިބީ އެހީވާން. އަހަންނާއެކު އުޅުނު ކޯޗުންގެ ތެރޭގައި ތިބީ ޔޫތު ފުޓްބޯޅައިގެ އެކްސްޕާޓުންނޭ އަހަރެން ބުނާނީ. އެހެންވީމަ އެ ކޯޗުންނަށް އެނގޭ އެ އުމުރުގެ ކުދިންނަށް ބޭނުން ވާނީ ކޮންކަންތައްތަކެއްކަން،" ފުޓްބޯލް ޓްރެއިނިން މެތޮޑިއޮލޮޖީގެ ދާއިރާ އަށް ހާއްސަވެ ސްޕޯޓްސް ސައިންސްއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ އެޑްއާޑޯ ބުންޏެވެ.

ޖަރުމަންގެ ހައި ޕޯފޯމަންސް ސެންޓަރެއްގައި މިހާރު މަސައްކަތް ކުރަމުން އަންނަ އެޑްއާޑޯ ބުނީ ރާއްޖޭގައި މަސައްކަތް ކުރާނެ މާހުލެއް އޭނާ އަކަށް ނުލިބުނު ކަމަށެވެ.

ގައުމީ ފުޓްބޯޅަ ސްކޫލް ހިންގުމަށް ސަލްގާޑޯގެ ކްލަބާއި އެފްއޭއެމް އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފުޓްބޯޅަ ސްކޫލް ހިންގުމަށް ސަލްގާޑޯގެ ކްލަބާއި އެފްއޭއެމް އާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ހޮޓެލް ޖެންގައި މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ޖުނިއާ ގައުމީ ޓީމުތަކުގެ ކޯޗުންނާއެކު މަސައްކަތް ކުރަން އަހަރެމެން ތިބީ ކެތް މަދުވެފައި. އެކަމަކު އެ މީހުން އަހަރެމެންގެ އެހީއަކަށް ނޭދޭ. އަހަރެމެން ތިބީ ހޮޓެލްގައި މަސައްކަތެއް ނެތިފައި. އެއީ އަހަރެމެން ބޭނުންވި ގޮތެއް ނޫން،" އޭނާ ބުންޏެވެ.

އޭނާ ބުނީ ހުޅުމާލޭގައި ހަދާ އެކަޑަމީ ނުނިމުނު ނަމަވެސް އެ ކޯޗުންނަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް އެފްއޭ އަށް ހޯދައި ދެވުނީސް ކަމަށެވެ.

"އަހަރެމެންނަށް ވަރަށް ބައިވަރު މަސައްކަތް ކުރެވުނީސް. ސްކޫލްތަކަށް ގޮސް ކުޅުންތެރިން ހޯދޭނެ. ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިން ދެނެގަނެވޭނެ. އެކި ސްކޫލްތަކަށް ގޮސް ހޭލުންތެރިކަން އުފެއްދޭނެ. އެއީ ޑިވެލޮޕްމެންޓްގައި މަސައްކަތް ކުރާ ގޮތަކީ. ކުޅުންތެރިންގެ ހުނަރު އިތުރަށް މަތިކުރަން މަސައްކަތް ކުރަން ޖެހޭނެ ގޮތް އޭގެއިން ދެނެގަނެވޭނެ،" އެޑްއާޑޯ ބުންޏެވެ.

ފުޓްބޯޅަ ސްކޫލްގެ ޕްރޮޖެކްޓަށް އައި ކޯޗުން ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ޔޫރަޕާއި ދެކުނު އެމެރިކާގެ ޕްރޮޖެކްޓްތަކުގަ އެވެ.

"ފަސް މީހުން މިހާރު މަސައްކަތް ކުރަނީ ސްޕެއިންގައި އެކަކު ބްރެޒިލްގެ ޕްރޮޖެކްޓެއްގައި. އަހަރެން ޖަރުމަންގައި ވެސް މި މަސައްކަތް ކުރަނީ ވަރަށް ރަނގަޅު ޕްރޮޖެކްޓެއްގައި،" އެޑްއާޑޯ ބުންޏެވެ.

ގައުމީ ފުޓްބޯޅަ ސްކޫލްގައި މަސައްކަތް ކުރުމަށް ސަލްގާޑޯގެ ކްލަބުން ހަމަޖެއްސި ބައެއް ކޯޗުން -- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގައުމީ ފުޓްބޯޅަ ސްކޫލްގައި މަސައްކަތް ކުރުމަށް ސަލްގާޑޯގެ ކްލަބުން ހަމަޖެއްސި ބައެއް ކޯޗުން -- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ޓީމުތަކުގެ ނަތީޖާތައް ހުރި ގޮތުން ރާއްޖޭގެ ޔޫތު ޑިވެލްޕްމެންޓަށް ގިނަ މަސައްކަތްތަކެއް އޮތީ ކުރަން ޖެހިފައި ކަމަށް އޭނާ ބުންޏެވެ. އުމުރުފުރާތަކުގެ އިންޓަނޭޝަނަލް މުބާރާތްތަކުގައި ގައުމީ ޓީމުތަކުގެ ނަތީޖާ އާއި ސީނިއާ ގައުމީ ޓީމުތަކުގެ ނަތީޖާއިން ރާއްޖޭގެ ފުޓްބޯޅަ އާ މެދު ފަރުވާތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

ގައުމީ ފުޓްބޯޅަ ސްކޫލްގެ ޕްރޮޖެކްޓް ސަލްގާޑޯ އޭރު ސިފަ ކުރީ ރާއްޖޭގެ ފުޓްބޯޅަ އަށް މީގެ ކުރިން ނުކުރާވަރުގެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. ފުޓްބޯޅަ ސްކޫލުގައި ބައިވެރި ކުރަން، އުމުރުން ހަތް އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ކުދިންގެ ޑިވެލޮޕްމަންޓް ކުރިއަށްގެން ހަމަޖެހިފައި އޮތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ހަމަޖެހިފައިވާ 18 އެކެޑެމީ އަކުން ކަމަށް ވެސް އޭރު އިއުލާން ކުރި އެވެ.

އެކަޑަމީ ޕްރޮގްރާމް ހިންގަން އިއުލާން ކުރި ރަށްތައް

- ހދ. ކުޅުދުއްފުށި - ނ. ކެނދިކުޅުދޫ - ބ. އޭދަފުށި - އދ. މަހިބަދޫ - ދ. ކުޑަހުވަދޫ - ލ. ގަން - ގދ. ތިނަދު - ޏ ފުވައްމުލައް - އައްޑޫގެ ދެ ސަރަހައްދެއްގައި - މާލޭ ސަރަހައްދުގައި 8 އެކެޑެމީ